ޑިސެމްބަރ 22, 2024 22:17

ޤުރުބާނީ (ހަތަރުވަނަ ބައި)

ޤުރުބާނީ (ތިންވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
ނޮވެމްބަރ 16, 2024

ކުޑަ އިރުކޮޅަކު ވިސްނާލަން ހުރެފައި ފާތުން އޭނާގެ ވާހަކައާއިގެން ކުރިޔަށް ދިޔައެވެ. ”ހީކޮށްލާ މިއީވެސް ހުށައެޅުމެކޭ. އެކަމަކު ކުރިންވެސް ބުނިހެން މިއީ އަހަރެންގެ ހުށައެޅުމެއް ނޫން އިނގޭ.“ އިސްދަށަށް ޖަހައިގެން ހުރި ފާތުން، މަޑުމަޑުން އިސް އުފުލާލިއެވެ. އަދި މަޑުމައިތިރި ކަމާއިއެކު ވަށްކަޅިން ކަހަލަ ގޮތަކަށް އަޙްސަންއާއި ދިމާއަށް ބަލައިލިއެވެ. ”ދެން އެހެން ވިއްޔާ ކާކުގެ ހުށައެޅުމެއް؟ އަނެއްކާ ކޮންކަހަލަ ހުށައެޅުމެއް؟ އަވަހަށް ބުނޭ.“ އެވަޤުތު އަޙްސަން ކުރަން ބޭނުންވި ހުރިހާ ސުވާލުތަކެއް އެއްފަހަރާ ފާތުންގެ ކުރިމައްޗަށް އޮއްސާލިއެވެ. ”ޝަހާގެ“ އަޙްސަންގެ ރައްދު އަންނާނެ ގޮތަކާއި މެދު ކަންބޮޑުވެފައި ހުރި ފާތުން ބުނެލިއެވެ. ”ޝަހާގެޔޭ؟ އަނެއްކާ ބިޒްނަސް ޕްރޮޕޯސަލްއެއްތަ؟“ ސަމާސާ ރާގަކަށް އަހްސަން ބުނެލިއެވެ. އަދި މަޑުމައިތިރި ކަމާއިއެކު ހީލިއެވެ. ”ދެން އަޙްސަންވެސް ދޯ، ޑޮކްޓަރަކަށް ވުމުގެ ހުވަފެން އެންމެ ކުޑައިރުއްސުރެން ދެކެމުން އަންނަ ކުއްޖަކު ކޮންމެހެން ބިޒްނަސް ޕްރޮޕޯސަލް އެއް ހުށަހަޅާނެތަ؟“ ހީލާފައި ފާތުން ބުނެލިއެވެ. ”މިއީ މުޅިން އެހެން ކަމެއް. ހީވާގޮތުން އަޙްސަންއަށްވެސް އެނގޭނެ ކަންނޭންގެ،“ އަޙްސަންގެ އިހުސާސްތައް ހިލަމަކަށްވެސް އެނގިފައި ނުވާ ފާތުން، ވަރަށް ޔަޤީން ކަމާއިއެކު އޭނާގެ ”މިޝަން“ ކާމިޔާބު ވާނެ ކަމުގެ އުންމީދުގައި ހުރެ ބުނެލިއެވެ. ”އާން، އެއީ ފިޔުޗަރ ޑޮކްޓަރެއްކަން އެނގޭ. އެކަމަކު ފާތުން ތި ދައްކަން އުޅޭ ވާހަކައެއް އަދި ނޭނގެ. ދެން ސަސްޕެންސް ކްރިއޭޓް ނުކޮށް އަވަހަށް ބުނެބަލަ.“ ފާތުން ބުނަން އުޅޭ ވާހަކަ އަޑުއަހަން ކެތް މަދުވެފައިވާ އަޙްސަން ބުނެލިއެވެ. ”އޮއްހޯ.. ކުއްޖަކު ހާދަ ކެތްމަދުވެފަ ހުރިހެން އެބަ ހީވޭ ދޯ!“ އަޙްސަންގެ މޫނުމަތީގެ ޝުޢޫރުތައް ހޯދާ ބަލާ ކަހަލަ ގޮތަކަށް ކަޅި ހިންގާލަމުން ފާތުންގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ”އޯކޭ، މި ބުނަނީ. އަޙްސަން ތި ބުނާ ފިޔުޗަރ ޑޮކްޓަރ، ފިޔުޗަރ ލައިފް ޕާރޓްނަރ އެއްވެސް އިޚްތިޔާރު ކޮށްފި.“ ހަމަލާ އަންނަން އޮތީ ޚުދު ތިމަންނައާއި ދިމާއަށް ކަން ހިތަށްވެސް ނާރާ ހުރި އަޙްސަން އަހާލިއެވެ. ”އަސްލުވެސްތަ؟ އެންޑް ހޫ އިޒް ދަ ލަކީ ގައި؟“ ފުރުޞަތުގެ ބޭނުން ކޮށްލުމާއި އެކު ފާތުން ބުނެލިއެވެ. ”ޔޫ. މިސްޓަރ މުޙައްމަދު އަޙްސަން އިބްރާހީމް. ޔޫ އާރ ދަ ލަކީ ގައި،“ ހަމަ އެވަޤުތު ވިލާ ތަކުގެ ތެރެއަށް ހަނދު ވަދެ ނިވާވިއެވެ. މުޅި މާޙައުލު އަނދިރި ކޮށްލައިފިއެވެ. އަޙްސަންގެ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަ ކަހަލައެވެ. ފުރަތަމަ ދުވަހުން ފެށިގެން ކުރަމުން އައި އުންމީދުތަކަށްވެސް އަނދިރިކަން ވެރިވެގެން ދިޔަ ކަހަލައެވެ. މުޅި މާޙައުލު ހުސްވި ކަހަލައެވެ. އަޙްސަންއަށް ފާތުންވެސް ގެއްލުނު ކަހަލައެވެ.

ވިލާތަކުގެ ތެރެއިން މަޑުމަޑުން ހަނދު ނުކުމެ، އޭގެ ޖާގަ ކަށަވަރު ކޮށްލިއެވެ. އެއާއިއެކު، މުޅި މާޙައުލު ހަނދުވަރުގެ އަލިން އުޖާލާ ކޮށްލައިފިއެވެ. އެހެނަސް ފާތުން ހުރީ އެކަންޏެވެ. އަޙްސަން ފެންނާކަށް ނެތެވެ. ހައިރާން ވެފައި ހުރެ، ފާތުން ވަށައިގެން ބަލައިލިއެވެ. މަޑުމައިތިރި ހިނގުމެއްގައި އަޙްސަން އެއޮއް ދަނީއެވެ. މިސްރާބު ހުރީ ގޭޓާއި ދިމާއަށެވެ. ފާތުން ވަރަށް ބާރަށް އަޙްސަން އަށް ގޮވާލިއެވެ. އެހެނަސް އަޑު އިވޭ ކަމަށްވެސް ނުހަދާ އަޙްސަން ނިކުތީ ސްކޫލްއިން ބޭރަށެވެ. ފާތުން ހުރީ ސުވާލު މާކެއް ޖެހިފައެވެ ވީނުވީއެއް ނޭންގޭ ފަދަ ޙާލެއްގައެވެ. ބުނެވުނު އެއްޗެއް ގޯސްވީ ބާވައޭ ހިތަށް އެރިއެވެ. މީގެ ކުރިން ފާތުންއަށް ކުރެވެމުން އައީ ކުށްހީއެއް ބާވައޭވެސް ހިތަށް އެރިއެވެ. ޝަހާގެ އުންމީދުތައް ފެނަށް ދިޔައީ ބާވައޭވެސް ވިސްނަން ފަށައިފިއެވެ. އެތަނުގައި ބަހައްޓާފައި ހުރި ބުދެއް ފަދައިން ފާތުންއަށް ހުރެވުނީއެވެ. ދާނެ ވަކި ދިމާއެއް ނޭންގިފައެވެ. ކުއްލިއަކަށް އެތަނަށް ދުވެފައި އައީ ފައިސަލްއެވެ. އަދި ފާތުންއަށް ވެފައިހުރި ގޮތް ފެނިފައި ކަންބޮޑުވިއެވެ. ފާތުންގެ މޫނު މައްޗަށް އަމާޒުކޮށް ބާރު ފުއްޓަތްކެއް ޖަހާލިއެވެ. އެކަމަކު އެއަކުން ފާތުންއަކަށް  މާބޮޑު އަސަރެއް ނުކުރިއެވެ. އެހެނަސް އެތާ މީހަކު ހުރިހެން ހީވާތީ، ފާތުންގެ ވާހަކަ ކުރިޔަށް ގެނދިޔައެވެ. ”އަޙްސަން ކޮބާ؟ ކީއްވެ އެދިޔައީ؟ ކޮންތާކަށް އެދިޔައީ؟ އަހަރެން ބުނި އެއްޗަކަށް ހިތްހަމަ ނުޖެހުނީތަ؟“ އެތައް ސުވާލު ތަކެއް އެއްފަހަރާ ފާތުން ކޮށްލިއެވެ. ފައިސަލްވެސް ކަންބޮޑު ވެއްޖެއެވެ. ”ފާތުން، ކިހިނެއް ވެފަ ތިހުރީ؟ އަޙްސަން ކޮބާ؟ ފާތުން ކައިރީގަ އެއްވެސް ވާހަކައެއް ބުނިތަ؟“ ވީގޮތެއް އޮޅުން ފިލުވަން ކެތް މަދުވެފައި ހުރި ފައިސަލްވެސް ފާތުންއަށް ކުރިމަތި ކުރުވީ ސުވާލު ތަކެކެވެ. ”އަހަރެން ހީކުރީ އަހަރެންގެ މި ހުށައެޅުމަށް އަޙްސަން ވަރަށް އުފާވާނެ ކަމަށް. އެކަމަކު އެއްވެސް އެއްޗެއް ނުބުނެ އެދިޔައީ ކީއްވެ؟“ ތުއްތު ކުއްޖެއްހެން ވާނުވާ ނޭންގި ހުރެ އަދިވެސް ފާތުން އެ ކުރަމުން ގެންދަނީ ސުވާލެވެ. ސުވާލު ކުރެވެނީ އަމިއްލަ ނަފްސާއި ކަމެއް ނުވަތަ ކުރިމަތީގައި ހުރި ފައިސަލްއާއި ކަމެއްވެސް ޚުދު ފާތުންއަށްވެސް ނޭންގޭ ކަހަލައެވެ. ”އޭ ފާތުން. ކޮންތާކަށް ގެއްލިފަތަ ތިހުރީ؟ މަ މި އަހަނީ އަޙްސަން ކޮބައިހޭ؟ ކާކު ކޯޗެއް ހުށައެޅީތަ؟ ދެން މާބޮޑަށް ދިގު ނުދަންމާ ބުނެބަލަ! ކިހިނެއް ވެގެންތަ ތިއުޅެނީ؟ ފާތުން.“ ފައިސަލް ވަރަށް ބާރަށް ފާތުންއަށް ގޮވާލިއެވެ. އަދި ފައިސަލްއަށް ކޮންމެވެސް ވަރަކަށް ރުޅި އާދެވޭގޮތް ވިއެވެ.

ފާތުން ކުއްލިޔަކަށް ފައިސަލްއަށް ބަލައިލިއެވެ. ފެންކަޅި ވެފައިވާ ނަޒަރަކުންނެވެ. ”އަހަރެންނަށް މިކުރެވުނީ ގޯސް ކަމެއްތަ؟“ ފައިސަލް ކައިރީގައި ފާތުން އަހާލިއެވެ. ފާތުން، އަޙްސަންގެ ހުށައެޅުމަށް ނޫނެކޭ ބުނީކަމަށް ފައިސަލްއަށް ހީވިއެވެ. ދެލޯ ބޮޑު ކޮށްލާފައި ފާތުން ނޫނެކޭ ބުނީތޯ އަހާލިއެވެ. ”ކޮން ކަމަކަށް އަހަރެން ނޫނެކޭ ބުނަންވީ؟ އެއާއި ޚިލާފަށް އަހަރެން ބުނި އެއްޗަކަށް އެއްވެސް ޖަވާބެއް ނުދީ އަޙްސަން އެދިޔައީ ވިއްޔަ. އުފާވީ ކަމެއް، ދެރަވީ ކަމެއް، ނުވަތަ އައީ ރުޅި ކަމެއްވެސް މަށަކަށް ނޭންގުނު.“ ވާނުވާގައި ހުރިކަހަލަ އިޝާރާތެއް ދެއަތުން ކޮށްލަމުން ފާތުން ބުނެލިއެވެ. ”ބައި ދަ ވޭ. ފައިސަލް ކީއްވެ އަހަރެން ނޫނެކޭ ބުނީހޭ ތި އެހީ؟ މިތާނގަ މަށަށް ނޭންގޭ ކަމެއް އުޅެނީތަ؟“ ރަނގަޅަށް ހޭވެރިކަން ވެގެން ފާތުން، ފައިސަލްއާއި ސުވާލު ކޮށްލިއެވެ. ”ކިޔައި ދޭނަމޭ. އެކަމަކު އެންމެ ފުރަތަމަ ތި ދެމީހުން ދެއްކީ ކޮން ވާހަކައެއްތޯ މަށަށް ބުނެލަ ދީބަލަ.“ ފައިސަލް ބޭނުންވީ ކަންވީގޮތް އޮޅުން ފިލުވާށެވެ. ފާތުން ހުރިހާ ވާހަކައެއް ފައިސަލްއަށް ކިޔައިދިނެވެ. ޝަހާގެ އިހުސާސްތައްވެސް މިހާރުދެން ފައިސަލްއަށްވެސް ސިއްރު ކުރަން ފާތުން ބޭނުން ނުވާ ކަހަލައެވެ. ކަންތައް ވެގެން ދިޔަގޮތް އެނގުމުން ފައިސަލްގެ މޫނުމަތިން ފެނުނީ ކަންބޮޑު ވުމެވެ. އަދި ބޮލުގައި ދެއަތް އެޅުމާއި އެކު، އުޑަފައިން އިށީނެވެ. ފާތުންއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. ”ފާތުން! ކީއްތިކުރީ؟ ޝަހާއޭ؟“ ކުއްލިއަކަށް ކޮޅަށް ތެދުވަމުން ފައިސަލް ބުންޏެވެ. ”ކީއްތަވީ؟ މަށަށް ހީވޭ އަޙްސަންގެ ހިތުގަވެސް ޝަހާއަށް ޓަކާ ފީލިންގްސް އޮންނަހެން. ކިތަންމެ ފަހަރަކު އޭގެ ޢިޝާރާތް އަޙްސަންގެ ފަރާތުން މަށަށް ފެނިފަ އެބަހުރި ވިއްޔަ. އެހެންވީމަ މަވެސް ޗާންސްގެ ބޭނުން ކޮށްފަ މިރޭ މި ބުނެލީ.“ ވަރަށް ޔަޤީން ކަމާއިއެކު ފާތުން ބުނެލިއެވެ. ”އެކަމަކު އަޙްސަން ލޯބިވަނީ ޝަހާ ދެކެއެއް ނޫނޭ.“ ޙަޤީޤަތް އޮޅުން ފިލުވައިދިނުމުގެ ބޭނުމަގައި ފައިސަލް ބުންޏެވެ. ”ދެން ކާކު ދެކެތަ؟ ކާކުކަން އޮޅުން ފިލުވާލުމަށް ކެތް މަދުވެފައި ހުރި ފާތުން އަހާލިއެވެ. ”ފާތުން ދެކެ.“ ފައިސަލް އެ ކުޑަކުޑަ ޖުމްލަ ވެގެން ދިޔައީ ފާތުން ހުރިތަނުން ފަހަތަށް ގުޑުވާލި ބިންހެލުމަކަށެވެ. ”ކީކޭ! މަށޭ؟“ މޭމަތީގައި މަޑުމަޑުން އަތުގެ އިނގިލިތައް ބާއްވާލަމުން ހައިރާން ކަމާއިއެކު ފާތުން އަހާލިއެވެ. ”މަ ކޮންއިރަކު އެކަހަލަ އިޝާރާތެއްވެސް އަޙްސަން ދެއްކީ؟ ފެށުނީއްސުރެވެސް މަ މިގެންދިޔައީ ޝަހާގެ ވާހަކަ އަޙްސަން ކައިރީގަ ދައްކަމުން. މަ ދެއްކި ހުރިހާ ވާހަކަތަކެއް ކަނުލާ އަޑުވެސް އެހި.“ ”ހަމަ އަސްލުވެސްތަ؟ އެއީ ފާތުންގެ އަމިއްލަ ފީލިންގްސްއެއް ނޫންތަ؟“ ފައިސަލްއަށް މިއޮއް ހުރިހާ ދުވަހު ކުރެވެމުން ދިޔަ ކުށްހީ ފިލުވުމުގެ ބޭނުމުގައި އަހާލިއެވެ. ”އާނއެކޭ. މަ ކިހިނެއް އަޙްސަންއާ މެދު އެކަހަލަ ގޮތަކަށް ހިތަށްވެސް އަރުވާނީ؟ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޝަހާ، އަޙްސަން ދެކެ ލައިކްވޭ ވިއްޔަ. އެހެންވިމަ މަވެސް އަޙްސަން ކައިރީގައި ޝަހާގެ ވާހަކަ ދެއްކިން. އެހާ އުފަލުން އަޑުވެސް އަހާ. ދެން މަށަކަށް ނޭންގޭނެދޯ އަޙްސަން އެހާ ބޮޑު މިސްއަންޑަސްޓޭންޑިންއެއްގެ ތެރޭގަ ހުންނާނެ ކަމެއް.“ ވެދިޔަ ކަންތައް އިތުރަށް އޮޅުން ފިލުވާއި ދިނުމުގެ ގޮތުން ފާތުންގެ ބުނެދިނެވެ. ”އެންމެ ރަނގަޅު، އެހުރިހާ ދުވަހު ވާހަކަ ދެއްކިއިރު ފާތުން ދުވަހަކުވެސް އެއީ ޝަހާގެ ފީލިންގްސްއޭ އަޙްސަން ކައިރީގައި ބުނިންތަ؟“ ފައިސަލް ކުރި ސުވާލަށް ފާތުން ޖަވާބު ދިނެވެ. ”ނޫން. ސީދާ ސީދާކޮން ނުބުނަން.“ ”ތީ މައްސަލައަކީ، މިއޮއް ހުރިހާ ދުވަހު ފާތުން ދެއްކި ހުރިހާ ވާހަކަތައް، އަޙްސަން ބަލައިގެން އެހުރީ އެއީ ފާތުންގެ އިހުސާސްތައް ކަމަށް. އަޙްސަން އަހަރެންނަށް ހުރިހާ އެއްޗެއް ކިޔައިދޭ. އަހަރެންނަށް އެނގޭ އަޙްސަން ފާތުން ދެކެ ލޯބިވާވަރު.“ އޮޅުން އަރާފައި އޮތް ކުށްހީ ފިލުވައިދިނުމުގެ ގޮތުން ފައިސަލް ބުނެދިނެވެ.

ދެމީހުންގެ ވާހަކަ މިހާ ހިސާބަށް ދިޔަތަނުން ޝަހާ، ފާތުންއަށް ގޮވަމުން ދުވެފައި އަންނަތަން ފެނިއްޖެއެވެ. ކައިރިޔަށް އައިސް ހުއްޓުނުއިރު ޝަހާ ހުރީ ކޮންމެވެސް ވަރަކަށް މާނޭވާ ލެވިލެވިއެވެ. ”އޯ، މީވެސް އަދި ކަމެއްތަ؟“ ސަމާސާ ކޮށްލުމުގެ ގޮތުން ޝަހާ ބުނެލިއެވެ. ”ޝަހާ، ދެން ތިކަހަލަ އެއްޗެއް ހިތަށްވެސް އަރުވާކަށް ނުވާނު. މިތާ މިތިބީ ކޮންމެސް ކަމަކާ އެއްޗެއް ޑިސްކަސް ކޮށްލަން ވެގެންނޭ.“ މިރޭ ފާތުން ކުރިޔަށް ގެންދަން އުޅުނު ”މިޝަން“ އެންމެ ރަނގަޅަށް އެނގެނީ ޝަހާއަށެވެ. އަދި ޝަހާ ކައިރީގައި ހުރެފައި ފާތުން ދިޔައީ ކޮންތާކަށް ކަންވެސް ޝަހާއަށް އެނގެއެވެ. ވީމާ، އޭގެ ނަތީޖާ އަންނާނެ ގޮތަކާއިމެދު އެންމެ ކަންބޮޑު ވާނީވެސް ޝަހާތާއެވެ. އާނއެކެވެ. ވީގޮތް އޮޅުން ފިލުވުމަށް ޝަހާ ހުރީ ކެތް މަދުވެފައެވެ. އެހެންނަމަވެސް ފައިސަލްގެ ކުރިމަތީގައި އެކަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް ކުރާކަށް ޝަހާ ބޭނުމެއް ނޫނެވެ. އެހެނީ ޝަހާގެ ނަޒަރުގައި ފައިސަލްއަކަށް އެއްވެސް އެއްޗެއް ނޭންގޭނެއެވެ. ”ފައިސަލް. އެކްސްކިޔުޒް އަސް ޕްލީސް.“ ޝަހާ އެހެން ބުނެލުމާއިއެކު، ކުއްލިއަކަށް ފާތުންގެ އަތު މުލައްދަނޑީގައި ހިފާ ދަމަމުން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ”އޭ. ކިހިނެއްތަވީ؟ ފާތުން އެވާހަކަ އަޙްސަން ކައިރީގައި ބުނެފިންތަ؟ ކީކޭތަ އަޙްސަން ބުނީ؟“ ކެތްތެރިކަން ކުޑަވެފައިވާ ކަހަލަ ގޮތަކަށް ޝަހާ އަހާލިއެވެ. ”ޝަހާ ކެތްތެރި ވެބަލަ. އަޙްސަން އެހާ އަވަހަށް އާނއެކޭ ނުބުންޏަސް ހާސްވާކަށް ނުޖެހޭނު.“ ފާތުންގެ މޫނުމައްޗަށް ކޮންމެވެސް ވަރެއްގެ ހާސްކަމެއް ވެރިވެފައިވާކަން ޝަހާ ފާހަގަ ކުރިއެވެ. ”މާނައަކީ އަޙްސަން އަހަރެން ރިޖެކްޓް ކުރީއޭތަ؟“ އިޚްތިޔާރަކާއި ނުލާ ޝަހާއަށް ރޮވިއްޖެއެވެ. އަޙްސަންއަށް ޓަކާ އޭނާ ކުރިހުރިހާ އުންމީދުތަކެއް އެއްފަހަރުން ފެނަށް ދިޔަ ކަހަލަ އިހުސާސެއް ކުރެވެން ފެށިއެވެ. ”އަހަރެންނަކަށް އަޙްސަންއެއް ނުލިބޭނެތަ؟ އަނެއްކާ އަޙްސަން އެހެން ކުއްޖަކު ދެކެ ލޯބިވަނީބާ؟“ ޝަހާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަ ފެނިފައި ފާތުންވެސް ފެންކަޅި ވެއްޖެއެވެ. އަދި އެ ކަރުނަ ފުހެދޭން މަސައްކަތްވެސް ކުރިއެވެ. އޯގާތެރި ކަމާއިއެކު ޝަހާގެ ދެއަތުގެ މުލައްދަނޑީގައި މަޑުމަޑުން އަތް ބާއްވާލިއެވެ. ”ޝަހާ، މިކޮޅު ބަލާލަ ބަލަ. އަދި ނިކަން ވިސްނާލަ ބަލަ. ޝަހާގެ ފަރާތުން އަހަރެން އަޙްސަންއަށް ހުށައެޅީކީ ސަމާސާއެއް  ނޫންދޯ. އެއީ މުޅި ލައިފްއާއި ގުޅިފަ އޮތް ކަމެއް. ހަމަ ކުއްލިޔަކަށް ހުރެފަ އެކްސެޕްޓް ކުރުމަކީވެސް އެހާ ފަސޭހަކަމެއް ނޫނެއްނު. ވެދާނެއެއްނު ވިސްނާލަން ޓައިމް ބޭނުންވަނީ ކަމަށްވެސް. ޝަހާވެސް އެހާ އަވަހަށް ގިވްއަޕް ނުކޮށްބަލަ. އަހަރެން ޝަހާ މާޔޫސް ވިޔަކަ ނުދޭނަން. އަބަދުވެސް ޝަހާއާއި އެކުގަ ހުންނާނަން. ބަލަން ހުރޭ. އިންޝާﷲ، ޝަހާއަށް އަޙްސަން ލިބޭނެ.“

  • ނުނިމޭ –

މި ލިޔުމާ ގުޅޭ