ޑިސެމްބަރ 22, 2024 22:52

ޤުރުބާނީ (ހަތަރުވަނަ ބައި)

ޤުރުބާނީ (ހަތަރުވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
ނޮވެމްބަރ 23, 2024

ޝަހާގެ އުންމީދު އައުވެގެން ދިޔަ ކަހަލައެވެ. އެހެނީ ފާތުންނަކީ، މި ދުނިޔޭގައި ޝަހާ އެންމެ އިތުބާރުކުރާ ފަރާތެވެ. ފާތުންއަކީ، ޝަހާގެ ޙަޔާތުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް އަބަދުވެސް ޝަހާގެ އެންމެ ގާތުގައި ހުންނަ މިތުރެވެ. ޝަހާގެ ހިތްވަރުވެސް މެއެވެ. ފާތުންނަށް ޓަކައި ޝަހާވެސް ހަމަ އެފަދައެވެ. ވީއިރު ޝަހާ ދެރަވެ، ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތެވެ. ފާތުން މިރޭ ޝަހާއަށް އެދިން ޔަޤީންކަމަކީ އޭގެ އަލިގަދަ ހެއްކެކެވެ. ޝަހާ އެކުރަމުން ގެންދާ ފިކުރުން ދުރުކުރުމުގެވެސް ނިޔަތުގައެވެ. މިކަމައިގެން ދެން ކުރިޔަށް ދާނީ ކިހިނެއްކަން ޚުދު ފާތުންއަށްވެސް ނޭންގޭ ޙާލުގައި ހުރެމެއެވެ. އެހެނަސް ފާތުންއަކީ އޭނާއަށް ކުރިމަތިވާ އެއްވެސް ކަމެއްގައި އުންމީދު ކަނޑާލާ ކުއްޖެއްވެސް ނުމެ ނޫންމެއެވެ. ”ތޭންކްޔޫ ފާތުން. ފާތުން ހުރިއްޔާ އަހަރެންނަށް ހާސްވާކަށް ނުޖެހޭނެ.“ ފާތުންގެ އަތުގައި ހިފާލުމާއިއެކު، އަތަށް ބާރަށް ފިތާލަމުން ޝަހާ ބުނެލިއެވެ.

ޕާރޓީ ނިންމާލުމާއި އެކު، ގެއަށްގޮސް ނިދަން ތައްޔާރުވެގެން ޝަހާ އޮށޯތެއް ކަމަކު ހިތް އޮތީ ނުތަނަވަސް ކަންމަތީގައެވެ. މާދަމާ ވާނެ ގޮތަކާއި މެދު ވިސްނަ ވިސްނާ ނިދިން މަހުރޫމް ވެފައެވެ. ޑަބަލް އެނދެއްގައި އޮތަސް މިރޭ ޝަހާއަށް އެނދުވެސް ކުޑަވެއްޖެ ކަހަލައެވެ. އެއްކޮޅުގައި އޮވެ ފުރޮޅިލާފައި އަނެއްކޮޅަށް ގޮސް ދެފައި ކުރުކޮށްލެވެއެވެ. ރަޖާ ގައިގާ އަޅާލިއްޔާ ހަމަ އެވަޤުތުމެ ނަގާ ދުރަށް ހޫރާލެވެއެވެ. މިފަދަ ޙާލެއްގައި އޮއްވާ ޝަހާއަށް ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭންގުނެވެ. ކުއްލިޔަކަށް ހޭލެވުނީ ކޮންމެވެސް މީހަކު ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ނިދީގައި ހުރެ ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ޝަހާގެ މަންމައެވެ. ”ދަރިފުޅަށް ފޯނެއް.“ މަންމަ ބުނެލިއެވެ. ”ކާކު؟“ ނިދިބަރު  އަޑަކުން ޝަހާ އަހާލިއެވެ. ”ނޭންގެ ކާކު ކަމެއް. ހީވަނީ ޝަހާގެ ކްލާސް ކުއްޖެއްހެން. ފިރިހެން ކުއްޖެއް.“ މަންމަ އެހެން ބުނެލި އަޑު ކަންފަތުގައި ޖެހުމާއިއެކު ޝަހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ”ފިރިހެން ކުއްޖެކޭ؟“ ޝަހާ ނިންމީ އެއީ އަޙްސަން ކަމަށެވެ. އުފަލުން ތެޅިގަންނަން ޝަހާ ކިތަންމެ ބޭނުންވިޔަސް މަންމަ ކުރިމަތީގައި އެކަން ދައްކާކަށް ޝަހާ ބޭނުމެއް ނުވިއެވެ. މަޑުމަޑުން ހިނގާލަފައި ފޯނާއި ހިސާބަށް ދިޔައިރު، ޝަހާގެ މޭ ބާރަށް ތެޅެއެވެ. ޝަހާގެ ފަރާތުން، ފާތުން ހުށައެޅި ހުށައެޅުން ޤަބޫލުކުރީ ކަމަށް ވިސްނެން ފެށިއެވެ. ފޯނުގެ އަތްގަނޑު ނަގާ ކަންފަތުގައި ޖެހިއިރު އަތްގަނޑު އަތުން ދޫވެގެން ވެއްޓޭ ވަރަށް ޝަހާގެ އަތް ތުރުތުރު އަޅައެވެ. ”ހަލޯ“ ބެދިފައިވާ އަޑަކުން ޝަހާ ބުނެލިއެވެ. އެހާމެ ބިރުން ހުރެފައެވެ. ”އަދިވެސް މޯރނިންގ ނުވަނީތަ؟ މިހާރު އެއޮއް ދިހައެއް ޖެހީ ވިއްޔަ“ ޝަހާގެ ކަންފަތުގައި ޖެހުނީ ފައިސަލްގެ ހަލުވި ވާހަކަ ދެއްކުމުގެ އަޑެވެ. ”ފައިސަލް؟ އޯ ފައިސަލްތަ؟ އައި މީން ފައިސަލް ދޯ؟“ ފައިސަލްގެ އަޑު ޖެހުމާއިއެކު، ޝަހާގެ ހިތަށް ވެރިވި މާޔޫސް ކަމާއި ހިތްހަމަ ނުޖެހުން ފޮރުވަން އުޅުނު ކަހަލައެވެ. ”އައިއު، ބަބިބު، ތަތިތު ކިޔަވަން ދަސްކުރާހެން އެކި ރާގު ރާގަށް މަގޭ ނަން  ތިކިޔަނީ، އަނެއްކާ އެހެން މީހެއްގެ ކޯލަކަށް އިންތިޒާރު ކޮށްގެން ހުއްޓާތަ މި ގުޅުނީ؟“ ފައިސަލްގެ މަޖާ މިޒާޖުގައި ސުވާލު ކޮށްލިއެވެ. ”ނޫން ނޫން، ގުޑް މޯރނިންގ ގުޑް މޯރނިންގ. އާން ބުނެބަލަ މިހާ ހެނދުނާ ތިގުޅީ އަނެއްކާ ކިހިނެއްވީ؟“ ޝަހާއަށް ކިޔެނީ ކީކޭކަންވެސް ޚުދު ޝަހާއަކަށްވެސް ނޭންގެއެވެ. ”ކާމް ޑައުން ޝަހާ، މަށަށް ގުޑްމޯރނިންގ ކިޔުމުގެ ކުރިން އިހަށް އަމިއްލައަށް ގުޑްމޯރނިންގ ވެލާބަލަ.“ ޝަހާގެ ހާސްކަން ފިލުވާލުމުގެ ގޮތުން ފައިސަލް ބުންޏެވެ. ”ހޫން ދެން ބުނެބަލަ ކިހިނެއް ވީތަ ތި ގުޅީ؟“ ކޮންމެވެސް ވަރަކަށް ހަމަ ޖެހިލާފައި ޝަހާ އަހާލިއެވެ. ”މަ މި ގުޅާލީ އިންވައިޓް ކޮށްލަން ވެގެން. ހަވީރުގެ ސަޔަކަށް. މިގެއަށް. ނެކްސްޓް ވީކްގަ މަ ފުރާތީ. ބޭރަށް.“ ފައިސަލް ގުޅި މަޤަޞަދު ބުނެލިއެވެ. ”ކީއްކުރަން ބޭރަށް ދަނީ؟ ޝަހާ އަހާލިއެވެ. ”ސާބަސް، މަ ބުނީމެއްނު ބިޒްނަސް މެނޭޖްމެންޓް ކޯހަކަށް ބައްޕަ އަހަރެން ބޭރަށް ފޮނުވަން އުޅޭ ވާހަކަ. ހަނދާން ނެތުނީތަ؟“ ފައިސަލްގެ ބައްޕައަކީ މާލޭގެ މަޝްހޫރު ވިޔަފާރި ވެރިއެކެވެ. ފައިސަލްއަކީ ހުރި ހަމައެކަނި ދަރިފުޅެވެ. ބައްޕަ ބޭނުންވަނީ އޭނާވެސް ޢާއިލީ ވިޔަފާރީގެ މަސައްކަތުގައި ޝާމިލުވާށެވެ. އެކަން ކުރެވެން އޮތީ ފައިސަލް އެދާއިރާއިން ކިޔަވާއިގެން ކަމަށް ވާތީ، ވީހާވެސް އަވަހަކަށް ފައިސަލް ރާއްޖެއިން ބޭރަށް ފޮނުވަން އޭނާގެ ބައްޕަ ވަނީ ނިންމާފައެވެ. އެހެންކަމުން ގާތް ރަޙުމްމަތްތެރިންނަށް ދަޢުވަތު ދީގެން ގޭގައި ބާއްވާ ކުޑަކުޑަ އެއްވެލުމެއް މިއަދު އެގޭގައި އޮތީއެވެ. ”ދެން ކީއްކުރަން އެހާ އަވަހަށް ދާން ތިއުޅެނީ؟ އަދި މަހެއްހާ ދުވަހު މަޑުކޮށްލިޔަސް ލަހެއް ނުވާނެއެއްނު؟“ ޝަހާ ބުނެލިއެވެ. މިހާރު ކޮންމެވެސް ވަރަކަށް ނިދި ފިލާ، ވާނުވާވެސް އެނގޭ ވަރަށް ޝަހާއަށް ހޭވެރިކަން ވެއްޖެއެވެ. ”ދެން ތިކަންކަމާ ވާހަކަ ދައްކާނީ މިއަދު ހަވީރު މިގެއަށް އައިސް ދޯ. ދެން ބާއްވަނީ. އަދި ފާތުންއާ އަޙްސަންއަށްވެސް ގުޅަން ވެއްޖެ.“ ފައިސަލް ތަންކޮޅެއް އަވަސް ކޮށްލުމުގެ ގޮތުން ބުނެލިއެވެ. ”އާން އޯކޭ. ބައި.“ ޝަހާގެ އުންމީދުތައް ކޮންމެވެސް ވަރަކަށް އައުވިއެވެ. އަޙްސަންއާއި ހަމައަށް އޭނާގެ ހިތުގެ ޝުޢޫރު ފޯރުކޮށްދޭނެ ފަސޭހަ ގޮތެއް ދެން ނޯންނާނެ ކަމަށް ވިސްނައަގެން ހުއްޓާ އެކަމަށް މަގެއް ފަހިވީތީއެވެ.

ޝަހާ، ފައިސަލް މެންގެއަށް ދިއުމަށް ތައްޔާރުވާން އުޅެނީއެވެ. އެންމެ އުނދަގޫ ކަމަކަށް މިއަދު ޝަހާއަށް ކުރިމަތި ވެގެން އެއުޅެނީ ލާނެ ހެދުމެއް އިޚްތިޔާރު ކުރުމެވެ. އަލަމާރީގައި ހުރި ހުރިހާ ހެދުމެއް އެހުރީ އެނދުމަތީގައެވެ. ހެދުން ތަކަށް ބަލަހައްޓައިގެން ސަހާދަތް އިނގިލީގައި ދަތް އަޅާލައިގެން އަނެއް އަތުން އުނަގަނޑުގައި އަތް ވިއްދާލައިގެން ހުއްޓާ ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖެހި އަޑަށެވެ. ހެދުންތަކަށް ބަލަމުން މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ފާތުންނެވެ. ”ސާބަސް، މީނަ އަދިވެސް މިހުރީ ހަމަ ރޮލާ، މިހާރު އެއޮއް ހަތަރުގަޑި ބައިވަނީ ވިއްޔަ، ދެން ދެވޭއިރު ހުންނާނީ އިރުވެސް އޮއްސިފަ ކަންނޭންގެ“ މިހެން ބުނުމާއިއެކު، ޝަހާ ކޮޓަރީގެ ތެރެއަށް ކޮއްޕާލަމުން ފާތުން އެތެރެއަށް ވަނެވެ. ”ފާތުން، ލާނެ ރަނގަޅު ހެދުމެއްވެސް ނެތް ވިއްޔަ“ ކުޑަ ކުއްޖެއް ފަދައިން ކުކުރާލަމުން ފާތުންގެ އަތުގައި ހިފާލުމާއިއެކު ޝަހާ ބުނެލިއެވެ. އެވަގުތު ފާތުންއަށް ފެނުނީ އެނދުމަތީގެ ޙާލަތެވެ. ”ސުބުޙާނަﷲ، އެނދުމައްޗަށް މިއޮތީ ބޮޑު ތޫފާނެއް އަރާފައެއްނު. މީ ކޮންފަދަ ކަމެއް އަނެއްކާ؟“ ފާތުންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި ދެފަރާތަށް ބޯ ހޫރާލިއެވެ. ”އައިޑިޔަރ.“ ތަންކޮޅެއް ބާރަށް ފާތުން ބުނެލިއެވެ. ”ކޮބާ؟“ ފާތުން އަބަދުވެސް ދޭނީ ރަނގަޅު ޚިޔާލުކަން ޤަބޫލުކުރާ ކަހަލަ ގޮތަކަށް ޝަހާ އަހާލިއެވެ. އެނދާއި ދިމާއަށް ގުދުވެލާފައި ހެދުމެއް ނަގާ ޝަހާ އަތަށް ދިއްކޮށްލަމުން ފާތުން ބުނެލިއެވެ. ”ދެމީހުން އެއްވައްތަރުގެ ހެދުން ނުލާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެއްނު ދޯ. ހިނގާ މިއަދު މިހެން ޑްރެސް ކޮށްލަމާ.“ ޝަހާވެސް އެގޮތަށް ރުހުނެވެ. އަދި ފާތުން ލާފައި ހުރި ވަޅުފެހި ކުލައިގެ ހެދުމަށް ބަލާލުމާއިއެކު އޭނާގެ އަތުގައި އޮތް ހަމަ އެކަހަލަ ހެދުން ހިފާ، ގަޔާ ކައިރި ކޮށްލަމުން ”ދެޓްސް އަ ގުޑް އައިޑިޔަރ“ މިހެން ބުނެލިއެވެ. އަދި ތައްޔާރުވުމަށް އަވަސްވެގަތެވެ.

ދެކުދިންނަށް ފައިސަލްގެ ގެއަށް ދެވުނުއިރު ފަހެއް ޖަހާ ބޮޑުވެއްޖެއެވެ. ފާތުން އަދި ޝަހާ ފިޔަވާ، ފައިސަލް ދަޢުވަތު ދިން ހުރިހާ ކުދިން އެތަނުގައި ޙާޟިރުވެ ތިއްބެވެ. ދެކުދިން އައިސް ވަނުމާއިއެކު، ފައިސަލްގެ މަންމަ ދެކުދިންނަށް މަރުޙަބާ ކިއެވެ. އަދި ދެކުދިން ގޮވައިގެން ސިޑިން އަރައިގެން މައްޗަށް ގޮސް، ހުރިހާ ކުދިން އެއްވެ ތިބި ޓެރަސް މައްޗަށް އެރިއެވެ. ދެކުދިންވެސް ތައްޔާރުވެލާފައި ހުރީ ވަރަށްވެސް ފުރިހަމައަށެވެ. އޭގެ  ތެރެއިން އެންމެ ފުރިހަމައީ ކާކުތޯ ބުނެދޭން ނެންގޭހާވެސް ރީއްޗެވެ. ދެކުދިން ފެނުމާއިއެކު، ހުރިހާ ކުދިން އެއްފަހަރާ ވެލްކަމް ގޮވަން ފެށިއެވެ. ”ސޮރީ، ތަންކޮޅެއް ލަސްވެއްޖެ ދޯ“. ޝަހާ ބުނެލިއެވެ. އެވަޤުތު އަޙްސަންއާއި ދިމާއަށް ވައްކަޅިން ބަލައިލިއެވެ. އަޙްސަން އިނީ ބޯން އިން ސައިތަށީގެ ތުންފަތް މަތީގައި އިނގިލި އަނބުރާލަ އަނބުރާލައެވެ. ބަލާބެލުމަށް ފިކުރެއްގައި އިންހެންވެސް ހީވެއެވެ. ފާތުންގެ ނަޒަރުވެސް ކޮންމެވެސް ވަރަކަށް އަޙްސަންއަށް ހިންގާލެވުނެވެ. އެހެނަސް ބަލަން ބޭނުންނުވާ ކަހަލަ ގޮތަކަށެވެ. އިޚްތިޔާރަކާއިވެސް ނުލައެވެ. ޝަހާ އަދި ފާތުންވެސް ގޮސް މޭޒުދޮށުގައި އިށީންދެލުމާއިއެކު، އެޖަމާޢަތުގައި ބައިވެރި ވެލިއެވެ. ”އަޙްސަން، ކިހިނެއްތަ؟ ހާދަ ބޮޑު ފިކުރެއްގައި އިންހެން އެބަ ހީވޭ.“ ޝަހާ ވަރަށް ލަދުން އިނދެ އަހާލިއެވެ. ޙަޤީޤަތަށް ބުނާ ނަމަ ޝަހާ ބޭނުންވަނީ އަޙްސަންއާއި ވާހަކަ ދައްކާނެ ބަހަނާއެކެވެ. ”ނޫނޭ. މާބޮޑު ކަމެއް ނުވޭ. މީ ކުޑަކޮން ބޮލުގައި ރިއްސާތީ މި އިނީ.“އަޙްސަން އިސް އުފުލާ ބަލާލަމުން ބުނެލިއެވެ. ހަމަ އެވަޤުތުމެ ފާތުންއާއި ދިމާއަށް ކަޅި ހިންގާލިއެވެ. އެވަޤުތު ފާތުން މޭޒުމަތީގައި ހުރި ކޭކުތަށި ނަގާ ޝަހާއަށް ދިއްކޮށްލިއެވެ. އަޙްސަން ބުނި އެއްޗަކަށް ކޮންމެހެން ސަމާލުކަން ދޭން ބޭނުންނުވާ ކަހަލަ ގޮތަކަށެވެ. ”އެހެންތަ؟ ބޭސް ކައިފިންތަ؟ ބޭސް ގެނެސްދެންތަ؟ ފައިސަލް މިގޭގައި އެބަހުރިތަ ޕެނެޑޯލް؟“ ޝަހާ އެހުރިހާ ވާހަކައެއް އެއްފަހަރާ ބުނެ ނިންމާލުމުން ފައިސަލް އަދި ފާތުން އެއްފަހަރާ ޝަހާއާއި ދިމާއަށް ބަލައިލިއެވެ. ”ސާބަސް ޑޮކްޓަރު ސާހިބާ، ހީވޭތަ މިހާއިރު ވާއިރު ބޭސް ނުދީ ހުންނާނެހެން. ދެން އެމީހަކު ބޭސް ކެއުން އެއީ އެމީހެއްގެ އަމިއްލަ ކަމެއްތާ ދޯ“ އަޙްސަންއާއި ދިމާއަށް ފާޑަކަށް ބަލާލަމުން ފައިސަލް ބުނެލިއެވެ. ”ތެދެއްތަ އަޙްސަން. ބޭހެއް ނުކަންތަ؟“ ކަންބޮޑުވެފައިވާ ރާގަކަށް ޝަހާ އަހާލިއެވެ. ”ބޭސް ކާންޖެހޭ ވަރަށް ރިއްސަންޏާ ބޭސްވެސް ކާނަން. އެކްސްކިޔުޒްމީ“ އެހެން ބުނުމާއިއެކު، އެތަނުން ތެދުވެގެން ގޮސް އަޙްސަން އިށީނީ ޓެރަސްގެ އެއް ކަނެއްގައި ހުރި ދިގު ގޮނޑިއެއްގައެވެ. ފައިސަލް އެތަނަށް ދާން އުޅުމުން ޝަހާ ގޮވާލިއެވެ. ”ފައިސަލް، އަޙްސަންއަށް އިހަށް ޑިސްޓާރބް ނުކުރުން ރަނގަޅު ވާނީ. ފަހަރެއްގައި އެގޮތަށް އެކަނި އިނދެލީމަ ތަންކޮޅެއް ބޮޑަށް ހަމައަކަށްވެސް އެޅިދާނެއެއްނު.“ އެއްބަސް ވުމުގެ ގޮތުން ފައިސަލް ބޯ ޖަހާލިއެވެ. އަސްލު އަޙްސަންއަށް ވެގެން އުޅޭގޮތް އެންމެ ރަނގަޅަށް އެނގެނީވެސް ފައިސަލް އަދި ފާތުންނަށެވެ. ކޮންމެ ގޮތަކަށް ކަންތައް ވެގެން ދިޔަ ކަމުގައި ވީނަމަވެސް ފައިސަލް އަދިވެސް ބެނުންވަނީ އަޙްސަންއަށް ފާތުން ލިބުމަށެވެ. މިހާ އަވަހަށް އެގެއަށް ސަޔަކަށް ދަޢުވަތު ދިނުމުގެ، ފައިސަލްގެ ޙަޤީޤީ މަޤްޞަދަކީވެސް އެއީއެވެ. އަޙްސަންއަށް ފާތުންއާއި ވާހަކަ ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

ސައިބޮއެ ނިމިގެން ފައިސަލްއަށް މަރުޙަބާ ކިއުމަށްފަހު، ގިނަ ކުދިން ދިޔައީ ގެއަށެވެ. ނަމަވެސް ފާތުން އަދި ޝަހާ މަޑުކޮށްލީއެވެ. އަޙްސަން ގެއަށް ދިޔުމަށްޓަކައި ތެދުވެ އެނބުރިލި ވަޤުތު ޓެރަސްގެ އަނެއްކޮޅުގައި ބަހައްޓާފައި ހުރި ދިގު ގޮނޑީގައި ފާތުން އިށީނދެލައިގެން އިންދާ ފެނިއްޖެއެވެ. އެހެން ހުރިހާ ކުދިން ދިޔައީ ތިރިއަށެވެ. ފުރުޞަތުގެ ބޭނުން ކޮށްފައި ހިތުގެ އިޙުސާސްތައް ފާތުންއަށް އިއްވުމަށް އަޙްސަން ގަސްތުކުރިއެވެ. މަޑުމައިތިރި ހިނގުމެއްގައި ގޮނޑި ކައިރިއަށް ގޮސް ގޮނޑީގެ ފަހަތުގައި އަޙްސަން ހުއްޓިލިއެވެ. އަދި މަޑުމައިތިރި އަޑަކުން ”ރޭގަ ކަންތައް ކުރެވުނު ގޮތުން ވަރަށް ބޮޑަށް ސޮރީ އިނގޭ ފާތުން. އަސްލު އަހަރެން އެހެން ކަންތައް ކުރީކީ އެއްވެސް ޙާލެއްގައި ގަސްތަކު ނޫން. ފެށުނީއްސުރެންވެސް އަހަރެން ލޯބިވަނީ ފާތުން ދެކެ. އަހަރެން ފައިސަލް ކައިރީގަ ބުނެގެން ފާތުން އެތަނަށް ގެނުވީވެސް ޕްރޮޕޯސް ކުރަން ވެގެން. އެކަމަކު ފާތުން އަހަރެން ކައިރިއަށް އައީ މުޅިން އެހެން މަޤްޞަދެއްގަ ކަން އެނގުނީމަ އެވަޤުތު ހަދާނެ ގޮތެއްވެސް އަދި ބުނާނެ އެއްޗެއްވެސް ނޭންގުނީ. ޝަހާއަކީ އަހަރެން ވަރަށް އިހުތިރާމް ކުރާ ކުއްޖެއް. އެކަމަކު ޝަހާޔާ ދޭތެރޭގައި ދުވަހަކުވެސް އެކަހަލަ ނަޒަރަކުން ނުދެކެން. ހަމައެކަނި ރަނގަޅު ރަޙުމަތްތެރިއެއްގެ ނަޒަރުން އަބަދުވެސް ދެކެމުން އައީ. އަޅެ ބުނެބަލަ. އަހަރެންނަކަށް ދެން ދުވަހަކުވެސް ފާތުންއެއް ނުލިބޭނެތަ؟“ އަޙްސަންގެ ހިތުގެ އިޙުސާސްތަކާއި އުދާސްތައް ބޭރުކޮށް ނިންމާލުމާއި އެކު އިސް އުފުލާ ބަލައިލިއެވެ. އަދި ދެލޯ ބޮޑުވެގެން ގޮސް ފިޔަވަޅެއް ފަހަތަށް ޖެހިލިއެވެ. ފެންކަޅި ވެފައިވާ ޙާލު ކުރިމަތީގައި ހުރީ ޝަހާއެވެ. އަޙްސަން އެހުރިހާ ވާހަކައެއް ދެއްކިއިރު އަނެއް ފަރާތަށް އެނބުރިގެން ގޮނޑިގައި އިނީ ފާތުންއެއް ނޫނެވެ. ޝަހާއެވެ.

  • ނުނިމޭ –

މި ލިޔުމާ ގުޅޭ