ޗައިނާ ކުންފުނިތަކަށް ދަތި ނުކުރާން ކެނެޑާއިން ނިންމައިފި

އަބްދުލް މުހުސިން
ނޮވެމްބަރ 26, 2024

ކެނެޑާ ސަރުކާރުން ވަނީ ޗައިނާއިން އިމްޕޯޓު ކުރާ އިލެކްޓްރިކް ވެހިކަލްތަކާއި ދަގަނޑާއި އެލްމިނިއަމް އިން ނަގާ ޓެރިފްތަކުން އިސްތިސްނާ ހޯދުމަށް ވިޔަފާރިތަކަށް އާ އުސޫލެއް އިއުލާންކޮށްފަ އެވެ. މިއީ ޗައިނާގެ ވިޔަފާރީގެ އުސޫލުތަކާ ދެކޮޅަށް ކުރިން ގެންގުޅުނު ހަރުކަށި ސްޓޭންޑު ވަރަށް ބޮޑަށް ބަދަލުކޮށް ފަހަތަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ދައްކައެވެ.

ކެނެޑާއިން ކުރިން ވަނީ ދައުލަތުގެ ސަބްސިޑީތަކާއި ލޭބަރުގެ މިންގަނޑުތަކާ ޚިލާފުވާ ކަމަށް ބުނެ އަދި ޗައިނާ އިން ނަގަމުންދާ ނާއިންސާފު ފައިދާތަކާ ދެކޮޅަށް ބޮޑު ޓެރިފްތަކެއް ނެގުމަށް ނިންމާފައެވެ. އެ ޓެރިފްތަކުގެ މަގުސަދަކީ އެތެރޭގެ ސިނާއަތްތައް ހިމާޔަތްކޮށް ބާޒާރު ހަމައަކަށް އެޅުވުން ކމަށް ކެނެޑާއިން ބުނެފައި ވެއެވެ.

ނަމަވެސް މިހާރު ކެނެޑާ ސަރުކާރުން ބުނަނީ ޗައިނާގެ ވިޔަފާރިތަކަށް އޮތް ބުރަ ލުއިކޮށްދިނުމަށްޓަކައި އިސްތިސްނާތައް ދޭން ޖެހޭނެ ކަމަށެވެ.

މި ސިޔާސަތު ބަދަލުވުމުން ކެނެޑާ ސަރުކާރަށް ފާޑުކިޔުންތައް އަމާޒު ކޮށްފައި ވެއެވެ. ބައެއް މީހުން ދެކެނީ މިއީ ޗައިނާގެ އިގްތިސާދީ ޕްރެޝަރަށް ދީލާލުމުގެ އަމަލެއްގެ ގޮތުގަ އެވެ.

މީގެ އިތުރުން ޗައިނާގެ އަމިއްލަ ފައިސާ ކަމަށްވާ ރެންމިންބީ އިން މުއާމަލާތް ކުރުމަށް ކެނެޑާއިން ހުއްދަ ދިނުމަކީ ޗައިނާއާ އެކު އިގްތިސާދީ ގޮތުން ފުން ގުޅުމެއް އޮތްކަމުގެ އިޝާރާތެއް ކަން ދޭހަވެއެވެ. އަދި ކެނެޑާގެ އިގްތިސާދީ މުސްތަގިއްލުކަމާއި ދުނިޔޭގެ ވިޔަފާރީގައި ކެނެޑާގެ ދަރަޖައާ މެދު ކަންބޮޑުވުންތައް އުފެދޭ ކަމަށްވެސް މިކަމަށް ދެކޮޅު ހަދާ ފަރާތްތަކުން ބުނެއެވެ.

މި ލިޔުމާ ގުޅޭ