ޑިސެމްބަރ 22, 2024 22:55

ޤުރުބާނީ (އަށްވަނަ ބައި)

ޤުރުބާނީ (ހަވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
ޑިސެމްބަރ 7, 2024

ފާތުން ކުއްލިޔަކަށް ޝަހާއާއި ދިމާއަށް ބަލައިލިއެވެ. ”ޝަހާ އަހަރެންނާ މެދު ޝައްކު ކުރަނީތަ؟“ ވަރަށް ބޮޑަށް ހިތުގައި ޖެހިފައިވާ ޒާތަކަށް ފާތުން ސުވާލު ކޮށްލިއެވެ. ”ހެޔޮނުވާނެ ޝަހާ، މިއިން އެއްވެސް ކަމަކީ އަހަރުމެން ދެމީހުންގެ ރަޙުމަތްތެރި ކަމަށް އެޅޭ ހުރަހެއް ކަމަށް ނުހަދައްޗޭ. އަހަރުމެން ދެމިހުންނަކީ، ހަނދާން ހުންނަން ފެށީއްސުރެން ވެސް އެކުގަ އުޅެ ބޮޑުވި ދެމީހުން. ދުވަހަކުވެސް އެކަކު އަނެކަކަށް ދެރައެއް ދޭން ވިސްނާނެވެސް ބައެއް ނޫން. އެވަރުގެ ޔަޤީންކަން ހަމަ ގައިމުވެސް އަހަރެންނަށް ޝަހާގެ މައްޗަށް އެބައޮތް. ޕްލީސް، ޓްރަސްޓް މީ ޝަހާ، އަހަރެންގެ ހިތުގަ އަހްސަންއަށް ޓަކާ ހަމަ އެކަހަލަ އެއްވެސް ފީލިންގްސްއެއް ނެތް. އަހަރެން އަދިވެސް ބެނުންވަނީ ޝަހާއަށް އަޙްސަން ލިބެން. އަޙްސަން އަހަރެން ދެކެ ލޯބިވެޔޭ އެބުނާ ބުނުން ދޮގަކަށް ވާން. އައި އޭމް ސޮރީ ޝަހާ“ ފާތުން އާދެސް ކުރަމުން ގެންދިޔައެވެ. ”ނޫނޭ ފާތުން. ފަހަރެއްގަވެސް އަހަރެންގެ މަޤްޞަދަކީ ފާތުން ހިތުގަ ޖެއްސުމެއް ނޫން. އަދި ފާތުންއަށް ޝައްކު ކުރާކަށް އަހަރެން ހިތަށްވެސް ނާރާ. އަޙްސަން ދެކެ ވާ ލޯބީގެ ސަބަބުން ތަންކޮޅެއް ބޮޑަށް ސެލްފިޝް ވެވުނީ ކަންނޭންގެ. އަހަރެންނަށް އެނގޭ އަހަރެން މިކުރަނީ ބޭކާރު ސުވާލެއްކަން. ސޮރީ ފާތުން.“ ޝަހާއަށް ބުނެވުނު އެއްޗަކާއި މެދު ދެރަވާ ޙާލު ފާތުންގެ ކިބައިން މަޢާފަށް އެދުނެވެ. ”ދެން އެކަމަކު ފާތުން ބުނެބަލަ، އަހަރެން ދެން ހަދާނީ ކިހިނެއް. އަޙްސަންގެ ހިތުގަ އޮތީ ކޮންމެސް އެހެން ކުއްޖެއް ނަމަވެސް އަހަރެން މިހާ ދެރައެއް ނުވިސް. މި ބުނީ ދެން އަހަރެންނަށް އަޙްސަން ޙާސިލު ކުރުމަށް މަގު ފަހިވާ ގޮތް ވިޔަސް، އަހަރެން އޭނަޔާ ކުރިމަތިލާނީ ކޮން މޫނަކައިގެން؟ އަހަރެންނަށް ކުރެވޭނީ ފާތުންގެ ޙައްޤަކަށް އަރައިގަނެވޭ ކަހަލަ އިޙުސާސެއް.“ ޝަހާގެ އިޙުސާސްތައް ފާތުންގެ ކުރިމައްޗަށް ބަންޑުން ޖަހާލިއެވެ. ”ޝަހާގެ އުފަލަށް ޓަކާ އަހަރެން މިހުރީ ކޮންމެފަދަ ޤުރުބާނީއެއްވެސް ވާން ތައްޔާރަށް. ޝަހާ ބުނެބަލަ، މިކަމުގަ އަހަރެން ކޮށްދޭންވީ ކޮންކަމެއް. ކޮންމެ ޙާލަކާ ލައިގެންވެސް އަހަރެން ބޭނުންވަނީ ޝަހާ އުފަލުގަ ހުރުން. ތީ އަހަރެންގެ ދެދުނިޔޭގެވެސް އެކުވެރިޔާ. ޝަހާގެ އުފަލަށްވުރެ މުހިންމު އެއްޗެއް އަހަރެންނަކަށް ނޯންނާނެ.“ ފާތުން ގޮތް ހުސްވެފައި ހުރި ކަހަލައެވެ. ”ތެދުތެދަށް ބުނާނަމަ، އަހަރެންނަކަށްވެސް ނޭންގެ ދެން ހަދާނެ ގޮތެއް. ހުރިހާ ކަމެއް ތަޤުދީރަށް ދޫކޮށްލަންވީއޭވެސް ހިތަށް އަރާ. ވާގޮތެއް އެނގިދާނެތާ. އެހެން ނޫނީ ވީހާވެސް އަވަހަކަށް ފުރައިގެން ދާންވީ. މިހުރިހާ ކަމެއް ދުކޮށްލާފަ ކެރިއަރއަށް ފޯކަސް ކުރަންވީ ކަންނޭންގެ.“ ޝަހާގެ ޚިޔާލަށް ފާތުންވެސް އެއްބަސް ވިއެވެ.

އެކި ގޮތްގޮތަށް ޚިޔާލު ބަދަލުކޮށް، ވާހަކަދެއްކުމަށް ފަހު، ދެކުދިން އެކުގައި  ގެއަށް ދިއުމަށް ހިނގައިގަތެވެ. ގެއާއި ކައިރި ވުމުން ހެނދުނުގެ ނާސްތާއަށް ފާތުންއަށް ޝަހާ ދަޢުވަތު ދިނެވެ. ވޭތުވެ ދިޔަ ދުވަސްތަކަކީ ދެކުދިންގެވެސް ސްކޫލް ދައުރުގެ އެންމެ ފަހުގެ އިމްތިހާންގެ ދުވަސްވަރެވެ. އެހެންކަމުން، އެކުގައި ވަޤުތު ހޭދަކުރުންވެސް ވަނީ ތަންކޮޅެއް މަދުވެފައެވެ. މިއަދު ޝަހާ، ފާތުންއަށް އެދިން ދަޢުވަތަކީ އަނެއްކާވެސް އައު ފެށުމަކުން ފެށުމަށް ހުޅުވާލި ދޮރެއް ކަމަށް ވިސްނާ، ފާތުންވެސް އެދަޢުވަތު ޤަބޫލުކުރިއެވެ. ޝަހާގެ ގެއަށް ދެކުދިން ވަދެގެން ދިޔައިރު، ޝަހާގެ މަންމައާއި ބައްޕަ، ކާމޭޒުދޮށުގައި ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން ތިއްބެވެ. އެދެކުދިންނަށްވެސް އެދެމަފިރިންނާއިއެކު ބައިވެރި ވުމަށް ދަޢުވަތު ދިނެވެ. މޭޒު ދޮށުގައި އިށީނުމާއިއެކު، ޝަހާގެ ބައްޕަ ސުވާލު ކޮށްލިއެވެ. ”ދަރިފުޅާ މިހާރުދެން ހައި ސްކޫލްވެސް ތިޔަ ނިމުނީނު ދޯ. ދެން ކޮންއިރަކުން ޑޮކްޓަރކަން ކިޔަވަން ބޭރަށް ދަނީ؟ އެއީތާ ދަރިފުޅުގެ ޙަޔާތުގެ އަސްލު މަޤްޞަދަކީ ދޯ. އެންމެ ކުޑައިރުއްސުރެވެސް އަބަދުވެސް ބުނަމެއްނު ޝަހާ ބޭނުންވަނީ ޑޮކްޓަރަކަށް ވެގެން އިންސާނިއްޔަތަށް ޚިދުމަތް ކުރާށޭ.“ ”ލައްބަ ބައްޕާ، އަޅުގަނޑު ވިސްނައިގެން މިހުރީވެސް ބައްޕަ ކައިރީގަ އެވާހަކަ ދައްކަން. މިއަދު ފާތުން ކައިރީގަވެސް އެވާހަކަ ބުނެފިން ދޯ ފާތުން.“ ޝަހާ ދިން ”ދޯ“ އަށް ފާތުން ބޯޖަހާލިއެވެ. ”ފާތުމަތުވެސް ދާނެ ވާހަކަ ފާތުމަތުގެ މަންމަ ބުނި.“ ޝަހާ މަންމަ ފާތުންއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ”ލައްބަ ޝަހާ މަންމާ، އަޅުގަނޑުގެ މުސްތަޤްބަލުވެސް ރަނގަޅު ގޮތުގަ ބިނާ ކުރެވެން އޮތީ ރާއްޖޭން ބޭރަށް ގޮސް ރަނގަޅު ތަޢުލީމެއް ލިބިގެން. އެކަމަކު މައްސަލައަކީ، އެހާ ހިސާބުން ޝަހާޔާ ވަކިވާން ޖެހޭނެތީ“ ޝަހާގެ އަތްމަތީގައި މަޑުމައިތިރި ކަމާއިއެކު، އަތް ބާއްވާލަމުން ފާތުން ބުނެލިއެވެ. ”ނޫން އެހެންނެއް ނުވާނެ ދެމީހުން އެއް ޤައުމަކަށް ދިޔައިމަ. އޭރުން ތިބޭނީވެސް އެއްކޮން އެޕާރޓްމެންޓެއް ނަގައިގެން.“ ޝަހާގެ އެޚިޔާލު، ޝަހާގެ ބައްޕައަށްވެސް ކަމުދިޔައެވެ. ”ތީ ވަރަށް ރަނގަޅު ޚިޔާލެއް. އަހަރެން ތިވާހަކަ ފާތުމަތުގެ ބައްޕަޔާ ދައްކާނަން.“ އެހެން ބުނުމާއިއެކު، ފެންތަށި ބޯލައިގެން ފާތުންގެ ބައްޕަ އޮފީހަށް ދިއުމަށް ހިނގައިގަތެވެ. ފާތުންގެ ބައްޕަކަމަށް ޝަހާގެ ބައްޕަ އެބުނަނީ، ފާތުންގެ ޅިޔަނު އޭނާގެ ބޮޑުދައިތަގެ ފިރިމީހާއަށެވެ. ބައްޕައެއްގެ ލޯބި ދީގެން ބޮޑުކުރި ޅިޔަނަށެވެ.

ފާތުންގެ އުފަން ބައްޕަ ދުނިޔޭގައި ހުއްޓެއް ކަމަކު، ފާތުންގެ އެއްވެސް ކަމެއް އޭނާއަކަށް ނުޖައްސައެވެ. ފާތުންއަށް ރަށުން އެތައް ހަދިޔާއެއް އޭނާގެ އުފަން ބައްޕަ ފޮނުވައެވެ. އަދި ޤަވައިދުން ޙާލުވެސް ބަލައެވެ. ދޭތެރެ ދޭތެރެއިން ފާތުންއާއި ބައްދަލު ކުރުމަށް މާލެއަށްވެސް އާދެއެވެ. ވާނީވެސް އެހެންތާއެވެ. ފާތުންގެ މަންމަ ނިޔާވުމުން އެހެން ކައިވެންޏެއް ކުރިއެއް ކަމަކު، ފާތުން ފިޔަވާ އެހެން ދަރިއެއް ފާތުންގެ އުފަން ބައްޕަ، ޢަލީ މޫސާގެ ނުހުރެއެވެ. އެހެނެއް ކަމަކު، އެންމެ ތުއްތުއިރު، އޭނާގެ ބޮޑުދައިތައާއި ފާތުން ޙަވާލުކުރަން ޖެހުނީ، ޢަލީ މޫސާގެ ޢާއިލާގައި އެ ތުއްތު ދަރިފުޅު ގެންގުޅެދޭނެ ވަރުގެ މީހަކު ނެތުމުން މަޖުބޫރު ވެގެންނެވެ. ހިތާއި ދެކޮޅަށްވެސް މެއެވެ. އެހެނަސް އެދުވަހު އޭނާ ނިންމި ނިންމުމާއިމެދު މިއަދު ހިތްހަމަޖެހެއެވެ. އެހެނީ އޭރު އެހެން ނުހެދިނަމަ، ފާތުންއަކަށް މިދުވަސް މިހެން ދެކޭކަށް ނުލިބުނީހެވެ. ތަނަވަސް ޢާއިލާއެއްގެ ރަނގަޅު މާޙައުލެއްގައި ރަނގަޅު ތަރުބިއްޔަތެއް ލިބިގެން ބޮޑުވުމުގެ ނަޞީބެއް ނުލިބުނީހެވެ. އަދި މަންމައެއްގެ ލޯތްބެއްވެސް މިހާ ފުރިހަމައަކަށް ނުލިބުނީހެވެ. ފާތުން ބަލާ ބޮޑުކުރި ދެމަފިރިންއަކީ، ދަރިން ލިބުމުގެ ނަޞީބުން މަޙުރޫމްވެފައިވާ ދެމަފިރިންނަށް ވިއެއްކަމަކު، އެދެމަފިރިންގެ ޙަޔާތަށް ފާތުން އައުމުން އެ އުނިކަންވެސް ފިލައިގެން ދިޔައެވެ. ފާތުން ދެކެ އެދެމަފިރިން ލޯބިވާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. ވީއިރު، ފާތުން ކިޔަވަންދާން ބޭނުންވާ ކޮންމެ ޤައުމަކަށްވެސް ފޮނުވައިދޭނެތާއެވެ. އެވަޤުތު ދެކުދިން އުފަލުން ފޮޅުނު ކަހަލައެވެ. ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި ހިނގާދިޔަ ހުރިހާ ކަމެއް އެއްކޮން ހަނދާން ނެތުނު ކަހަލައެވެ. ”ހޫން ހޫން ހާދަ އުފަލެކޭ ދޯ ތިވަނީ. އެންމެ ކުޑައިރުއްސުރެ ދެކުދިން އެކުގަ އުޅެ ބޮޑުވެ އެންމެ ފަހުން މަތީ ތަޢުލިމަށްވެސް އެކުގަ ދެވޭގޮތް ތިވަނީ. އަނެއްކާ ތިހެން އުޅެފަ ކޮންމެސް ކޮންމެސް ދެމީހުންގެ ހިތް އެކަކަށް ނުދޭތި.“ ޝަހާގެ މަންމަގެ އެ ސަމާސާ ވެގެން ދިޔައީ މުޅިތަނަށް ހަމަހިމޭންކަން ގެނުވި ޖުމްލައަކަށެވެ. ”އިންޝާﷲ އެކަކު އަނެކަކުގެ ދިރިއުޅުމުގެ ހުރަހަކަށް ދުވަހަކުވެސް ނުވާނަން ދޯ ޝަހާ“ ފާތުން އެހެން އެބުނީ ވަރުގަދަ އަޒުމަކާއިއެކުކަން ޝަހާއަށް އެނގުނެވެ. އަދި އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ފަޚުރުވެރި ކަމާއިވެސް އެކުގައެވެ.

ޝަހާގެ ގެއިން ސައިބޮއެ ނިމިގެން ފާތުން ގެއަށް ދިޔަތާ މާގިނަ އިރެއްނުވެއެވެ. ފާތުންގެ މަންމަ ވަރަށް ބާރަށް ފާތުންއަށް ގޮވަމުން އަންނަ އަޑު އިވިގެން ކޮޓަރީގައި ހުރެފައި ދުވެފައި ބޭރަށް ނިކުތެވެ. ”ފާތުމަތޫ، ވަރަށް އަވަހަށް އާދެބަލަ.“ މަންމަ ކަންބޮޑުވެފައި ހުރި މަންޒަރު ފެނިފައި ފާތުންވެސް ބިރުގަތެވެ. ”މަންމާ،އަނެއްކާ ކިހިނެއްވީ؟ ހާދަ ކަންބޮޑުވެފައޭ ތިހުރީ! މަންމަ އިހަށް މިތާ އިށީނދެބަލަ. އަންނާނަން ފެންތައްޓެއް ހިފައިގެން.“ މިހެން ބުނެފައި ދުވެފައި ގޮސް ފެންތައްޓެއް ހިފައިގެން އައިސް މަންމައަށް ދީފައި ބުރަކަށީގައި މަޑުމަޑުން ފިރުމާލިއެވެ. އަދި މަޑުމައިތިރި ކަމާއެކު، ސުވާލު ކޮށްލިއެވެ. ”ދެން ބުނެބަލަ. ކިހިނެއްތަވީ؟“ އޭރުވެސް ފާތުންގެ މަންމައަށް އިނީ ރޮވިފައެވެ. ”ދަރިފުޅާ، ޢަލީބޭބެ.“ މިހާ ހިސާބަށް ބުނަންވާއިރަށް ފާތުންގެ މޭ ބާރަށް ތެޅެން ފެށިއެވެ. ”ބައްޕައަށް ކިހިނެއްވީ؟ މަންމާ، ބުނެބަލަ، ބައްޕައަށް ކިހިނެއްތަ ވީ؟ ރަށުން ގުޅީތަ؟ ކާކު ގުޅީ؟“ އެއްފަހަރާ އެތައް ސުވާލުތަކެއް ފާތުން ކޮށްލިއެވެ. އަހަރެން ކޮއްކޮ ޙައްވަ ގުޅީ. ބުނީ ޢަލީ ބޭބެ ރޭ ފަތިހު ނުތެދުވެގެން ބަލައިލިއިރު އޮތީ ހޭނެތިފަޔޯ. އަނގައިން ފޮނުވެސް އައިސް ހުއްޓޯ. އަދިވެސް ހޭ ނާރަޔޯ. ރަށުގެ ހެލްތު ވޯކަރު ބަލާފަ ބުންޏޯ ހީވަނީ ސްޓްރޯކެއް ޖެހިފަ ހެންނޭ. މިހާރު އަތޮޅު ހޮސްޕިޓަލަށް ގެންދަން ވެގެން އެބަ އުޅެޔޯ“ ފާތުންގެ މަންމަ އެއްނޭވާއިން ހުރިހާ އެއްޗެއް އޮޅުން ފިލުވައިދިނެވެ. ”ކީކޭ ސްޓްރޯކެކޭ؟ އަހަރެން މިގުޅަނީ ބޮޑުދައިތައަށް. އަހަރެން ބޭނުން ބައްޕަ ކައިރިއަށް ދާން.“ އެހެން ބުނުމާއިއެކު، ފާތުން ފޯނުގެ އަތްގަނޑު އުފުލާލިއެވެ. ”ދަރިފުޅާ މަޑުކޮށްބަލަ. ކާކަށް ގުޅާނީ؟ ފޯނު ބޫތަށް ގުޅައިގެން ޚަބަރު ބެލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެއްނު. އިހަށް ގުޅާ ފާތުމަތުގެ ބައްޕައަށް. ގުޅާފަ ކިޔައިދީ. އޭރުން ޢަލީބޭބެގެ ޚަބަރު ބަލަން ތަންކޮޅެއް ފަސޭހަ ގޮތެއް ހަދައިދޭނެ.“ މަންމަ ބުނި ބަސް ޤަބޫލުކޮށް، ފާތުން ބައްޕަގެ އޮފީހަށް ގުޅާ، ހުރިހާ ވާހަކަތަކެއް ކިޔައި ދިނެވެ. ފާތުންގެ ބައްޕަ ވަޤުތުން ގެއަށް އައިސް އެރަށުގެ އޮފީހަށް ގުޅައިގެން ހުރިހާ މަޢުލޫމާތެއް ސާފުކުރިއެވެ. އަދި ވީހާވެސް އަވަހަކަށް ފާތުންގެ އުފަން ބައްޕަ ޢަލީ މޫސާ ގާތަށް ދިއުމަށް ލޯންޗެއް ކުއްޔަށް ހިފިއެވެ. ފާތުންއަށް މިދިމާވި ހިތާމަވެރި ދަނޑިވަޅުގައި އެންމެ ގާތުގައި ޝަހާ ހުއްޓެވެ. އަދި ފާތުންގެ ޢާއިލާއާއިއެކު، ޝަހާވެސް ފާތުން ބައްޕަ ކައިރިއަށް ދިޔައެވެ. އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ޝަހާއަށް މިވަޤުތު މުހިންމުވީ މިފަދަ ވަޤުތެއްގައި ފާތުންގެ ގާތުގައި ހުރުމެވެ. ޙަޤީޤީ ރަޙުމަތްތެރިންނަކީ އެއީތާއެވެ.

ހަތަރު ގަޑިއިރުގެ ދަތުރަކަށްފަހު ލޯންޗް ގޮސް ވަނީ އަތޮޅު ހޮސްޕިޓަލް ހުންނަ ރަށަށެވެ. ލޯންޗުން ފައިބައިގެން ދިޔައި ސިދާ ހޮސްޕިޓަލަށެވެ. ފާތުންގެ ބައްޕަ އޮތީ އައި. ސީ. ޔޫގައެވެ. ޑޮކްޓަރ ބުނުއްވި ގޮތުގައި އަތާއި ފައި އޮތީ ވާގި ނެތިފައެވެ. އެހެން ނަމަވެސް މިހާރު ހޭއަރައިފިއެވެ. ފާތުންގެ އެދުމުގެ މަތިން ބައްޕަ ކައިރިއަށް ވަނުމަށް ޑޮކްޓަރ ހުއްދަ ދެއްވިއެވެ. ފާތުން ފެނުމާއިއެކު، ބައްޕަގެ ލޮލުން ކަރުނަ ހިލިލިއެވެ. ފާތުންއަށް ގޮވާލަން ބޭނުން ވިއެއް ކަމަކު، އަނގަވެސް ކޮންމެވެސް ވަރަކަށް އޮރި ދަމައިގެންފައި ވާތީ، ފާތުންގެ ނަން ކިޔުމަށް އުނދަގޫ ވިއެވެ. ގުޅާފައި ހުރި މެޝިންތަކަށް ފަރުވާތެރިވަމުން މަޑުމައިތިރި ކަމާއިއެކު، ބައްޕަގެ އަތްމަތީގައި ފާތުންގެ އަތް ބާއްވާލިއެވެ. އިރުކޮޅެއް ވަންދެން ކައިރީގައި އިނުމަށްފަހު، ފާތުން ބޭރަށް ނިކުތެވެ. ފާތުން ބަލާ ބޮޑުކުރި އޭނާގެ މިހާރުގެ މައިންބަފައިން އަދި އެންމެ ގާތް އެކުވެރިޔާ ހުރީ ބޭރުގައެވެ. ފާތުން ފެނުމާއިއެކު، ކައިރިއަށް އައިސް، ޙާލަތު އޮޅުން ފިލުވިއެވެ. ޝަހާ ދިޔައީ ހިތްވަރު ކުރުމަށް ފާތުންއަށް ހިތްވަރު ދެމުންނެވެ. ތިން ދުވަސް ފާއިތުވެގެން ދިޔައިރު، ފާތުންގެ ބައްޕަގެ ޙާލަތަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލެއް އައިސްފައި ވެއެވެ. އަދި ކުރިއަށް އޮތް ދެދުވަސް ތެރޭގައި ގެއަށް ފޮނުވާލާނެ ވާހަކަވެސް ޑޮކްޓަރ ވަނީ ބުނުއްވާފައެވެ. ބަރާބަރު ފަސްދުވަހު ހޮސްޕިޓަލުގައި އެދުމަތި ކޮށްފައި ބޭއްވުމަށްފަހު، ޑޮކްޓަރުގެ ފުރިހަމަ އިރުޝާދާއި އެކު، ފާތުންގެ ބައްޕަ ޢަލީ މޫސާ އަނބުރާރަށަށް ގެނައެވެ. އެހެނަސް އެވަޤުތު ގޭތެރެއިން ފެނިގެން ދިޔައީ ފާތުންއާއި އޭނާ ބަލާ ބޮޑުކުރި މަންމައާއި ބައްޕަ އަދި ޝަހާވެސް، ހައިރާން ކުރުވި މަންޒަރެކެވެ. ފާތުންގެ ބައްޕަގެ ގޭގައި އެއްވެސް މިހަކު ނެތި ގޭގައި ހުރީ ތަޅުވެސް އަޅުވާފައެވެ. ހަދާނެ ގޮތެއް ނޭންގި ހައިރާން ވެފައި ތިއްބާ، އެތަނަށް އައީ ފާތުން މަންމަގެ ކޮއްކޮ، ނުވަތަ ފާތުންގެ ބޮޑުދައިތަ ހައްވައެވެ. ހައްވަގެ ދުލުން އިވިގެން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ފާތުންއަށްވެސް އަދި އޭނާގެ މައިބަފައިންނަށްވެސް ހިލަމަކަށްވެސް އިވިފައި ނުވާ ވާހަކަ ތަކެކެވެ. ފާތުންގެ ބައްޕައާއި މެދު އޭނާގެ ދޮންމަންމަ ކަންތައް ކުރަމުން އައި ގޮތުގެ ވާހަކައެވެ. އެދެމަފިރިންނަށް ދަރިއަކު ނުލިބޭތީ އެކަމުގެ ޒިންމާވެސް އަބަދު ޢަލީބޭބެގެ ބޮލުގައި އަޅުވާ ކަމުގެ ވާހަކައެވެ. ގިނަ ފަހަރަށް ކާންވެސް ނުދީ ރޭނގަނޑު ދަންވަރުވެސް ގެއިން ބޭރަށް ނެރެފައި ބައިންދާ ވާހަކައެވެ. އެހުރިހާ ކަމެއް އެހެން ހިނގަމުން ދިޔައިރުވެސް ޢަލީބޭބެ ފާތުންގެ ދޮންމަންމަ ބޭނުންވާ ހުރިހާ ކަމެއް ފުއްދައިދިނުމާއިއެކު، ހަނު ހުންނަ ވާހަކައެވެ. ފާތުންމެންނާއި ހަމައަށް އެއިން އެއްވެސް ވާހަކައެއް ފޯރިޔަ ނުދޭން ހައްވަ ކައިރީގައިވެސް އެތައް އާދޭސް ތަކެއް ކުރާ ވާހަކައެވެ. މިއޮއް ހުރިހާ ދުވަހު ހައްވަ ހައްޕު ކިޔައިގެން ހުރި ސަބަބަކީ އެއީ ކަމުގައިވެސް ހައްވަ ބުންޏެވެ. ފާތުންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ހަމަ އެހެންމެ ފާތުންގެ މަންމަ އަދި ބައްޕަ ގާތަށްވެސް އެހާ ރުޅިއައެވެ. ފާތުން އެހާ ރުޅިއައިސް ހުއްޓާ ޝަހާވެސް ދުވަހަކުވެސް ނުދެކެއެވެ. އެވަޤުތު ފާތުން ގޮވައިގެން ޝަހާ އެތަނުން ބޭރަށް ނިކުތެވެ. ފާތުންގެ ބައްޕަ އަދިވެސް އެއޮތީ ބޭރުގައެވެ. ވަންނާނެ ތަނެއް ނެތިފައެވެ. އެވަޤުތު ފާތުންގެ ގެންގުޅެ ބޮޑުކުރި ބައްޕަ، އެރަށުގައި އެމީހުން ޗުއްޓީއަށް އައިސް ތިބެން ހަދާފައި ހުންނަ ގެއަށް އަލީ މޫސާ ގެންދިޔައެވެ. އެއީ ފާތުންގެ މަންމަގެ ގެއެކެވެ. ފާތުން ބޭނުން ނުވާހާ ހިނދަކު ޢަލީ މޫސާ އެގެއިން ނެރެވޭނެ އެކަކުވެސް ނުހުންނާނެއެވެ. އެއީ ތިން ކޮޓަރިއާއިއެކު، ހަދާ ފައްކާ ކޮށްފައިވާ ބޮޑު ގެއެކެވެ. އެމީހުންގެ ޣައިރު ޙާޒިރުގައި އެގެއާއި ގޯތިތެރެ ސާފުކޮށް ބަލަހައްޓަނީ ފާތުންގެ ބޮޑުދައިތަ އަދި ފާތުންގެ ދެ މަންމަގެވެސް ކޮއްކޮ، ހައްވައެވެ. ޝަހާވެސް ފާތުންއާއެކު ޗުއްޓިގައި އައިސް އެގޭގައި ދެފަހަރަކު ހުއްޓެވެ.

އިތުރަށް ހަފްތާއެއްހާ ދުވަހު މަޑުކޮށްލާފައި ފާތުންގެ މަންމައާއި ބައްޕަ އަދި ޝަހާ އެނބުރި މާލެ ދިޔައެވެ. ފާތުން ބޭނުންވީ އަދި ކުޑަ ދުވަސްކޮޅަކު އޭނާގެ އުފަން ބައްޕަ ކައިރީގައި މަޑުކޮށްލާށެވެ. ރަށުގައި މަޑުކުރިއެއް ކަމަކު، ފާތުން ކޮންމެ ދުވަހަކުވެސް ފޯނު ބޫތަށް ގޮސް އޭނާގެ މަންމަ، ބައްޕަ އަދި ޝަހާއާއި ގުޅައިގެން ވާހަކަ ދައްކާ ޙާލުބަލާ ހަދައެވެ. ޝަހާ ބުނިގޮތުގައި ފައިސަލް މިހާރު ލަންޑަނަށް ފުރައިފިއެވެ. ތިން އަހަރު ދުވަހުގެ ކޯހަކަށެވެ. ޝަހާ ބޭނުންވަނީ ފާތުންއާއި އެކުގައި ދާށެވެ. އެހެންކަމުން ތަންކޮޅެއް ފަހަށް ލަސްކޮށްލަ ދިނުމަށް އޭނާގެ ބައްޕަގެ ކިބައިން އެދުނެވެ. އަޙްސަންގެ މުސްތަޤްބަލު ބިނާވަނީ އޭނާގެ އިމްތިޙާނުގެ ނަތީޖާއަށެވެ. އެހެނީ ރަނގަޅު ނަތީޖާއެއް ޙާސިލުވުމުން ލިބޭ ސްކޯލާޝިޕަކުން ނޫނީ މަތީ ތަޢުލީމުގެ ފުރުޞަތު އަޙްސަންއަކަށް ލިބޭކަށް ނޯންނާނެއެވެ. އަޙްސަންގެ ޢާއިލީ މާލީ ޙާލަތު އެވަރަށް ތަން ނުދޭތީވެސް މެއެވެ. ފާތުންގެ ބައްޕަ ޢަލީ މޫސާގެ ޙާލަތު އެއްދުވަހުން އަނެއް ދުވަހަށް އައީ ރަނގަޅު ވަމުންނެވެ. މިހާރު ކޮންމެވެސް ވަރަކަށް ހިނގާލާ، ވާހަކަވެސް ދައްކާ ހެދެއެވެ. އެހެންކަމުން، ފާތުންގެ ބައްޕަ ބޭނުންވަނީ ފާތުން ވީހާވެސް އަވަހަކަށް އަނބުރާ މާލެއަށް ފޮނުވާލާށެވެ. ފާތުންގެ ކުރިމަގު ހެޔޮގޮތުގައި ބައްޓަން ކުރެވެން އޮތީ މާލެއަށް ގޮސްގެން ކަމަށް ވާތީއެވެ. ނަމަވެސް ފާތުން ބޭނުންވަނީ، އޭނާގެ ބައްޕަ އެއްކޮން ރަނގަޅުވަންދެން މަޑުކުރާށެވެ. އޭނާގެ މާލޭގެ މަންމައާއި ބައްޕަވެސް ބުނަމުން އައީ އަދި ބައްޕަ ކައިރީގައި މަޑުކުރުމަށެވެ. މުޅިން ރަނގަޅު ވަންދެނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މިއަދަކީ، އޭލެވެލް އިމްތިޙާނުގެ ނަތީޖާ ނިކުންނަ ދުވަހެވެ. ފާތުން ރަށުގައި ހުރިކަމުގައި ވީނަމަވެސް ހުރީ ނަތީޖާގެ އިންތިޒާރުގައެވެ. ކަންބޮޑުވާ ޙާލުގައެވެ. ޝަހާވެސް ހަމަ އެފަދައެވެ. ޝަހާ، ނަތީޖާ ބަލައި ސްކޫލަށް ދިޔައިރު، އެތަނުގައި އަޙްސަން ހުއްޓާ ފެނުނެވެ. އަތުގައި ނަތީޖާ ޝީޓް އޮތެވެ. ޝަހާވެސް ގޮސް ނަތީޖާ ހިފައިގެން އައި އިރުވެސް އަހްސަން އެހުރި ތަނުގައި ހުރިގޮތަށް ހުއްޓެވެ. ޝަހާ މަޑުމައިތިރި ހިނގުމެއްގައި ގޮސް އަޙްސަން ކައިރިއަށް ހުއްޓިލިއެވެ. އަދި ފަނޑު ގޮތަކަށް ގޮވާލިއެވެ. ”އަޙްސަން. ކިހިނެއްތަ؟ ރިޒަލްޓް ކިހިނެއް؟“ ”ޓޮޕް ޓެން. ފަސްޓް“ ޝަހާއަށް ލިބުނު އުފާ ބުނެދޭންވެސް ނޭންގުނެވެ. އަދި އުފަލުން ފުންމައިގަންނަން ބޭނުންވިއެވެ. ހިތާއި ހިތުން އެކަން ކުރަންވެސް ކުރިއެވެ. އެހެނަސް އެކަން އަޙްސަންއަށް ދައްކާކަށް ޝަހާ ބޭނުމެއް ނޫނެވެ. ”ޝަހާގެ ރިޒަލްޓް ކިހިނެއް؟“ އަޙްސަން އަހާލިއެވެ. ”މަވެސް ޓޮޕް ޓެން. އެކަމަކު ފަސްޓެއް ނޫން. ކޮންގްރެޓްސް އިނގޭ.“ ޝަހާ ބުނެލިއެވެ. ”ޝަހާއަށްވެސް ކޮންގްރެޓްސް“ އަޙްސަން ބުނެލިއެވެ. އަދި އެއާއިއެކު ފާތުން ކޮބައިތޯ ސުވާލު ކުރިއެވެ. ފާތުން ރަނގަޅު ކަމަށް ބުނެ ވަރަށް އަވަހަށް މާލެއަށް އަންނާނެ ކަމަށްވެސް ބުނެދިނެވެ. އެވަޤުތު ފާތުންގެ މަންމައާއި ބައްޕަ ސްކޫލްތެރެއަށް ވަދެގެން އަންނަތަށް ޝަހާއަށް ފެނުނެވެ. އަޙްސަންގެ ގާތުން އިޒުނައަށް އެދުމާއިއެކު ޝަހާ ހިނގައިގަތީ އެދިމާއަށެވެ. ޝަހާއަށް މަރުޙަބާ ކިއުމަށްފަހު، އެދެމަފިރިން އަވަސްވެގަތީ ފާތުންގެ ނަތީޖާ ނެގުމަށް ދިއުމަށެވެ. ޝަހާ އެތަނުގައި މަޑުކޮށްލިއެވެ. އެހެނީ ފާތުންގެ ނަތީޖާ ބަލައިލުމަށް ޝަހާވެސް ހުރީ ކެތް މަދުވެފައެވެ. ނަތީޖާ ހިފައިގެން އައި އިރު ފާތުންގެ މަންމައާއި ބައްޕައަށް ހުރީ ރޮވިފައެވެ. އުފަލުންނެވެ. ފާތުންވެސް ހިމެނުނީ ޓޮޕްޓެންގެ އެއްވަނައިގައެވެ. ޝަހާގެ އަމިއްލަ ނަތީޖާ ލިބިގެން ނުވި އުފާ ފާތުންގެ ނަތީޖާއާއި މެދު ޝަހާ ވިއެވެ. ލިބުނު އުފަލާއިއެކު ފާތުންގެ މަންމައާއި ބައްޕަ އަވަސްވެގަތީ އަވަހަށް ގެއަށް ގޮސް ފާތުންއަށް ގުޅާފައި އެޚަބަރު ދިނުމަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހެވެ. ފާތުންގެ ބޮޑުދައިތަ ހައްވަ ރޮމުން ރޮމުން ދުވެފައި އައިސް ފާތުންއަށް އެދިނީ ފާތުންގެ މުޅި ދުނިޔެ ފަނާ ވެގެން ދިޔަފަދަ ޚަބަރެކެވެ.

  • ނުނިމޭ

މި ލިޔުމާ ގުޅޭ

Leave a Reply

Your email address will not be published. Required fields are marked *