ދުނިޔެއަށް އުފަންވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެބައެއްގެ ބެލުމުގެ ދަށަށް ފާތުން ގެންގޮސް ނުހަނު ލޯބިން ބަލާ ބޮޑުކުރި ފާތުންގެ މައިންބަފައިން އެތިބީ މަރުގެ ތުންފަތް މަތީގައެވެ. ފާތުންގެ ބޮޑުދައިތަ ރޮމުން އައިސް ބުނީ ޝަހާ ގުޅާފައި، އެދެމީހުންގެ ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ވީ ވާހަކައެވެ. ފާތުންގެ ނަތީޖާ އަތަށް ލިބުމާއިއެކު، ލިބުނު އުފަލެއްގެ ބޮޑުކަމުން ދެމަފިރިން ސައިކަލުގައި ދަތުރު ކޮށްފައި ދެވުނު ގޮތްވެސް ނޭނގުނީއެވެ. ދިޔަ މަގުމަތީގައި ޕިކަޕެއްގައި ޖެހި، ދެމަފިރިންވެސް އެތައް ފޫޓެއް ދުރަށް ވިއްސައިގެން ގޮސް ޚަބަރު ހުސްވީއެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ދެމީހުންކުރެ އެކެއްގެ ވެސް ހޭވެރިކަމެއް ނެތެވެ. ތަފާތު އެތައް އަނިޔާތަކެއް ލިބިފައި ހުރުމުގެ ސަބަބުން ހަށިގަނޑުގެ އެތަން މިތަނުން ލޭ އަންނަނީއެވެ. މިޚަބަރު ލިބުމާއިއެކު، ފާތުންގެ މޫނުމައްޗަށް އަނދިރިވެގެން ވެއްޓިއްޖެއެވެ. ވާނުވާ ނޭނގޭ ޙާލު އޭނާގެ މަންމައާއި ބައްޕައަށް ގޮވާލަ ގޮވާލާ އޮތެވެ. ފާތުންގެ އުފަން ބައްޕައާއި ބޮޑުދައިތަ ފާތުން ހަމައަކަށް އެޅުވޭތޯ ވަރަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. އެދެމީހުންވެސް ރޮވިފައިވާ ޙާލުގައި ތިބެމެއެވެ. އިރުކޮޅަކުން އެތަނަށް ދުވެފައި އައީ ހައްވަގެ އަށް އަހަރުގެ ދަރިފުޅު އަޙްމަދެވެ. އަދި ކޮންމެވެސް މީހަކު އައިސް ފާތުން ކައިރީގައި ފޯނު ބޫތަށް ދިއުމަށް ބުނި ޚަބަރު ދިނެވެ. އެހެނަސް އެހާ ހިސާބަށް ހިނގާފައި ދާނެހާ ހިތްވަރެއް ފާތުންގެ ކިބައަކު ނެތެވެ. އެހެންކަމުން އެންމެ ފަހުގެ ޚަބަރަކީ ކޮބައިތޯ ބެލުމަށް ފޯނު ބޫތުދޮށަށް ދިޔައީ ޢަލީ މޫސާ ނުވަތަ ފާތުންގެ އުފަން ބައްޕައެވެ. ހައްވަ އަދިވެސް އެއިނީ ފާތުންގެ މޫނުގައި ފެންލާށެވެ.
ޢަލީ މޫސާ ވަރަށް މަސައްކަތުން ހިނގާފައި ފޯނު ބޫތާއި ހަމައަށް ދިޔައެވެ. އަދިވެސް ހިނގުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް ހުރީތީއެވެ. ބޫތު ތެރެއަށް ވަދެ ފޯނުގެ އަތްގަނޑު ނަގާ ކަންފަތުގައި ޖެހުމާއިއެކު، ”ހަލޯ“ މިހެން ބުނެލިއެވެ. މިފަހަރުވެސް އެކޮޅުން ވާހަކަ ދެއްކީ ޝަހާއެވެ. ޝަހާއަށް ޖަވާބު ދެވުނީ ވަރަށް މަސައްކަތުންނެވެ. ރޮމުން ރޮމުން އެންމެ ފުރަތަމަވެސް ޝަހާ ބޭނުންވީ ފާތުންގެ ޙާލު އޮޅުން ފިލުވާށެވެ. ފާތުންގެ ހޭވެރިކަން ނެތްކަމަށް ބުނުމުން ކުރިއަށް ދޭން އޮތް ޚަބަރު ދޭނެ ގޮތަކާއިމެދު ޝަހާ ވިސްނާލި ކަހަލައެވެ. އެހެނީ އިރުކޮޅެއް ވަންދެން އަނެއްކޮޅުން ޚަބަރެއް ނުވުމުންނެވެ. ޢަލީ މޫސާ، ކަންބޮޑުވެފައިވާ ޙާލު އަނެއްކާވެސް ހަލޯ ގޮވާލިއެވެ. ”ސަހާ، ދަރިފުޅާ“ މިފަހަރު ގޮވާލީ ތަންކޮޅެއް ބާރަށެވެ. ”ފާތުން ބައްޕަ ނިޔައުވެއްޖެ،“ މިހެން ބުނުމާއިއެކު ޝަހާއަށް ރޮވިއްޖެއެވެ. އިތުރަކަށް އެއްވެސް އެއްޗެއް ޝަހާއަކަށް ނުބުނެވުނެވެ. ”ކީކޭ، ނިޔައުވެއްޖޭ؟ އިންނާލިﷲ ވައިންނާ އިލައިހި ރާޖިޢޫން. ޙަސީނާގެ ޙާލު ކިހިނެއް މިހާރު؟“ ތުރުތުރުލާ އަޑަކުން ޢަލީ މޫސާ ސުވާލު ކުރިއެވެ. ފާތުން ބަލާ ބޮޑުކުރި މަންމަގެ ޙާލަތު އެހާ ހިސާބަށް ގޮސްފައި ނުވާނެ ކަމުގެ އުންމީދުގައެވެ. ”ފާތުން މަންމަވެސް ވަރަށް ސީރިއަސް. ޑޮކްޓަރުވެސް އުންމީދު ކަނޑާލައިފި. ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮއްސަ ކަމަށް ޑޮކްޓަރު ބުނުއްވީ. އަދިވެސް ލޭ މަނާ ނުވެގެން އުޅެނީ.“ ޢަލީ މޫސާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ”ދެން އޮތީ ހެޔޮ ދުޢާ ކުރުން ދޯ. އަހަރެން ކިހިނެއް ތި ޚަބަރު ފާތުމަތަށް ދޭނީވެސް. އެމަންޖެ އަދިވެސް ހަމަހޭވެރިކަން ނުވޭ.“ ”އަހަރެން ހިތަށް އަރާ މިވަޤުތު ފާތުން ކައިރީގައި ހުރެވޭނެ ނަމައޭ.“ ގޮތް ހުސްވެފައިވާ ޒާތަކަށް ޝަހާ ބުނެލިއެވެ. ”ފާތުން ބައްޕާ، ފާތުން ރަނގަޅަށް ބަލަހައްޓައްޗޭ. ގިނަފަހަރަށް އަމިއްލަ އިޙުސާސްތައް ބޭރު ނުކުރަން ވަރަށް މަސައްކަތް ކުރާނެ. އެހެން މީހުން ދެރަވެދާނެތީއޭ ކިޔާފަ،“ ”އާން، ދެން ސަހާވެސް ހިތްވަރު ކުރާތި. އަދި ވާނުވާ އަންގާތި އިނގޭ.“ މިހެން ބުނުމާއިއެކު ޢަލީ މޫސާ ފޯނުގެ އަތްގަނޑު ބޭއްވިއެވެ. އަދި ލޮލުން ކަރުނަ ފޮހެލުމާއިއެކު ބޫތު ތެރެއިން ބޭރަށް ނިކުމެގެން ގެއާއި ދިމާއަށް ހިނގައިގަތެވެ.
ގެއާއި ހަމައަށް ދެވުނުއިރު ކޮންމެވެސް ވަރަކަށް ވަރުބަލި ވެފައި ހުރުމުން ގޯތިތެރޭގައި ހުރި ޖޯލިފަތީގައި މަޑުމަޑުން އިށީންދެލިއެވެ. ފާތުންއަށް ޚަބަރު ދޭނެ ގޮތަކާއިމެދު، ވިސްނާލަންވެސް ބޭނުންވީތީއެވެ. އެވަޤުތު އެތަނަށް އައީ ޙައްވައެވެ. ”ޢަލީބޭބޭ، ކިހިނެއްވެފާ ތީނީ. ކާކުތަ އެކޮޅުން ގުޅީ. ކީކޭތަ ބުނީ؟“ ޙައްވަ މިހާ ހިސާބަށް ސުވާލުކުރަންވާއިރަށް މެދު ކަނޑުވާލާފައި ފާތުން ކޮބައިތޯ އަހާލިއެވެ. ”މިހާރު އޮތީ ނިދިފަ ކަންނޭންގެ. އެކަމަކު އަދިވެސް ގިސްލެވޭ. ތަންކޮޅެއް ރަނގަޅުހެން ހީވީމަ ބޭރަށް މިނިކުމެލީ.“ ފާތުންގެ ޙާލު ޙައްވަ އޮޅުން ފިލުވައިދިނެވެ. އަދި ތަންކޮޅެއް ރަނގަޅަށް ޢަލީ މޫސާއާއި ދިމާއަށް ބަލައިލިއެވެ. ”ޢަލީބޭބޭ. ކިހިނެއްތަވީ؟ އަހަރެންގެ މޭ ތޭޅެން ފަށައިފި. ދެން ބުނެބަލަ. މާލޭގެ ޚަބަރަކީ ކޮބައިތަ؟“ ”ޢަބްދުއްރަޝީދު ނިޔައުވެއްޖެޔޯ. އެކޮޅުން ވާހަކަ ދެއްކީ ސަހާ. ސަހާ ބުނީ ޙަސީނާވެސް މިއަތަށް އަންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތޯ. ޑޮކްޓަރު އެހެން ބުންޏޭ ބުނީ.“ ”ކީކޭ. ބައްޕަ މަރުވިއްޔޭ؟ އަހަރެން ބައްޕަ ކައިރިއަށް ދާން ބޭނުން. މަންމަ ކޮބާ؟ ހިނގާ މަންމައަށް ގުޅަން. އަހަރެން ބޭނުން މަންމަޔާ ވާހަކަ ދައްކަން.“ ފާތުން ތެޅެމުން ފޮޅެމުން ދުވެފައި އައިސް އޭނާގެ އުފަން ބައްޕަގެ ކަކުލުގައި އަތް ވިއްދާލައިގެން ބިންމަތީގައި އުޑަފައިން އިށީންދެލިއެވެ. އަދި ތުއްތު ކުއްޖެއް ފަދައިން ޢަލީ މޫސާގެ ފައިގާ ހިފާ ބާރަށް ތަޅުވަން ފެށިއެވެ. ބާރަށް ރޮމުންނެވެ. އެވަޤުތު އެހިސާބުގަނޑުގެ މީހުންވެސް އެގޭތެރެއަށް ވަނެވެ. ޙައްވަވެސް އިނީ ހަދާނެ ގޮތް ހުސްވެފައި ނިތްކުރި މަތީގައި އަތް އަޅައިގެން ރޯށެވެ. ”ބައްޕާ ހިނގާބަލަ އަހަރެން ގޮވައިގެން މާލެއަށް ދާން. ބޮޑުދައިތާ، ބައްޕަ ކައިރީގަ ބުނެބަލަ އަހަރެން މާލެއަށް ގެންދާށޭ.“ ޙައްވަ ރޮމުން ރޮމުން ކޮޅަށް ތެދުވެ، ފާތުންގެ އަތުގައި ހިފާފައި ކޮޅަށް ނެގިއެވެ. އަދި މެއާއި ކައިރި ކޮށްލުމާއިއެކު، މާލެ ދެވޭނެ ގޮތެއް ކިރިޔާވެސް އޮތްނަމަ ދާނެ ވާހަކަ ބުންޏެވެ. އެވަޤުތު ބޭރުން އައިސް ތިބި މީހުންގެ ތެރެއިން ފިރިހެނަކު ކުރިއަށް ޖެހިލާފައި އިރުކޮޅަކުން މާލެދާން ފުރާ ދޯންޏެއް އޮތް ވާހަކަ ބުންޏެވެ. އަދި އެދޯނިން ދެވޭނެ ގޮތް ހަދައިދޭނެ ވާހަކަވެސް ބުންޏެވެ. އެރަށުން ދޯންޏެއްގައި މާލެއަށް ދެވޭނީ ދިހަވަރަކަށް ގަޑިއިރުންނެވެ. އެގޮތްވެސް ފާތުންއަށް އެންމެ ރަނގަޅު ކަމުގައި ބުނުމުން އަވަހަށް ދަތުރު ހެދުމަށް ޙައްވަ ހިނގައިގަތެވެ. ކޮންމެވެސް ވަރެއްގެ އުންމީދެއް އައުވުމުން ފާތުންގެ ހިތްވަރުވެސް އައުވާ ގޮތްވިއެވެ. އަދި ފޯނު ބޫތަށް ގޮސް ޝަހާއަށް ގުޅިއެވެ. ފާތުން އަންނަ ވާހަކަ ބުނުމުން ޝަހާވެސް ހިތްހަމަ ޖެހުނެވެ.
ދޯނި ރަށުން ފުރީ، މެންދުރުން އަނބުރާ އެއްގަޑި ތިރީސް ވަނިކޮށެވެ. އަމާން އޮމާން ދަތުރަކަށްފަހު، ދޯނި ގޮސް މާލެ ފަޅަށް ވަދެވުނުއިރު މެންދަމުން އަލިވެ ބާރަ ޖަހައިފިއެވެ. ފާތުން އަންނަ ޚަބަރު ލިބިފައިވާތީ، ޢަބްދުއްރަޝީދުގެ މޫނު ނާޅާ ބާއްވާފައި އޮތީއެވެ. އެހެންކަމުން ފާތުން ބޭނުންވީ ގެއަށްވެސް ނުގޮސް އެންމެ ފުރަތަމަ ސަހަރާއަށް ދާށެވެ. އޭނާ އެންމެ ލޯބިވާ އޭނާގެ ބައްޕަގެ މޫނު އެންމެ ފަހު ފަހަރަށް ދެކިލުމަށެވެ. ބައްޕައާއި ވަދާޢީ ސަލާމް ކޮށްލުމަށެވެ. ފާތުންއާއިއެކު، އޭނާގެ އުފަން ބައްޕަ ޢަލީ މޫސާ، ބޮޑުދައިތަ ޙައްވަ އަދި އޭނާގެ އަށް އަހަރުގެ ކުޑަ ފިރިހެން ދަރިފުޅު އަޙްމަދު އައެވެ. ދޯނިން ފޭބި ގޮތަށް ކާރަކަށް އަރައިގެން ދިޔައީ ސަހަރާއަށެވެ. ސަހަރާއިން އެންމެ ފުރަތަމަވެސް ފާތުންއާއި ބައްދަލުވީ ޝަހާއެވެ. ޝަހާ ފެނުމާއިއެކު، ފާތުންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގަތެވެ. އަދި ޝަހާގެ ގައިގާ ބައްދާލުމާއިއެކު އަޑުން އަޑުނަގާ ރޮއެގަނެވުނެވެ. ”ޝަހާ، މަގޭ ބައްޕަ.“ ފާތުންއަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. ފާތުންގެ ބުރަކަށީގައި އޯގާތެރިކަމާއިއެކު، ފިރުމާލަމުން ޝަހާ ބުނެލިއެވެ. ”ފާތުން ހިތްވަރު ކުރޭ. ފާތުންއަކީ ނުލާހިކު ހިތްވަރުގަދަ ކުއްޖެއްނު ދޯ“. އެއީ މިފަދަ ދަނޑިވަޅެއްގައި ވާނެ ކަމެއް ނޫންކަން އެނގިހުރެވެސް ޝަހާ އެހެން ބުނެލިއެވެ. އެދަނޑިވަޅުގައި ބުނާނެ އިތުރު އެއްޗެއް ނުވެސް އެނގުނީތީއެވެ. ފާތުންގެ ކޮނޑުގައި އަތް އަޅުވާލައިގެން ހުރެ މަޑު ހިނގުމެއްގައި ހިނގާލާފައި ޝަހާ މިސްރާބު ޖެހީ ހިނަވާގެއާއި ދިމާއަށެވެ. ދެވޭ ނުދެވޭ ތަނެއް ނޭންގި ހުރެ ފާތުންވެސް ޝަހާ ގެންދިޔަ ތަނަކަށް ދިޔައެވެ. ޢަލީ މޫސާ އަދި ޙައްވަވެސް ފަހަތުން ދިޔައެވެ. ޙައްވަގެ ތުއްތު ދަރިފުޅު އޮތީ ކޮނޑުމަތީގައި ބޯއަޅާލައިގެން ނިދާފައެވެ. ފާތުން މަޑުމަޑުން ގޮސް މައްޔިތާ ކައިރިއަށް ހުއްޓިލިއެވެ. ކައިރީގައި އޭނާގެ ގާތް ތިމާގެ މީހުން ތިއްބެވެ. އެއިން ކޮންމެ މޫނަކީ ފާތުން ވަރަށް ރަނގަޅަށް ދަންނަ މޫނެކެވެ. ފާތުންގެ ހަށިގަނޑުގައި ހިނގަނީ އެމީހުންނާއި އެއްލެއެއް ނޫނެއް ކަމަކު، މިހާތަނަށް ޖެހެންދެންވެސް ޢަބްދުއްރަޝީދުގެ ޢާއިލާގެ ކޮންމެ މެމްބަރަކުވެސް އައީ ފާތުންއަކީވެސް އެމީހުންގެ މީހެއް ކަމަށް ދެކެމުންނެވެ. ޢާއިލާގެ ހުރިހާ ކަމެއްގައިވެސް ވަކި ތަފާތެއް ނެތި ފާތުން ޝާމިލު ކުރަމުންނެވެ. ފާތުން އެތަނަށް ވަނުމާއިއެކު، ޢާއިލާގެ އެންމެން ކަހަލަ ގޮތަކަށް ފާތުން ކައިރިއަށް އައިސް ފިރުމާލާ، ހިތަވަރުދީ ހެދިއެވެ. އަދި ފާތުން ގޮވައިގެން އޭނާގެ ބައްޕަ ކައިރިއަށް ދިޔައެވެ. ފާތުންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފާއިބަމުން ދިޔަކަމުގައި ވީނަމަވެސް ބައްޕަ ކުރިމަތީގައި ބާރަށް ނުރޯން ޢަޒުމު ކަނޑައަޅައިގެން ހުރި ކަހަލައެވެ. ވަރަށް ހިތްވަރު ކޮށްލާފައި ނިތްކުރީގައި އަތް ބާއްވާލިއެވެ. އަތް ތުރުތުރު އަޅާ ޙާލުގައެވެ. އަދި މަޑުމަޑުން ބައްޕާއޭ ކިޔާފައި ގޮވާލިއެވެ. އޭރުވެސް އެންމެ ގާތުގައި ހުރީ ޝަހާއެވެ. އެވަޤުތު ފާތުންގެ ފައިކޮޅުން ވާގި ދޫވެގެން ވެއްޓެން އުޅޭހެން ހީވުމުން ކައިރީގައި ތިބި މީހުން ފާތުން ހިފެހެއްޓުމުގައި ޝަހާއަށް އެހީތެރިވިއެވެ.
ފާތުން ގޮވައިގެން މަޑުމަޑުން ހިނަވާގެއިން ނިކުމެ އެތަނުގައި ހުރި ގޮނޑިއެއްގައި ފާތުން ބޭންދި ވަޤުތު ވަރަށް މަޑުމައިތިރި އަޑަކުން ފިރިހެން ކުއްޖަކު ގޮވާލިހެން ހީވުމުން އެއީ ކާކުތޯ ޝަހާ އެނބުރި ބަލައިލިއެވެ. އެއަޑަށް އިޖާބަ ދިނުމަކީ ފާތުންއަށް މިވަޤުތު ވާނެކަމެއް ނޫންކަން ޝަހާއަށް އެނގޭތީވެސް މެއެވެ. ޝަހާ އެނބުރި ބަލައިލިއިރު ކައިރީގައި އިނީ އަޙްސަންއެވެ. ފާތުންއަށް މި ކުރިމަތިވި ހިތާމަވެރި ދަނޑިވަޅުގައި އަޙްސަންވެސް ބައިވެރިވާން ބޭނުންވީއެވެ. ”އަޙްސަން، ކޮންއިރަކު މިތަނަށް އައީ؟ ކިހިނެއް އަހްސަންއަށް އެނގުނީ؟“ ލިބުނު ހައިރާން ކަމާއިއެކު ޝަހާގެ ސުވާލު ކުރިއެވެ. ”މާލެތެރޭގަ މިހާ ބޮޑު އެކްސިޑެންޓެއް ހިނގީމަ މަށަށްވެސް ހަމަ އެގިދާނެތާ ދޯ. އަދި އަމުދުން ފާތުން ބައްޕަމެން ފަދަ މީހަކު ނިޔައުވުމުން މުޅި މާލެއަށް އޭގެ ޚަބަރު ފެތުރޭނެތާ ދޯ. ދެން އެހެން ނޫނަސް ފާތުންއަށް މިވަރުގެ ބޮޑުކަމެއް ދިމާވީމަ އަހަރެން ނައިސް ހުންނާނެހެން ޝަހާއަށް ހީވޭތަ؟“ އަޙްސަން އެތަނަށް އައި ސަބަބު އޮޅުން ފިލުވައިދިނެވެ. ”އަހަރެން ބޭނުން ފާތުންގެ ކޮންމެ ހިތާމައެއްގަ ބައިވެރިވާން. އަހަރެންނަށް ކޮންދެވޭނެ އެއްވެސް ކަމެއް އޮތިއްޔާ ބުނައްޗޭ އިނގޭ ޝަހާ.“ ވޭތުވެ ދިޔަ ދުވަސްތަކުގައި ހިނގާދިޔަ އެއްވެސް ކަމެއް އަޙްސަން ހަނދާން ކުރަން ބޭނުންނުވާ ކަހަލައެވެ. ހަމަ އެހެންމެ، އަޙްސަން އެފަދަ ގޮތަކަށް ފާތުންއަށް ޓަކައި ވާހަކަ ދެއްކުމުން ޝަހާއަށް ކުރާނެ އަސަރަކަށްވެސް ބަލަން ބޭނުންނުވާ ކަހަލައެވެ. ”ތޭންކްޔޫ އަޙްސަން. ވަރަށް އުފާވެއްޖެ މިފަދަ ވަޤުތެއްގަ އަޙްސަންވެސް ފާތުންނާއެކު ވާކަން އެނގުނީމަ. އަދި ހަމަ ޙަޤީޤަތުގަވެސް ފާތުން ދެކެ އަޙްސަން ވަރަށް ލޯބިވާކަން އެނގިއްޖެ.“ ޝަހާގެ އަމިއްލަ އިޙްސާސްތަކަށް އެއްވެސް ފަރުވާލެއް މިއަދު ނެތް ކަހަލައެވެ. އަދި ޝަހާ މިހުރިހާ ވާހަކައެއް ދެއްކިއިރު، ފާތުން އިނީ ޝަހާގެ ކޮނޑުގައި މަޑުމަޑުން ބޯއަޅާލައިގެން ލޯމެރިފައެވެ. ދުނިޔޭގެ ހޭވެރިކަން ނެތް ކަހަލައެވެ. ފާތުންއަށް އެތަނުގައި އިތުރު މީހަކު އިންހެން ހީވެގެން މަޑުމަޑުން ބޯ ހިއްލާލުމާއެކު ބަލައިލިއެވެ. އަދި މަޑުމަޑުން ލޯ ހުޅުވާލުމާއިއެކު، ކައިރީގައި އިނީ ކާކުތޯ ބަލައިލިއެވެ. ފާތުން ބޯ ހިއްލާލިތަން އަޙްސަންއަށް ފެނިގެން މަޑުމަޑުން ފާތުންއަށް ގޮވާލިއެވެ. އަދި ފާތުންގެ އެންމެ ކައިރިގައި ހުންނަން ބޭނުންވިއެވެ. އެހެނަސް އެއީ ވާނެ ކަމެއް ނޫންކަން އަޙްސަންއަށް ރަނގަޅަށް އެނގެއެވެ. ފާތުންވެސް މަޑުމައިތިރި އަޑަކުން އަޙްސަންއަށް ގޮވާލިއެވެ. އެހެންނަމަވެސް އިތުރު ވާހަކައެއް ދައްކާނެހާ ހިތްވަރެއް ފާތުންގެ ނެތެވެ.
ޖަނާޒާގެ ހުރިހާ ކަމެއް ނިންމާލުމަށްފަހު، ސަހަރާއިން ނިކުންނަން ތައްޔާރު ކޮށްލި ވަޤުތު ސަހަރާގެ ފޯނަށް ގުޅާފައި އެދިނީ ފާތުންގެ މުޅި ޙަޔާތް ބަނަވެގެން ދާނެ ފަދަ ޚަބަރެކެވެ. އާނއެކެވެ. ފާތުންގެ މަންމަ ޙަސީނާވެސް ނިޔައުވީއެވެ. އެކްސިޑެންޓުގައި ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ލޭ މަނާނުވެ، އޮތް ޙާލުގައި އޮވެއެވެ. އެޚަބަރު ލިބުމާއިއެކު، ފާތުން ހޭނެތިގެން ވެއްޓުނީއެވެ. ޙައްވަވެސް ރޮނީއެވެ. ޝަހާއަކަށްވެސް ކެތެއް ނުވިއެވެ. އަޙްސަންގެ އަތްދަނޑި މައްޗަށް ލައިގެން އިތުރު އެހެން މީހުންގެ އެހީގައި ކާރަކަށް ލައިގެން ފާތުން ގެންދިޔައީ ހޮސްޕިޓަލަށެވެ. އޭރު ފަތިސްވާން ކައިރިވަނީއެވެ. ފާތުން ގެންގޮސް ވެއްދީ އެމަޖެންސީ ރޫމަށެވެ. އެކުގައި ވަނީ، ޝަހާއެވެ. އަދި ފާތުން ގެންގުޅެ ބޮޑުކުރި ބައްޕަ ފަރާތުގެ، ފާތުން ދެބެންގެ ދެދަރި ކަމަށް ބަލާ އޭނާގެ ބޭބެއެކެވެ. އެމަޖެންސީ ރޫމްގެ ބޭރުގައި ފާރުގައި ކޮނޑު ވިއްދާލައިގެން ދެފައި ކަތުރު ކޮށްލާ، ހަށަން ބަނދެލައިގެން އަޙްސަންވެސް ހުއްޓެވެ. ފާތުން އެޙާލުގައި އޮއްވާ ގެއަށް ދާން ބޭނުން ނުވާތީއެވެ. ފާތުންގެ ޙާލަތު މާބޮޑަށް ގޯސްވަމުން ދާތީ، ނިދާ އިންޖެކްޝަނެއް ޖަހާފައި ބޭއްވީއެވެ. ކަން ދިމާވިގޮތުން ފާތުން މަންމަގެ ޖަނާޒާއަކު، ފާތުންއަކަށް ޝާމިލެއް ނުވެވުނެވެ. އެހެނީ، ވީހާވެސް އަވަހަކަށް ވަޅުލަންވެސް ޖެހުމުންނެވެ. ފާތުން ހޭއެރީ އެދުވަހު މެންދުރުން އެނބުރި ފަހުންނެވެ. ޖަނާޒާގައި ބައިވެރިވުމަށް އަޙްސަން ދިޔައެވެ. ޖަނާޒާގެ ކަންތައް ނިމުމާއިއެކު، އަނެއްކާވެސް އެނބުރި އައީ ހޮސްޕިޓަލަށެވެ. ކެއުމެއް ބުއިމެއް ނެތި، ފާތުން ހޭއަރަންދެން ހޮޕސްޕިޓަލްގެ އެމަޖެންސީ ރޫމްގެ ބޭރުގައި ހުރީއެވެ. ހޭއެރިކަން އެނގުމުން ޝަހާއަށް އާދޭސް ކޮށްގެން ފާތުން ކައިރިއަށް ވަދެ، ކުޑައިރުކޮޅަކު ކައިރީގައި އިނެވެ. ފާތުންއަށް އެކި ގޮތްގޮތަށް ހިތްވަރުވެސް ދެމުން ގެންދިޔައެވެ. ކޮންމެފަދަ ހާލެއްގައިވެސް ފާތުންއާއެކު އަބަދުވެސް އަޙްސަން ހުންނާނެ ކަމުގެ ޔަޤީންކަންވެސް ދިނެވެ. ފާތުންއަށް ދިމާވި މިހިތާމަވެރި ދަނޑިވަޅުގައި ޝަހާގެ މައިންބަފައިވެސް އެންމެ ފުރިހަމައަށް ބައިވެރިވިއެވެ. އެއީ އެދެމަފިރިންގެ ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާގެ މައިންބަފައިންގެ އިތުރުން އެދެމަފިރިންގެވެސް އެންމެ ގާތް އަވަށްޓެރިންނެވެ. ޒަމާންތަކެއް ވަންދެން އެކުގައި އުޅެފައިވާ ޢާއިލާއެކެވެ. ވީއިރު، މި ޙާދިސާއިން އެދެމީހުންނަށް ކުރާނެ އަސަރުވެސް ވަކި ކުޑައެއް ނުވާނެތާއެވެ.
ހޮސްޕިޓަލްއިން ދޫކޮށްލުމުން ފާތުން ގެއަށް ގެނެސް ހަމަޖެހިލުމާއިއެކު، ފާތުންގެ އުފަން ބައްޕަ ޢަލީ މޫސާ ފާތުންއަށް ވަރަށް ހިތްވަރު ދިނެވެ. ކޮންމެ ގޮތެއްވިޔަސް ފާތުންގެ ކުރިމަތީގައި އޮތީ އަނދިރި ދުވަސްތަކެކެވެ. ދެން ކުރިޔަށް ދާނެ އަލިމަގެއް ފެންނަންވެސް ނެތް ކަހަލައެވެ. އޭނާގެ މައިބަފައިން ވަނީ އޭނާއަށް ޓަކައި ފޮނި ހުވަފެންތަކެއް ދެކެފައެވެ. އެކްސިޑެންޓްވީ ދުވަހަކީ އެދެމަފިރންގެ ހުވަފެން ތަކުގައި ޙަޤީޤީ ކުލަ ޖެހެން ފެށި ދުވަހެވެ. އެހެނަސް ކަން ހިނގާނީ ތަޤުދީރު ނިޔާކުރާ ގޮތަކަށެވެ. އެއްވެސް ކަމަކީ، އަހަރެމެން އިންސާނުންގެ އިޚްތިޔާރުގައި އޮންނާނެ ކަމެއް ނޫނެވެ. ފާތުންއަކީ، އޭނާގެ މައިނަބަފައިންއަށް ކިޔަމަންތެރި ދަރިޔަކަށް ވާތީ، އަބަދުވެސް ވިސްނައިގެން ހުރީ މައިންބަފައިން ދައްކާ މަގަކުން ކުރިޔަށް ދިއުމަށެވެ. އެހެނަސް އޭނާއަށް މަގު ދައްކަން ތިބި މަންމައާއި ބައްޕަ މިއަދަކު އޭނާގެ ކައިރިއަކު ނެތެވެ. މި ފަނާވަނިވި ދުނިޔެއަށް އަބަދުގެ އަބަދަށް އަލްވަދާޢު ކީއެވެ. މިހާރު ފާތުންއާއި އެކުގައި ހުރީ އަމިއްލަ ޙާލައިގެން އުޅުމަށް ނުކުޅެދިފައިވާ އޭނާގެ އުފަން ބައްޕައެވެ. އެ ބައްޕަގެވެސް ފާތުން ފިޔަވާ އިތުރު މީހަކު ނެތެވެ. މިއަދު ފާތުންއަކީ އޭނާގެ އެ ބައްޕަގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާ ގެންގުޅެ ބޮޑުކުރި މައިންބަފައިން ދުނިޔޭގައި ތިބިނަމަވެސް އެމީހުންވެސް ފާތުންއަށް ދޭނެ ނަޞޭހަތަކަށް ވީހީ، އެބައްޕަ ބެލެހެއްޓުމާއި ޙަވާލުވާށެވެ. މިފަދަ އެތައް ފިކުރަކާއި ވިސްނުމެއް ފާތުންގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. ބައްޕަ އެކަނި ދޫކޮށްލާފައި އަމިއްލަ މުސްތަޤުބަލު ބިނާކުރުމަށް މަސައްކަތް ކުރާކަށް ފާތުންގެ ޒަމީރު ތަނެއް ނުދެއެވެ. އެހެނަސް ކުރިމަތީގައި އޮތީ މުޅި ދިރިއުޅުމެވެ. ދެކަފިވެފައިވާ މަގެއްގެ ކޮޅުގައި ހުރެވުނު ކަހަލަ އިޙުސާސެއް ފާތުންއަށް ކުރެވެމުން ދިޔައެވެ. އެއް މަގުން ފެންނަން އޮތީ ފާތުން ގެންގުޅެ ބޮޑުކުރި މައިބަފައިން ފާތުންއަށް ޓަކައި ކުރި އުންމީދުތަކާއި ދުށް ފޮނި ހުވަފެން ތަކެވެ. އަނެއް ކޮޅުގައި ހުރީ އުފަން ބައްޕައެވެ. އެކަނިވެރި ޙާލުގައެވެ.
- ނުނިމޭ