އދ. ދަނގެތީގެ ބަނދަރުގެ ދަތިކަމުގެ މައްސަލަ ޙައްލުކުރުމުގެ ޢަމަލީ މަސައްކަތް، ފެށޭ ދެހާސް ފަންސަވީސް ވަނަ އަހަރު ފަށްޓަވާނެކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު އެރަށު ރައްޔިތުންނަށް، މި ޔަޤީންކަންދެއްވީ އެރަށަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ރައްޔިތުންގެ ހުށަހެޅުންތައް ވީވަރަކުން ފުރިހަމަ ކުރެވޭ ފަދަ ގޮތަކަށް ކަމަށާއި، މަސައްކަތް ފަށާ ހިސާބުން އަހަރެއް ނުވަތަ ދޮޅު އަހަރުގެ ތެރޭގައި އެ މަސައްކަތްތައް މުޅިން ނިންމާލެވޭނެ ކަމުގެ ޔަޤީންކަންވެސް އެ މަނިކުފާނު ދެއްވި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، އދ. ދަނގެތީގައިވެސް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އދ.ދަނގެއްޗަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލު އޮތީ ބިން ހިއްކައިގެން ކަމަށް ވާ އިރު، ފުރުޞަތު އޮތް މިންވަރަކުން 2025 ވަނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފައްޓަވާދެއްވާނެ ކަމަށާ، ނޫން ނަމަ 2026 ވަނަ އަހަރަކީ، އދ. ދަނގެތީގެ ފަޅުތެރެއިން 27 ހެކްޓަރުގެ ބިން ހިއްކަވާދެއްވާ، ގޯތި ދޫކުރުމާއި ގެދޮރުވެރިކަމުގެ މަޝްރޫޢު ހިންގަވާދެއްވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.
ހަމަ މިފަދައިން، ތަޢުލީމާއި، ޞިއްޙަތުގެ ދާއިރާއިން އދ. ދަނގެއްޗަށް ބޭނުން ވެފައިވާ ތަރައްޤީ ގެނެސްދެއްވާނެ ކަމަށާ، އަރިއަތޮޅު ދެކުނު ބުރީ ދަނގެތި ފަދައިން އެ އަތޮޅުގެ އެހެން ރަށްރަށަށްވެސް ދިމާވެފައި އިޖުތިމާޢީ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އެގޮތުން ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަމަށް ރިޢާޔަތްކުރައްވައިގެން، ދީނީ ކަންކަމާއި ކުޅިވަރުގެ ރޮނގުން މަޝްރޫޢުތައް ހިންގަވާނެކަމަށްވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ވަކިން ޚާއްޞަކޮށް، އދ. ދަނގެތީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައިވާ އޮތް ކަލްޗަރަލް ސެންޓަރުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
އަދުގެ ސަރުކާރުން މި ހުރިހާ ކަމެއްވެސް ކުރައްވަނީ ވަޅުޖެހިފައި އޮތް އިޤްތިޞާދެއް ނަގާ ކޮޅަށްޖަހަމުން ކަމަށާ، ރައްޔިތުންގެ މާލީ ތަނަވަސްކަން އިތުރުކުރުމުގެ ޢަމާޒަށް ވާސިލުވަނީ ފައިސާ ޗާޕުކުރުމަކާ ނުލާކަން ފާހަގަކުރެއްވިއެވެ. ސަރުކާރުން މަޝްރޫޢުތައް ހިންގެވުމުގައި ކުޑަރަށެއް، ބޮޑުރަށެއް ތަފާތު ނުކުރައްވާނެ ކަމަށާ، އެއްވެސް ރައްޔިތަކު ބާކީ ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.