މ. ގްރީން ބިލްޑިންގުގައި ހިންގި ތިން މިނިސްޓްރީ އަނދައި އަޅިއަށްވުމަށްފަހު ސީން ރޫޅާލައި މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ އެކްސްޕާޓުންގެ އެހީތެރިކަން ހޯދަން ފުލުހުން ނިންމުމުން ސުވާލު އުފެދޭ ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ މަހުފޫޒު ސައީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ބޭރުގެ އެކްސްޕާޓުން ގެނެސްގެން މިމައްސަލަ ތަހުގީގު ކުރާ ވާހަކަ ފުލުހުންގެ ފަރާތުން އެނގިފައިވާ ކަމަށެވެ. އެކަމަކު ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ މުޅި ތަން ވެސް ސާފު ކުރުމަށް ފަހު ބޭރުގެ ތަޖުރިބާކާރުން ގެނައުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހި ސިފައިންގެ ތެރޭގައި ވެސް މިފަދަ ހާދިސާތައް ތަހުގީގު ކުރެވޭ ފެންވަރުގެ އެކްސްޕާޓުން ތީބޭނެއެވެ. ފުލުހުންގެ ތެރޭގައި ވެސް ތިބޭނެއެވެ. އެފަދަ މީހުންލައްވައި އެކަން ކުރުވިނަމަ މިހާރު އޮންނާނީ ހާދިސާ ހިނގައިދިޔަގޮތް އެނގިފައި ކަމަށް ރާއްޖޭގެ ގާނޫނީ ވަކީލަކު ވިދާޅުވިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްފޫޒު ވިދާޅުވީ މިމައްސަލަ ފުލުހުންނަށާއި އިންޓަރގްރިޓީ ކޮމިޝަން މެދުވެރިކޮށް ތަހުގީގު ކުރުމަށް އެކަން އެފަރާތްކަށް ހުށަހަޅުއްވާނޭ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެދޭނޭ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވަނީ ވިދާޅުވެފައެވެ.