އިންޑިއާގެ ބޮޑެތި ސިޓީތަކުގައި އެމެރިކާގެ ޑިޕްލޮމެޓިކް ޕްރެޒެންސް އިތުރުކުރުމަށް އެމެރިކާއިން ބުނެފައިވީ ނަމަވެސް މިހާތަނަށް އެކަން ކޮށްފައެއް ނުވެއެވެ. ނަމަވެސް އެމެރިކާއިން މިހާރު އިއުލާން ކޮށްފައި ވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ބެންގަލޫރުގައި އާ ކޮންސިއުލޭޓެއް އިފްތިތާހު ކުރާނެ ކަމަށެވެ.
އިންޑިއާގައި ހުންނަވާ އެމެރިކާގެ ސަފީރު އެރިކް ގާސެޓީ މިކަން އިއުލާން ކުރެއްވީ ޔޫއެސް-އިންޑިއާ ބިޒްނަސް ކައުންސިލް (ޔޫއެސްއައިބީސީ) އިން އިންތިޒާމްކޮށްގެން ބޭއްވި އިންޓަރެކްޓިވް ސެޝަނެއްގަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިންޑިއާގެ ބޮޑު ސިޓީއެއް ކަމަށްވާ ބެންގަލޫރުގައި މިވަގުތު އެމެރިކާގެ ކޮންސިއުލޭޓެއް ނެތް ކަމުގެ އުނިކަން އިހުސާސް ކުރެވޭ ކަމަށާއި އާ ކޮންސުލޭޓު ހުޅުވުމުގެ މަގުސަދަކީ ދެ ގައުމުގެ ޑިޕްލޮމެޓިކް، ޓެކްނޮލޮޖީ އަދި އިގްތިސާދީ އެއްބާރުލުންތައް އިތުރަށް ހަރުދަނާ ކުރުމެވެ
.ގާސެޓީ މިކަން އިއުލާން ކުރުމުން ކަރްނާޓަކާގެ ސަރުކާރާއި މަސްއޫލުވެރިން ވަނީ މަރުހަބާ ކިޔާފައެވެ. ބެންގަލޫރުގެ ދެކުނު ކޮންސްޓިއުއެންސީގެ މެމްބަރު ޓެޖާސްވީ ސޫރިޔާ ވަނީ މީގެ ކުރިން ކަރްނާތަކާ މީހުންނަށް އެމެރިކާގެ ވިސާގެ ހިދުމަތަށް ހޯދުމަށް ޗެންނާއީ ނުވަތަ ހައިދަރުއާބާދަށް ދަތުރުކުރަން ޖެހުނު ކަމަށާއި އިތުރު ތަކުލީފު ބަރުދާސްތު ކުރަން ޖެހުނު ކަމަށް ބުނެފައެވެ.
އޭނާ ވިދާޅުވީ އާ ކޮންސިއުލޭޓުން ކަރްނާޓަކާގެ ސްޓޭޓްގެ ތެރޭގައި ވިސާ ޕްރޮސެސް ކުރުމަށް މަގުފަހިކޮށްދީގެން އަހަރަކު ގާތްގަނޑަކަށް ހަތަރު ލައްކަ އާއި ފަސް ލައްކަ އާއި ދެމެދުގެ އަދަދެއްގެ ކަރްނާޓަކާ މީހުންނަށް ފައިދާ ކުރާނެ ކަމަށެވެ.
މިހާރުވެސް ބެންގަލޫރުގައި ފްރާންސް، ޖަރުމަން، އިސްރާއީލް، އަދި ޖަޕާނުގެ ކޮންސިއުލޭޓްތަކުގެ އިތުރުން އިނގިރޭސިވިލާތުގެ ޑެޕިއުޓީ ހައި ކޮމިޝަނެއް ވެސް ހުރެ އެވެ. އަދި ރާއްޖެއާއި ފިންލޭންޑް، އަޔަލޭންޑް، ޕެރޫ، އަދި ސްވިޒަލޭންޑްގެ އޮނަރަރީ ކޮންސިއުލޭޓްތަކާއި ކެނެޑާގެ ޓްރޭޑް އޮފީހެއް ވެސް ހުރެ އެވެ.
އެމެރިކާގެ ކޮންސިއުލޭޓް ބެންގަލޫރުގައި ހުޅުވުމުން ބައިނަލްއަގްވާމީ ގުޅުންތަކާއި ވިޔަފާރީގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ބެންގަލޫރުގެ ދަރަޖަ އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެ އެވެ.