ޗައިނާއިން ސިފައިންގެ ތެރެއަށް ޒުވާނުން ވެއްދުމަށް މަސައްކަތް ފަށައި އިޝްތިހާރު ކުރަން ފަށައިފިއެވެ.
2025 ވަނަ އަހަރަށް ސިފައިންގެ ތެރެއަށް ވަނުމަށް އަސްކަރީ ރަޖިސްޓްރީ ކުރުން ފެށޭނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. މިއީ އަލަށް 18 އަހަރު ފުރިފައިވާ އެންމެންވެސް މަޖުބޫރުން ކުރަން ޖެހޭނެ ކަމެކެވެ.
ޗައިނާގެ ސިފައިންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެން ރައްޔިތުން ގާނޫނުގައި ބަޔާންކޮށްފައިވާ ސިފައިންގެ ޚިދުމަތުގެ ރަޖިސްޓްރޭޝަންގެ ވާޖިބުތައް އަދާކުރަން ޖެހެ އެވެ.
ކުރިން ސިފައިންގެ ތެރެއަށް ވަނުމަށް ރަޖިސްޓްރީ ވުމަކީ ލާޒިމު ކަމެއް ނޫނެވެ. ނަމަވެސް އިޚުތިޔާރީ ކަމެކެވެ. އެހެންނަމަވެސް މިހާރު 18 އަހަރު ފުރުމުން އަސްކަރީ ޚިދުމަތަށް ލާޒިމު ވެފައި ވެއެވެ.
ޗައިނާގެ ވެޓެރަންސް އެފެއާޒް އޮފީހުގެ ވެއިބޯ އެކައުންޓުން އިންޒާރު ދީފައި ވަނީ ރަޖިސްޓްރީ ނުވެއްޖެނަމަ، މީހާކުރި އެރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން ޔުނިވާސިޓީއަށް ވަނުން ނުވަތަ ވަޒީފާއެއް ހޯދުމަށް ހުރަސްތައް އެޅޭނެ ކަމަށެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީތަކުން ވަނީ ގައުމީ ދިފާއީ ވާޖިބުތައް އަދާކުރުމަށް ދެކޮޅު ހަދާ ނުވަތަ އަސްކަރީ ޚިދުމަތަށް ފިލައިގެން އުޅޭ މީހުންނަށް ހަރުކަށި އަދަބުތައް ދިނުމަށް ބާރުއަޅައި އިއުލާންތައް ނެރެފަ އެވެ. އަދި ގަވާއިދަށް އަމަލު ނުކުރުމުގެ ސަބަބުން އާންމު ހިދުމަތާއި ދައުލަތުގެ ވިޔަފާރިތަކާއި ޚިދުމަތްތައް ހޯދުމަށް ޝަރުތު ހަމަނުވުމާއި، ގައުމުން ބޭރަށް ދަތުރުކުރުމުގެ ޝަރުތު ހަމަނުވުމާއި، ޑިގްރީއެއް ފުރިހަމަ ކުރުމާއި، ނުވަތަ މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ރަޖިސްޓްރީވުމަށް ޝަރުތު ހަމަނުވުމާއި، އައިޑެންޓިޓީ ކާޑު ލިބުމާއި، ގޭބިސީ ރަޖިސްޓްރީކުރުމާއި، ޑްރައިވިން ލައިސަންސް ހޯދުމާއި އަދި ބޭންކް ލޯނު ހޯދުން ފަދަ ޒަރޫރީ ހިދުމަތްތައް ނުލިބުމާއި، ފްލައިޓް ނުވަތަ ހައިސްޕީޑް ރޭލް ޓިކެޓް ގަތުމަށް ހުރަސްއެޅުމާއި، އިޖްތިމާއީ ރައްކާތެރިކަމުގެ އިނާޔަތްތައް ލިބުމުން މީހާ މަހުރޫމް ވާނެ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން ސިފައިންގެ ޚިދުމަތަށް ރަޖިސްޓްރީ ކުރަން ދެކޮޅު ހަދާކަން ފާހަގަ ކުރެވޭ ފަރާތެއްގެ ނަމުގައި ގޭބިސީގެ ރަޖިސްޓްރީގެ މައުލޫމާތުގައި ނިޝާނެއް ޖަހާފައު އޮންނާނެ ކަމަށް ވެސް އިއުލާންތަކުގައި ބުނެފައި ވެއެވެ.
ޗައިނާގެ އޮންލައިން ވައިބޯ ފަދަ މީސްމީޑިއާގައި މީހުން ބުނެފައި ވަނީ، ”އެހާ ޝަރަފުވެރި ކަމެއް ނަމަ އެހާ ގިނަ ޝަރުތުތަކެއް އެޓޭޗް ކުރަންވީ ކީއްވެގެން ހެއްޔެވެ؟“
އަދި އެހެން މީހަކު އަހާލައިފައި ވެއެވެ. ”އުފަންވުމުގެ ނިސްބަތް މިހާ ދަށްވެފައިވާ ދަނޑިވަޅެއްގައި މަޖުބޫރުން ސިފައިންގެ ޚިދުމަތަށް ވެއްދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއ ހެއްޔެވެ؟“