ރައީސް ޑރ. މުއިއްޒު/ފޮޓޯ ރައީސް އޮފީސް

އާއަހަރުގެ ސަރުކާރުގެ އަޒުމް: ރެޔާއި ދުވާލު ޚިދުމަތް ކުރުން: ރައީސް

މުހައްމަދު އަލީ
ޖެނުއަރީ 1, 2025

އައު އަހަރުގެ ސަރުކާރުގެ އަޒުމް ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ. މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިތާބުގައި ރައީސް ވިދާޅުވީ ފެށޭ ކޮންމެ އާ އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމުގެ ފުރުސަތެއްކަމުގައެވެ. އެ އަޒުމް ގައުމީ ފެންވަރުގައްޔާއި ޖަމާޢަތުގެ ފެންވަރުގައްޔާއި ފަރުދީފެންވަރުގައި ވެސް ކަނޑައެޅިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ފެށުނު އާ އަހަރުގެ ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު އިޚްލާސްތެރިކަމާއެކު ދެމި އޮތުންކަމަށް ރައީސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ”ވައުދުތައް ފުއްދުމާއި، އިތުބާރު ދެމެހެއްޓުމާއި، އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައި ތިބެ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުން“ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ފަރުދީ އަޒުމެއްގެ ގޮތުގައި ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރެ، ސުލްހަ މަސްލަހަތު އިސްކުރުމަށް ރައްޔިތުންނަށް ރައީސް ވަނީ ބާރު އަޅުއްވައިފައެވެ. ތަރައްގީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމާއި، އިހްތިރާމާއި، ކުލުނުވެރިކަންކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. ”އާ އަހަރަކީ ތަރައްގީގެ އަހަރަކަށް ހެދުމަށްޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާމެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް“ ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސްގެ ޚިތާބުގައި ވިދާޅުވީ 2025ވަނަ އަހަރު ވެގެންދާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފެށިގެންދާނޭ އަހަރަކަށް ކަމަށެވެ. އަދި އިގްތިސާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގިކަމެއް މުޅި ގައުމަށް ލިބެންފަށާނެ އަހަރަކަށް މިއަހަރު ވާނޭ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަދުގެ ދިވެހި ދައުލަތަކީ ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއްކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ތަރައްގީގެ ދަތުރުގެ އަމާޒަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 

 

މި ލިޔުމާ ގުޅޭ

Leave a Reply

Your email address will not be published. Required fields are marked *