ސޫރަތުލް ޖުމުޢާއިން ލިބިދޭ މެސެޖުތައް (5)
ތިރީގައިވަނީ ސޫރަތުލް ޖުމުޢާގެ ފަސްވަނަ އާޔަތުގެ މާނައެވެ. ’ތައުރާތަށް އަމަލުކުރުމަށް އަންގަވާފައިވަނިކޮށް، ދެން އެއާ އެއްގޮތަށް އަމަލުނުކުރި މީހުންގެ މިސާލަކީ، ފޮތްތަކެއް އުފުލާ ހިމާރުގެ ހިމާރުގެ މިސާލެކެވެ. ﷲ ގެ އާޔަތްތައް ދޮގުކުރި މީހުންގެ މިސާލުގެ ހުރި ނުބައިކަމާއެވެ! އަދި އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވަތެވެ.‘
މިއާޔަތުގައި ﷲ ބަޔާންކުރައްވަނީ ބަނީ އިސްރާއީލުގެ ވާހަކައެވެ. ﷲ، އެމީހުންގެ ރަސޫލެއްކަމުގައިވި މޫސާ ޢަލައިހިއްސަލާމަށް ތައުރާތު ބާވައިލެއްވިއެވެ. އެއީ ﷲ ބާވައިލެއްވި ފޮތްތަކުގެ ތެރެއިން އެންމެ ބޮޑު ފޮތެވެ. އެމީހުން އެފޮތަށް ފުރަގަސްދިނެވެ. އެއަށްފަހު އެމީހުން ބޭނުންވާ ގޮތަށް އެފޮތަށް ބަދަލުގެނައެވެ. އެގޮތަށް ބަދަލު ގެނައުމަށްފަހު އެއީ ﷲ ގެ ފޮތޭ ބުނެ އެމީހުން މަގުފުރެދުމުގައި ވިއެވެ. އަދި އެންމެފަހުގެ ވަޙީ ކީރިތި ޤުރްއާން ބާވައިލެއްވުމުން އެއީ ޙައްޤު ތެދުކަން ކަށަވަރުވާ ހާލު ޔަހޫދީން އެފޮތް ދޮގުކޮށް އެފޮތަށް ފުރަގަސްދިނެވެ. މިއާޔަތުން ﷲ ދައްކަވަނީ އެމީހުންގެ ހުރި ނުބައިކަމުގެ ބޮޑުކަމެވެ.
ފަސްވަނަ އާޔަތް ފެށެނީ މަޘަލް މިބަހުންނެވެ. ތިމްޘާލުގެ މާނަޔަކީ ސޫރައެވެ. މީހެއްގެ ސޫރަ ދައްކާދޭ ބުދުން ހަނދާންކޮށްދެނީ އެ ސޫރަ ރަމްޒުކޮށްދޭ މީހާއެވެ. އެހެންކަމުން މިސާލު މިބަހުން އަހަރެމެން ގެންގޮސްދެނީ ކަމުގެ އަސްލަށެވެ. އެއީ ކަމުގެ ހަގީގަތެވެ. ދަރިވަރުން އުނގެނުމުގައި ހަރަކާތްތެރިވާއިރު އެމީހުންގެ މުދައްރިސުންނާއި އުސްތާޛުން އެމީހުންނަށް މިސާލު ދައްކައެވެ. ބޭނުމަކީ ކަން ސާފުކޮށް ރަނގަޅަށް އޮޅުންފިލުވައިދިނުމެވެ. ތެދުމަގު ދެއްކެވުމުން ތެދުމަގަށް ފުރަގަސްދިނުމަށްވުރެ ބޮޑު ގޯހެއް އިންސާނަކަށް ނުހެދޭނެއެވެ. އެހެންވެ އަހަރެމެން ޔަހޫދީން ދަތުރުކުރި މަގުން ދަތުރުނުކުރުމަށް ﷲ ވަރުގަދައަށް އިންޒާރުދެއްވައެވެ.
ރަސޫލުﷲ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު މަދީނާގައި ތިބި ޔަހޫދީންނަށް ދީނަށް ގޮވައިލެއްވިއެވެ. އެކަލޭގެފާނަކީ ޙައްޤު ރަސޫލެއްކަމާއި ކީރިތި ޤުރްއާނަކީ ޙައްޤު ފޮތްކަން ޔަހޫދީ ޢިލްމުވެރިންނަށް ކަށަވަރުވާނެއެވެ. ސަބަބަކީ ތައުރާތުގައި ﷲ ބަޔާންކުރެއްވި ސިފަތައް ރަސޫލުﷲ ގެ ކިބައިން އެމީހުންނަށް ފެނުނީތީއެވެ. އެކަމަކު އެކަލޭގެފާނުގެ ރަސޫލުކަމާއި ﷲ ގެ ވަޙީ ބަސްފުޅު އެމީހުން ދޮގުކުރިއެވެ. ރަސޫލުﷲ ހުރިހާ ހުއްޖަތެއް ދެއްކެވުމުންވެސް އެމީހުން ބާޠިލުގޮތުގައ ދެމިތިބިއެވެ.
ޔަހޫދީން އެމީހުން އަމިއްލައަށް އުފެއްދި ފޮތް ތަލްމޫދުގައި ބަޔާންކުރަނީ ހިމާރު އޭގެ ބުރަކަށީގައި މުދާ އުފުލުމުގެ ޒިންމާ އަދާކުރާފަދައިން ޔަހޫދީން ތައުރާތަށް ތަބާވުމުގައި ފޭލްވެގެންނުވާނެއެވެ. ޔަހޫދީން އެމީހުން އުފެއްދި ފޮތުގައި ބަޔާންކުރިގޮތަށްވެސް އެމީހުންނަށް އަމަލުނުކުރެވުނުކަން މިއާޔަތުން ކަށަވަރުވެއެވެ. ކިތަންމެ ބައިވަރު ފޮތެއް ހިމާރުގެ ބުރަކަށީގައި އެސޮރު އުފުލިކަމުގައިވިޔަސް އެފޮތްތަކުގައި ހުރި ވާހަކައެއް އެސޮރަކަށް ނޭގޭނެއެވެ. ހިމާރަށްވުރެ ޔަހޫދީންގެ ހާލު އެންމެ ތަންކޮޅެއްވެސް ރަނގަޅުނޫންކަން މިކަމުން ކަށަވަރުވެއެވެ. މިއާޔަތުން އަހަރެމެންނަށް ލިއްބައިދެނީ ފިސާރި ވަރުގަދަ ފިލާވަޅެކެވެ. އެއީ މަގުފުރެދުމުން އެމީހަކަށް ދެން ތެދުމަގުގެ ދޮރު ބަންދުވާކަމެވެ.
އަދުގެ ދުނިޔެއަށް ނަޒަރު ހިންގާއިރުވެސް ޔަހޫދީންގެ ނަމުގެ އުޅޭ މީހުންނަކީ ހައްދުފަހަނަޅާފައިވާ ބައެކެވެ. އެމީހުން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައިވަނީ އެއީ ބާވައިލެއްވި ދީނެއްގެ ގޮތުގައެވެ. އަދި އެމީހުންގެ ބަފައިކަލުންނަކީ އިބުރާހީމްގެފާނު ކަމަށްވެސް އެމީހުން ސާބިތުކޮށްދެއެވެ. މިއީ މުޅިންވެސް ބާޠިލު ދަޢުވާތަކެވެ. އެ މީހުންގެ މި ދަޢުވާތައް ބާޠިލުކުރަނީ ކީރިތި ޤުރްއާނާއި ﷲ ގެ ރަސޫލާގެ ބަސްފުޅުތަކެވެ. އެހެންވެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރުމަކީ އެމީހު ތާއަބަދު ކުރާނޭ ކަމެކެވެ.
ތިރީގައިވަނީ ސޫރަތުލް ޖުމުޢާގެ ހަވަނަ އާޔަތުގެ މާނައެވެ. ’ކަލޭގެފާނު ވިދާޅުވާށެވެ! އޭ ޔަހޫދީވި މީހުންނޭވެ! ﷲ ގެ ޙަޟުރަތުގައި އެހެން މީހުން ފިޔަވައި ގާތް ބަޔަކީ، ތިޔަބައިމީހުން ކަމުގައި ތިޔަބައިމީހުން ހީކުރާނަމަ، ފަހެ، ތިޔަބައިމީހުން މަރުވުމަށް އެދިބަލާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ މީހުން ކަމުގައިވާނަމައެވެ.‘ ﷲ އެކަލާނގެ ރަސޫލާއަށް މި އަމުރުކުރައްވަނީ ސީދާ ޔަހޫދީންނާ މުޚާޠަބުކޮށް ވާހަކަދެއްކެވުމަށެވެ. އަދި ﷲ ގެ ވަޙީ ބަސްފުޅު އެމީހުންނަށް އިއްވާދެއްވުމަށެވެ.
މަދީނާގައި ރަސޫލުﷲ ގެ ރަސޫލުކަން ދޮގުކުރި ޔަހޫދީ ޢިލްމުވެރިން ދުށްގޮތުގައި އެމީހުންނަކީ މާމަތިވެރި ބައެކެވެ. ޢިލްމީގޮތުން ރަސޫލާއަކީ އެމީހުންނާ ބަހުސްކުރެވޭވަރަށްވުރެ މާ ދަށް ބޭކަލެވެ. އެމީހުން ދުށްގޮތުގައި ލިޔަންކިޔަން ނޭގޭ މީހަކަށް އެމީހުންނާ ވާހަކަވެސް ނުދެއްކޭނެއެވެ. އެމީހުން ދުށްގޮތުގައި މިޒަމާނުގެ ވިސްނުމުގައި ނަމަ، އެކަލޭގެފާނު އެމީހުންނާ ވާހަކަ ދެއްކުމެކޭ ޕީއެޗްޑީ ހަދާފައިހުރި މީހަކު ގުރޭޑް ތިނަކުން ކަނޑާލާފައިވާ މީހަކާ ބަހުސްކުރުމެކޭ އެއްފަދައެވެ. މަދީނާގެ ޔަހޫދީ ޢިލްމުވެރިންގެ ނޭއްގާނީކަމާއި ކިބުރުވެރިކަން ހުރީ އެފަދައިންނެވެ. އެންމެ ފަހުގެ ނަބިއްޔާ އެމީހުންގެ ތެރެއިން ފާޅުނުކުރެއްވުމުން އެމީހުން އެކަމުގެ ހަސަދަވެރިކަމުގައި ރަސޫލުﷲ ދޮގުކުރީއެވެ.
ރަސޫލުﷲ ޔަހޫދީން ގާތަށް ވަޑައިގަތް ފަދައިން ޢީސާ ޢަލައިހިއްސަލާމްވެސް ޔަހޫދީން ގާތަށް ވަޑައިގަތެވެ. އަދި ތައުރާތުން އެކަލޭގެފާނުގެ ރަސޫލުކަން އެކަލޭގެފާނު ޔަހޫދީންނަށް ދެއްކެވިއެވެ. އެކަމަކުވެސް އެމީހުން އެކަލޭގެފާނަށް ފުރަގަސްދީ އެކަލޭގެފާނު އަވަހާރަކޮށްލަން ނިކުތެވެ. މިއީ ފެށުނީއްސުރެ ޔަހޫދީން އުޅެމުން އައި ގޮތެވެ. ތެދުމަގު ދައްކަވަން ﷲ ފޮނުއްވި ނަބިއްޔުންނަށް އެމީހުން ދިނީ ބީރު ކަންފަތެކެވެ. އަދި ޔަހޫދީން، ޢީސާގެފާނުގެ ކުރިން ފޮނުއްވި ޔަޙްޔާ ޢަލައިހިއްސަލާމް އަވަހާރަކޮށްލިއެވެ.
މިއާޔަތުން ﷲ ސީދާ ޔަހޫދީންނަށް މިއަންގަވަނީ އެމީހުން ތިބީ ތެދުމަގުގައި ކަމުގައިވާނަމަ، މަގުފުރެދިފައި ތިބި މީހުން ޔަޢުނީ ރަސޫލުﷲ އާއި އެކަލޭގެފާނަށް ތަބާވި މީހުން މަރުވުމަށް އެދުމަށެވެ. އެކަމަކު އެމީހުން އެފަދައިން ނޭދޭނެކަމަށް މިސޫރަތުގެ ހަތްވަނަ އާޔަތުގައި ﷲ އަންގަވައެވެ. ކޮންމެއަކަސް ތެދުމަގަށް ފުރަގަސްދީ ޝައިޠާނާގެ މަގުގައި ތިބުމަކީ ޔަހޫދީންގެ އާދައެކެވެ. އެންމެ ފަހުގެ ނަބިއްޔާއާ ޔަހޫދީން ބައްދަލުވުމުން އެކަލޭގެފާނަށް ތަބާވާންޖެހޭކަން އެންމެ ރަނގަޅަށް އެނގެނީ އެމީހުންނަށެވެ. ރަނުގެ ފުރުސަތުގެ ބޭނުން ހިފައި އެކަލޭގެފާނަށް އެންމެ ފުރަތަމަ ތަބާވާންޖެހެނީވެސް އެމީހުންނެވެ. އެކަމަކު ހުރިހާ ކަމެއް އެނގިތިބެ އެމީހުން ﷲ ގެ ރަސޫލާއަށާއި ﷲ ގެ ފޮތަށް ފުރަގަސްދިނެވެ. ޔަހޫދީން މިކުރި ނުބައިކަމުގެ ބޮޑުކަން މިއާޔަތުން ﷲ އަންގަވައެވެ.
ސޫރަތުލް ޖުމުޢާގެ ހަތްވަނަ އާޔަތުގެ މާނައިގައިވެއެވެ. ’އަދި އެމީހުންގެ އަތްތައް އިސްކުރި ނުބައި އަމަލުގެ ސަބަބުން ދުވަހަކުވެސް އެމީހުން އެކަމަކަށް ނޭދޭނެއެވެ. ﷲއީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.‘ އެމީހުން އިސްކުރި ނުބައިކަންކަން ކިތަންމެހާވެސް ގިނައެވެ. އޭގެތެރޭގައި ރުޅިވެރިކަމާއި ހަސަދަވެރިކަމާއި އަޅާކިއުމާއި ބޭކާރުކަމާއި އެކަނިވެރިކަމާއި ދަހިވެތިކަމާއި ޝަހުވަތާއި ޣާފިލުކަމާއި މާއްދިއްޔަތު ހިމެނެއެވެ. މިކަންކަމުގެ ސަބަބުން އެމީހުން ތެދުމަގުން ކައްސާލިއެވެ. އެމީހުންނަށް އެންމެ މުހިންމުވީ އެމީހުންނެވެ. އެމީހުންގެ ދުނިޔަވީ މޮޅާއި ކާމިޔާބެވެ. ނަތީޖާއަކަށްވީ ﷲ ގެ މަގަށް އެމީހުންނަށް ސަމާލުކަން ނުދެވުމެވެ. އެފަދަ ބަޔަކު މަރުވުމަށް އެދޭނެ ގޮތެއް ނޯންނާނެއެވެ.
މިފިލާވަޅުން އިބުރަތް ހާސިލުކޮށްގެން އަދުގެ މުސްލިމުން ކުރަންޖެހޭ ކަމަކީ ޔަހޫދީން ދަތުރުކުރި މަގުން ދަތުރު ނުކުރުމެވެ. ޝައިޠާނާއަށް ހެއްލި މިދުނިޔޭގެ ދަޅައިގައި ނުޖެހުމެވެ.
(ނުނިމޭ)
ފަޔާޒަކީ ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް ފޯރި ހުންނަ ދަރިވަރެކެވެ. އޭނާއަކީ ވިލާ ކޮލެޖުގެ ދާރިސެކެވެ.