މިހާ ހިސާބަށް ޑައިރީ ކިޔާލެވުމުން ޝަހާގެ މޫނުމައްޗަށް ލުއިލުއި ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. އަދި ޑައިރީ ކިޔުމުގެ ޝައުޤުވެރިކަން ޝަހާގެ ހިތުގައި އިތުރު ވެގެން ދިޔައެވެ. ވަރަށް ރަނގަޅަށް ހަމަ ޖެހިލާފައި ކުރިޔަށް ކިޔަން ފެށިއެވެ.
”އަހަރެން ގޭތެރެއަށް ވަދެގެން ދިޔައިރު ހުރެވުނީ ތުން ދަމައިގެން. ހަމަ އެއާ އެއްކޮން އެހާ ރުޅިވެސް ގަދަވެފަ. އަހަރެން ފެނިފަ ބައްޕަވެސް ހައިރާންވި. އަދި އަހަނީ ކޮންކަމަކާހޯ ތިހާ ރުޅިގަދަވެފަ ތިހުރީ. މަ ބުނީ ތަނަކުން ފެންނަހާ މީހަކު ވާހަކަ ދައްކަން އުޅެންޏާ ފޫހިވާނެއެއްނޫންހޭ. ޝަހާ އެބަ ހިތަށް އަރާދޯ ތީ ފާތުންގެ މިޒާޖެއް ނޫނޭ. ފާތުންއަކީ ކޮންމެ މީހަކާވެސް އެހާ ހިތްހެޔޮ ކަމާއެކީ އަނގައިން ބުނާ ކުއްޖެއް ވިއްޔާއޭ. އާން. އެނގޭ ޝަހާ ޤަބޫލު ނުކުރާނެކަންވެސް. އެކަމަކު ތެދުތެދަށް ބުނަންޏާ ކުޑަބެ މަށާ ދޭތެރޭގަ ކަންތައް ކުރިގޮތުން ހިތުތެރޭގަ ފާޑެއްގެ ބިރެއް އުފެދުނީ. އޭގެފަހުން ވަރަށް ބަލަން ވީވަރަކުން މީހުން އެވޮއިޑް ކުރެވޭތޯ. ވަކިން ޚާއްޞަކޮށް ނުދަންނަ މީހުންނާ އެއްގޮތަކަށްވެސް ވާހަކައެއް ނުދައްކަން. އެކަމަކު މީހަކު ފަހަތުން އައިސް ކުއްލިޔަކަށް އަހަރެންގެ ނަމުން ގޮވާލީމަ އަނގައިން ބުނެވުނީ. ފަހުން ވަރަށް ފޫހިވެސްވި. އޭ އަދި އެބައޮތޭ ޝަހާ ކައިރީގަ ބުނަންވެފަ އޮތް ވަރަށް ބޮޑު ވާހަކައެއް. މިވާހަކަ ކިޔައިދޭން ފެށުމުގެ ކުރިންވެސް ޝަހާގެ ކިބައިން މަޢާފަށް އެދެން ބޭނުން އިނގޭ. ހޯޕް ޔޫ ވިލް ފޮގިވް މީ. އަހަރެން ރަށަށް ބަދަލު ވުމުގެ ކުރިން އަޙްސަން އަހަންނަށް ގުޅި. އެންމެ ފުރަތަމަ ގުޅީވެސް މަންމަ ނިޔާވި ދުވަހުގެ ރޭ. ޝަހާ އަހަރެން ކައިރީގަ އިނދެފަ ރެސްޓް ކޮށްލާށޭ ކިޔާފަ ގެއަށް ދިޔަތަނާ. އެރޭ ގުޅީ އަހަރެންގެ ޙާލު ބަލާލާށޭ ކިޔާފަ. އެކަމަކު އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ގުޅާ. ވަރަށް ގިނައިރު ވަންދެން ވާހަކަވެސް ދައްކާ. ވަރަށް ބޮޑަށް ސޮރީ ޝަހާ ކައިރީގަ މިވާހަކަ ޝެއާރ ނުކުރެވުނީމަ. އަސްލު ޝަހާ ދެރަވެދާނެތީ ނުކެރުނީ. އާނ ޤަބޫލުކުރަން ޝަހާ ފަހުން ބޭނުންވީ އަހަރުމެން ދެމީހުން ގުޅުވަން ކަންވެސް. އެކަމަކުވެސް ޝަހާގެ ހިތުގަ އަޙްސަންއަށް ޓަކާ އޮތް ފީލިންގްސް އެންމެ ރަނގަޅަށް އެނގެނީ މަށަށްތާ ދޯ. އެހެންވީމަ ހަމަ ނުކެރުނީ. އަހަރެން ވިސްނީ ޝަހާ ހަސަދަވެރި ވާނެ ކަމަށޭ ހީނުކުރައްޗޭ އިނގޭ. އަހަރެންގެ އުފަލަށްޓަކާ ޝަހާގެ ލޯބި ޤުރުބާން ކޮށްލަފާނެކަން އަހަރެން ޤަބޫލުކުރަން. އެކަމަކު އެއީ ޝަހާގެ ފަރާތުން އަހަރެން އެދޭނެ ކަމެއް ނޫންކަން ޝަހާއަށް އެނގޭނެ. އެހެންވީމަ، އަހަރެން ރަށަށް ބަދަލުވި މައިގަނޑު ސަބަބުތަކުގެ ތެރޭގަ ހިމެނޭ އަނެއް ސަބަބަކީ އަޙްސަން. އަހަރެން މިހެން ބުނީމަ މިހާރު ޝަހާގެ ހިތުގަ ވަރަށް ބޮޑު ސުވާލެއް އުފެދޭނެ ކަންވެސް އަހަރެންނަށް އެނގޭ. ސަބަބު މިކިޔައިދެނީ އުންމީދުކުރަން އަހަރެންނަށް މަޢާފް ކުރާނެކަމަށް.
ކުރިންވެސް ބުނިހެން އަޙްސަން އަހަރެންނަށް ކޮންމެ ދުވަހަކުވެސް ގުޅަމުން ގެންދިޔަ. އަހަރެންގެ ޙާލު ބަލާ، ތަފާތު ކަންކަމުގަ ވަރަށް ރަނގަޅު ލަފަޔާ ޚިޔާލުވެސް ދެމުން ގެންދިޔަ. އެހުރިހާ ކަމެއްގެ ތެރެއިން އަހަރެންވެސް މަޑުމަޑުން އަޙްސަންއަށް ފޯލްވަމުން ދިޔައީ. ތެދުތެދަށް ބުނާނަމަ އަހަރެންނަށް އަޙްސަން ދެކެ ލޯބި ވެވުނީ. ސޮރީ ޝަހާ، އެކަމަކު އަހަރެންގެ ހިތް އަމިއްލަ އިޚްތިޔާރުން ބޭރުވީ. އަދި އަހަރެން އަހްސަން ކުރިމަތީގަ އެކަމަށް އިޢުތިރާފުވެސް ވިން. އެކަމަކު އޭރުވެސް އަހަރެން އަޙްސަން ކައިރީގަ ބުނަމުން ގެންދިޔައީ ޝަހާއަށް ދެރައެއް ދީފަ އަހަރެން އަޙްސަންއަކާ ނުގުޅޭނަމޭ. އަޙްސަން އަބަދުވެސް ބުނޭ ޝަހާއަކީ ވަރަށް އަންޑަސްޓޭންޑިން ކުއްޖެކޭ. އަޙްސަން ނުބުންޏަސް އެއީ މަށަށް އެނގޭ ކަމެއް. އެކަމަކު ޝަހާ ބުނެބަލަ، މިސާލަކަށް އަހަރެން ވަކި މީހަކު ބޭނުން ވެގެން އަބަދާ އަބަދު ޝަހާ ކައިރީގަ އެވާހަކަ ދައްކަމުން ގޮއްސަ ހުރި މިހަކާ ޝަހާ ގުޅޭނަންތަ؟ ހަމަ ޔަޤީން ޝަހާ އެހެން ނުހަދާނެކަން. އެކަމަކު މިހާ ހިސާބަށް ކަންތައް ދިޔައިރުވެސް ޝަހާ ކައިރީގަ އެއްވެސް ވާހަކައެއް ނުބުނެ އޮތީ އަހަރެން ޝަހާއަށް އިތުބާރު ނުކުރާތީ ކަމަށް އެއްގޮތަކަށްވެސް ހީނުކުރާތި އިނގޭ. އެހެން ނޫންނަމަ މިފަދަ ގޮތަކަށްވެސް މިވާހަކަތައް އަހަރެން ޝަހާ ކައިރީގަ ނުބުނީސްތާ ދޯ. އަހަރެން ބޭނުންނަމަ އަހަރެންގެ މަރުދުވަހާ ހަމަޔަށްވެސް މިކަންކަން ޝަހާއަށް ސިއްރުކޮށްފަ ބޭއްވުނިސް. އެކަމަކު ޝަހާއަކީ އަހަރެން އެންމެ ބޮޑަށް އިތުބާރުކުރާ ފަރާތް. ޝަހާއަށް އެއްވެސް ކަމެއް ސިއްރުކުރާކަށް އަހަރެންގެ ޒަމީރުވެސް ތަނެއް ނުދޭ.“
ފުން ނޭވާއެއް ލުމާއިއެކު، މަޑުމަޑުން ޑައިރީ ލައްޕާލާފައި ޝަހާގެ ކައިރީގައި ބާއްވާލިއެވެ. އަދި ފާތުން ޑައިރީގައި ލިޔެފައި ހުރި ވާހަކަތާކާއި މެދު ވިސްނާލިއެވެ. އާނއެކެވެ. ޝަހާ އަޙްސަން ދެކެ ލޯބިވިއެވެ. އަޙްސަން ޙާސިލު ކުރުމަށްޓަކައި މަސައްކަތްވެސް ކުރިއެވެ. އެހެނަސް ޝަހާގެ ހިތުގައި އޮތް ލޯބި، ފާތުންއަށްޓަކައި ޤުރުބާން ކޮށްލެވުނީ ކޮންއިރަކު ކަމެއް ނޭންގެއެވެ. އެއާއިއެކު، މިވަޤުތު ޝަހާގެ ހިތުތެރޭގައި ހިނގަމުން އެދަނީ ކޮންކަހަލަ އިޙުސާސްތަކެއް ކަމެއް ޚުދު ޝަހާއަށްވެސް ބުނެދޭން ނޭންގޭ ކަހަލައެވެ. ފާތުން އަދި އަޙްސަން ގުޅުނުކަން އެނގުމުން ޙާޞިލުކުރަން ބޭނުން ވެފައިވާ މަޤްޞަދެއް ޙާޞިލު ކުރެވުނު ކަމުގެ ހިތްހަމަޖެހުންވެސް ހިތުގައި އެބައޮތެވެ. އެހެނަސް އެލޯބި ދޫކޮށްލާފައި ފާތުން ދުރަށް ދިޔައީތީ، އެކަމާ ގޮތް ހުސްވެފައިވާ ކަހަލަ އިހުސާސެއްވެސް އެބަ ކުރެވެއެވެ. މިކަހަލަ ފިކުރުތަކެއްގެ ތެރެއަށް ގެއްލިފައި އޮވެ، ކައިރީގައި އޮތް ފޯނު ނަގާ، ނަންބަރަކަށް ޑައިލް ކޮށްލިއެވެ. އަނެއްކޮޅުން އެފޯނުކޯލަށް އިޖާބަދިނީ އަޙްސަންއެވެ. ”ޝަހާ ހާދަ ލަސްވީމަ ތިގުޅީ އަނެއްކާ ކިހިނެއްވީ؟ ކަންބޮޑުވެފައިވާ ކަހަލަ ގޮތަކަށް އަޙްސަން ސުވާލުކުރިއެވެ. ޝަހާ ބޭނުންވީ ފާތުންގެ ޚަބަރު އަޙްސަންއަށް ދޭށެވެ. ”އަޙްސަން، ފާތުން. މާލޭގަ“ ”ކީކޭ؟ ފާތުން މާލޭގައޭ؟ ޝަހާ މިހާ ދަން ގަޑިއެއްގަ ގުޅައިގެން ސަމާސާކުރަން ނޫޅެއްޗޭ!“ ޝަހާ ބުނި އެއްޗެއް އަޙްސަންއަށް ޤަބޫލުކުރަން އުނދަގޫވިއެވެ. ”އަހަރެން މިބުނީ ހަމަ ތެދެކޭ. އެކަމަކު…“ އޭގެ އިތުރަށް ބުނެދޭނެގޮތް ޝަހާއަށް ނޭންގުނު ކަހަލައެވެ. ”އެކަމަކު؟ އެކަމަކު ކިހިނެއްވީ؟ ތި ބުނަން އުޅޭ އެއްޗެއް ތަންކޮޅެއް ސާފުކޮން ބުނެދީބަލަ.“ ޝަހާ ބުނި އެއްޗެއް އަޙްސަންއަށް ޤަބޫލުކުރަން ދަތިވިއެއް ކަމަކު، ހިތުތެރޭގައި ބުނެދޭން ނޭންގޭ ކަހަލަ ކަންބޮޑުވުމެއް އުފެދުނެވެ. ”ފާތުންގެ ޙާލު ވަރަށް ދެރަ. ހޮސްޕިޓަލްގަ އެޑްމިޓް ކޮށްފަ އޮތީ. އަޙްސަންއަށް މާދަމާ ހޮސްޕިޓަލަށް ދެވިދާނެތަ؟“ ޝަހާގެ ހިތުގައި މިވަޤުތު ހިނގަމުން ދަނީ ކޮންކަހަލަ ޚިޔާލެއް ކަމެއް ޚުދު ޝަހާއަކަށްވެސް ނޭންގުނެވެ. އެކަމަކު ޝަހާ ބޭނުންވަނީ ކޮންމެ ޙާލެއްގައިވެސް އަޙްސަންއާއި ފާތުން އެއްތަން ކުރުވާށެވެ. ”އާން ދެވޭނެ. ދާންވެސް ބޭނުން.“ އަޙްސަން ހުރީ ފާތުން ދެކިލަން ކެތް މަދުވެފައެވެ.
މިވޭތުވެ ދިޔަ ސަތާރަ އަހަރު ދުވަހުގެ ތެރޭގައި އަޙްސަންގެ ޙަޔާތަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. މަތީ ތަޢުލީމު ޙާޞިލުކުރުމަށް ސަރުކާރުން ދެއްވި ސްކޯލާރޝިޕެއްގައި އަޙްސަން ދިޔައީ މެލޭޝިޔާއަށެވެ. ޤާނޫނީ ދާއިރާއިން ޑިގްރީ ޙާޞިލުކޮށްގެން އެނބުރި ރާއްޖެއައިސް ސަރުކާރަށް ޚިދުމަތް ކުރަމުން، މިހާރު އެހުރީ އޭނާގެ އަމިއްލަ މަސައްކަތުން މާސްޓަރސް ޑިގްރީވެސް ޙާޞިލު ކޮށްފައެވެ. މިހާރު އެއީ ކްރިމިނަލް ކޯޓުގެ އިސް ގާޟީއެވެ. މިވީ ދުވަސްތަކުގެ ތެރޭގައި ޝަހާ އަދި އަޙްސަންގެ މެދުގައިވެސް ވަނީ ގާތް ރަޙުމަތްތެރިކަމެއް އުފެދިފައެވެ. އެހެނީ ޝަހާވެސް އޭނާގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރީ މެލޭޝިއާއިންނެވެ. އެއް ދުވަސްވަރެއްގައެވެ. އެގޮތުގެ މަތިން އެކަކު އަނެކަކުގެ ޙާލުބަލާ، ދިމާވާ ތަފާތު ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައެވެ. އެ މުއްދަތުގެ ތެރޭގައި، ދެމީހުންގެ ގުޅުން ގާތް ރަހުމަތްތެރިކަމަށް ބަދަލުވީ ކޮންއިރަކު ކަމެއްވެސް ނޭންގުނެވެ. ޝަހާގެ ހިތުގައި އަޙްސަންއަށް ޓަކައި އޮތް ލޯބި ޤުރުބާން ކޮށްލިއެއް ކަމަކު، އެލޯބި ފަނޑުވެގެންނެއް ނުދެއެވެ. އެހެނެއް ކަމަކު، އެލޯބި ބޭރުފުށުން ހާމަ ނުކުރުން އެއީ އެހެން ކަމެއްތާއެވެ. މިހުރިހާ ކަމެއްގެ ތެރެއިން ހާމަވާ އެންމެ ބޮޑު ޙަޤީޤަތަކީ، އަދިއަދަށް ދާންދެންވެސް ޝަހާ އެހުރީ ޒަވާޖީ ޙަޔާތެއް ނުފަށައެވެ. ސަބަބަކީ، ހިތް އެދުނު މީހާ ޙާޞިލު ނުކުރެވުން ކަމެއް ނުވަތަ އެކުވެރިޔާއަށް ޓަކައި ވީ ޤުރުބާނީގެ އަގު ހިފެހެއްޓުން ކަމެއް ޚުދު ޝަހާއަކަށްވެސް ނޭންގެއެވެ. އަޙްސަންވެސް އެހުރީ ހަމަ އެފަދަ ޙާލަތެއްގައެވެ. ފާތުންގެ އިންތިޒާރުގައެވެ. އަޙްސަންގެ ހިތް ބުނަމުން ގެންދިޔައީ ކޮންމެވެސް ދުވަހަކުން އަހްސަންގެ ޙަޔާތަށް ފާތުން އެނބުރި އަންނާނެ ކަމަށެވެ. ފާތުންގެ ޑައިރީގައި އަޙްސަންގެ ވާހަކަ ބަޔާން ކޮށްފައި ވީނަމަވެސް އެވާހަކަ ތަކަކީ ޝަހާއަށް މާކުރިންވެސް އެނގޭ ޙަޤީޤަތެކެވެ. އަޙްސަންގެ ދުލުންނެވެ. އެނގިފައި ނުވާ ކަމަކީ ފާތުން އަހްސަންއާއި ގުޅެން ބޭނުންނުވެ، ދިރިއުޅުން ރަށަށް ބަދަލުކުރި ޙަޤީޤީ ސަބަބެވެ.
ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަހަކަށް ވާތީ، ޝަހާއަށް ފާތުން ކައިރީގައި ވަޤުތު ހޭދަކުރުމަކީ މާ އުނދަގޫ ކަމަކަށް ނުވިއެވެ. އެހެންކަމުން ޝަހާ ވަރަށް އަވަހަށް ތައްޔާރު ވެލައިގެން ނިކުތީ ފާތުން ކައިރިއަށް ދިއުމަށެވެ. ހޮސްޕިޓަލަށް ވަނުމާއިއެކު، ޝަހާ މިސްރާބު ޖެހީ ފާތުން އެޑްމިޓް ކޮށްފައި އޮތް ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ފާތުން ކައިރީގައި ހުރި ގޮނޑީގައި އިށީނދެގެން އިން އަންހެނަކު އެނބުރި ޝަހާއާއި ދިމާއަށް ބަލައިލިއެވެ. އެވަޤުތު ޝަހާއަށް ލިބުނީ ބުނެދޭން ނޭންގޭ ކަހަލަ އުފަލެކެވެ. ފާތުން ކައިރީގައި ގޮނޑީގައި އިށީންދެގެން އިނީ ފާތުންގެ ބޮޑުދައިތަ ހައްވައެވެ. ބޮޑުދައިތަ ފެނުމާއިއެކު، ޝަހާ ދުވެފައި ގޮސް ބޮޑުދައިތަގެ ގައިގާ ވަރަށް ލޯބިން ބައްދާލިއެވެ. އެހާ ގިނަ އަހަރުތަކަށްފަހު ފެނުމުން ހައްވައަކަށް ޝަހާ ވަކިކުރާކަށް ނޭންގުނެވެ. އެހެންކަމުން ހައިރާނުން ފުރިގެންވާ ނަޒަރަކުން ޝަހާއާއި ދިމާއަށް ބަލައިލުމާއިއެކު، އެއީ ކޮންކުއްޖެއްތޯ ސުވާލު ކޮށްލިއެވެ. ”ބޮޑުދައިތާ، މީ ޝަހާ“. އެހެން ބުނުމާއިއެކު އަނެއްކާވެސް ހައްވަ ޝަހާގެ ގަޔާ ކައިރިކޮށްލިއެވެ. ”ޝަހާ ދަރިފުޅާ“ މިހެން ބުނުމާއިއެކު، ޝަހާގެ ގައިގާ ހައްވަ ފިރުމަން ފެށިއެވެ. އަދި ބާރަށް ރޯން ފެށިއެވެ. ހައްވަގެ ރުއިން ހުއްޓުވޭތޯ ޝަހާ އަދި އަޙްމަދު މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ހައްވަގެ ރުއިން ހުއްޓުނީ، ހިތް ފުރޭ ވަރަށް ރުއިމުންނެވެ. ”ބޮޑުދައިތަ ކަންބޮޑު ނުވޭ، އިންޝާﷲ ފާތުން ރަނގަޅުވާނެ. މިހާރު ހުރިހާ ޓެސްޓުތަކެއްވެސް ހަދާ ނިމިއްޖެ. މިއަދު ނަތީޖާ ލިބުނީމަ ދެން ކުރިއަށް ދާންވީ ގޮތެއްވެސް ޑޮކްޓަރ ބުނުއްވާނެ.“ ހައްވަ ހަމަޔަކަށް އެޅުވޭތޯ ޝަހާ މަސައްކަތް ކުރިއެވެ. ”އެކަމަކު ބޮޑުދައިތަ ކަންބޮޑުވަނީ މި ޙާލަތުގަ ފާތުމަތަށް އިތުރު މައްސަލައެއް ކުރިމަތި ވެދާނެތީ.“ ހައްވަ އެބުނި އެއްޗެއް ޝަހާއަށް ވިސްނައިގަންނަން ތަންކޮޅެއް އުދަގޫވިއެވެ. ހައްވަ އެބުނަނީ ކޮން ޙާލަތެއްގެ ވާހަކައެއް ބާވައެވެ. ”ބޮޑުދައިތަ ތިބުނި އެއްޗެއް އަހަރެންނަކަށް ނުވިސްނުނު. ކޮން ޙާލަތެއްގެ ވާހަކައެއް ބޮޑުދައިތަ ތިބުނީ؟ ރަނގަޅަށް ބުނެދީބަލަ. އަސްލު ފާތުންއަށް ކިހިނެއްތަވީ؟“ ޝަހާ ކޮންމެވެސް ވަރަކަށް ކަންބޮޑުވާގޮތް ވިއެވެ. ”ޝަހާ، ފާތުމަތު ބަނޑުބޮޑު. މިހާރު ބަނޑަށް ތިންމަސް“ ޝަހާގެ ލޯމަތީގައި މުޅި ކޮޓަރި ވަށައިގެން އެނބުރެން ފެށި ކަހަލައެވެ. ފައިކޮޅުން ވާގި ދޫވާހެންވެސް ހީވިއެވެ. ލިބުނު ހައިރާންކަމާއިއެކު އަނގަ މަތީގައި އަތް އަޅައިގެން ހުރެ ބޭއިޚްތިޔާރުގައި އަނެއް ފަރާތަށް އެނބުރިލެވުނީއެވެ. ކުއްލިއަކަށް ބަލައިލިއިރު ދޮރުކައިރީގައި ހުރީ އަޙްސަންއެވެ. އާނއެކެވެ. ހައްވަ އެހެން ބުނި ވަޤުތަކީ އަޙްސަންވެސް އައިސް ކޮޓަރިއަށް ވަންނަން ދޮރު ހުޅުވާލި ވަޤުތެވެ. އެއަޑު އިވުމާއިއެކު، އަޙްސަންގެ އަތުގައި އޮތް މޯބައިލް ފޯނު އަތުން ދޫވެގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ގައިން ވަރު ދޫވެގެން ދޮރުގައި ލެނގިލީއެވެ. އެވަޤުތު ޝަހާ އަދި އަޙްސަންގެ ހަތަރުކަޅި ހަމަވިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ތިބީއެވެ. ބަސް ހުއްޓިފައެވެ. އަޙްސަން ކައިރިއަށް ދާންވީތޯ، ނުވަތަ އެނބުރި ހައްވަ ގާތުން އިތުރަށް މަޢުލޫމާތު އޮޅުން ފިލުވާނީތޯ ވިސްނަން ޝަހާއަށް ހުރެވުނީއެވެ. އެވަޤުތު އިޚްތިޔާރަކާ ނުލާ ޝަހާއަށް އެނބުރިލެވުނީ ހައްވައާއި ދިމާއަށެވެ. އަދި އިތުރަށް ސުވާލު ކުރަން ފެށިއެވެ. ”ބޮޑުދައިތާ. ފާތުން…. ބޮޑުދައިތަ ތިބުނީ ފާތުން މީހަކާ އިނދެގެން އުޅޭ ވާހަކަތަ؟ އެހެންވިއްޔާ ފާތުންގެ އިތުރު ކުދިން ތިބޭތަ؟ މީ ކިތައްވަނަ ކުއްޖާ؟“ ޝަހާގެ ސުވާލުތައް ހައްވަގެ ކުރިމައްޗަށް އޮއްސާލިއެވެ. އަޙްސަން އަދިވެސް އެހުރީ ހުރިގޮތަށް ގަނޑުވެފައެވެ. އެހެންނަމަވެސް ޝަހާ، ހައްވައާއި އެކުރަނީ އަޙްސަން ވެސް ކުރަން ބޭނުންވާ ސުވާލުތަކެކެވެ. ފާތުންއާއި ބެހޭގޮތުން ހުރިހާ ކަމެއްވެސް ދެނެގަންނަން އަޙްސަން ބޭނުންވިއެވެ. އަދި ވަކިން ޚާއްޞަކޮށް އެފަދަ ޙާލަތެއް ފާތުންއަށް މެދުވެރިވި ސަބަބު އޮޅުން ފިލުވުމަށް އަޙްސަން ވެސް ހުރީ ކެތްމަދުވެފައެވެ.
އެވަޤުތު ފާތުން މަޑުމަޑުން ލޯ ހުޅުވާލިއެވެ. އަދި ކޮޓަރިތެރެއަށް ވަށައިގެން ބަލައިލިއެވެ. ފާތުން އަޑެއް ލައްވާލިހެން ހީވެގެން ހުރިހާ އެންމެންނަށް އެއްފަހަރާ ފާތުންއަށް ބަލައިލެވުނެވެ. އަޙްސަންވެސް ދުވެފައި ކަހަލަ ގޮތަކަށް އެނދު ކައިރިއަށް އައެވެ، އެހެނަސް ފާތުންނާއި އެންމެ ގާތަތަށް ދިއުމަށް ފަސްޖެހުނެވެ. އަޙްސަންއަށް އިޙުސާސް ކުރެވުނީ އެއީ މިހާރު ކޮންމެވެސް އެހެން މީހެއްގެ އަމާނާތެއްގެ ގޮތުގައެވެ. އެވިސްނުމާއިއެކު، އަޙްސަން އިހްތިޔާރު ކުރީ ތަންކޮޅެއް ދުރުގައި ހުރުމަށެވެ. ޝަހާ ފަތުންގެ ކައިރިއަށް ޖެހިލުމާއިއެކު، އެނދުގެ ކައިރިފަށުގައި މަޑުމަޑުން އިށީންދެލިއެވެ. ފާތުންއަށް އަނދަގޫ ނުވާނެވަރު ބަލައިގެންނެވެ. ފާތުންގެ އަތް މަޑުމަޑުން ހިއްލާލުމާއިއެކު ޝަހާގެ އަތްމަތީގައި ބޭއްވިއެވެ. އަދި ވަރަށް އޯގާތެރިކަމާއިއެކު ފާތުންނަށް ގޮވާލިއެވެ. ވަރަށް މަޑުމަޑުން ލޯ ހުޅުވާލުމާއިއެކު، ކައިރީގައި އިށީންދެގެން އިން މީހަކަށް ފާތުން ބަލައިލިއެވެ. ފާތުންގެ އެންމެ ގާތް އެކުވެރިޔާ މިއަދަކު ފާތުންއަކަށް ވަކިކުރާކަށް ނޭންގުނެވެ. ”ކާކު؟“ ވަރަށް ބަލިބަލި އަޑަކުން ފާތުން ސުވާލު ކޮށްލިއެވެ. ”އުންމީދެއް އޮތިއްޔާ ދިރުމެއް ވާނެ. އިންޝާﷲ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކު“ ތުރުތުރުލާ އަޑަކުން ޝަހާ ބުނެލިއެވެ. ”ޝަހާ؟“ ފާތުންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެން ފެށިއެވެ. ޝަހާއަށްވެސް ހަމަ ރަނގަޅަށް ރޮވިއްޖެއެވެ. ފާތުން މަސައްކަތް ކުރަމުން ގެންދިޔައީ އެނދުން ތެދުވާށެވެ. އަދި ޝަހާ ގައިގަ ބައްދާލާށެވެ. ވަރަށް މަސައްކަތުން ކޮންމެވެސް ވަރަކަށް ތެދުވުމާއިއެކު ޝަހާ ގައިގާ ބައްދާލިއެވެ. ސަތާރަ އަހަރަށްފަހު، ދެއެކުވެރިން ބައްދަލު ވީއެވެ. ”ޝަހާ، އަހަރެންނަށް މަޢާފުކުރޭ.“ ފާތުންގެ ބުރަކަށީގައި ޝަހާ ފިރުމާލިއެވެ. އަދި މިވަޤުތު އެއްވެސް ވާހަކައެއް ނުދެއްކުމަށް ޝަހާ، ފާތުންއަަށް އިލްތިމާސް ކުރިއެވެ. އެހެނީ އެފަދަ ޙާލަތެއްގައި އޮވެ ފާތުންގެ ހިތާއި ސިކުނޑިއަށް އަސަރު ކުރުމަކީ ދަރިފުޅަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަން ޝަހާއަށް އެނގެއެވެ. އަޙްސަންއަށްވެސް ރޮވިއްޖެއެވެ. ސަބަބަކީ ކޮބައިކަމެއް ޚުދު އަހްސަންއަކަށްވެސް ނޭންގެއެވެ. ފާތުންއަކީ މިހާރު އެހެން މީހެއްގެ އަމާނާތަކަށް ވުންކަމެއް ނުވަތަ ފާތުންގެ ޙާލަތަށް ހަމްދަރުދީ ވެވުނީ ކަމެއް ނުވަތަ އަޙްސަން ފާތުންއަށް ޓަކައި ކުރި އިންތިޒާރުގެ ނިމުން އައިގޮތުގެ ހިތިކަން އިހުސާސް ކުރެވިގެން ކަމެއްވެސް އަޙްސަންއަކަށް ނޭންގުނެވެ.
ޝަހާގެ ކޮނޑުން ބޯ ހިއްލާލުމާއިއެކު، ފާތުން ބަލައިލީ ކޮޓަރި ތެރޭގައި ދެންތިބި މީހުންނަށެވެ. ކުއްލިއަކަށް ފާތުންގެ ލޮލުގައި އަޅައިގަތީ އަޙްސަންއެވެ. އެވަޤުތު ވަރަށް ހިތްވަރުކޮށްލާފައި އަޙްސަން ފާތުންއަށް ގޮވާލިއެވެ. ”ތީ ކާކު؟ އަޙްސަންތަ؟“ ޔަޤީން ކޮށްލުމުގެ ފާތުން ސުވާލުކޮށްލިއެވެ. ”އާން. މީ އަޙްސަން. ފާތުން ކިހިނެއްތަ؟“ ފާތުންގެ ޙާލަތު ރަނގަޅަށް ދެނެހުރެމެ އަޙްސަންއަށް އެސުވާލު ކޮށްލެވުނީއެވެ. ކީއްވެގެން ކަމެއް އަޙްސަންއަކަށް ނޭންގުނެވެ. ޖަވާބުގައި ފާތުންގެ ލޮލުން އޮހޮރެން ފެށީ ކަރުނައެވެ. ”ސޮރީ ފާތުން. އަހަރެން އެހެން މި އަހާލީ އެއްގޮތަކަށްވެސް ފާތުން ރޮއްވާލުމުގެ ބޭނުމަކު ނޫން އިނގޭ.“ ޙަޤީޤަތުގައިވެސް އަޙްސަން ވަރަށް ދެރަ ވެއްޖެއެވެ. ”އިޓްސް އޯކޭ އަޙްސަން. އަހަރެންގެ ހިތް އެންމެންގެ މައްޗަށްވެސް ސާފު. ހަމަ އެންމެ އިންސާނެއް ފިޔަވާ.“ ފާތުންގެ ވާހަކަ މިހާ ހިސާބަށް ދިއުމުން ހައްވައަށް ޒާތަކަށް ރުޅި އާދެވިއްޖެއެވެ. ”އެއީ އިންސާނެއް ނޫން. އިންސާނެއްގެ ސިފައިގަ ހުރި….“ ”މަންމާ، މީ ތިކަހަލަ ވާހަކަ ދައްކަން އެހާ މުނާސަބު ވަޤުތެއް ނޫން“ ހައްވަގެ ވާހަކައަށް އަޙްމަދު ހުރަސްއެޅިއެވެ. ޝަހާ އަދި އަހްސަން ހުރީ ވާނުވާ ނޭންގިފައެވެ. އެހެންނަމަވެސް އަހްމަދު ކޮއްކޮ އެއިޝާރާތް ކުރަނީ ކޮންކަމަކަށްކަން ޝަހާއަށް ވިސްނުނެވެ. އެހެނީ އެހެން ބުނުމާއިއެކު އަޙްމަދު ކޮއްކޮ ބަލައިލީ ޝަހާއާއި ދިމާއަށެވެ. އަޙްމަދު ކޮއްކޮ އެބުނަނީ ފާތުންގެ ކުރިމަތީގައި އެވާހަކަތައް މިވަޤުތު ނުދެއްކުމަށެވެ. ”ފާތުން ކޮންމެވެސް އެއްޗެއް ކާންވާނެ އެއްނުދޯ. ކޯޗެއް ގެނެސްދޭންވީ؟ އަޙްމަދު ކޮއްކޮ ދޭބަލަ ސޭންޑްވިޗެއް ހިފައިގެން އަންނަން. ބޯނެ އެއްޗަކަށް ގެންނާނީ ފޮރެޝް ޖޫސް އިނގޭ“ މިހެން ބުނުމާއިއެކު، ޝަހާގެ ދަބަހުން ސަތޭކަ ރުފިޔާ ނަގާ އަޙްމަދު ކޮއްކޮ އަތަށް ދިއްކޮށްލިއެވެ. ”އަޙްމަދު ކޮއްކޮ ފާތުންގެ ބޮރޭކްފާސްޓް ގެނައިމަ ބޮޑުދައިތަވެސް ވާނެ ކޮންމެސް އެއްޗެއް ކާލަން ދާން އިނގޭ.“ ޝަހާގެ އަސްލު މަޤްޞަދަކީ ފާތުން މިޙާލަތަށް އައުމަށް މެދުވެރިވި ސަބަބު އޮޅުން ފިލުވާށެވެ. އެހެންކަމުން ޝަހާ ބޭނުންވަނީ ބޮޑުދައިތައާއިއެކު އެކަނި ވަޤުތުކޮޅެއް ހޭދަކުރާށެވެ.
މިފަދަ ވިސްނުމެއްގައި ޝަހާ އިންދާ، ފާތުން ކުއްލިޔަކަށް އަޙްސަންއަށް ގޮވާލިއެވެ. ”އަޙްސަން. ޙާލު ކިހިނެއްތަ؟ މެރީ ކޮށްފިންދޯ؟ ކިތައް ކުދިން ލިބިއްޖެތަ މިހާރު؟ ކުދިންވެސް ބޮޑެތި ވެދާނެއެއްނު މިހާރު ދޯ؟“ އަޙްސަން ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ރޮވޭ ގޮތްވެސް ވިއެވެ. ފާތުންގެ ސުވާލުތަކަށް ޖަވާބު ދޭންވެސް ބޭނުންވިއެވެ. އެހެންނަމަވެސް އަޙްސަންގެ ޙަޔާތުގެ ޙަޤީޤަތް ފާތުންއަށް ކިޔައިދިނުމަށް މިއީ އެންމެ ރަނގަޅު ދަނޑިވަޅު ނޫންކަން އަޙްސަންއަށް އެގެއެވެ. ހަމަ އެހެންމެ އަޙްސަންގެ ޖަވާބު އަންނާނެ ގޮތަކާއިމެދު ޝަހާވެސް ކަންބޮޑެއް ނުވެއެވެ. އެހެނީ، މިކަހަލަ ދަނޑިވަޅެއްގައި ފާތުން ކަންބޮޑުވެ ދެރަވާނެ ފަދަ އެއްވެސް ކަމެއް އަޙްސަން ނުކުރާނެކަން ޝަހާއަށް އެނގެއެވެ. ”އަހަރެންގެ ވަނަވަރު ބަލާނީ ފާތުން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނީމަ ދޯ. އިހަށް ބަލަމާ ހިނގާ ފާތުންއަށް ރަނގަޅަށް ފަރުވާ ކުރެވޭތޯ.“ މިހެން ބުނުމާއިއެކު އަޙްސަން ފާތުންއަށް ސުވާލެއް ކުރިއެވެ. ”ދެން އަހަރެން ފާތުންނާ ސުވާލެއް ކޮށްލަންތަ؟“ ކުރަން އެއުޅެނީ ކޮންކަހަލަ ސުވާލެއް ކަމެއް ބަލައިލަން ބޭނުންވާތީ، އަޙްސަންއަށް އެކަމުގެ އިޒުނަ ފާތުން ދިނެވެ. ”ފާތުންގެ ފިރިމީހާ ކޮބާ؟ ކީއްވެ ފާތުންނާ އެއްކޮން އޭނަ ނައީ؟“ އެވަޤުތު ފާތުންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން އަޙްސަން އަދި ޝަހާއަށްވެސް ވަރަށް ރަނގަޅަށް ފާހަގަކުރިއެވެ.
- ނުނިމޭ