ޤުރުބާނީ (އެގާރަ ވަނަ ބައި)

ޤުރުބާނީ (އެގާރަ ވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
ޖެނުއަރީ 11, 2025

އަޙްސަން، ފާތުންއަށް ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދޭން ގަސްތުކުރީ ހައްވައެވެ. އެކަމަކު، އެވަޤުތު ފާތުންގެ ނާސްތާ ހިފައިގެން އަޙްމަދު ކޮއްކޮ ކޮޓަރިއަށް ވަދެ ގޮވާލިއެވެ. ”ދޮންތާ، މިއޮތީ ދޮންތަގެ ޗިކަން ސޭންޑްވިޗް އަދި ފުރެޝް ޖޫސް. ދެން އިތުރު އެއްވެސްކަމެއް ކުރެވޭނީ ބްރޭކްފާސްޓް ނަގައިގެން އިނގޭ“. އަމުރުވެރި ގޮތަކަށް އަޙްމަދު ބުނެލިއެވެ. ”އަހަރެންގެ އެކުވެރިޔާއަށް މިއަދު ބްރޭކްފާސްޓް ދޭނީ އަހަރެން“. މިހެން ބުނުމާއެކު، އަޙްމަދު ގެ އަތުން އެތަކެތި އަތުލުމާއެކު، ފާތުން ކައިރީގައި ޝަހާ އިށީންދެލިއެވެ. އަދި ވަރަށް އޯގާތެރި ކަމާއިއެކު، ސޭންޑްވިޗް ނަގާ ފާތުންގެ އަނގަޔާއި ދިމާއަށް ދިއްކޮށްލިއެވެ. ނަމަވެސް ފާތުން އިނީ ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ފާތުންއަށް އަޙްސަން ހުށައެޅި ސުވާލަކީ އެހާ ބޮޑު ފިކުރެއްގެ ތެރެއަށް ފާތުން ގެންދާނެ ސުވާލެއް ކަމަކަށް ޝަހާވެސް ހިއެއް ނުކުރެއެވެ. އެހެންނަމަވެސް ފާތުން އެވިސްނަނީ އެސުވާލުތަކާއި މެދުކަން ޝަހާއަށް އެނގުނެވެ. އެހެންކަމުން ވޭތުވެދިޔަ ސަތާރަ އަހަރުގެ މާޒީ އިތުރަށް އޮޅުން ފިލުވުމަށް ޝަހާ ކެތްމަދުވިއެވެ. އަދި ފާތުންގެ ޑައިރީއިން އިތުރު ޞަފްޙާތަކެއް ކިޔާލެވުނު ނަމައޭ ޝަހާގެ ހިތަށް އެރިއެވެ. ”ފާތުން“. ފާތުންގެ މޫނުމަތި ބަލާ ހޯދާކަހަލަ ގޮތަކަށް ޝަހާގެ ކަޅި ހިންގާލަމުން އޯގާތެރިކަމާއިއކު، ފާތުންއަށް ގޮވާލިއެވެ. ފާތުންވެސް މަޑުމަޑުން އިސް އުފުލާލާފައި ޝަހާއާއި ދިމާއަށް ބަލައިލިއެވެ. ފެންކަޅި ވެފައިވާ ނަޒަރަކުންނެވެ. ”އިޓްސް އޯކޭ ފާތުން. އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ދެމީހުން އެއްކޮން ހުރިހާ ކަމަކަށްވެސް ފައިޓް ކުރާނީ. ދެން ހިނގާ މި ސޭންޑްވިޗް ކާލަމާ ދޯ“. ވަރަށް އޯގާތެރިކަމާއިއެކު ފާތުންއަށް ވިސްނާލަ ދެވޭތޯ ޝަހާ މަސައްކަތް ކުރިއެވެ. ފާތުން ހިނިތުންވެލިއެވެ. އެހިނިތުންވުމުގައި ވަނީ ވޭނާއި ކެކުޅުމެވެ. އެއާއިއެކު، ސޭންޑްވިޗް ކާލުމަށްޓަކައި އަނގަ ހުޅުވާލިއެވެ. ބޭނުން ނުވިނަމަވެސް ޝަހާ އެހާ ލޯބިން ހުށައެޅުމުން ނޫނެކޭ ބުނަން ބޭނުން ނުވީތީއެވެ. އެވަޤުތު އަޙްމަދު ކުރިއަށް ޖެހިލާފައި އޭނަ ފާތުންއަށް ކެއުމުގައި އެހީ ވާނަންކަމަށް ބުނެ، ޝަހާގެ އަތުން ތަށި އަތުލިއެވެ. ”ޝަހާދައްތަ ދޭ މަންމަ ގޮވައިގެން ކޮންމެސް އެއްޗެއް ކާލަން. މަންމަ އެއިނީ އަދި ހެނދުނު ސައިވެސް ނުބޮއެ“. އަޙްމަދުގެ މަޤްޞަދަކީ އޭނާގެ މަންމަގެ ހިތުގެ އުދާސްތައް ފިލުވާލަން ޝަހާއާއި ވާހަކަ ދައްކާލުމަށް ފުރުޞަތު ހޯދައިދިނުމެވެ. އަދި ހަމަ ޝަހާވެސް އޮޅުން ފިލުވަން ބޭނުންވެފައިވާ އެތައް ކަމެއް އެބަހުރިކަންވެސް އަޙްމަދަށް އެނގޭތީވެސްމެއެވެ. ”ތެދެއް ޝަހާ، ދޭބަލަ ބޮޑުދައިތަ ގޮވައިގެން ކޮންމެސް އެއްޗެއް ކާލަން. އަހަރެންނަށް މެނޭޖް ކޮށްލެވޭނެ. އަޙްމަދު ކޮއްކޮވެސް އެބައިނެއްނު ދޯ“. ފާތުން ބޭނުންވީ އޭނާގެ ބޮޑުދައިތަވެސް ހަމަޖެހިލައިގެން އިނުމަށެވެ. ފާތުންގެ އެދުމުގެ މަތިން ޝަހާ، ހައްވަ ގޮވައިގެން ނިކުތެވެ. ބޭރަށް ނިކުތުމަށް މިސްރާބު ޖެހުމާއިއެކު، އަޙްސަންއަށްވެސް އޭނާއާއިއެކު ދިއުމަށް އިޝާރާތް ކޮށްލިއެވެ. އެބަ އަންނަން ކަމަށް ބުނެ އަޙްސަން ކޮޓަރިން ބޭރަށް ނިކުތެވެ.

ޝަހާ ދިޔައީ އަޙްސަންއާއި ހައްވަ ގޮވައިގެން ހޮސްޕިޓަލްގެ ކެންޓީނަށެވެ. ނާސްތާއަކަށް އޯޑަރ ދީފައި، ތަންކޮޅެއް ދުރުގައި ހުރި މޭޒެއްދޮށުގައި ތިންމީހުން އިށީނެވެ. ހައްވަގެ އަތްމަތީގައި މަޑުމައިތިރި ކަމާއިއެކު ޝަހާގެ އަތް ބާއްވާލިއެވެ. އަދި ފާތުންގެ މާޒީގެ ތެރެއިން ހައްވައަށް އެނގޭ ހުރިހާ ވާހަކަތަކެއް ހިއްސާކުރުމަށް އެދުނެވެ. އެވަޤުތު، ހައްވަގެ ނަޒަރު ހުއްޓުނީ އަޙްސަންއަށެވެ. ކޮންމެ ކޮންމެ މީހަކަށް އިތުބާރު ކުރުމަކީ ހައްވައަށް އެހާ ފަސޭހަކަމަކަށް ނުވެއެވެ. އެހެންކަމުން އެއީ ކޮންމެވެސް ވަރަކަށް ދަންނަ މޫނެއް ކަމަށްވިޔަސް، އެމީހަކީ ކާކުކަން އެހާ ރަނގަޅަށް ނޭންގޭ ކަމަށް ބުންޏެވެ. އަޙްސަންގެ ތަޢާރަފެއް ޝަހާ ހައްވައަށް ދިނެވެ. އެވަޤުތު، އަޙްސަން މަތިން ހައްވަ ހަނދާން ވެއްޖެއެވެ. އަދި ކުރިން ފާތުންގެ ފަރާތުން އަޙްސަންއާއި ބައްދަލުވެފައި ހުރިކަން ހަނދާންވިއެވެ. އަދި ފުން ނޭވާއެއް ލުމާއިއެކު، ޝަހާ އަދި އަހްސަންގެ ކުރިމަތީގައި، ފާތުންގެ މާޒީގެ ޞަފްޙާތައް ހުޅުވާލިއެވެ.

”މީގެ ދިހަ އަހަރުކުރިން ފާތުމަތުގެ އުމުރުން ފަންސަވީހަކަށް އަހަރުގަ ކައިވެނި ކުރީ. ފާތުމަތު ކައިވެނި ކުރި މީހާގެ ނަމަކީ އިބްރާހިމް ރަޝީދު. އެއީ ރަށު މީހެއް. އެކަމަކު ފުދޭ ވަރަކަށް ގިނަ ދުވަހު ރާއްޖެއިން ބޭރުގަ ބޯޓު ދަތުރު ކުރަން އުޅެފަ ރަށަށް އައީ. އޭރުގަ އޭނައަށް ފާތުމަތު ފެނިގެން ކައިވެނި ކުރަން ބޭނުންވީ. ޢަލީބޭބެ ކައިރިޔަށްވެސް އެތައް ފަހަރެއްގެ މަތިން މީހުން ފޮނުވި. އެކަމަކު ޢަލީބޭބެ ބުނަމުން އައީ ފާތުމަތު އަމިއްލައަށް ބޭނުން ނުވާހާ ހިނދަކު މަޖުބޫރު ކޮށްގެން އެކަން ކުރަން ބޭނުންނުވާ ކަމަށް. ދެން ފާތުމަތު ފަހަތުން އަބަދު ހިނގަނީ. ކޮންމެ ތާކަށް ދިޔަސް ފަހަތުން ދޭ. ފާތުމަތު ގޭގައި ކުރަން ހުންނަ މަސައްކަތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭށޭ ކިޔައިގެން ގެއަށްވެސް ގޮސް އުޅުނު. އެހެން އުޅުމުގެ ތެރޭގައި، ފާތުމަތުވެސް ކޮންމެވެސް ވަރަކަށް ރަޝީދުއާއި ވާހަކަ ދައްކަން ފެށީ. އެކަމަކު ފާތުމަތު އަބަދުވެސް ބުނަމުން އައީ ޒަވާޖީ ޙަޔާތެއް ފަށަން އަދި ބޭނުންނުވާ ކަމަށް. ރަޙުމަތްތެރިއެއްގެ ޙައިސިއްޔަތުން ވާހަކަ ދައްކާކަމަށް ވާނަމަ އެގޮތުގަ ދެމި ހުންނާނަމޭ. ދުވަސްކޮޅެއް ފަހުން ޢަލީބޭބެ ވަރަށް ބޮޑަށް ބަލިވީ. ބުނެ އުޅޭނު ކޮންމެ މީހަކަށްވެސް އެމީހެއްގެ އަޖަލު ހަމަވާން ކައިރިވީމަ އެކަން އިހުސާސް ކުރެވޭނޭ. އެކަހަލަ ގޮތަކަށް  ޢަލީބޭބެއަށް ހީވާން ފެށީމަ ކަންނޭންގެ ޢަލީބޭބެ ބޭނުންވީ އޭނަ ނެތް ދުނިޔެއެއްގަވެސް ފާތުމަތަށް އަޅާލާ އެހީތެރިވާނެ ބައިވެރިޔަކު ހޯދައިދޭން. އެގޮތުން ޢަލީބޭބެއަށް އޭރުގަ ވިސްނުނީ ރަޝީދުއަށްވުރެ ރަނގަޅު ބައިވެރިޔަކު ފާތުމަތަކަށް ނުލިބޭނެޔޭ. އެހެންވެ ޢަލީބޭބެ އެކިފަހަރުމަތިން އެކި ގޮތްގޮތަށް އާދޭސް ކޮށްގެން ރަޝީދުއާ ކައިވެނިކުރަން ފާތުމަތު އެއްބަސްވީ. ކައިވެނި ކުރި ދުވަހުވެސް ފާތުމަތު ހުރީ ވަރަށް ހިތްހަމަ ނުޖެހިފަކަން އަހަރެންނަށް ފާހަގަ ކުރެވުނު. ކޮންމެވެސް ވަރަކަށް ރޮވިފަ ހުރީވެސް. އެކަމަކު ފާތުމަތު އެކަން ކުރީ ޢަލީބޭބެގެ ހިތްހަމަޖެހުމަށް ޓަކައި.

ހައްވަގެ ވާހަކަ މިހާ ހިސާބަށް ދިއުމުން އަޙްސަންއަށް ކެތް ނުވެގެން އެތަނުން ތެދުވެގެން ދިއުމަށް މަސައްކަތް ކުރިއެވެ. ހަމަ އެވަޤުތު ޝަހާ މަޑުމައިތިރި ގޮތަކަށް އަޙްސަންއަށް ގޮވާލާފައި އެތަނުގައި އިހަށް މަޑުކޮށްލުމަށް އެދުނެވެ.  އޭރުގައި، ޝަހާވެސް އިނީ ފެންކަޅި ވެފައެވެ. އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމާއިއެކު، މަޑުމަޑުން އަޙްސަން އިށީނެވެ. ”ދެން އެހެންވިއްޔާ އެމީހުންގެ  ދިރިއުޅުން ދިޔައީ ކިހިނެއް؟ ކޮންތާކު އެމީހުން ދިރިއުޅުނީ؟ އެމީހާގެ އަމިއްލަ ގެދޮރު ހުރޭތަ؟“ އެއްފަހަރާ ހުރިހާ މައުލޫމާތެއް އޮޅުންފިލުވަން ޝަހާ ބޭނުންވި ކަހަލައެވެ. ”ޢަލީބޭބެގެ އެދުމުގެ މަތިން އެމީހުން ދިރިއުޅެމުން ގެންދިޔައީ ފާތުމަތުގެ ގޭގަ. އެމީހުންގެ ދިރިއުޅުން ބޭރުފުށުން ފެންނަ ފެނުމަށް ވަރަށް އަމާން އޮމާންކޮން ދިޔައީ. ސަހާއަށްވެސް އެނގޭނެ ފާތުމަތަކީ ނުލާހިކު ކިޔަމަންތެރި ކުއްޖެއްކަން. އޭނަގެ ވޭނާ ކެކުޅުންތައް އެހެން މީހުންނަކަށް އެހާ ފަސޭހައެއްކޮން ނުދައްކާނެކަން. އެގޮތުގެ މަތިން ރަޝީދުއަށްވެސް ވަރަށް ކިޔަމަންތެރި. އޮފީހުގަ ވަޒީފާ އަދާކުރަމުން، ގޭތެރޭގެ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް ބަލަހައްޓަމުން ގެންދިޔަ. ހަމަ އެއާއެކު، ޢަލީބޭބެވެސް ދެމީހުން ވެގެން ވަރަށް ރަނގަޅަށް ބެލެހެއްޓި. ފެންނަފެނުމަށް ފާތުމަތު ހުންނަނީވެސް ވަރަށް ހިތްހަމަ ޖެހިފަ. ދުވަސްކޮޅެއް ފަހުން ޢަލީބޭބެގެ ޙާލުދެރަވެ، އެއޮތްގޮތަށް އޮވެ ނިޔައުވީ. އޭރުގަވެސް ރަޝީދުގެ އެހީތެރިކަން ފާތުމަތަށް ވަރަށް ފުރިހަމައަށް ލިބުނު. ރަޝީދުގެ ޢާއިލާގެ މީހުންވެސް ފާތުމަތު ދެކެ ވަރަށް ލޯބިވޭ. އެކަމަކު ދުވަސްކޮޅެއް ފަހުން ފާތުމަތުގެ މޫނުމަތި މިލާފަ ހުންނަކަހަލަ ގޮތަކަށް ހުންނަކަން އަހަރެންނަށް ފާހަގަވާން ފެށި. ފާތުމަތާ ސުވާލު ކުރީމަ ބުނަނީ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅޭ. ދެން އެމީހުންގެ ކައިވެންޏަށް ދޮޅު އަހަރުވީތަނާ ފާތުމަތު ފުރަތަމަ ކުއްޖާއަށް ބަލިވެ އިނީ.“

”އެހެންވީމަ މީ ފާތުމަތުގެ ކިތައްވަނަ ކުއްޖާ؟ އެކުއްޖާގެ އުމުރުން މިހާރު އަށްއަހަރުވަރު ވެދާނެ ދޯ؟ އެއީ ކޮންކަހަލަ ކުއްޖެއް؟“ ފާތުންގެ ކުދިންގެ ޚަބަރު ބަލަން ޝަހާ ބޭނުންވި ކަހަލައެވެ. ”އެކުއްޖާގެ ވައްތަރު ބުނެފަ، އުމުރު ބުނެދޭން އެނގުނީހީ އެކުއްޖާ ދުނިޔެއަށް އައިނަމަތާ ދޯ“ ހައްވަގެ އެޖުމުލައިން ޝަހާ އަދި އަޙްސަންގެ ކަންބޮޑުވުން އިތުރުވިއެވެ. ”ކީކޭ! އެކުއްޖާ…“ ”ފާތުމަތުގެ ބަނޑަށް ދޮޅުމަހުގަ އެކުއްޖާ ބައިގެން ދިޔައީ. ފާތުމަތުގެ ޙާލުވެސް ވަރަށް ދެރަވި. ރަށުގެ ޞިއްޙީ މަރުކަޒުގަ ބާއްވައިގެންވެސް ރަނގަޅުވާގޮތް ނުވީމަ މާލެ ގެންނަންވެސް އުޅުނިން. އެކަމަކު ފާތުމަތުގެ ހަމަހޭގަ އެކަމެއް ނުކުރެވޭނެކަން އަހަރެންނަށް އެނގުނު. އެއްގޮތަކަށްވެސް މާލެ އަންނާކަށް އެއްބަހެއް ނުވި. ރަޝީދުވެސް އެކަމަކަށް މާބޮޑު ބާރެއް ނާޅާ. ހައްތަހާވެސް ހީވަނީ ކަމެއް ސިއްރުކުރަން އުޅޭހެން.“ ހައްވަގެ ވާހަކަ މިހާހިސާބަށް ދިއުމުން ޝަހާ ކައިރިއަށް ކޮންމެވެސް ވަރަކަށް ރުޅި އަންނަގޮތް ވިއެވެ. އަޙްސަންވެސް އައި ރުޅީގައި މޭޒުމަތީގައި ޖެހީއެވެ. ކެންޓީނުގައި ވަށައިގެން ތިބި މީހުންވެސް ބަލަން ފެށިއެވެ. ”ދެން އެހެންވިއްޔާ އޭގެ އަސްލު ސަބަބަކީ ކޮބަޔޯ؟ މިބުނީ މާލެއަށް ނާންނަން އުޅުނީ ކީއްވެ؟“ ޝަހާ ވަރަށް ރުޅިގަދަވެފައި އިނދެ ސުވާލު ކޮށްލިއެވެ. ”ތީގެ އަސްލު ސަބަބެއް އެނގޭނީ ހަމަ ފާތުމަތަށާ ރަޝީދުއަށް. އެދުވަސްކޮޅުގެ ތެރޭގަ ރަޝީދުގެ އެހީތެރިކަމާ އަޅާލުން ވަރަށް ރަނގަޅަށް ފާތުމަތަށް ލިބުނު. ތެދުތެދަށް ބުނަންޏާ، ފާތުމަތު ކޮޅަށް ނެގީ ހަމަ ރަޝީދުގެ އޯގާތެރިކަމާ އަޅާލުމުން. އެކަމަކު ކައިވެނީގެ ފުރަމަމަކޮޅާ އަޅާ ބަލާފަ ފާތުމަތުގެ މޫނުމަތީގެ އުޖާލާކަން ހުންނަނީ ގެއްލިފަ. އަހަރެން ހީކުރީ ދަރިފުޅު ބީވެގެން ދިޔައިމަ އެކަމުގެ ފިކުރުކަމަށް.“ ”ދެން ކިހިނެއްވީ ބޮޑުދައިތާ؟“ އިތުރަށް އޮޅުންފިލުވަން ޝަހާ ބޭނުންވިއެވެ. ”ދެން އޭގެ ދެއަހަރު ފަހުން އަނެއްކާވެސް ފާތުމަތު ބަލިވެއިން.“

”ދެން އެހެންވިއްޔާ އެކުއްޖާ ކޮބާ؟“ ހިތްހަމަ ޖެހޭ ކަހަލަ ޖަވާބެއް ލިބޭނެކަމުގެ އިންތިޒާރުގައި ޝަހާ އަދި އަޙްސަން އިނެވެ. ”ނޭންގެ ސަހާ ދަރިފުޅާ، އެކުއްޖާވެސް ފުރަތަމަ ކުއްޖާއެކޭ އެއްގޮތަށް ދުނިޔެއަށް އުމުގެ ކުރިން މިދުނިޔެއާ އަލްވަދާޢުކީ. މިފަހަރު ބައިގެން ދިޔައީ ބަނޑަށް ދެމަސްފުރި، ތިންމަހަށް އަޅާފަ އޮއްވާ. އެފަހަރު ފާތުމަތު ވަރަށް ބޮޑަށް ނަފްސާނީވެސްވި. އެކަމަކު ކުރީފަހަރެކޭ އެއްގޮތަށް ރަޝީދުގެ އަޅާލުން ލިބުނެކޭ ނުބުނާނަން. އަހަރެން ނެތްނަމަ ފާތުމަތުވެސް ދުނިޔޭގަ ނުހުރިސް. އަޙްމަދުވެސް ވަރަށް ރަނގަޅު. އެފަކީރުވެސް ހުރިހާ ކަމެއް ދޫކޮށްލާފަ އޭނަގެ ދޮންތަ ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރީ.“ ހައްވަގެ ވާހަކަ މެދުކަނޑުވާލާފައި ޝަހާ ސުވާލުކުރިއެވެ. ”ދެން ކީއްވެގެން މާލެއަށް ނައީ؟ އޭރުގަ ރަޝީދު ކޮބާ؟ އެއްގޮތަކަށްވެސް އަޅާނުލާތަ؟“ ޝަހާގެ ހާސްކަން އިތުރުވެގެން ދިޔައެވެ. ނަފްސާނީ ބަލީގެ ދާއިރާއިން ރާއްޖޭގައި އަރާހުރި ޑޮކްޓަރަކަށް ވެހުރެ، އޭނާގެ އެކުވެރިޔާއަށް ފަރުވާކޮށް ނުދެވޭނެތީ، ގޮތްހުސްވެފައިވާ ކަހަލަ އިހުސާސެއް ޝަހާއަށް ކުރެވުނެވެ. ނަމަވެސް ފާތުންއަށް އެންމެ ފުރިހަމަ ފަރުވާ އަދިވެސް ލިބޭނެކަމުގެ އުންމީދު ކަނޑާލާކަށްވެސް ޝަހާ ބޭނުމެއް ނޫނެވެ. ”ބޮޑުދައިތަގެ ތިވާހަކަ އަޑުއަހާފަ އަހަރެންނަށް ޤަބޫލުކުރެވެނީ ތިކަމުގަ ރަޝީދުގެ އިހުމާލެއް އެބަ އުޅޭކަމަށް.“ އަޙްސަންގެ ހިތުގައި ކޮންމެވެސް ކަމަކާއިމެދު ޝައްކު އުފެދުނެވެ. މަސައްކަތްކުރާ ދާއިރާގެ ގޮތުން ކަމަށްވެސް ވެދާނެއެވެ. ”އާން. ރަޝީދު ފާތުމަތަށް އަނީޔާކުރާކަން އަހަރެންނަށް އެނގުނީ ވަރަށް ފަހުން. އޭރުގަ މިހާރު ފާތުމަތު އެހުރި ޙާލާތާ ހަމަޔަށް އަތުވެއްޖެ.“ އެވަޤު ކުއްލިޔަކަށް ޝަހާގެ ފޯން ރިންގްވާން ފެށިއެވެ. އަނެއްކޮޅުން ގުޅީ އަޙްމަދެވެ. ”ހަލޯ ޝަހާދައްތާ، ޑޮކްޓަރު ދުރުވެއްޖެ. ހުރިހާ ރިޕޯރޓްތައްވެސް ލިބިއްޖެ. މިކޮޅަށް އާދެވެންޏާ ތަންކޮޅެއް އަވަހަށް އާދެބަލަ.“ އަޙްމަދުގެ އަޑުގައި ކޮންމެވެސް ވަރެއްގެ ހާސްކަމެއް އެކުލެވިފައި ހުރިކަން ޝަހާ ފާހަގަކުރިއެވެ. ”އާން ހަމަ މިހާރު މިދަނީ.“ ހައްވަ އަދި އަޙްސަން ކައިރީގައި އަޙްމަދު ގުޅާފައި ރޫމަށް އައުމަށް ބުނުމުން ދަނީ ކަމަށް ބުނެ، ޝަހާ ހިނގައިގަތެވެ. އަދި ބޮޑުދައިތައަށް ބަލައިލުމަށް އަޙްސަންގެ ކިބައިން ޝަހާ އެދުނެވެ.

ބާރު ހިނގުމެއްގައި ހިނގާލާފައި ގޮސް ފާތުން އެނދުމަތި ކޮށްފައި އޮތް ކޮޓަރިއަށް ޝަހާ ވަނެވެ. ކަންދިމާކުރި ގޮތުން ފާތުންގެ ޑޮކްޓަރެއްގެ ގޮތުގައި ދުރުވެ ހުންނެވީ ހޮސްޕިޓަލްގައި ޝަހާއާއި އެކު މަސައްކަތްކުރާ، ޝަހާގެ އެންމެ ގާތް އެކުވެރިޔާ ޑޮކްޓަރ ފަރީޝާއެވެ. ފަރީޝާއަކީ، އެހޮސްޕިޓަލްގައި މަސައްކަތްކުރާ އަންހެނުންގެ ޚާއްޞަ ޑޮކްޓަރުންގެ ތެރެއިން އެންމެ ފުންނާބު އުސް އެއް ޑޮކްޓަރެވެ. ފާތުންގެ ޑޮކްޓަރަކީ، ފަރީޝާކަން އެނގުމުން ޝަހާއަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ޝަހާ ފެނުމާއިއެކު، ހައިރާނުން ފުރިގެންވާ ނަޒަރަކުން ޝަހާއާއި ދިމާއަށް ފަރީޝާ ބަލައިލިއެވެ. އަދި އެތާ ކީއްކުރަނީތޯ ސުވާލުކޮށްލިއެވެ. ”އިއްޔެގަ ގުޅިތަނާ ބުނީމެއްނު ފަހުން ބުނާނަމޭ. މީ އަސްލު އެކަމަކީ. ލޯންގް ސްޓޯރީއެއް. ފަހުން ކިޔާލަދޭނަން. އިހަށް ތިރިޕޯރޓްތައް ލިބިދާނެތަ އަހަރެން ބަލައިލަން؟“ ޝަހާގެ އެދުމުގެ މަތިން ފާތުންގެ ރިޕޯރޓްތައް ފަރީޝާ، ޝަހާގެ އަތަށް ދިއްކޮށްލިއެވެ. ޝަހާ ވަރަށް ރަނގަޅަށް އެރިޕޯރޓްތައް ބެލިއެވެ. އެމަންޒަރު ފެނިފައި އެނދުގައި އޮތް ފާތުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލިލިއެވެ. ޝަހާއަކީ ޑޮކްޓަރެއްކަން ފާތުންއަށް އެނގުމުންނެވެ. މިއޮއް ހުރިހާއިރު ފާތުންގެ ކައިރީގައި ޝަހާ އިންއިރުވެސް ޝަހާއާއިބެހޭ އެއްވެސް މަޢުލޫމާތެއް ފާތުންއަކަށް ނޭންގެއެވެ. އެހެނީ ވޭތުވެދިޔަ ސަތާރަ އަހަރުގެ ތެރޭގައި ޝަހާގެ ޙަޔާތުގައި ހިނގާދިޔަ އެއްވެސް ކަމަކާއި ބެހޭގޮތުން ސުވާލުކޮށްލާކަށް ޚިޔާލެއްވެސް ނެތެވެ. އެހެންނަމަވެސް ޝަހާ އޭނާގެ ކުޑައިރުގެ ހުވަފެން ފުރިހަމަ ކުރިކަން އެނގުމުން އަމިއްލަ ހުވަފެން ޙާޞިލު ކުރެވުނު ކަހަލަ އިހުސާސެއް ފާތުންއަށް ކުރެވިއްޖެއެވެ. ފާތުންގެ ހުރިހާ ތަކުލީފުތަކެއް ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނެތުނު ކަހަލައެވެ.

”ޝަހާ؟ އަސްލުވެސްތަ؟“ ފާތުން ވަރަށް އުފަލުން އޮވެ، ޝަހާއާއި ސުވާލު ކޮށްލިއެވެ. ”ޔެސް“. ވަރަށް އުފަލުން އަދި އެހާމެ ފަޚުރުވެރި ކަމާއިއެކު، ފާތުންގެ ސުވާލަށް ޝަހާ ޖަވާބުދިނެވެ. ފާތުން އެކުރީ ކޮން ސުވާލެއްކަން ޝަހާއަށް ރަނގަޅަށް އެނގެއެވެ. އުފަލުންގޮސް ފާތުންގެ ދެއަތް ހުޅުވާލުމާއިއެކު، ކައިރިއަށް އައުމަށް ޝަހާއަށް ދަޢުވަތު ދިނެވެ. ޝަހާވެސް އުފަލުންގޮސް ފާތުންގެ ގައިގާ ބައްދާލިއެވެ. ”ސޯ ޕްރައުޑް އޮފް ޔޫ ޑިޔަރ“. ފަޚުރުވެރި ކަމާއިއެކު ފާތުން ބުނެލިއެވެ. އާނއެކެވެ. ޝަހާ އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން އޭނާއަށް ޙާޞިލުކުރެވި، އެކަމަށް އެންމެ ބޮޑަށް ފަޚުރުވެރިވާންވީ ދުވަހު، އެހުވަފެންތައް އޭނާއާއިއެކު، ދުށް ރަޙުމަތްތެރިޔާއެއް އެދުވަހަކު އޭނާގެ ކައިރިޔަކު ނެތެވެ. އެހެނަސް އެންމެ ރަނގަޅެވެ. މިއަދު އެދުވަސް އަލުން ދިރުވޭތޯ ބެލުމަށް ޝަހާ އަޒުމު ކަނޑައެޅިއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ޓަކައެވެ. އެހެންނަމަވެސް މިވަޤުތަށް އެންމެ މުހިންމީ ކޮންކަމެއްކަން ޝަހާ ހަނދާން ނައްތައެއް ނުލައެވެ. އެއީ ފާތުންއަށް އެންމެ ރަނގަޅު ފަރުވާ ހޯދައިދިނުމެވެ. އަދި ފާތުންއަށް ޙައްޤު ދިރިއުޅުން އަލުން އޭނާއަށް ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ. ޝަހާއަށް ވީ އެންމެ ރަނގަޅަކަށެވެ. އެވަޤުތު ފަރީޝާ ފާތުން އަދި ޝަހާ ކައިރިއަށް ހުއްޓިލާފައި އެމީހުންގެ ގުޅުމާއިމެދު ސުވާލު ކޮށްލިއެވެ. ”ވީ އާރ ބެސްޓްފްރެނޑްސް.“ އެސުވާލުގެ ޖަވާބު ފަރީޝާއަށް ދިނީ ފާތުންނެވެ. ވަރަށް އުފާވެރި ކަމާއިއެކުގައެވެ. ޝަހާވެސް ފަޚުރުވެރިކަމާއެކު އެކަމަށް އެއްބަސްވިއެވެ. ”އަހަރެން ފަރީ ކައިރީގަ ދައްކަމެއްނު ފާތުންއެއްގެ ވާހަކަ ދޯ. މީ އޭނަ.“ ”އެހެންތަ؟ ހައި ފާތުން. މީ ޑރ. ފަރީޝާ، ޝަހާގެ ކޮލީގެއް. އަދި މިއަދުން ފެށިގެން ފާތުންގެ ޑޮކްޓަރަކީވެސް މީ އިނގޭ.“ މިހެން ބުނުމާއިއެކު، ފާތުންއާއި ސަލާމް ކޮށްލުމަށް ފަރީޝާ އަތްދިއްކޮށްލިއެވެ. ފާތުންވެސް ވަރަށް އުފަލުން ފަރީޝާއާއި ސަލާމް ކޮށްލިއެވެ. ”ކުޑަ އިރުކޮޅަކަށް ފާތުންގެ ފުރެންޑް ގެންދިޔަޔަސް އެންމެ ރަނގަޅުތަ؟ ކުޑަ ކަމަކާ ޑިސްކަސް ކޮށްލަންވެގެން.“ ފަރީޝާއާއިއެކު، ފޮނުވުމަށް ފާތުންގެ ކިބައިން އިޒުނައަށް އެދުމުން ޝަހާ ޑރ. ފަރީޝާއާއަ ދިމާއަށް ބަލައިލިއެވެ. ކަންބޮޑުވުމާއި އެކުގައެވެ.  އެވަޤުތު ފަރީޝާވެސް ޝަހާއާއި ދިމާއަށް ވަށްކަޅިން ބަލައިލިއެވެ. ފަރީޝާގެ އެބަލައިލުން އެއީ ކޮންމެވެސް ނުރައްކަލެއްގެ ޢިޝާރާތެއްކަން ޝަހާއަށް އެނގުނެވެ. އެހެންކަމުން އެބަ އަންނަން ކަމަށް ބުނެ، ފަރީޝާއާއިއެކު، ޝަހާ ބޭރަށް ނިކުތެވެ.

ދެ ޑޮކްޓަރުން އެކުގައި ނިކުމެގެން ދިޔައީ، ޑރ. ފަރީޝާގެ ކޮންސަލްޓޭޝަން ރޫމްއާއި ދިމާއަށެވެ. ރޫމަށް ވަނުމާއިއެކު، ދޮރު ލައްޕާލިއެވެ. އެއާއިއެކު، އަދިވެސް އެއްފަހަރު ފާތުންގެ ރިޕޯރޓްތައް ރަނގަޅަށް ބަލައިލުމަށް ޝަހާގެ ކިބައިން ފަރީޝާ އެދުނެވެ. ”ފަރީ ތިބުނަން އުޅޭ ވާހަކައެއް ރަނގަޅަށް ބުނެބަލަ. ފާތުންގެ ޕްރެގްނެންސީގަ އެއްވެސް ކޮމްޕްލިކޭޝަނެއް އުޅެނީތަ؟“ ޝަހާ ކަންބޮޑުވެފައި އިންވަރުން ރިޕޯރޓްތައްވެސް ބަލައިނުލާ ޑރ.ފަރީޝާއާއި ސުވާލުކުރަން ފެށިއެވެ. ”އާން، ވަރަށް ބޮޑަށް.“ މިހެން ބުނުމާއިއެކު، ފަރީޝާ އޭނާގެ ގޮނޑިން ތެދުވެގެން އައިސް ޝަހާގެ ކައިރިއަށް ހުއްޓުމާއިއެކު ވަރަށް އޯގާތެރި ކަމާއިއެކު ޝަހާގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. ”އަހަރެން ބުނަން މިއުޅޭ ވާހަކަ ވަރަށް ކެތްތެރިކަމާއެކީ އަޑުއަހާތި އިނގޭ ޝަހާ.“ ފަރީޝާއަށް އެވާހަކަ ބުނަން އެހާ ފަސޭހަ ނުވެގެން އެއުޅެނީ އެއީ، ވަރަށް ބޮޑު ކަމަކަށް ވީމަކަން ޝަހާއަށް އެނގުނެވެ. އަދި ކުއްލިޔަކަށް ފުންމައިގެން ތެދުވެ، ބުނަންއުޅޭ އެއްޗެއް އަވަހަށް ބުނެދިނުމަށް ފަރީޝާގެ ކިބައިން ޝަހާ އެދުނެވެ. ”ޝަހާ ރޫމަށް އައުމުގެ ކުރިން ރިޕޯރޓްތައް ބަލާފަ، ވަރަށް ރަނގަޅަށް ފާތުން ޗެކްވެސް ކުރިން.“ ”ދެން؟“ ފަރީޝާ އެބުނި އެއްޗެއް ޝަހާއަށް އަދިވެސް ނުވިސްނޭ ކަހަލައެވެ.  ”އޭރުގަ އެތާހުރި ބޯއީ ގުޅީ ޝަހާއަށް ދޯ. އެއީ ކޮއްކޮއެކޭ ބުނީމަ، ފިރިމީހާ ނުވަތަ އިތުރު އަންހެނަކު ހުރިއްޔާ ގުޅައިގެން ގެންނާށޭ އަހަރެން ބުނީމަ އޭނަ ޝަހާއަށް ގުޅީ.“ ”ފަރީ ތިބުނަންއުޅޭ އެއްޗެއް ތަންކޮޅެއް ސާފުކޮށް ބުނެދީބަލަ ޕްލީޒް.“ ފަރީޝާގެ ވާހަކައިން ޝަހާއަށް އުނދަގޫވާން ފެށިކަހަލައެވެ. ފުން ނޭވާއެއް ލުމާއިއެކު ޑރ. ފަރީޝާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ”ޝަހާ، ފާތުން ހުރީ ރޭޕް ކޮށްފަ، އެންމެ ފަހަރަކުވެސް ނޫން. އެތައް ފަހަރަކު. މިހާރު އެހުރި ޙާލަތުގަ ހުއްޓަވެސް. ވަރަށް ބޮޑެތި އަނިޔާވެސް ލިބިފަ އެބަހުރި“  ރުޅި އަންނަންވީ ކަމެއް، ބާރަށް ރޯންވީކަމެއް ނުވަތަ ވަރަށް ބާރަށް ހަޅޭއްލަވައި ގަންނަންވީ ކަމެއް ޝަހާއަކަށް ނުވިސްނުނެވެ. ކުއްލިޔަކަށް ދެލޯބޮޑުވެ، އަނގަމަތީގައި ދެއަތް އަޅައިގެން ކައިރީގައި ހުރި ގޮނޑީގައި ޝަހާ އިށީނެވެ. ނަމަވެސް ހަމައަށް އިށީނދެލެވުނީ ޑރ. ފަރީޝާގެ އެހީތެރިކަމާއި އެކުގައެވެ. ޝަހާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެން ފެށިއެވެ.

  • ނުނިމޭ –

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *