ޒިޔާދުގެ ގޮނޑި ނުގެއްލޭ، އޭނާ މިހާރު ވާނީ އެމްޑީއަށް ބަދަލުކޮށްފައި: އީސީ

ޟަމްރަތު އަހްމަދު
ޖެނުއަރީ 13, 2025

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދަށް އެނގިވަޑައިގަތުމަކާ ނުލައި އޭނާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވެއްދި މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ޒިޔާދަށް އެނގިވަޑައިގަތުމަކާ ނުލައި އޭނާގެ ޕާޓީ ބަދަލުކުރުމަކުން ރައްޔިތުންގެ މަޖިލީހުގައި އޭނާ ފުރުއްވަމުން ގެންދަވާ ގޮނޑި ގެއްލޭ ކަމަށް އީސީން ގަބޫލު ނުކުރައްވާ ކަމަށެވެ. ”އަޅުގަނޑުމެން މިދަނީ ހުސައިން ޒިޔާދު އެހެން ޕާޓީއަކަށް ބަދަލު ކުރިކަމުގެ ޝަކުވާ ލިބުމުން އެކަން ބަލަމުން. އޭނާގެ އިޚްތިޔާރަކާ ނުލައި އަދި އޭނާއަށް އެނގުމެއްނެތި ޕާޓީ ބަދަލު ކުރުމަކުން ގޮނޑި ގެއްލޭނޭކަމަށް އީސީން ގަބޫލެއްނުކުރޭ. ގޮނޑި ގެއްލޭނީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައ ގަސްތުގައި ޕާޓީ ބަދަލުކުރުމުން. އެއީ ގާނޫނުއަސާސީގެ މަފްހޫމަކީ،“ ޒަކަރިއްޔާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕޫގެ ނާއިބު ލީޑަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް އެނގިވަޑައިގަތުމަކާ ނުލައި ވަގު ފޯމެއް ހުށަހަޅައިގެން ޕާޓީ ބަދަލުކޮށްފައިވާ މައްސަލަ އެންމެ ހަރުކަށި އިބާރާތުން އެމްޑީޕީން ވަނީ ކުށްވެރިކޮށްފައެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.

”ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގައި ހިމަނާފައިވާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް މި ޕާޓީން ވަނީ އެކި ފަހަރު މަތިން ގެނެސްފަ އެވެ. އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަން (އީސީ) އާއެކު ބޭއްވި ބައްދަލުވުމުގައި ވެސް މި ޕާޓީން ވާނީ ވަގު ފޯމެއް ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޕާޓީ އީސީން ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުސަތު ގާނޫނުއަސާސީއަށް މިފަހުން ގެނައި ބަދަލާއެކު އޮތްކަމުގެ ކަންބޮޑުވުން ހިއްސާކޮށްފަ އެވެ.“ އެމްޑީޕީން ބުނެފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން ހުށަހަޅަމުންދާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް އެމްޑީޕީން ވަނީ އީސީގައި އެދިފައެވެ.

މި ހުރިހާ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި ވަނިކޮށް އީސީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ނަމުގައި ހުށަހެޅި ވަގު ފޯމެއް އެޕްރޫވް ވެގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ.

”ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސްއިން ވެރިކަން ކުރާ ޕާޓީން ކުރަމުންދާ ވައްކަންތައް ހުއްޓުވައި ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެމްޑީޕީން ގޮވާލަމެވެ.“

 

މި ލިޔުމާ ގުޅޭ