އައިޑީ ކާޑު ޔުނިޓުގައިހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން އިތުރުކުރާތީ ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އައިޑީކާޑު ޔުނިޓަކީ ދައުލަތެއްގެ ގޮތުގައި ހުރިހާ މައުލޫމާތެއް ރައްކާ ކުރާ ތަން ކަމަށެވެ. ”އެ ތަނުގެ މައުލޫމާތު ވަގަށް ބޭނުން ކުރައްވައިގެން ޕާޓީގެ އަދަދު އިތުރުކުރަން މަސައްކަތް ކުރެއްވި ކަމީ ކަންބޮޑުވާ ކަމެއް،“ ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން މައްސަލައިގައި އިހުމާލުވާ އެންމެންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ވެރިކަންކުރާ ޕީއެންސީއަށް އެއްލައްކަ މީހުން ހަމަކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން އެޕާޓީން ވަނީ އެމަސައްކަތް ފަށައިފައެވެ. އެމަސައްކަތުގެ ތެރެއިން އެމްޑީގެ އާންމު މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަމުގައި ވަގު ފޯމު ފުރައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެކަން ހައްލުކޮށްދިނުމަށް އެދި މިއަދާއި މީގެ ކުރިން ވެސް އީސީގައި އެދިފައިވާނޭ ަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.