ރާއްޖެއަށް ޑިޖިޓަލް ކުރިއެރުން ހޯއްދަވައި ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހުންނެވީ އެސްޓޯނިއާ ގައެވެ. ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ހޯއްދަވާށެވެ. ރައީސް މި މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނުގެ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ގެންދަވަނީ ރާމާދުވާލު ރައްޔިތުންގެ އައިޑެންޓިޓީއިން ވައްކަން ކުރައްވަމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ”މިއީ މި ރާއްޖޭގައި ޑިޖިޓަލް އަދި ޓެކު ދާއިރާއިން މިހާތަނަށް ކުރި މަސައްކަތްތަކާއި މި ސަރުކާރުން ކުރަން ރާވާފައިވާ ކަންކަން އެއްކޮށް ފެއިލްވާނެ ކަމުގެ ހެއްކެއް. އައިޑެންޓިޓީއިން ވައްކަން ކުރުމަކީ ނުރައްކާތެރި ކަމެއް. ޒާތީ މައުލޫމާތު ރައްކާ ނުކުރެވޭ ގައުމަކަށް ޑިޖިޓަލް ވުމެއް ނެތް،“ ކަމަށެވެ.
ފައްޔާޒު ވިދާޅުވެފައިވަނީ ޑީއެންއާރުގެ ޑޭޓާބޭސް ފަޅާލައި، އެތައް ބައެއްގެ މައުލޫމާތު ވަގަށް ނެގުމުގެ ފުރުސަތު މިނިސްޓަރ އަލީ އިހުސާން ވަނީ ފަހިކޮށްދެއްވާފައި ކަމަށެވެ. އެފަދަ މިނިސްޓަރަކު ވަޒީފާގައި އިތުރަށް ބެހެއްޓެވުމުގެ ބަދަލުގައި ވަގުތުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ. ”އަދި މިދިޔަ ހަ މަސް ދުވަހު އިލެކްޝަންސްއަށް ޕީއެންސީން ހުށަހެޅި ހުރިހާ ފޯމެއް ބާތިލުކޮށް މި މައްސަލަ މިނިވަންކަމާއެކު ބަލައި ފިޔަވަޅު އަޅަން ޖެހޭ،“ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން މިގޮތަށް ވިދާޅުވީ އެމްޑީޕީގެ އެތައް މެންބަރުންގެ ނަމުގައި ވަގުފޯމުތަކެއް ފުރައިގެން އީސީއަށް ހުށަހަޅައިގެން އެ އެންމެން ޕީއެންސީއަށް ބަދަލު ކުރަމުންދާ ވަގުތެއްގައެވެ.