ޗައިނާއިން އެކި ގައުމުތަކުގެ ނާޒުކު މަޢުލޫމާތު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުވަމުން އަންނަ ކަމަށް ފާހަގަކުރެވެއެވެ. މި ގޮތުން އެ ގައުމުން އަންނަނީ ޗައިނާގެ ނަސްލުގެ މީހުންނާއި ބޭރުގެ ރައްޔިތުން މެދުވެރިކޮށް ޖާސޫސީ ހަރަކާތްތައް ހިންގަމުންނެވެ.
މިކަން ހާމަވެގެން ދިޔައީ ޗައިނާގެ ވިޔަފާރިވެރިޔާ-ކަމް-ސްޕައި ޔަންގް ޓެންގްބޯ އާއި އިނގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫގެ ގުޅުމުގެ ތެރެއިންނެވެ. ބެއިޖިންގ އިން އަމާޒު ކުރާ ގައުމުތަކުގެ އެތެރޭގެ ކަންކަމަށް ވަދެ، ނާޒުކު މަޢުލޫމާތު އެއްކުރުމާއި އެ ގައުމުތަކުގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
މި ކަމުގެ އެންމެ ފާހަގަކޮށްލެވޭ މިސާލަކީ 2023 ވަނަ އަހަރު ޗައިނާގެ އިންޖިނިއަރެއް ކަމަށްވާ ޖީ ޗައޮކުގެ މައްސަލައެވެ. އޭނާ ވަނީ އެއާސްޕޭސް ޓެކްނޮލޮޖީއާއި އެހެނިހެން ޓެކްނޮލޮޖީއާ ބެހޭ މަޢުލޫމާތު އެއްކުރުމުގެ ކުށުގައި އަށް އަހަރަށް ޖަލަށްލާފައެވެ. އޭނާ 2016 ވަނަ އަހަރު އެމެރިކާ ސިފައިންގެ ރިޒާވްގައި ރަޖިސްޓްރީވެ، ނާޒުކު އަސްކަރީ އިންފްރާސްޓްރަކްޗަރގެ މަޢުލޫމާތު އެއްކުރުމަށް މަސައްކަތްކުރިއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ”ޖީ މަސައްކަތްކުރީ ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީގެ ޖިއާންގްސޫ ޕްރޮވިންސްގެ މަތީ ފެންވަރުގެ އިންޓެލިޖެންސް އޮފިސަރުންގެ އިރުޝާދުގެ ދަށުންނެވެ.“
މީގެ އިތުރުން، ޗައިނާގެ ނަސްލުގެ ޖަރުމަނު ރައްޔިތެއް ކަމަށްވާ ޖިއާން ގުއޯ މެދުވެރިކޮށް ޔޫރަޕިއަން ޕާލަމެންޓްގެ ސިއްރު މަޢުލޫމާތު ހޯދުމަށް މަސައްކަތްކޮށްފައިވާކަން ވެސް ވަނީ ހާމަވެފައެވެ. މިފަދަ ހާދިސާތަކުން ދައްކުވައިދެނީ ޗައިނާއިން ބޭރު މީހުން މެދުވެރިކޮށް ޖާސޫސީ ހަރަކާތްތައް ހިންގުމަށް ގެންގުޅޭ އުކުޅުތަކެވެ.