މަކިޓާ ބްރޭންޑުގެ ފޭކު އުފެއްދުންތަކެއް ރާއްޖޭގެ ބާޒާރުގައި ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެސްޓީއޯއިން އެދިއްޖެއެވެ. އެސްޓީއޯއަކީ ”މަކިޓާ“ ބްރޭންޑުގެ އުފެއްދުންތަކުގެ ރާއްޖެއަށް އެތެރެކުރާ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނީން ”މަކިޓާ“ ބްރޭންޑުގެ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ، ފެންވަރު ރަނގަޅު އޮރިޖިނަލް އުފެއްދުންތައް ރާއްޖެ އެތެރެކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަތާ މިހާރުވަނީ އެތައް އަހަރެއްވެފައެވެ. މި ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން ވެސް މިހާރު ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް ފޭކު އުފެއްދުންތައް ބާޒާރުގައި ދައުރުވަމުންދާ ކަން އެސްޓީއޯއަށް ފާހަގަވެގެން އެކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.
”ބާޒާރުގައި ނަކަލު (ފޭކް) އުފެއްދުންތައް ދައުރުވަމުންދާކަން މިކުންފުންޏަށްވަނީ ފާހަގަކުރެވިފައިވެއެވެ. މިގޮތަށް ދައުރުވަމުންދާ އަސްލު ނޫން އުފެއްދުންތަކަކީ ކަސްޓަމަރުންނަށް އޭގެ ބޭނުން އެދެވޭގޮތުގައި ހިފޭނެކަމުގެ ޔަޤީންކަން ނެތް، ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް އުފެއްދުންތަކެއް ކަމަށްވާތީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް ބައްލަވައިގަންނަވާ އުފެއްދުންތައް ގަތުމުގެ ކުރިން އެ އުފެއްދުންތަކަކީ އޮރިޖިނަލް އުފެއްދުންތައްކަން ކަށަވަރުކުރުމަށްފަހު ނޫނީ ނުގަތުމަށް އިލްތިމާސްކުރަމެވެ.“
މަކިޓާ ބްރޭންޑުގެ އޮރިޖިނަލް އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެނީ އެސްޓީއޯގެ އައުޓްލެޓްތަކުންނާއި، އެސްޓީއޯއިން ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ.
އެސްޓީއޯއިން ބުނެފައިވަނީ ”މަކިޓާ“ ބްރޭންޑުގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް، އެކުންފުނީގެ ސަރވިސް ސެންޓަރުން އާފްޓަރ ސޭލްސް ޚިދުމަތް ފޯރުކޮށްދޭނީ އެކުންފުނީން ނުވަތަ އެ ކުންފުނީގެ ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ގަންނަ ”މަކިޓާ“ ބްރޭންޑުގެ އުފެއްދުންތަކަށް އެކަނިކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
”އެހެންކަމުން، ”މަކިޓާ“ ބްރޭންޑުގެ ނަކަލު ”ފޭކް“ އުފެއްދުންތަކާމެދު ސަމާލުވުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ. އަދި ”މަކިޓާ“ ބްރޭންޑުގެ އުފެއްދުންތަކުގެ އަސްލުކަން ކަށަވަރުކުރުމަށް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، އެސްޓީއޯ ”މަކިޓާ“ ޝޯރޫމަށް ވަޑައިގެންދެއްވުން އެދެމެވެ.“
މި ފުރުސަތުގައި ”މަކިޓާ“ ބްރޭންޑުގެ އަސްލު އުފެއްދުންތަކާއި ފެންވަރު ރަނގަޅު ޚިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި އެސްޓީއޯ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް ވަނީ ކަސްޓަމަރުންނަށް ދީފައެވެ.