އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރުގައި ލިބިފައިވާ ޖުމްލަ އާމްދަނީއަކީ 3.8 ބިލިއަން ރުފިޔާ ކަމަށް އެކުންފުނީން ބުނެފިއެވެ. މިއީ މީގެ ކުރީ ކުއާޓަރަށްވުރެ ހަތް ޕަސެންޓުގެ ކުރިއެރުމެއް ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ. މިކުރިންއެރުން ލިބިފައިވަނީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރިތައް ރަނގަޅުވެ އާމްދަނީ އިތުރުވަފެއިވުން ކަމަށް އެކުންފުނީން މައުލޫމާތު ދީފައިވެއެވެ. މިއާއިއެކު ޖުމްލަ ފައިދާ ވަނީ ކުރީގެ ކުއާޓަރާ އަޅާ ބަލާއިރު އަށް ޕަސެންޓު އިތުރުވެފައެވެ. މި ކުރިއެރުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 637 މިލިއަން ރުފިޔާ އެވެ.
އެކުންފުންޏަށް 2024 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ފަނަރަ ބިލިއަން ރުފިޔާއެވެ. އެއީ ކުރީ އަހަރާ އަޅާބަލައި ހަ ޕަސެންޓުގެ ދަށްވުމެކެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއިއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމުން، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ.
އާމްދަނީ ދަށްވުމާއިއެކު، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ. ކުންފުނީގެ ހިންގުމުގެ ހަރަދުވަނީ 2024 ވަނަ އަހަރު އޭގެ ކުރީ އަހަރާ އަޅާބަލައި އަށް ޕަސެންޓު ދަށްކުރެވިފައެވެ. އެހެންނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއިއެކު ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރގެ ޖުމްލަ ފައިދާ ރަނގަޅު ވުމާއެކު ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ވަނީ 218 މިލިއަން ރުފިޔާ ލިބިފައެވެ.
2024 ވަނަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 812 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި ނަވާރ ޕަސެންޓުގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ވެސް ތެލުގެ އަގުތަކަށް ގެނެވުނު ބަދަލެވެ. ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފުފައިދާގެ ގޮތުގައި ވަނީ 717 މިލިއަން ރުފިޔާ ލިބިފައެވެ.