ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް އެޅި ކުންފުންޏަށް 227،560 ރުފިޔާ ދޭން ދައުލަތް (މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް)ގެ މައްޗަށް ސިވިލްކޯޓުން ކުރި ހުކުމް ތަންފީޒު ނުކޮށް މަޑުޖައްސާލަން ހައިކޯޓުން އަމުރު ކޮށްފިއެވެ.
އައިޖީ އެމްއެޗްގައި 25 ބުރީގެ އިމާރާތެއް އެޅުމަށްޓަކައި އެކެއް މާޗް 2016 ގައި ދިވެހި ދައުލަތާއި ޗައިނާގެ ޗަންގް ހުއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރި އެއްބަސް ވުމުގައި ކޮންޓްރެކްޓް އަގު ކަމަށް ހިމަނާފައިވާ 140 މިލިޔަން ޑޮލަރަކީ ޖީއެސްޓީ ނުހިމެނޭގޮތަށް އެ ޕްރޮޖެކްގެ އަގުކަމަށް ވަނީ ކަނޑައަޅައިފައެވެ.
އެ ޕްރޮޖެކްޓާ ގުޅިގެން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް، ޗަންގް ހުވާއިން ދިވެހި ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީއަކީ ދިވެހި ދައުލަތުން ޒިންމާންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި ޗަންގް ހުވާއިން 20 މާޗް 2024 ގެ ނިޔަލަށް މީރާއަށް ދައްކާފައިވާ ޖީއެސްޓީގެ އަދަދުގެ ތެރެއިން ދައުލަތުން ޗަންގް ހުވާއަށް ދައްކަންޖެހި ނުދައްކާއޮތް 227،560 ރުފިޔާއަކީ ދައުލަތުން ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، މި މައްސަލައިގެ ހުކުމްކުރި ތާރީހު ކަމަށްވާ 20 މާޗް 2024 އިން ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި އެ ފައިސާ ޗަންގް ހުވާއަށް ދައްކައި ހަލާސް ކުރުމަށް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މި މައްސަލައަކީ ކޯޓުގެ ހުކުމާ އެއްގޮތަށް ދައުލަތުން ފައިސާ ދައްކާފައިނުވާތީ، އެ ހުކުމް ތަންފީޒުކޮށްދިނުމަށްއެދި، ޗަންގް ހުވާއިން 22 ޑިސެމްބަރު 2024 ގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ސިވިލް ކޯޓުން ނިންމި ނިންމުމުގައި ވަނީ، ޗަންގް ހުވާއިން ހުށަހެޅި ތަންފީޒީ މައްސަލަ ކުރިއަށް ދަނިކޮށް، ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެއާ އެކު ވަގުތީ އަމުތަކަށްވެސް ދައުލަތުން އެދިފައިވާ ކަމަށެވެ.
އެކަމާގުޅިގެން މި މައްސަލައިގަ ސިވިލްކޯޓޫން ކޮށްފަވާ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހަކޯޓުން ސިވިލްކޯޓަށް އަމުރު ކޮށްފައިވާތީ މި މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ސިވިލްކޯޓުން ވަނީ ކަނޑައަޅައިފައެވެ.