މާލެގެ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާގުޅޭ މަޝްވަރާ ބައްދަލުވުމެއް މާލެ ސިޓީ ކައުންސިލާއި މަދަނީ ޖަމްޢިއްޔާތަކާއި އެކު ބާއްވައިފިއެވެ.
އިއްޔެ މާލެ ސިޓީ ކައުންސިލްގައި ބޭއްވި މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ، އާދަމް އާޒިމް އާއި ބައެއް ކައުންސިލަރުންނާއި، މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން މެންޓަލް ހެލްތް ޕިއަރ ސަޕޯޓް ގްރޫޕާއި ޖާރނީ އެންޖީއޯ،ސޮސައިޓީ ފޯ އެވެއަރނެސް ފޯސްޓަރިންގ އެންޑް އެންލައިޓްމަންޓް (ސޭފް)، މޯލްޑިވްސް ނާރސަސް އެސޯސިއޭޝަން އާއި ދަ ވައިބް އެންޖީއޯ ގެ އިތުރުން ހޯޕް ފޯ ވިމެން ބައިވެރިވެފައިވެއެވެ.
މި ބައްދަލުވުމުގައި މާލޭގެ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ޓަކައި ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. މީގެ ތެރޭގައި، ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭގޮތުން މީހުން ހޭލުންތެރިކަން އިތުރު ކުރުމާއި، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ވަސީލަތްތަކާއި މަރުކަޒުތައް ޤާއިމްކޮށްދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި މީގެ އިތުރުން، މާލެ ސިޓީ ކައުންސިލާއި މަދަނީ ޖަމްޢިއްޔާތަކުން މިކަމުގައި އެހީތެރިކަން ދެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.
މިކަމަށް އަލި އަޅުވައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ ވިދާޅުވީ، މަދަނީ މުޖުތަމަޢު ބާރުގަދަ ކުރެވިގެން މެނުވީ ގައުމެއް ކުރިއަރާ ނުދާނެ ކަމާށާއި ، ހުށަހެޅުނު ޚިޔާލުތަކާއި ހައްލުތަކަކީ ވަރަށް މުހިންމު އަދި ޢަމަލީގޮތުން ތަންފީޛުކުރެވޭނެ ކަންތައްތަކެއްކަމަށެވެ. އެހެންކަމުން އެކަންކަމުގެ ޕްލޭނެއް އެކުލަވާލައި އެކަންކަމަށް މަގު ފަހި ކޮށްދެވޭނެ އުސޫލްތަކެއް ކައުންސިލުން ތަންފީޒްކޮށްދެއްވާނެ ކަމަށެވެ.
ޗާލު މާލެ ސިޓީ ސްޓެޓީޖިކް ޕްލޭންގެ ދަށުން މާލެ ސިޓީ އަކީ ހިތްފަސޭހަ، ދުޅަހެޔޮ ރައްޔިތެއް ދިރިއުޅޭ ރަށަކަށް ހެދުމަކީ މާލެ ސިޓީގެ އެއް އަމާޒެވެ.
-ޚަބަރާއިފޮޓޯ:މާލޭސިޓީކަައުންސިލް