މަސްވެރީންގެ ގައުމީ ދަފްތަރުގައި ވަރަށްގިނަ އަދަދެއްގެ ދޯނިފަހަރު ރަޖިސްޓްރީ ވެއްޖެ: ރައީސް

މުހައްމަދު އަލީ
ފެބްރުއަރީ 6, 2025

މަސްވެރިންގެ ޤައުމީ ދަފުތަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިފަހަރުގެ 95 އިންސައްތަ މިހާތަނަށް ރަޖިސްޓަރީވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ މި ދަފްތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުސަތާއި، އެސް.ޓީ.އޯ. ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައި ކުރުމުގެ ފުރުޞަތު މި އަހަރު ނިމުމުގެ ކުރިން ފަހިވެގެންދާނޭ ކަމަށެވެ. ”އަޅުގަނޑު ބޭނުންވަނީ، ގައުމީ މިފަދަ ކޮންމެ ދާއިރާއެއްގެވެސް ޚިދުމަތްތެރީން، ދައުލަތުން ޝަރަފާއެކު ބަލައިގަނެ، މި ފަދަ އެތައް ފުރުސަތެއް ފަހިކޮށްދޭން. މިއީ އެއް ގައުމެއް. އެއް އާއިލާއެއް،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް، އައިސް ލިބުމުގައި ގޮންޖެހުންތަކެއް ދިމާވަމުންދާތާ ޒަމާންތަކެއްވެއްޖެ ކަމަށެވެ. އެކަން ހައްލުކުރުމުގެ ގޮތުން، މި އަހަރު ތެރޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށް، ދ. މީދޫ، ށ. ފުނަދޫ، ދ. ބަނޑިދޫ، ހއ. ދިއްދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ގދ. ރަތަފަންދޫ، އަދި އއ. ރަސްދޫގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެއިތުރުން، 100 ދޯންޏެއްގައި އާރު.އެސް.ޑަބްލިޔު ސިސްޓަމްތައް ބެހެއްޓުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްލާމިކް ފައިނޭންސްއިން ފެސިލިޓީއެއްގެ ދަށުން ރަހުނަކާ ނުލައި، އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރު.އެސް.ޑަބްލިޔު ސިސްޓަމަކާއި، ޖަނޭޓަރަކާއި އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި ކަމަށެވެ. އާރު.އެސް.ޑަބްލިޔު ބޭނުންކުރަން ފެށުމުން މަސްވެރީން، އައިސް ގަންނަން ކުރާ ދަތުރު ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

”މިކަންކަމުގެ އިތުރުން، އަޅުގަނޑު ވަޢުދު ވެފައިވާގޮތަށް، މަސްވެރިންނާއި އޮޑިވެރީން އަދި އާންމު ފަރުދުންގެ ފައިދާއަށްޓަކައި، މި އަހަރު ނިމުމުގެ ކުރިން، ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ.ގެ ފިއުލް ސްކިޑް ޤާއިމުކޮށް، އެސް.ޓީ.އޯ ރޭޓުގައި ޑީސަލް ތެޔޮ ވިއްކަން ފެށޭނެ،“ ރައީސް ވިދާޅުވިއެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ 48 ގަޑިއިރު ތެރޭގައި، މަސްވެރީންނަށް ފައިސާ ދެވޭނޭ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި މިހާރުވާނީ ގާއިމުކުރެވިފައި ކަމަށެވެ. އެއާއެކު މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ، ބެކްލޮގް އެކީގައި މިހާރު ވަނީ ޚަލާސްކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދާ އެއްގޮތަށް ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމާއި، މަސް ޕްރޮސެސިންގ ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތްކުރުމާއި، ގދ. ތިނަދޫ، މ. މުލަކު، ގއ. ކޫއްޑޫ، އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތްކުރުމާއި، ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް، އެކި މަރުހަލާތަކުގައި މި އަހަރު ކުރިއަށްދާނޭ ކަމަށެވެ. ”މީގެ ތެރެއިން ފެލިވަރާއި، ގދ. ތިނަދޫގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މި އަހަރު ނިމޭނެ. އަދި 2026 ގައި ހުޅުމާލޭ ބޮޑުކަންނެލި ފެކްޓްރީއާއި، ހއ. އިހަވަންދޫ، މ. މުލައް، ކޯލްޑް ސްޓޯރޭޖް އަދި ފެލިވަރު މަސް ޕްރޮސެސިންގ ޕްލާންޓުގެ މަސައްކަތް ނިމޭނެ. އަދި ގދ. ފިޔޯރީއާއި، ފ. ނިލަންދޫގައި ޤާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖާއި، މަސް ޕްރޮސެސިންގ ޕްލާންޓްތައް، 2027ގެ ކުރީކޮޅު ނިމޭނެ،“ ރައީސް ވިދާޅުވިއެވެ.

 

 

މި ލިޔުމާ ގުޅޭ