ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މިއަހަރަށް ހުޅުވައިފިއެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީން މިފުރުސަތު ހުޅުވީ މިއަދު ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. މިފުރުސަތު ހުޅުވާލުމަށްފަހު އެކޮމިޓީން ވަނީ އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ވެސް ކޮށްފައެވެ.
މި އިނާމަށް ހުށަހަޅާ މީހުންގެ ނަން ހުށަހެޅޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ”ފޯމު ހުށަހެޅުން“ މި ޕޯޓަލް މެދުވެރިކޮށް ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އިނާމަށް ހުށަހެޅޭނީ، މިއަދުން ފެށިގެން 2025 މާރިޗު 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 އަށެވެ.
”ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކުގައި ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.“
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.
މި އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ހުށަހެޅުމުންނެވެ. ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ހުށަހެޅުމުންނެވެ. އެމީހަކު އަމިއްލައަށް ވެސް އިނާމަށް އެދި ނަން ހުށަހެޅޭނެއެވެ. މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ.
އިނާމަށް ހުށަހަޅުއްވާއިރު، ހުރިހާ މަޢުލޫމާތުތައް ފުރިހަމަކުރައްވައި، އަދި ކަމާބެހޭ ހުރިހާ ލިޔުންތަކާއެކުގައި އިނާމަށްއެދޭ ފޯމު ހުށަހެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން އެދޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. އަދި ބޭނުންވާ ރެކޯޑުތައް ހޯއްދެވުމުގެ މަސައްކަތް ދުރާލާ ކުރިއަށް ގެންދެވުމަށް ވެސް އެދިވަޑައިގެންފައިވެއެވެ. އެންމެފަހު ވަގުތާޖެހެންދެން މަޑުނުކުރެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.