ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ގޮނޑިގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ގުޅޭ މައްސަލައަށް ދެދުވަހު ބަހުސް ކުރުމަށްފަހު ސުޕްރީމްކޯޓަށް މައްސަލަ ބެލޭނޭ ކަމަށް އެކޯޓުން މިއަދު ނިންމައިފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލި ހުސައިނެވެ. މި މައްސަލައިގެ އަޑު އެހުންތައް ފެށީ އިއްޔެވެ. އެންޑީޕީން ވަނީ މިމައްސަލައިގެ ތެރެއަށް ތަދައްޚުލް ވެފައެވެ.
ދުސްތޫރީ މިމައްސަލަ އަލީ ހުސައން ސުޕްރީމް ކޯޓަށް ހުށަހެޅީ 24 ނޮވެމްބަރު 2024 ގައެވެ.މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ ނޮވެމްބަރު 27 ގައެވެ.
މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ އިއްޔެއެވެ. ދެވަނަ އަޑުއެހުން ބޭއްވީ މިއަދުއެވެ. މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ދިޔައީ ފަނޑިޔާރުން ސާފުކުރަން ބޭނުންވި ކަންކަމާ ގުޅިގެން ސުވާލު ކުރުމެވެ. އެ ސުވާލުތައް ކުރައްވާފައިވަނީ މައްސަލަ ހުށަހެޅި އަލީ ހުސައިނާއި، މައްސަލަ ރައްދުވާ ފަރާތްކަމަށްވާ ދައުލަތުގެ އިތުރުން މިއަށް ތަދައްޚުލު ވެފައިވާ އެމްޑީޕީއާ އެވެ.
މިމައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ޑރ. އިބްރާހިމް ދީދީ އާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.
މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނުއަސާސީ ބަދަލުކުރާއިރު ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކެއް ހުންނާނެ ކަމަށެވެ. މި އިސްލާހު ފާސްކުރުމުގައި އެ އިޖުރާއަތްތައް ފުރިހަމަ ކޮށްފައިވާނެތޯ އެމަނިކުފާނު ސުވާލު ކުރެއްވިއެވެ. ދައުލަތުން ވިދާޅުވީ އިސްލާހު ގެނެސްފައިވަނީ އިޖުރާއަތްތަކުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ އިޖްރާއަތްތައް ފުރިހަމަކޮށްފައި ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ހަމަ އެ ސުވާލު އަލީ ހުސައިނާ ވެސް ކުރެއްވިއެވެ. އޭނާ ވިދާޅުވީ ބަލާބެލުމަށް ގާނޫނުއަސާސީ އިސްލާހުކުރުމުގެ ގޮތުން ގާނޫނުއަސާސީގެ 12 ވަނަ ޗެޕްޓަރުގައިވާ ކަންކަން ފުރިހަމަވި ކަމަށް ބެލެވުނަސް ކަންހިނގައިފައިވާ ގޮތުން 12 ވަނަ ޗެޕްޓަރުގައިވާ ކަންކަން ފުރިހަމަވެފައި ވާކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހަޅައި، ހަމަ އެ ދުވަހު ކޮމިޓީއަށް ފޮނުވި ކަމަށެވެ. ހަމަ އެ ދުވަހު ކޮމިޓީން އެއާމެދު ގޮތެއް ނިންމައި ތަޅުމަށް ފޮނުވައި އެދުވަހުން ދުވަހަށް އެ އިސްލާހު ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުން އެ އިސްލާހު ފާސްކުރި ދުވަހު ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ކަމަކީ އެންމެ ދުވަހެއްގެ ތެރޭގައި ހިންގާފައިވާ ކަންކަން ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމަށް 12 ވަނަ ޗެޕްޓަރުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.