ޤަވާޢިދާ ޚިލާފަށް މަޢުދަން ނެގުމާ ދެކޮޅަށް ފިޔަވަޅު އަޅަނީ

އަބްދުލް މުހުސިން
މާރޗް 8, 2025

ޗައިނާގެ ކުންފުނިތަކުން ޤަވާޢިދާ ޚިލާފަށް ޗައިނާ ކުންފުނިތަކުން އެފްރިކާގައި ކުރަމުންދާ މަޢުދަން ނެގުމުގެ މަސައްކަތްތަކާ ދެކޮޅަށް އެފްރިކާގެ ގިނަ ޤައުމުތަކުން ފިޔަވަޅު އަޅަން ފަށައިފިއެވެ. މިގޮތުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ)، ނައިޖީރިއާ، އަދި ގާނާ ފަދަ ޤައުމުތަކުން ވަނީ ޗައިނާގެ ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތައް ނިމުމަކަށް ގެނެސް، އެފަދަ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ފަށާފައެވެ.

ޑީއާރުސީގެ ގަވަރނަރު ޖެކް ޕޫރޫސީ ވިދާޅުވި ގޮތުގައި، އެ ޤައުމުގައި ޤަވާޢިދާ ޚިލާފަށް 450 އަށްވުރެ ގިނަ މަޢުދަން ނަގާ ތަން ހުރި އިރު، އޭގެ ގިނަ އަދަދެއްގެ ތަންތަން ހިންގަނީ ޗައިނާގެ ވިޔަފާރި ވެރިން ކަމަށެވެ.

ޗައިނާގެ ކުންފުނިތަކުން ރަނާއި، ކޯބަލްޓާއި، އަދި ލިތިއަމް ފަދަ އަގުހުރި މަޢުދަންތައް ހުއްދަ ނެތި ކޮނެގެން ނަގަމުންދާއިރު، އޭގެ ފައިދާ ހިސާބުގެ ރައްޔިތުންނަށް ލިބެނީ ވަރަށް ކުޑަ މިންވަރަކަށެވެ. މިކަމުގައި އިންތިހާއަށް ކޮރަޕްޝަންވެސް އަށަގެންފައި ވެއެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ސްކޫލްތަކާއި މަގުތަކާއި ހޮސްޕިޓަލްތައް ހެދުމަށް އެގައުމުތަކަށް ވަޢުދުވެފައިވީ ނަމަވެސް، އެއިން އެއްވެސް ކަމެއް ފުރިހަމަ ކޮށްފައެއް ނުވެއެވެ. ބައެއް ގައުމުތަކުގައި މަސައްކަތް ފެށިފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން އެފްރިކާގެ ޤައުމުތަކުގައި މުޒާހަރާތައް އިތުރުވަމުން އަންނަ ކަމަށާއި، ސަރަހައްދީ ތަޖުރިބާކާރުން ވަނީ ”ޗައިނާގެ ނުފޫޒާއި، ވެރިކަން ހިންގުމުގައި އަށަގެންފައިވާ ކޮރަޕްޝަނާއި، އިންސާނީ ޙައްޤުތަކަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް“ އިންޒާރު ދީފައެވެ.

އެފްރިކާގެ ގިނަ ޤައުމުތަކުން މިފަދަ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި، ޤަވާޢިދާ ޚިލާފަށް މަޢުދަން ނެގުމާއި މަނީ ލޯންޑްރިންގެ މައްސަލައިގައި ޗައިނާގެ ތިން ރައްޔިތަކު މިއަހަރު ވެސް ކޮންގޯގައި ހައްޔަރުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. މިއީ މިދިޔަ އަހަރު ޗައިނާގެ 17 މީހަކު ހައްޔަރުކޮށްފައި ވެއެވެ.

މި ކަންކަމާ ގުޅިގެން އެފްރިކާގެ ޤައުމުތަކުން މިހާރު ދަނީ މަޢުދަން ނެގުމުގެ މަސައްކަތްތައް ކޮންޓްރޯލުކޮށް، ހުއްޓުވައި، ޗައިނާގެ ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތައް މުރާޖައާ ކުރަމުންނެވެ. އަދި ބައެއް އެއްބަސްވުންތައް ނިމުމަކަށް ގެންނަމުންނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *