އިންޑިއާގެ މިނިވަންކަމުގައި މުސްލިމުން ވެފައިވާ ގުރުބާނީތަކާ ބެހޭ ގޮތުން، އިންޑިއާގެ ޕާލަމެންޓްގައި ކޮންގްރެސްގެ ޑެޕިއުޓީ ލީޑަރު ގައުރަވް ގޯގޯއީ ތަފްސީލުކޮށް ވާހަކަ ދައްކަވައިފިއެވެ.
އޭނާ ވާހަކަ ދެއްކެވީ މުސްލިމުންގެ ވަގުފު ބިންތައް އިސްލާޙު ކުރުމުގެ ނަމުގައި އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީން ހުށަހެޅި ބިލާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ، މި ބިލް މިހާރު ވަނީ ފާސްކޮށްފައެވެ. ގޮގޯއި ވަނީ އިންޑިއާގެ މިނިވަންކަމުގެ ހަރަކާތުގެ ދުވަސްވަރު ބީޖޭޕީގެ ލީޑަރުންގެ ލަދުވެތި ތާރީހު ވެސް ވެރިކަންކުރާ ބާތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ހަނދާން ކޮށްދެއްވާފައެވެ.
”ތިޔަބޭފުޅުން ބީޖޭޕީގެ ލީޑަރުން އިނގިރޭސިންނަށް އޯގާތެރިކަމަށް އެދި ރަޙްމަތުގެ ޕެޓިޝަންތައް ލިޔުއްވަމުން ގެންދެވިއިރު މުސްލިމުންގެ ލީޑަރުން ދިޔައީ ޖަލުތަކުގައި އިސްތިޢުމާރީ އުސޫލާ ދެކޮޅަށް ފުރާނަ އަތްމައްޗަށް ނަގައިގެން ހަނގުރާމަ ކުރުމުން.“ ގޯގޯއީ ވިދާޅުވި އެވެ.
ބުދަ ދުވަހު ލޯކް ސަބާގައި ދެއްވި ތަގުރީރެއްގައި ގޯގޯއީ ވަނީ އިންޑިއާގެ މިނިވަންކަމުގެ ހަނގުރާމައިގައި މުސްލިމުން މުހިންމު ދައުރެއް އަދާކޮށް ދިން ކަން ޤައުމަށް ހަނދާންކޮށްދެމުން، 1857 އިން ފެށިގެން އިންޑިއާ މިނިވަންވި 1947 އާ ހަމައަށް އިނގިރޭސިންނާ ހަނގުރާމަކުރި ގޮތް ވަރަށް ތަފްސީލުކޮށް ހިއްސާކޮށް ދެއްވާފަ އެވެ.
”ތިޔަބޭފުޅުން ތިޔަ މަސައްކަތް ކުރައްވަނީ މުސްލިމުން 1857 ވަނަ އަހަރު މަންގަލް ޕާންޑޭއާ އެކު ދަރިން ޤުރުބާންކުރި މުޖުތަމައު ބަދުނާމު ކުރަން.“ ގޮގޮއި ވިދާޅުވިއެވެ.
ގޯގޯއީ ހަނދާންކޮށް ދެއްވީ އިނގިރޭސިންނާ ދެކޮޅަށް ހިންގާފައިވާ، ކުއިޓް އިންޑިއާ މޫވްމަންޓަށް މުސްލިމުން ތާއީދުކުރި ގޮތާ ބެހެ ގޮތުންނެވެ. އަދި މުސްލިމުންގެ ލީޑަރުން ފުރިހަމަ މިނިވަންކަމަށް ގޮވާލި ގޮތާއި، މުހައްމަދު އަލީ ޖިނާހު ގެންގުޅުއްވި ދެ ގައުމުގެ ތިއަރީއާ 1924 ވަނަ އަހަރު މުސްލިމުން ދެކޮޅު ހެދި ގޮތްވެސް ވިދާޅުވެ ދެއްވާފައެވެ.
1942 ވަނަ އަހަރުގެ މުޒާހަރާތަކާއިއާއި އޭޕްރީލް 06، 1930 ގެ ޑަންޑީ މާޗްގައިވެސް މުސްލިމުން ހީވާގި ދައުރެއް އަދާކުރި އެވެ. އަދި އިނގިރޭސިންނަށް ބޯލަނބަން މުސްލިމުން ދެކޮޅު ހެދި ކަމަށްވެސް ކިޔައި ދެއްވިއެވެ.
ގޯގޯއީ މުސްލިމުންގެ ގުރުބާނީތައް ލިސްޓް ކުރެއްވުމުން ލޯކް ސަބާގައި ހަލަބޮލިކަން އުފެއްދުމަށް ބީޖޭޕީގެ މެމްބަރުން މަސައްކަތް ކުރި އެވެ. ނަމަވެސް ކޮންގްރެސް ލީޑަރު އެއްވެސް ވަރަކަށް ޖެހިލުންވެވަޑައި ނުގެން ވާހަކަފުޅު ކުރިއަށް ގެންދެވީ ބީޖޭޕީގެ މަޖިލިސް މެންބަރުންގެ ހަޅޭއް ލެވުމާއެކުގައެވެ.
އޭނާ ވިދާޅުވީ، ވަގުފު ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށެވެ.
ވަގުފު ކޮންޓްރޯލު ކުރާ ބިލު ތައާރަފް ކުރީ މައިނޯރިޓީ އެފެއާޒް މިނިސްޓަރު ކިރެން ރިޖީޖޫ އެވެ.
އިދިކޮޅުން ބުނެފައ ވަނީ ބިލުން މުސްލިމުންގެ ހައްގުތައް ގެއްލޭ ކަމަށާއި އަދި ބިލުގައި މިހާރުވެސް ކުރަމުންދާ މަސައްކަތްތައް އައު ކަންކަން ކަމަށް ބުނެ ހިމަނާފައިވާ ކަމަށެވެ. އެގޮތުން ވަގްފް ބޯޑުތަކުގައި އަންހެނުން ބައިވެރި ކުރުމާއި ވަގްފް ބިންތައް ޑިޖިޓައިޒް ކުރުން ހިމެނެއެވެ.
އިދިކޮޅު ފަރާތްތަކުގެ އިހުތިޖާޖާއެކުވެސް ބީޖޭޕީން ވަނީ ބިލު ފާސްކޮށްފައެވެ.