ދެކުނައި ދެކުނު އިރުމަތީ އޭޝިއާގައި އިންޑިއާގެ ޑިޕްލޮމެޓިކް އެންގޭޖުމަންޓު ކުރިއަށް ދާކަން ފާހަގަވެގެން ދަނީ، ދާދި ފަހުން މޮދީ ތައިލެންޑާއި ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުންނެވެ. ތައިލެންޑުގައި މޯދީ ވަނީ ބެންކޮކްގައި ބޭއްވި ހަ ވަނަ ބިމްސްޓެކް ސަމިޓްގައި ބައިވެރިވެވަޑައިގެން، ކެޕޭސިޓީ ބިލްޑިންގ، ޑިޒާސްޓާ މެނޭޖްމަންޓް، އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗާ އަށް ”ޕްރޮސްޕެރަސް، ރެސިލިއަންޓް، އެންޑް އޯޕަން ބިމްސްޓެކް“ ޝިއާރުގެ ދަށުން ކުރިއަށް ގެންދާނެ ކަންކަން އިއުލާން ކުރައްވާފަ އެވެ. އިންޑިއާ އާއި ތައިލެންޑުން ވެސް ވަނީ ސްޓްރެޓެޖިކް ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް، ޑިފެންސް ގުޅުން ހަރުދަނާކޮށް މިޔަންމާ މެދުވެރިކޮށް އިންޑިއާ އާއި އިރުދެކުނު އޭޝިއާ ގުޅުވައިދޭ 1،300 ކިލޯމީޓަރުގެ ހައިވޭ މަޝްރޫއެއް ކުރިއަށް ގެންދާން ނިންމަފައެވެ. ތައިލެންޑާއި އާސީންއާ އެކު ވެފައިވާ އެއްބަސްވުންތައް މިހާރުގެ ހާލަތާ ގުޅޭ ގޮތަށް އިސްލާހު ކުރުމަށް ވިޔަފާރީގެ މަޝްވަރާތައް ހުށަހެޅީ، އިގްތިސާދީ ގުޅުމަށް ބާރުއަޅައިގެންނެވެ. ތައިލެންޑަށް ފަހު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ލަންކާ ރައީސް އަނޫރާ ކުމާރާ ދިއްސާނަޔަކޭގެ އާ ސަރުކާރާ ގުޅުން ބަދަހި ވެގެންދާ ކަން ފެނިގެން ދިޔައެވެ. ކޮޅުނބުގެ އިންޑިޕެންޑެންޓް މައިދާނުގައި ހޫނު މަރުހަބާއެއް ކިޔާފައި މޯދީއަށް ކޮލަމްބޯއިން ވަނީ އެގައުމުގެ އެންމެ މަތީ މަދަނީ ޝަރަފު ”މިތުރާ ވިބޫޝާނާ“ އަރުވާފަ އެވެ. އިންޑިއާއާއި ތައިލެންޑާއި ލަންކާއާއެކު ވެފައިވާ އެގްރީމަންޓްތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ހަކަތައާބެހޭ އެއްބާރުލުމާއި، ޑިޖިޓަލް ސޮލިއުޝަންތަކާއި، ސިއްހަތާއި، ޑިފެންސް ދާއިރާގެ މަށްޗަށެވެ. ސްރީލަންކާއިން ވަނީ ސްރީލަންކާގެ ސަރަހައްދު އިންޑިއާގެ ސަލާމަތަށް ނުރައްކާ ވާގޮތަށް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. މޯދީ ވަނީ ތަމަޅަ ދަރިކޮޅުގެ މީހުންނާއި މަސްވެރިންގެ މައްސަލަތަކަށްވެސް އޭނާގެ މަޝްވަރާތަކުގައި އަލިއަޅުވައި ލައްވާފައެވެ. މިކަންކަމަށްވެސް ކޮޅުނބުން ހެޔޮ ތަރުހީބުތަކެއް ލިބިފައިވެ އެވެ.
ތައިލެންޑް ދަތުރުން އިންޑިއާގެ އިރުއުތުރު އޭޝިއާ ގުޅުވައިދޭ ބިމްސްޓެކްގައި އިންޑިއާގެ ލީޑަޝިޕް ފާހަގަ ވެގެން ދިޔައެވެ. ދެކުނު އޭޝިއާގެ ޖަމުއިއްޔާ، ސާކް އަދިވެސް ހަރަކާތްތެރި ނުވާއިރު، އިންޑިއާގެ ސަމާލުކަން ބިމްސްޓެކަށް ދިނުމަކީ އިންޑޯ ޕެސިފިކްގައި އިންޑިއާގެ މުހިންމު ދައުރެއްގެ އިޝާރާތެއް ކަން ފާހަގަ ވެއެވެ.