މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވެއްޖެއެވެ. އެނިކުފާނު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަނީ އެގައުމުގެ މިހާރު ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީއަކީ އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ ބޮޑު ބައެއް، ޢާންމު ޚިދުމަތާއި މެލޭޝިއާގެ ކުރިއެރުމަށް ޚާއްޞަކުރެއްވި ޝަރަފުވެރި ބޭފުޅެއް ކަމަށެވެ. އެފަދަ ބޭފުޅަކު އަވަހާރަވުމުން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ. އަދި މެލޭޝިޔާގެ އިޤްތިޞާދީ ކުރިއެރުމަށް، މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީކުރެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން މަނިކުފާނަކީ ހަމަހަމަ ކަމާއި ޤައުމީ އެއްބައިވަންތަކަމާއި، ހެޔޮވެރިކަމެއް ޤާއިމުކުރެއްވުމަށް މަސައްކަތްކުރެއްވި ސިޔާސީ ލީޑަރެއްކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ހިތާމައިގެ މިދަނޑިވަޅުގައި މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީގެ ޢާއިލާއަށާއި މެލޭޝިއާގެ ސަރުކާރާއި، ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، ޙަމްދަރުދީ ފޮނުއްވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީއަކީ 2003 ވަނަ އަހަރުން 2009 ވަނަ އަހަރަށް ޚިދުމަތް ކުރެއްވި، މެލޭޝިއާގެ 5 ވަނަ ބޮޑުވަޒީރެވެ. މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީގެ ބޮޑުވަޒީރުކަމުގައި އަމާޒު ހިއްޕެވީ އިސްލާމީ އުސްލޫބު ފަތުރުއްވައި، މެލޭޝިއާގެ އިޤްތިޞާދަށް ކުރިއެރުން ހޯއްދަވައިދެއްވައި، ޤައުމީ އެއްބައިވަންތަކަން ޤާއިމުކުރެއްވުމަށެވެ. އެމަނިކުފާނު އަވަހާރަވީ އުމަރުން85 އަހަރުގައެވެ.