ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ފަރާތުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ގެ މައްޗަށް ދައުވާކުރަން ފެމިލީ ކޯޓަށް ހުށަހަޅައިފިއެވެ.
އެމްޑީޕީން މިދިޔަ މާޗު މަހުގެ ކުރީކޮޅުގައި ބޭއްވި މުޒާހަރާއެއްގައި ވާހަކަދައްކަވަމުން މާންދީ ބުނެފައިވަނީ ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެ މަނިކުފާނުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ވޭޕް ބޭނުންކުރައްވާތީ ކަމަށެވެ.
ފަސްޓް ލޭޑީގެ ގާނޫނީ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރުގެ ލޯ ފާމުން މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ބުނީ މަންދީގެ ވާހަކަތަކާ ގުޅިގެން އޭނާއާއި، ފައްޔާޒް އަދި އެމްޑީޕީގެ މައްޗަށް ފެމިލީ ކޯޓުގައި ދައުވާކުރަން ހުށަހަޅާފައިވާ ކަމަށެވެ. ފެމިލީ ކޯޓުގައި އެ ފަރާތްތަކާއި ދެކޮޅަށް ދައުވާކުރަނީ ”ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމުގެ ގާނޫނު“ އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ ކަމަށެވެ.
”މި މައްސަލަތައް ހުށަހެޅިފައި މިވަނީ، ގާނޫނުއަސާސީއާއި ގާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ހައްގު ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް، ނިގުޅައި ނުގަނެވޭނެކަން ކަށަވަރުކޮށް، އެކުދިންގެ ތައުލީމާއި މުސްތަގުބަލް އަދި ނަފުސު، ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށްކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައެވެ. އަދި މިއަދު އެ މަގާމުގައި ތިއްބެވި އެކަމަނާގެ ބޭފުޅުންނަށް ރައްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި މާދަމާ އެ މަގާމުތަކުގައި ތިބެދާނެ އެހެންކުދިންނަށް ރައްކާތެރިކަން ޔަގީންވެފައި އޮތުމަކީ، ކޮންމެހެން ބޭނުންކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދެކެވަޑައިގަންނަވާތީއެވެ.“ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ފަސްޓް ލޭޑީގެ ފަރާތުން ވަނީ ފައްޔާޒާއި މާންދީގެ މައްޗަށް ސިވިލް ކޯޓުގައިވެސް ދައުވާކޮށްފައެވެ. ސިވިލް ކޯޓުގައި އެ ދައުވާތައް ކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގައެވެ. އެ މައްސަލަ ފަސްޓް ލޭޑީގެ ފަރާތްޕުޅުން، ކޯޓަށް ހުށަހެޅީ ވެސް ”ރެހެންދި ޗެމްބާސް“ އިންނެވެ.
އެ ދުވަހު އެ ލޯ ފާމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އުމައިރަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވައި، އުމެއިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.
މަންދީގެ މައްޗަށް ދައުވާކުރީ އޭނާގެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލައިފައިވާތީ އާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅަައިގެންފައިވާތީ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ނޫސްބަޔާނުގައި ބުނެފައިވަނީ އެ މައްސަލައިގައި އެމްޑީޕީގެ މައްޗަށް ދައުވާކުރަނީ މަންދީ އެ ވާހަކަތައް ދެއްކީ އެމްޑީޕީން ބޭއްވި ރެލީއެއްގައި ކަމަށްވާތީ، އެކަމުގައި އެ ފަރާތުގެ ގާނޫނީ ޒިންމާއެއް އޮންނާނެ ކަމަށް ދެކިގެން ކަމަށެވެ. އަދި މަންދީ ދެއްކި ވާހަކައިގެ މައްޗަށް އޭނާގެ މައްޗަށް ދައުވާކުރާއިރު، ފައްޔާޒަށް ދައުވާކުރަން ނިންމާފައިވަނީ، އެ މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓެއްގެ ސަބަބުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.