”ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތީޚާބު އެއްކޮށް ބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަން މަސައްކަތް ކުރައްވާ ބަދަލުގެ ފަހަތުގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް،“ ކަމަށެވެ.
މި ދެ އިންތިޚާބު އެއްކޮށްލުމަކީ ސަރުކާރަށް ފާރަވެރި ޖަވާބުދާރީވުމަށް މަޖިލީހަށް އޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނޭ ކަމެއްކަމަށް ވެސް ވިދާޅުވެފައިވެއެވެ. ”ނަމަވެސް، ރިޔާސީ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު އެއްކޮށްލުމުގައި ފައިދާތަކެއް އެބަހުރި. ލޯކަލް ކައުންސިލްތަކާއި މައި ސަރުކާރުގެ ތަޞައްވުރުތައް އެއްގޮތްކުރުމުން ތަރައްގީގެ އެޖެންޑާތައް މިހާރަށްވުރެ ރަނގަޅަށް ތަންފީޒު ކުރަން ފުރުސަތު ލިބިގެންދާނެ،“ ފައްޔާޒު ވިދާޅުވެފައިވެއެވެ. މިކަން ކަމަކީ ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަން ޖެހޭކަންކަން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ފައްޔާޒު ވިދާޅުވެފައިވަނީ އިންތިޚާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނޭ ކަމަށެވެ. ”ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރެވޭއިރު، އިންތިޚާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާއެކު،“ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިހާރުވެސް ވަނީ ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.