އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ހުވަފެނެއްގައި ކުލަ ޖެހުނުކަހަލަ އިހުސާސެއް ޝަހާގެ މަންމައަށް ކުރެވެމުން ދިޔައެވެ. ޝާލިނީގެ މަޢުސޫމު ސުވާލުތަކާއި ލޯބިވެތި ބަސްތަކުން ހިތް ފުރިގެން ދިޔައެވެ. ގޭތެރެއަށް މުޅިން އައު ދިރުމެއް އައިސްފައިވާ ކަހަލައެވެ. މާމަ ކިޔާފައި ގޮވާލާ އަޑު އިވުމަށް ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ވީކަހަލަވެސް މެއެވެ. ކޮންމެ އިންސާނަކުވެސް އެމީހެއްގެ ޒަވާޖީ ޙަޔާތުގެ އެންމެ ބޮޑު އެއް އުންމީދަކަށް ވާނީ ލޯބިން ބިނާކުރާ ދިރިއުޅުމުގެ ކުރި ފަޅައި އޭގެ އާރޯކަން ޒަމާން ތަކަކަށް ދެމިގެން ދިއުންތާއެވެ. ޖީލަކަށް ފަހު ޖީލެއްގެ ސިފައިގައެވެ. ވީއިރު ޝަހާގެ މަންމަ، ޝަރީފާއަށްވެސް އެއުންމީދު ކުރުމުގެ ފުރިހަމަ ހައްޤު އޮންނާނެތާއެވެ. އެހެނީ އެއީ އޭނާވެސް ކުރި އުންމީދެކެވެ. ދެކެމުން އައި ހުވަފެނެކެވެ. އެޢާއިލާގެ ދަރިފަސްކޮޅު ދެމިގެން ދިއުން އޮތީ ޝަހާގެ އަތްމަތީގައެވެ. އެހެނަސް ޝަހާގެ މަންމައަށް މިހާރު އެއީ ދިރުމެއްނެތް އުންމީދެކެވެ. ކުލަ ޖެހުމުގެ ކޮޅުމަތިވެސް ފެންނަން ނެތް ހުވަފެނެކެވެ. ޙަޤީޤަތަކީ އެއީ ކަމުގައި ވީނަމަވެސް މިއުފާވެރި ހިނދުކޮޅު، ހޭދަކުރަން ބޭނުންވެފައި އެވަނީ މުޅި އުމުރަށް ހަނދާން ހުންނާނެ ކަހަލަ ގޮތަކަށްހެން ހީވާކަހަލައެވެ. ޝަހާ މަންމަގެ އުފަލާއި ޖޯޝް ފެނިފައި ޚުދު ޝަހާވެސް އެހުރީ ހައިރާން ވެފައެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ޙާލުގައެވެ. މަންމައަށް ލިބެންވީ އުފަލަކުން މަހުރޫމު ކުރެވުމުގެ ޒިންމާ ނަގާ ޙާލުގައެވެ.
ޝާލިނީއާއިއެކު، ވަޤުތު ދިޔަ ގޮތްވެސް ނޭންގި ތިއްބާ، މިހާރު އެއޮއް ހެނދުނުގެ ސައިގަޑި ޖެހުނީއެވެ. ވަރަށް ބޮޑަށް ލަސްވެއްޖެހެން ހީވެގެން ފައިސަލްވެސް އޭނާގެ އަތުގައި އޮތް ގަޑިއަށް ބަލައިލިއެވެ. ގަޑިން ހަތްގަޑި ބައިވަނީއެވެ. ވަޤުތުން ޝާލިނީއަށް ގޮވާލާފައި ގެއަށް ދިއުމަށް ބުންޏެވެ. އެހެނަސް މިހިތްގައިމު ވަޤުތުކޮޅު އަދި ކުޑަ ވަޤުތުކޮޅަކަށް ދެމިގެން ދިއުމަށް ބޭނުންވާ ކަހަލަ ޢިޝާރާތެއް އޭނާގެ ބައްޕައަށް ދައްކާލިއެވެ. ކަނދުރާ އެލުވާލާފައި، އާދޭހުގެ ރާގަކަށް އޭނާގެ ބައްޕައަށް ގޮވާލަމުންނެވެ. ހަމަ އެވަޤުތުމެ ޝަހާގެ މަންމަވެސް އަދި ކުޑައިރުކޮޅަކު މަޑުކޮށްލުމަށް ފައިސަލްގެ ކިބައިން އިލްތިމާސް ކުރިއެވެ. ޝަހާވެސް ބޭނުންވަނީ ހަމަ އެގޮތް ކަމުގައި ބުންޏެވެ. އަދި ހެނދުނުގެ ނާސްތާ އެގެއިން ނިންމައިގެން ދިއުމަށް ދަޢުވަތު ދިނެވެ. ޝާލިނީވެސް އެގޮތަށް ބޭނުންވާކަމަށް އޭނާގެ ބައްޕަ ގާތުގައި ޢިޝާރާތުން ބުނެލިއެވެ. ފައިސަލްއަށް ދެން އިތުރު ގޮތެއް ނެތިގެން ދިޔަ ކަހަލައެވެ. އެހެނީ އޭނާގެ ދަރިފުޅުގެ ކޮންމެ ޖާއިޒު އެދުމަކަށް ޢިޖާބަ ދިނުމަކީ، އޭނާގެ ޙަޔާތުގެ އެންމެ ބޮޑު މަޤުޞަދަކަށް ވަނީ ހަދާފައެވެ. ފައިސަލް އަދި ޝާލިނީ ގޮވައިގެން ކާމޭޒު ދޮށަށް ހިނގައިގަންނަމުން ފާތުންއާއި އޭނާގެ ބޮޑުދައިތަ އަދި ކޮއްކޮ ހޭލައިފިތޯ ބަލައިލަން ދިއުމަށް ޝަހާ ގާތުގައި އޭނާގެ މަންމަ ބުންޏެވެ. އެހެންކަމުން، މަންމައާއިއެކު ފައިސަލްގެ ދެބަފައިން ފޮނުވާލުމަށް ފަހު، ޝަހާ ދިޔައީ ފާތުންގެ ޚަބަރެއް ބަލައިލާށެވެ. ޝަހާ ހިނގައިގެން ވަޤުތު، ފައިސަލް މަޑުމަޑުން ޝަހާއަށް ގޮވާލިއެވެ. އެހެނީ ފައިސަލްއަށްވެސް ޒާތެއްގެ އަރަތަކަށް ވެފައިވާ އެތައްކަމެއް ފެންނަމުން އެބަ ދެއެވެ. ފައިސަލްގެ އެގޮވާލުމަށް އިޖާބަދީ، ޝަހާ ފައިސަލް ކައިރިއަށް އެނބުރި އައެވެ. އެވަޤުތު ޝަހާގެ މަންމަ ޝާލިނީ ގޮވައިގެން އެތެރެއަށް ވަދެއްޖެއެވެ. ”ފާތުން ކީއްވެ މިގޭގަ އެއުޅެނީ؟ ފާތުންގެ ގެއަކީ އެއީނު.“ މިހެން ބުނުމާއިއެކު، ފާތުން އުޅެބޮޑުވި ގެއާއި ދިމާއަށް ފައިސަލް ޢިޝާރާތް ކޮށްލިއެވެ. ”ކީކޭ ބުނާނީ، ތިކަހަލަ ވާހަކައެއް މިހާރު މިތާ ހުރެގެންނެއް ނުދެއްކޭނެ ފައިސަލް. ތި ޓޮޕިކަށް ވާހަކަ ދައްކަން ޖެހޭނީ ފިސާރި ތައްޔާރުވެގެން. ފައިސަލްވެސް މެންޓަލީ ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެ. އަހަރެން ދައްކާ ވާހަކަ އަޑުއަހަން. އިން ޝޯޓް. އެއީ ވަރަށް ލޯންގް ސްޓޯރީއެއް.“ ޝަހާގެ އެޖަވާބުން ފައިސަލް އިތުރަށް ކަންބޮޑުވާގޮތް ވިއެވެ. އެހެނީ އެހާ ޒަމާން ކޮށްލާފައި ފައިސަލްވެސް ޝަހާއަށް ގުޅީ އޭނާގެވެސް ވަކި މަޤްޞަދެއް އޮވެގެންނެވެ. އެހެންނަމަވެސް އެކަމަށް ޓަކައި އިތުރު ހަރުފަތެއް ހުރަސް ކުރަން ޖެހޭނެކަމެއް ފައިސަލްއަކަށްވެސް ނޭންގޭނެތާއެވެ.
މިކަހަލަ ފިކުރުތަކެއްގެ ތެރެއަށް ގެއްލިފައި ފައިސަލް ހުއްޓާ، ޝަހާ ގޮވާލުމުން ސިއްސައިގެންގޮސް ބަލައިލިއެވެ. ”ކޮން ޚިޔާލަކަށް ގެއްލިފަ ތި ހުންނަނީ؟ މިހާ ދުވަސްކޮށްލާފަ، ފައިސަލްއާ ބައްދަލުވިއިރު، ފުދޭވަރެއްގެ ބޮޑެތިބަދަލުތަކެއް ފައިސަލްއަށް އައިސް އެބަހުރިކަން އަހަރެންނަށް ފާހަގަ ކުރެވޭ.“ ފޮރުވިފައިވާ ސިއްރެއް ހޯދަން ބޭނުންވެގެން އުޅޭ ފާޑަކަށް ޝަހާ ބުނެލިއެވެ. ”ވަޤުތާ ޙާލަތު ތަންދެމުން ދާގޮތަކަށް ކޮންމެ މީހެއްގެ ޙަޔާތަށްވެސް ބަދަލުތަކެއް އަންނާނެތާ ދޯ.“ ފައިސަލްގެ ވާހަކަ ހުރީ އޭނާގެ ހަޔާތުގެ އެއްވެސް އެއްޗެއް ފޮރުވަން ބޭނުންނުވާ ކަހަލަ ގޮތަކަށެވެ. ”ތިބުނީ ވަރަށް ބޮޑު އެއްޗެއްކަން ހަނދާން ކުރައްޗޭ އިނގޭ. އެކަމަކު ދެން ތިކަމާ ވާހަކަ ދައްކާނީ ސައިބޮއެގެން ދޯ. ހިނގާ އަވަހަށް ސައިބޯން. މިހާރު ޝާލޫ އިންނާނެ ފައިސަލް ނައިސްގެން ސައިބޯން ނުފެށިފަ.“ ފައިސަލް ކާމޭޒާއި ހަމައަށް ގެންގޮސްލާފައި، އޭނާގެ މަންމަ އެދުނު ފަދައިން ޝަހާ ދިޔައީ ފާތުން ކޮބައިތޯ ބަލައިލާށެވެ. އެވަޤުތު ހައްވަ އަދި އަޙްމަދު އެހިސާބަށް އަރާ ހަމަވަނީއެވެ. ފާތުން ކޮބައިތޯ ސުވާލުކުރުމުން އަދި ކޮޓަރިން ނުނިކުންނަ ކަމަށް ބުންޏެވެ. ޝަހާއަށް ކޮންމެވެސް ވަރެއްގެ ހައިރާން ކަމެއް ލިބުނެވެ. އެހެނީ ފާތުންއަކީ ދުވަހަކުވެސް ފަތިސް ނަމާދަށް ހޭލާގޮތަށް ދެން އަލުން ނިދަން އޮންނަ މީހެއް ނޫނެވެ. އެންމެ ކުޑައިރުއްސުރެވެސް ފާތުންގެ އާދަކާދަ ހުންނަނީ އެހެންނެވެ. ކަންބޮޑުވެ ހުރެ، ފާތުންގެ ކޮޓަރި ކައިރިއަށްގޮސް ދޮރުގައި ޓަކި ޖަހާލިއެވެ. ދެފަހަރަކު ޓަކި ޖަހާލުމުންވެސް އެއްވެސް ޚަބަރެއް ނުވުމުން ޝަހާގެ ކަންބޮޑުވުން އިތުރުވިއެވެ. އެހެންކަމުން ކުރިއަށްވުރެ ބާރަށް ޓަކި ޖަހަމުން ފާތުންއަށް ގޮވަމުން ގެންދިޔައެވެ. ޝަހާ، ފާތުންއަށް ގޮވާ އަޑު ކާމޭޒުދޮށުގައި ތިބި އެންމެންނަށް ކަހަލަ ގޮތަކަށް އިވުނެވެ. އެމީހުންވެސް ދުވެފައި އެދިމާއަށް އައެވެ. އެންމެން ކަހަލަ ގޮތަކަށް ފާތުންއަށް ގޮވަން ފެށިއެވެ. ފާތުންގެ އެއްވެސް ޚަބަރެއް ނުވުމުން ހަދާނެ އިތުރު ގޮތެއް ނެތިގެން އެކޮޓަރީގެ ތަޅުދަނޑި ހިފައިގެން އައިސް ދޮރުގެ ތަޅު ހުޅުވިއެވެ. އެހެންނަމަވެސް އެކޮޓަރިއަށް އެންމެ ފުރަތަމަ ވަނީ ޝަހާ އެކަންޏެވެ. ޙާލަތު ނޭންގުމާއިވެސް އެކު، ޝަހާ އަމިއްލައަށް އެގޮތަށް ކަންތައް ކުރުމަށް ބޭނުންވީއެވެ. ކޮންމެ ފަދަ ޙާލަތެއްގައިވެސް ފާތުންއަށް އެންމެ ރަނގަޅަށް އެހީތެރި ވެވޭނީ ޝަހާއަށްތާއެވެ. ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވަމުން ވަރަށް މަޑުމައިތިރިކޮން ފާތުންއަށް ގޮވަމުން ޝަހާ ކޮޓަރިތެރެއަށް ވަނެވެ. ބޭރުގައި ތިބި އެންމެންވެސް ތިބީ، ވާނުވާ ބަލަން ބޭނުންވެފައެވެ. ތަންކޮޅެއް ބޮޑަށް ދޮރުހުޅުވާލުމާއިއެކު، ކޮޓަރީގެ އެތަން މިތަނަށް ލޯދެމުން ބަލަމުން ދިޔައިރު ފާތުން އިނީ އެނދުގެ ތިރީގައި ދެފައި ކުރުކޮށްލައިގެން އިށީންދެގެންނެވެ. ދެއަތް އޮތީ ދެކަކުލާއި ހަމައިގަ ވަށާ ޖަހާލާފައެވެ. މުޅި މީހާ ތުރުތުރު އަޅާޙާލު، ކޮޓަރީގެ ކަނަކާއި ދިމާއަށް ވައްކަޅިން ބަލަހައްޓައިގެންނެވެ. ދެލޮލުން ކަރުނަ ފައިބައެވެ. އޭސީގެ ފިނިކަން މުޅި ކޮޓަރިތެރެއަށް ފެތުރިފައި ވީނަމަވެސް ފާތުން އިނީ ދާހިއްލާ ފޯވެފައެވެ. ކޮޓަރީގެ ދޮރު ރަނގަޅަށް ހުޅުވާލާފައި ޝަހާ ދުއްވައިގަތީ ފާތުންއާއި ދިމާއަށެވެ. ދެން ތިބި މީހުންވެސް ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިތެރެއަށް ވަނެވެ. ނަމަވެސް ފައިސަލް މަޑުކުރީ ބޭރުގައެވެ. ފާތުންގެ ޙާލު ބަލައިލަން ފައިސަލް ކިތަންމެ ބޭނުންވެފައި ވީނަމަވެސް، އޭނާގެ ދަރިފުޅަށް ވިސްނާލާފައި ބޭރުގައި މަޑުކުރަން ނިންމީއެވެ. ކޮޓަރި ތެރޭގައި އުޅެނީ ކާކުތޯ އަދި އެމީހަކަށް ވީކީއްތޯ ޝާލިނީ ސުވާލުވެސް ކުރިއެވެ. ނަމަވެސް އޭގެ ޖަވާބުގައި އެތަނުގައި އިނީދައްތައެއް ކަމާއި، އެދައްތަ އުޅެނީ ބަލިވެކަން ފިޔަވާ އިތުރު އެއްވެސް އެއްޗެއް ފައިސަލް ޝާލިނީ ކައިރިއަކު ބުނެއެއް ނުދެއެވެ. ޙަޤީޤަތަށް ބުނަންޏާ ވަމުންދާ ގޮތެއް ޚުދު ފައިސަލްއަކަށްވެސް ނޭންގެއެވެ. އެހެންވީއެއިރު، ޝާލިނީއަށް ބުނެދޭނީވެސް ވަކި ކިހިނަކުން ހެއްޔެވެ.
ޝަހާ ދުވެފައިގޮސް ފާތުން ކައިރީގައި އިށީންދެލިއެވެ. އަދި ފާތުންގެ ކޮނޑުގައި އަތް ވަށާލުމާއިއެކު ގަޔާއި ކައިރިކޮށްލިއެވެ. ޝަހާ އިތުރު ސުވާލެއް ނުކޮށް އުޅެނިކޮށް، ފާތުން ވާހަކަ ދައްކަން ފެށިއެވެ. ”އެމީހާ އެއަންނަނީ އަހަރެންނާ ދިމާއަށް. އަހަރެންގެ ދަރިފުޅުވެސް އަތުލައިގެން ގެންދާނެ. ދެން އަހަރެންނަށް ތިވަރަށް އަނިޔާ ނުކޮށްބަލަ ރަޝީދޫ. އަހަރެންގެ ކުށަކީ ކޮބައިތަ؟ އަހަރެން ދޫކޮށްލާ.“ ފާތުންއަށް ވެފައި އިންގޮތް މިހާރު ކޮންމެވެސް ވަރަކަށް ޝަހާއަށް އަންދާޒާ ކޮށްލެވިއްޖެއެވެ. ހޮސްޕިޓަލުން ދޫކޮށްލީމާ ގެއަށް އައި އިރު، ކިތަންމެ ހަމަޖެހިފައި އިންކަމަށް ފާތުންގެ ޢަމަލުން ދެއްކިޔަސް އޭނާގެ ހިތާއި ސިކުނޑީގައި އަދިވެސް މާޒީގެ އެތައްކަމެއް ހަރުލާފައި އެބަހުރިކަން ޝަހާއަށް ވިސްނުނެވެ. ”ފާތުން، ފާތުން.“ ދެކޮނޑުގައި ހިފާ ބާރަށް ތަޅުވާލަމުން ޝަހާ ގޮވާލިއެވެ. އެވަޤުތު ހައްވައަށް ރޮވިއްޖެއެވެ. ޝަހާގެ މަންމަވެސް ހުރީ ކޮންބޮޑުވެފައެވެ. ޝަހާގެ ގޮވާލުމަކަށް ފާތުން އެވަޤުތަކު އިޖާބައެއް ނުދިނެވެ. އެހެނީ އަދިވެސް އެދަނީ ހަމަ އެހާސަރުބޮނޑި ދަމަމުންނެވެ. ގިސްލަމުން ތުރުތުރު އަޅާ ޙާލުގައި އިނދެގެންނެވެ. ބަލަހައްޓައިގެންވެސް އިނީ ހަމަ އެއްދިމާލަކަށެވެ. ”ފާތުން“ މިފަހަރު ޝަހާ ގޮވާލީ، ފާތުންގެ ކޮނޑުގައި ހިފާ ބާރަށް ތަޅުވާލުމާއިއެކު، އަޑުގެ ނެތްތަނަށެވެ. ފާތުންއަށް ހަމަހޭވެރިކަންވީ ދެނެވެ. ހަމަޖެހިލާފައި ވަށައިގެން ބަލައިލިއިރު ހުރިހާ އެންމެން ތިބީ ފާތުން ވަށާލައިގެންނެވެ. ފަހަރަކު މީހަކާއި ދިމާއަށް ބަލައިލުމަށްފަހު އެންމެ ފަހުން ބަލައިލީ ޝަހާއާއި ދިމާއަށެވެ. އޭރުވެސް ފާތުންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޝަހާއާއި ހަތަރުކަޅި ހަމަވުމާއިއެކު، އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން އިނދެފައި ޝަހާގައިގާ ބާރަށް ބައްދާލިއެވެ. އަދި ހަމައެއާއި އެކުއެކީ އެހާމެ ބާރަށް ރޯންފެށިއެވެ. ”ޝަހާ އަހަރެން ސަލާމަތްކުރޭ. ރަޝީދު އަންނާނެ އަހަރެން ގެންދަން.“ ފާތުން ކިޔާނެ އެއްޗެއް ކިޔާ ނިމެންދެން ޝަހާ އިނީ އަޑުއަހާށެވެ. އެވަޤުތު ޝަހާގެ މަންމަ ދުވެފައި ގޮސް ފެންތައްޓެއް ހިފައިގެން އައިސް ފާތުންގެ އަތަށް ދިއްކޮށްލިއެވެ. ޝަހާގެ އެހީތެރިކަމާއިއެކީ ފެންތަށި ބޯލުމުން ފާތުން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅޭގޮތް ވިއެވެ. މަޑުމަޑުން ކޮޅަށް ނަގާ، އެނދުމަތީގައި ބައިންދާލާފައި ކުޑަ ވަޤުތުކޮޅަކަށް އެންމެން ކޮޓަރިން ބޭރަށް ނިކުމެލަން ޝަހާ އެދުނެވެ. ފާތުންއަށް ވާނުވާ ބަލަން ކިތަންމެ ބޭނުންވެފައި ތިއްބަސް، ހުރިހާ އެންމެންވެސް ޝަހާ ބުނި ބަހަށް ތަބާވެ، ކޮޓަރިން ބޭރަށް ނިކުތެވެ. ޝަހާގެ މަންމަ ބޭރަށް ނިކުތް ވަޤުތު މާމާއޭ ކިޔާފައި ކުއްޖަކު ގޮވާލި އަޑު ޝަހާ މަންމަގެ ކަންފަތުގައި ޖެހުނެވެ. ފައިސަލްއާއި ޝާލިނީވެސް ގޭގައި އަދިވެސް އެބަހުރިކަން ޝަހާ މަންމައަށް ރެއަކާލީ އެވަޤުތުއެވެ.
ފުން ނޭވާއެއް ލުމާއިއެކު ކޮންމެވެސް ވަރަކަށް ހަމަޖެހިލާފައި ފައިސަލްއާއި ދިމާއަށް ޝަހާގެ މަންމަ ހިނގައިގަތެވެ. ޝާލިނީ ހުރީ ވީގޮތް ބަލަން ބޭނުންވެފައިކަން ޝަހާގެ މަންމައަށް ވިސްނުނެވެ. އަދި އެ ކޮޓަރި ތެރެއިން އިވުނީ ކޮން ދައްތައެއްގެ އަޑެއްތޯ ސުވާލުވެސް ކުރިއެވެ. އެވަޤުތު ޝަހާގެ މަންމަ ބަލައިލީ ފައިސަލްއާއި ދިމާއަށެވެ. ފައިސަލްއާއި ހަތަރުކަޅި ހަމަކޮށްލިއިރު، އޭނާވެސް ހުރީ ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލަހައްޓައިގެންކަން ޝަހާގެ މަންމައަށް ފާހަގަވިއެވެ. ފައިސަލްއަށް ހުރިހާ އެއްޗެއްވެސް ކިޔައިދޭން ޝަހާގެ މަންމަ ގަސްތުކުރިއެވެ. އެހެންނަމަވެސް ޝާލިނީގެ ކުރިމަތީގައި ނުދެއްކޭނެ ކިތަންމެ ވާހަކައެއް އެބަހުރިކަން ފައިސަލްއަށް ވިސްނުނެވެ. ޝަހާ މަންމަގެ ބަލައިލުމުންނެވެ. ކޮށްލި ޢިޝާރާތުންވެސް މެއެވެ. ފައިސަލް މަޑުމަޑުން ބޯ ޖަހާލިއެވެ. އަދި ފަހުން އަންނާނަން ކަމަށް ބުނެ، ގެއަށް ދިއުމަށް ނިކުތެވެ. ނަމަވެސް ޝާލިނީ ބޭނުންވަނީ އަދިވެސް ކުޑަ ވަޤުތުކޮޅަކު މަޑުކޮށްލާށެވެ. އެހެނީ އޭނާގެ ދައްތައާއި ބައްދަލުކޮށްނުލާ ގެއަށް ދިއުމަށް ޝާލިނީގެ ހިތްވެސް ނުރުހުނީތީއެވެ. އަދި އެކަމަށް އެދޭ ކަމަށްވެސް ޝަހާގެ މަންމަ ގާތުގައި ބުންޏެވެ. އެހެންނަމަވެސް މިވަޤުތަށް އެކަން އެހެން ކުރެވެން ނޯންނާނެ ކަމަށް ޝާލިނީއަށް ވިސްނައިދެވޭތޯ ފައިސަލް މަސައްކަތްކުރިއެވެ. ފައިސަލް ބުނި ބުނުމަށް އެއްބަސްވެ، ގެއަށް ދިއުމަށް ޝާލިނީ ހިނގައިގަތެވެ. ކިތަންމެ ހިތް ނުރުހުނަސްވެސް މެއެވެ. ފަހުން އަންނާނަން ކަމަށްވެސް ބުނަމުންނެވެ. އަނެއްކޮޅުން ޝަހާ މަސައްކަތް ކުރަމުން ގެންދިޔައީ ފާތުންއަށް ވެފައި ހުރިގޮތެއް އޮޅުން ފިލުވޭތޯއެވެ. ”ފާތުން، ވާހަކަ ދައްކާލަން އޯކޭތަ؟“ ފާތުންގެ ބުރަކަށީގައި އޯގާތެރިކަމާއިއެކު ފިރުމާލަމުން ޝަހާ އަހާލިއެވެ. ޖަވާބުގައި ފާތުން މަޑުމަޑުން ބޯޖަހާލިއެވެ. ”ކިހިނެއްވީ؟“ ”ނޭންގެ ހުވަފެނެއް ކަންނޭންގެ. އެއީ މިހާރަކު މިތާކު ރަޝީދުއެއް ނެތެއްނު ދޯ.“ ވަރަށް މަޑުމައިތިރި ކަމާއިއެކީ ފާތުން ބުނެލިއެވެ. ”ފާތުންގެ ޙަޔާތުގައި ހިނގާފައިވާ އެއްވެސް ކަމަކީ އެހާ ފަސޭހައިން އަދި އެހާ އަވަހަށް ހަނދާން ނައްތާލެވޭނެ ކަންތައްތަކެއް ނޫންކަން އަހަރެންނަށްވެސް ވިސްނޭ. ފާތުން ކިތަންމެ ނޯމަލްކަމަށް ދައްކަން އުޅުނަސް ފާތުންގެ ފިކުރުތަކަކުން އެކަމެއް ނުދާނެއެއްނު ދޯ. އެކަމާ މާބޮޑަށް ވިސްނީމަވެސް ތިހެން ވެދާނެ.“ ފާތުންގެ ހިތުގައި އޮތް އެއްޗެއް ކިޔައދޭތޯ ޝަހާ މަސައްކަތް ކުރަމުން ގެންދިޔައެވެ. ”އަހަރެން ނޯމަލްވޭތޯ މިބަލަނީވެސް އެކަންތައްތައް ހަނދާން ނައްތާލަން ބޭނުންވާތީ. އަހަރެންވެސް ބޭނުން ނޯމަލް ލައިފެއް އުޅެން. އުފަލުގަ ހުންނަން.“ ފާތުންގެ ހިތުގެ ޝުޢޫރު ޝަހާގެ ކުރިމަތީގައި ފައުޅުކުރެވޭތޯ މަސައްކަތް ކުރިއެވެ. ”ފާތުން ތެރަޕީ ނަގަން ޖެހޭކަމަށް ބުނެފިއްޔާ ޤަބޫލުކުރާނަންތަ؟“ ޝަހާ ބޭނުންވީ ފާތުން ތެރަޕީއަށް ދިއުމަށް އެއްބަސް ކުރުވާށެވެ. ”ޑޮކްޓަރީ ފަރުވާއަކަށް ނުގޮސް އަހަރެން ރަނގަޅުވާނެ ގޮތެއް ނޯންނާނެތަ؟ އެކި ގޮތްގޮތަށް ފަރުވާ ކޮށްކޮށް އަހަރެން މިހާރު ވަރުބަލި ވެއްޖެ.“ފާތުންގެ އިހުސާސްތައް ޝަހާއަށްވެސް ވިސްނެއެވެ. އެހެންނަމަވެސް ޝަހާ ބޭނުންވަނީ، ފާތުންގެ ޙަޔާތައް ހަމަޖެހޭ ދުވަސްތަކެއް ގެނުވާށެވެ. ބޭސްފަރުވާއަށް އަލުން ގޮސްގެން ވިޔަސްމެއެވެ.
ވަރަށް ގިނައިރުވަންދެން ދެއެކުވެރިން ވާހަކަ ދެއްކުމަށްފަހު، އެންމެފަހުން ފަރުވާއަށް ދިއުމަށް ފާތުން އެއްބަސްވިއެވެ. ހަމަޖެހުމުގެ ފުން ނޭވާއެއްލުމަށްފަހު، ސައިބޯން ދިއުމަށް ޝަހާ، ފާތުން ގާތުގައި ބުންޏެވެ. ބަލާބެލުމަށް މިހާރު ފާތުންވެސް އިނީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. ފާތުންގެ ނިދާ ކޮޓަރިން ދެއެކުވެރިން ބޭރަށް ނިކުތްއިރު ޝަހާގެ މަންމައާއި، ހައްވަ އަދި އަޙްމަދުވެސް ތިބީ އެމީހުންގެ އިންތިޒާރުގައެވެ. ފާތުންގެ ޙާލުވެސް ބަލަން ބޭނުންވާތީއާއިވެސް އެކުގައެވެ. އަދި އެމީހުންނާއިއެކުގައި ނޫނީ ސައިވެސް ބޯން ބޭނުން ނުވެފައެވެ. ދެމީހުން ކޮޓަރިން ނިކުތުމާއިއެކު، ޝަހާގެ މަންމަ ދުވަފައި ކަހަލަ ގޮތަކަށް ފާތުން ކައިރިއަށް އައިސް، އަތުގައި ހިފާލާފައި ޙާލު އަހާލިއެވެ. އަދި ވީހާވެސް އަވަހަކަށް ކޮންމެވެސް އެއްޗެއް ކާލަން ދިއުމަށް ބުންޏެވެ. ފާތުންވެސް ވަރަށް ހަމަޖެހިފަ ހުރިކަހަލަ ގޮތަކަށް ދައްކަމުން ދިޔައެވެ. އެހެންނަމަވެސް އަދިވެސް ހައްވަ ހުރީ ހިތް ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ފާތުންއަށް ވިގޮތެއް މާރަނގަޅަށް ނޭންގޭތީ ކަމަށްވެސް ވެދާނެއެވެ. ”ބޮޑުދައިތާ، ފާތުން މިހާރު ރަނގަޅޭ. ހުވަފެނެއް ފެނުނީ. އެހެން އެއްވެސް ކަމެއް ނުވޭ.“ ހައްވަގެ ހިތްހަމަ ޖައްސާލެވޭތޯ ޝަހާ މަސައްކަތް ކުރިއެވެ. ފުން ނޭވާއެއް ލުމާއިއެކު ހުރިހާވެސް މައްސަލައަކީ ހުވަފެން ކަމުގައި ހައްވަ ބުނެލިއެވެ. ފަސްމީހުން އެއްފަހަރާ ހޭންފެށިއެވެ. މިހާރު ކޮންމެވެސް ވަރަކަށް އެންމެންވެސް ހަމައަކަށް އެޅިފައި ހުރިކަހަލަ ގޮތަކަށް ގޭތެރޭގެ މާހައުލު ފެންނަން ފެށިއެވެ. ”ދަރިފުޅާ ފާތުމަތު. ބޮޑުދައިތަ މިހާރު މިވިސްނަނީ ދެން ވީހާވެސް އަވަހަކަށް ރަށަށް ދާން. އަޙްމަދުވެސް އޮފީހުން ޗުއްޓީ ނަގައިގެންތާ އެހުންނަނީ. މިހާރު ޗުއްޓި ހަމަވާންވެސް ވަރަށް ކައިރިވެއްޖެ. ހަފްތާއެއްހާ ދުވަސްވެސް ދެން ނެތް.“ ހައްވަ ބުނި އެއްޗަކަށް އެއްބަސް ވެވެން ނެތްކަމަށް ޝަހާގެ މަންމަ ބުންޏެވެ. އެހެންނަމަވެސް އަޙްމަދުގެ ޗުއްޓީ ހަމަވާތީ ދެން އެހެން އިތުރު ގޮތެއް ނެތްކަމަށް ބުނުމުން އެގޮތަށް ހުރިހާ އެންމެންވެސް އެއްބަސްވިއެވެ. ”ޝަހާ، ކިހިނެއްވާނެ އަހަރުމެން އެންމެންވެސް ބޮޑުދައިތައާއި އެކީ ރަށަށް ގޮސްލަން.“ މީގެ ކުރިން ރަށަށް ދާން ބޭނުން ނުވެގެން އެވާހަކަ ދައްކާފައި މިހާރު ކުއްލިޔަކަށް ފާތުން ރަށަށް ދާން ބުނުމުން ހައިރާންނުވާ އެކަކުވެސް އެތާކު ނެތެވެ. ”ފާތުން. މިހާރު ކުއްލިޔަކަށް ކިހިނެއް ތިވީ؟ އަދި ފާތުންގެ ބޭސްފަރުވާވެސް ނުނިމޭނު.“ ޝަހާގެ މަންމަ ބުނެލިއެވެ. ”ނޭންގެ ޝަހާމަންމާ، ހަމަ ކުއްލިޔަކަށް ރަށަށް ދާހިތްވީ. ދެން އެހެންނޫނަސް މިހެން ސިހިސިހިގެން ކިހިނެއް އަބަދު އުޅޭނީ. އެހެންވީމަ، އަހަރެން ބޭނުން މިބިރާ ކުރިމަތިލާން. ފަހަރެއްގަ ރަނގަޅުވެސް ވެދާނެއެއްނު ދޯ ޑޮކްޓަރ.“ ސަމާސާ ރާގަކަށް ޝަހާއަށް ދޯދެމުން ފާތުން އޭނާގެ ހިތުގެ ޝުޢޫރު ފާޅުކުރިއެވެ. ”ތިޚިޔާލު ގޯހެއް ނޫން. މަންމާ، ކިހިނެއްވާނެ ފާތުންނާ އެއްކޮން އަހަރުމެން އެންމެންވެސް ދާން.“ ޝަހާ އެބުނި އެންމެންނަކީ ކޮބައިތޯ ޝަހާގެ މަންމަ ސުވާލު ކުރިއެވެ. ”އަހަރުމެން ދެމައިންނާ، އަހްސަން އަދި ފައިސަލްގެ ދެބަފައިން.“ ޝަހާގެ އެޚިޔާލަށް އެންމެ ފުރަތަމަވެސް ތާޢީދުކުރީ ފާތުންއެވެ. ”ތީ ވަރަށް ފައްކާ ގޮތެއް. އަހަރެން ހަމަ މިހާރު މިގުޅަނީ އަޙްސަންއަށް. ޝަހާ އަހާލަބަލަ ފައިސަލް ކައިރީގަ.“ އެހެން ބުނުމާއިއެކު ފާތުން ވަޤުތުން އަޙްސަންއަށް ގުޅިއެވެ. ފާތުންގެ ކޯލަކަށް އަޙްސަންވެސް އިންތިޒާރު ކުރަމުން ދިޔަ ކަހަލައެވެ. އެހެނީ، ފޯނުގެ އެންމެ ރިންގަކުން އަޙްސަން ފޯނު ނަގައިފިއެވެ. ފާތުންގެ ޢަމަލުތައް ހުރީ ތޭރަސާދަ އަހަރުގެ ތުއްތު ކުއްޖެއް ފަދައިންނެވެ. އެހެނީ އޭނާގެ ޚިޔާލު އަޙްސަންއަށް ހުށައަޅަމުން ދިޔައިރު އެތަނުގައި ތިބީ ކޮންބައެއްތޯވެސް ބަލާކަށް ބެނުމެއް ނުވިއެވެ. އުފަލުން ފޮޅިފައި ހުރި ކަހަލައެވެ. އަޙްސަންއަށް ލިބުނީ ހައިރާން ކަމެކެވެ. އެހެނީ، ފާތުންގެ ފަރާތުން އެކަހަލަ ހުށައެޅުމެއް އަންނާނެ ކަމަށް ހިތަށްވެސް ނާރާ ހުއްޓާ ކަމަށް ވީތީއެވެ. އެހެނަސް އެއީ ފާތުން ހިތްހަމަޖެހޭ ކަމަކަށް ވާނަމަ އެގޮތަށް އަޙްސަން އެއްބަސްވެ އެރަށަށް ދާނެކަމަށް އަޙްސަން ބުންޏެވެ. އަދި އޮފީހުން ޗުއްޓީ ނަގަން ހުށައަޅާނެ ކަމަށްވެސް ބުންޏެވެ. އަނެއްކޮޅުން ޝަހާ ގުޅީ ފައިސަލްއަށެވެ. ފައިސަލްއަށް ފުރަތަމަ ލިބުނީ ހައިރާން ކަމެކެވެ. އެހެނަސް ފައިސަލް ވިސްނީ އެއީ އޭނާގެ މަޤްޞަދު ޙާޞިލުކުރުމަށް ހުޅުވާލެވުނު ދޮރެއް ކަމުގައެވެ. ޝާލިނީވެސް އެހުށައެޅުމަށް އުފަލުން މަރުޙަބާ ކިއެވެ.
އޭގެ ދެދުވަސް ފަހެވެ. ފާތުންގެ އެދުމުގެ މަތިން އޭނާ ބޭނުންވި ހުރިހާ އެންމެންވެސް އެތިބީ ފާތުންއާއިއެކު އޭނާގެ އުފަން ރަށަށް އައިހެވެ. ޝާލިނީއަށް އެއީ މުޅިން އައު ތަޖުރިބާއެކެވެ. ރާއްޖެތެރޭގެ ޤުދުރަތީ ހިތްގައިމު މަންޒަރަކީ، ޝާލިނީ ކުރިން ދެކެފައިނުވާ އެހެނަސް އަޖައިބު ކުރުވަނިވި މަންޒަރު ތަކަކަށް ވެގެން ދިޔައެވެ. ހުދު ބޯކިރުކޮޅެއް ފަދަ އޮމާން ގޮނޑުދޮށެވެ. ވިލުނޫކުލައިގެ ސާފު މޫދެވެ. ގޮނޑުދޮށަށް ބީއްސަމުން ގެންދާ ރާޅުތަކެވެ. އަދި އެރާޅުތަކުން ރެކެމުންދާ ހުދުކުލައިގެ ކުދިކުދި ކަކުނިތަކެވެ. ރުއްގަސްތަކުން މުޅި މާޙައުލަށް ދިރުން ގެނުވައިދޭ ފެހިކަމެވެ. އެހުރިހާ މަންޒަރެއް ފެނި، ޝާލިނީގެ ހިތަށް ގެނުވައިދިން އުފާވެރިކަން ފެނިފައި، ފައިސަލްވެސް ހިތްހަމަ ޖެހުނެވެ. ހަމައެއާއެކު، ރަނގަޅުދަނޑިވަޅަކަށް ބަލަބަލާ ހުއްޓެވެ. ޝަހާއާއި ރަނގަޅަށް ވާހަކަ ދައްކާލުމަށް ޓަކައެވެ. މިކަހަލަ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ފާތުންގެ ގޭ ގޯތިތެރޭގައި ބަހައްޓާފައި ހުރި ޖޯލިފަތީގައި އޮއްވާ ސިއްސައިގެން ދިޔައީ، ކަކޫމަތީގައި މީހެއްގެ އަތް ބާއްވާލިހެން ހީވެގެންނެވެ. ރަނގަޅަށް ހިންދެމިލާފައި ބަލައިލިއިރު، ކައިރީގައި އިނީ އަޙްސަންއެވެ. ”ދެން ބުނެބަލަ، ކޮންހާ ވިސްނުންތަކެއްތަ ތިވިސްނަނީ؟ ފައިސަލް ވަރަށް ބަދަލުވެއްޖެކަން އަހަރެންނަށް ފާހަގަ ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެ.“ އަޙްސަންގެ ސުވާލުތަކަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ދޭން ގަސްތުކޮށް ފުންނޭވާއެއްލުމާއިއެކު، ކޮޅަށްތެދުވެލާ، ހަމަޖެހިލައިގެން ފައިސަލް އިށީންދެލިއެވެ. ”އަޙްސަން ފާތުންދެކެ ލޯބިވާ ފަދައިން އަހަރެންވެސް ހަމަ އޭރުއްސުރެވެސް ކުއްޖަކު ދެކެ ލޯބިވަމޭ ބުނިއްޔާ އަޙްސަން ޤަބޫލުކުރާނަންތަ؟“ ވަރަށް ހައިރާން ކަމާއިއެކު، ފައިސަލްއާއި ދިމާއަށް ބަލަހައްޓައިގެން އިނދެ އެއީ ކޮން ކުއްޖެއްތޯ އަޙްސަން ސުވާލުކުރިއެވެ. ”ޝަހާ.“ ފައިސަލް ޖަވާބު ދިނެވެ. އެވަޤުތު ހައިރާނުން ފުރިގެންވާ އަޑަކުން މީހަކު ފައިސަލްއަށް ގޮވާލި އަޑަށް ދެމީހުންވެސް އެނބުރި ބަލައިލިއެވެ. ކައިރީގައި ހުރީ ”ޝަހާއެވެ.
- ނުނިމޭ –