މޯލްޑިވްސް ގާލްގައިޑް ހަރަކާތަކީ ދިވެހީންގެ ދިރިއުޅުމުގެ ތެރޭގައި އޮތް ރަނގަޅު އިޖުތިމާއީ އެތައް ސިފަތަކެއް ރަސްމީ ގޮތެއްގައި ދަމަހައްޓައިދޭ ވިޔުގައެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުޖެއެވެ. ހަރަކާތަކީ ދިވެހީންގެ ރީތި ސަގާފަތާއި އާދަކާދައަށް ދިރުންދޭ ބައިވެރިއެއްކަމަށް ވެސް ޗީފްގައިޑު ވިދާޅުވިއެވެ.
ޗީފްގައިޑު މިހެން ވިދާޅުވީ ސީއެޗުއެސްސީގައި ބޭއްވި މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މެޑަމް ވިދާޅުވީ މި ހަރަކާތަކީ ކޮންމެ މުޖުތަމައަކަށްވެސް ބޭނުންތެރި މުހިންމު ހަރަކާތެއް ކަމަށާއި، އެއީ އިސްނެގުމާއި ޒިންމާދާރުވުމާއި އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާއެއްކަމުގައެވެ. ގާލްގައިޑްސް ހަރަކާތް ބުނެދެނީ ކޮންމެ އަގަކީ ފައިސާއިން ލިބޭ އަގެއް ނޫންކަމަށާއި، އެ ހަރަކާތުން އިންސާނީ ކަރާމާތުގެ އަގުގެ މަތިވެރިކަން ދަސްކޮށްދޭކަމަށް ވެސް ވިދާޅުވިއެވެ. މި ހަރަކާތުން ދޭދޭ ގުޅުންތަކުގެ އަގު ވަޒަންކުރަން އުނގަންނައިދޭކަމަށާއި، ވާޖިބު އަދާކުރުމާއި މަސްއޫލިއްޔަތު އުފުލުމުގައި އަވަދިނެތިވުމަކީ ކިހާވަރެއްގެ އުފަލެއްކަން ވެސް އިހްސާސް ކޮށްދޭކަމަށް ވިދާޅުވިއެވެ.
”އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ޤައުމެއް ބިނާކުރުމަކީ ކުރެވޭނެކަމެއް ނޫން. އަންހެނުންގެ ހަގީގީ ދައުރާ ނުލައި މުޖުތަމައެއް އިސްލާހުކުރުމަކީ ވެސް، އެއް ގޮތަކަށް ވެސް ކާމިޔާބުކުރެވޭނެ ކަމެއް ނޫން،“ މެޑަމް މިއަދު ވިދާޅުވިއެވެ.
މި ޖަލްސާގައި އެކަމަނާ ވަނީ ދިވެހި އަންހެނުން ދީނީ ގޮތުން ހޭލުންތެރި ދީންވެރި ބަޔަކަށްވުމަށް ބާރުއަޅުއްވައިފައެވެ. ދިވެހި އަންހެނުން ގައުމީ ރޫހު ދިރުވާބަޔަކަށް ވުމަށާއި، ޒަމާނުގެ އިލްމާއި، ފަންނުތަކަށް ލޯހުޅުވިފައިވާ، އެ ކަންކަމަށް އަހުލުވެރި ބަޔަކަށްވުމަށް ވެސް އެކަމަނާ ބާރުއެޅުއްވިއެވެ. މީގެއިތުރުންވެސް، އިސްނަގައިގެން ހަރަކާތްތެރިވެ އިސްރޯލެއް ދިވެހި މުޖުތަމައުގައި ދިވެހި އަންހެނުން އަދާކުރުން މުހިންމުކަމުގައި ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ޗީފްގައިޑުވަނީ މޯލްޑިވްސް ގަރލްގައިޑްސްގެ ވެބްސައިޓް އިފްތިތާޙުކޮށްދެއްވާފައެވެ. މީގެ އިތުރުން ގާލްގައިޑްސް އެސޯސިއޭޝަނަށް 20 އަހަރާއި 25 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ފަރާތްތަކަށް ސެޓްފިކެޓާއި ބެޖު ވެސް އެކަމަނާ މިއަދު ހަވާލުކޮށްދެއްވިއެވެ.
މީގެއިތުރުން މެޑަމް ސާޖިދާ ވަނީ، ޗީފް ކޮމިޝަނަރ އާއި ޑެޕިއުޓީ ޗީފް ކޮމިޝަނަރ، ޗީފް ކޮމިޝަނަރ އަދި ޑެޕިއުޓީ ޗީފް ކޮމިޝަނަރކަމުގެ ޓަރމް ނިންމެވުމާ ގުޅިގެން ދެއްވާ ސެޓްފިކެޓް، ބެޖް އަދި ސްކާފް ހަވާލުކޮށްދެއްވާފައެވެ. އަދި، އަލަށް ޗީފް ކޮމިޝަނަރގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޢާއިޝަތު ނަޝީދާއަށް ޗީފް ގައިޑް ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.