އަބަދުވެސް ކަންތައް ކުރާނީ އިންސާފުން: ރައީސް

މުހައްމަދު އަލީ
އޭޕްރިލް 27, 2025

އަބަދުވެސް މި ސަރުކާރުން ކަންކަންކުރައްވާނީ އިންސާފުގެ މަގުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް ރައްޔިތަކަށް ތަފާތު ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ރައީސް މި ޔަގީންކަން ދެއްވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވައި މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މި ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ”2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން“ އުފައްދަވާފައިވަނީ ގިނަ ބާރުތަކަކާއެކުގައި ކަމަށާއި އެގޮތުން، މި ކޮމިޝަނަކީ އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅަށް މަސައްކަތް ކުރާނެ ކޮމިޝަނެއް ކަމުގައި ވިދާޅުވިއެވެ. އެގޮތުން އެ ކޮމިޝަނުން ހަގީގަތް ހޯދުމުގައި އަދި ބަލަންޖެހޭ ކަމެއް ބެލުމުގައި، އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ ކަމަށާއި އެފަދަ ހުރަހެއް ކުރިމަތިވެސް ނުކުރެވޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ދެއްވި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެ ކޮމިޝަނަށް ސުވާލު ނުކުރެވޭނެ ފަރާތެއް، އަދި ޓަކި ނުޖެހޭނެ ދޮރެއް ނުހުންނާނެ ކަމަށާއި، ބޭރު ގައުމަކުން އެހީ ހޯދަން ޖެހުނަސް އެކަން ކުރުމުގެ ބާރުވެސް ދެއްވާފައިވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

”ކުށްކުރި ފަރާތަކީ ކޮބައިތޯ ބަލައި އެފަރާތްތަކަށް، އެއީ ކޮންމެ ފަރާތެއްވިޔަސް، އެފަރާތަކަށް ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ތެރެއިން އޮންނަ އުސޫލުގެ ތެރެއިން، އޮންނަ އަދަބެއް ދިނުން، ނޫނިއްޔާ އޮންނަ ގޮތަކަށް އެކަމެއް ކުރުން. އެއްވެސް މީހެއް އަޅުގަނޑަކަށް މުހިންމެއް ނޫން، އެ އިންސާފު ޤާއިމު ކުރުމުގައެއް، ރޫލް އޮފް ލޯ އެސްޓެބްލިޝް ކުރުމުގައެއް،“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، އެއްވެސް ރައްޔިތަކާއިދޭތެރޭ ތަފާތުކުރުމަކީ އަދި އަނިޔާވެރިވުމަކީވެސް މިއަދާއި ހަމައަށް އައިއިރުގައިވެސް އަދި ކުރިއަށް އޮތްތާނގައިވެސް، އެ މަނިކުފާނުގެ ހަމައެއް ނުވަތަ އުސޫލެއްވެސް ނޫން ކަމަށާއި، މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގައިވެސް އެ މަނިކުފާނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ގެންގުޅުއްވާ އުސޫލަކީ މިކަމުގެ ހަގީގަތް ހޯދައި، އިންސާފު ގާއިމްކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އަދި ކޮމިޝަންގެ މަސައްކަތާއެކު ވަރަށް ދެފުށް ފެންނަ ގޮތެއްގައި، ވަރަށް ޒިންމާދާރު ގޮތެއްގައި މި މައްސަލަ ބަލައި ނިމި، އެއްވެސް މީހަކަށް ތަފާތު ނުކުރެވޭކަން ކަށަވަރު ކުރެވި، ހުރިހާ ސުވާލެއްގެ ޖަވާބު ލިބި، ކަންކަން ސާފުވާން އުންމީދުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގައި ހަމަޖެހުމާއި އިންސާފާއި އަދާލަތު ޤާއިމުވެފައި އޮތުން ވަރަށް މުހިންމު ކަމުގައި ފާހަގަކުރެއްވިއެވެ. އަދި، އެއީ ކޮންމެހެން ހާދިސާއެއް ހިނގައިގެން ދިއުމުން އެކަނި ނޫން ކަމަށާއި، ހުރިހާ ދާއިރާއެއްގައިވެސް އެ އިންސާފާއި ޤާނޫނުގެ ވެރިކަމާއި ސުލްހައާއި ހަމަޖެހުން، ހުރިހާ ވަގުތެއްގައިވެސް އޮތުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމުގައި ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *