މައްޗަންގޯޅި ސަހަރާއިން ބައެއް ސާފުކޮށް މަގު ފާރު ތަޅައި ކުނިތައް އުކާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، މާލެ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވައިލައިފިއެވެ.
މި މަސައްކަތް ކޮށްދޭންޖެހެނީ އަމިއްލަ ތަކެތީގައެވެ. މިކަމަށް ކައުންސިލުން ބީލަމަށް ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ބީލަމަށް ހުޅުވާލުމަށް ކައުންސިލުން ކޮށްފައިވާ އިޢުލާންގައި ބުނެފައި ވަނީ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުގެ މަޢުލޫމާތު ސާފުކުރުން 30 އޭޕްރީލް 2025 ވަނަ ދުވަހުގެ، 10:00 ގައި ހ. ހުޅުގަލި، ފުރަތަމަ ފަންގިފިލާގައި ހުންނަ، ސިޓީ ކައުންސިލްގެ އިދާރާގައި އޮންނާނެކަމަށެވެ.
މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނީ، 7 މެއި 2025 ވަނަ ދުވަހުގެ 10:00 ގައި ހ. ހުޅުގަލި، ފުރަތަމަ ފަންގިފިލާގައި ހުންނަ ސިޓީ ކައުންސިލްގެ އިދާރާގައި ކަމަށްވެސް ބުނެފައިވެއެވެ. މި މަސައްކަތުގެ ދަށުން ސާފުކުރުމަށް ހަމަޖެހިފައި ވަނީ 16835 އަކަ ފޫޓެވެ.
މި ނިންމުމަކީ 27 އޮގަސްޓް 2019 ގައި ކައުންސިލްގެ ތިން ވަނަ ދައުރުން ނިންމާފައިވާ ނިންމުމެކެވެ. އޭރުއްސުރެ މި ނިންމުން ތަންފީޒު ނުކޮށް، މި މަސައްކަތް ނުނިމި ދިގުދެމިގެން ގޮސްފައި ވަނިކޮށް، މި މަސައްކަތް ކުރުމަށް މިއަދު މި ނިންމެވީ، މާލެ ސިޓީގެ މިހާރުގެ މޭޔަރ އާދަމް ޢާޒިމް ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ.
މާލެ ސިޓިގެ މޭޔަރުކަމާ އާދަމް ޢާޒިމް ހަވާލުވެވަޑައިގެން މިވީ އަހަރެއްހައި ދުވަހުގެތެރޭގައި، މާލެ ސިޓީގެ ކުނި މެނޭޖުކޮށް، މަގުތަކާއި ޕާކުތަކާއި މައިދާންތަކާއި ހުސްބިންތަކާއި ކާނުތައް ސާފުކޮށް ބޭއްވުމަށް ސަމާލުކަންދެއްވި ފަދައިން، އެ މަނިކުފާނު ވަނީ، މާލޭ ގެ ސަހަރާތައް ރީތިކޮށް، މީހުން ހިތްހަމަޖެހޭ ފަދަ ތަންތަނަށް އެ ތަންތަން ހެއްދެވުމަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްދެއްވަމުން ކަމަށްވެސް ސިޓީކައުންސިލުން ބުނެފައިވެއެވެ. މާލޭގެ އާ ސަހަރާއާއި ހުޅުމާލެ ސަހަރާއަށް ބަލާލުމުން މިހާރު މި ކަންޔަޤީންވާނޭ ކަމަށްވެސް ބުނެފައިވެއެވެ.