ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެޤައުމަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށް އެމަނިކުފާނުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެޤައުމުގެ މިނިސްޓަރ އޮފް ހެލްތު (މިނިސްޓަރ އިން އެޓެންޑަންސް) ޑޮކްޓަރ ޙާޖީ ޒުލްކިފްލި އަޙްމަދު، މެލޭޝިއާގެ ޗީފް އޮފް ޕްރޮޓޮކޯލް ޔުބަޒްލާން ބިން ޔޫސުފް، ޗީފް އޮފް ސެރެމޮނީ އޮފް ދަ ގަވަރމަންޓް، ޕްރައިމް މިނިސްޓަރޒް ޑިޕާރޓްމަންޓް، ރުޒައިނަރ ބިން ރަމްލީ، މެލޭޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ބަދްލީ ހިޝާމް އަޙްމަދު، އަދި، ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދު ކަމަށް ރައީސް އޮފީހުން ވިދޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ އެއާޕޯޓަށް ފައިބާވަޑައިގެންނެވުމުން ޝަރަފުގެ ގާޑެއް ވަނީ އަރުވާފައެވެ.
މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުން ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.