ޤުރުބާނީ (ފަންސަވީސްވަނަ ބައި)
ޤުރުބާނީ (ވިހިވަނަ ބައި)

ޤުރުބާނީ (ފަންސަވީސްވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
މެއި 3, 2025

ފައިސަލްއަށް ހަދާނެ ގޮތް ހުސްވި ކަހަލައެވެ. އާނއެކެވެ. އަޙްސަންގެ ކުރިމަތީގައި މިއަދު ފައިސަލް އެ ފައުޅުކުރީ ޙަޤީޤަތުގައިވެސް އޭނާގެ ހިތުގެ ޝުޢޫރެވެ. އެއީ ޝަހާ ކައިރީގައިވެސް އޭނާ ދައްކަން ބޭނުންވާ ވާހަކައެވެ. ފައިސަލްއަށް ޝަހާ ދެކެ ލޯބި ވެވުނީ ކޮން އިރަކު ކަމެއް ޚުދު ފައިސަލްއަކަށްވެސް ނޭންގެއެވެ. އެހެންނަމަވެސް ސްކޫލް ދައުރުން ފެށިގެންވެސް ޝަހާއަށް ޓަކައި ފައިސަލްގެ ހިތުގައި ޚާއްޞަ މަޤާމެއް ދެވިފައި އޮވެއެވެ. އެއީ ލޯބި ކަމެއް އޭރު ބުނެދޭން ނޭންގުނީތާއެވެ. އެހެނަސް ފައިސަލްގެ ހިތުގެ ސިއްރު، ޝަހާގެ ކުރިމަތީގައި މިގޮތަށް ފަޅާ އަރާފާނެ ކަމަށް ދުވަހަކުވެސް ހިތަކަށް ނާރާނެތާއެވެ. ހަދާނެގޮތް ހުސްވެފައިވާ ކުށްވެރިއެއް ފަދައިން ޝަހާގެ ކުރިމަތީގައި އިސްދަށަށް ޖަހާލައިގެން ފައިސަލް ހުރީއެވެ. އަޙްސަން އަކަށްވެސް ބުނާނެ އެއްޗެއް ނޭންގުނެވެ. ކުއްލިޔަކަށް އަޙްސަންގެ ޚިޔާލަށް އަންނަން ފެށީ، މަދުރަސީ ދައުރުގެ މާޒީއެވެ. އެ މަޖާ ދުވަސްތަކެވެ. ފާތުންގެ ވާހަކަތައް ފައިސަލްއާއި ކެނޑިނޭޅި ހިއްސާކުރަމުން ދިޔަ މަންޒަރު ތަކެވެ. ކްލާސް ތެރޭގައި ޖެހިސަކާރެތެވެ. އެއިން އެއްވެސް ފަހަރަކު، ފައިސަލްގެ ދުލުން އޭނާގެ ހިތުގެ ޙާލު އިއްވާފައެއް ނުވެއެވެ. ވީއިރު މިއަދު މި އިވުނު ވާހަކައަކީ، ހަމައެކަނި ޝަހާއަށް ލިބުނު ހައިރާން ކަމަކަށް ނުވާނެތާއެވެ. ”ފައިސަލް ތި ބުނީ ކީކޭ؟ އަހަރެން ދެކެ ފައިސަލް ކޮން އިރަކު އެހާ ލޯތްބެއްވީ؟“ ޝަހާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ފައިސަލްއަކަށް ނޭންގުނެވެ. އެހެނީ އަދިވެސް އެހުރީ ކުށްވެރިއެއް ފަދައިން އިސްދަށަށް ޖަހައިގެންނެވެ. ”ފައިސަލް އަހަރެން މިކުރާ ސުވާލަށް ޖަވާބު ދީބަލަ ޕްލީސް.“ ޝަހާއަށް ރުޅި އާދެވޭގޮތް ވިއެވެ. ހަމަ އެއާއެކު ރޮވެންވެސް ފަށައިފިއެވެ. ޝަހާއަށް އެވަނީ ކީއްކަމެއް ޚުދު ޝަހާއަކަށްވެސް ނޭންގުނެވެ. އަޙްސަންވެސް ދިޔައީ ފައިސަލް އެބުނި އެއްޗެއްގެ ތަފްސީލަށް އެދެމުންނެވެ. ކުއްލިޔަކަށް ފައިސަލް ހިނގައިގަތީ ގެއިން ބޭރަށް ނިކުތުމަށެވެ. އަޙްސަންވެސް ފަހަތުން ހިނގައިގަތެވެ. ފައިސަލްއަށް ގޮވަމުންނެވެ. ރުޅިގަދަވެ، ހަދާނެ ގޮތް ހުސްވެފައި ޝަހާ ހުރީ ހުރި ފިޔަވަޅު މަތީގައެވެ. ދާނެ ވަކި ދިމާލެއްވެސް ނޭންގިފައި ކަހަލަ ގޮތަކަށެވެ. އެވަޤުތު ގޭތެރެއިން ނިކުތީ ފާތުންނާއި ޝާލިނީއެވެ. ހެމުން ސަކަރާތް ޖަހަމުންނެވެ. ޝަހާ ހުރިގޮތް ފެނިފައި ދެމީހުންނަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. ”ދައްތަ ސްޓެޗޫ ގޭމް ކުޅެނީތަ؟“ މައުސޫމު ގޮތަކަށް ޝާލިނީ އަހާލިއެވެ. ”ޝަހާ، ކިހިނެއްވެފަ ތިހުރީ؟ ކޮބާ މިތާ ތިބި މީހުން؟ އަހަރުމެން މި އައީ ތުނޑިމައްޗަށް ދާންވެގެން އެންމެން ކައިރީގަ ބުނަން ވެގެން. އެކަމަކު ހީވާގޮތުން އެމީހުން އަހަރުމެން ނުލާ އެދިޔައީ.“ ފާތުން މިހެން ބުނުމުން ޝާލިނީ ވަރަށް ދެރަވިއެވެ. ”ބައްޕަ ނުދާނެ ޝާލޫ ކައިރީގަ ނުބުނެއެއް.“ ޝާލިނީއަށް ކުޑަކޮން ރޮވޭގޮތް ވިއެވެ. ފާތުން ޝާލިނީގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. ޝާލިނީ ހަމަޖައްސާލުމުގެ ނިޔަތުގައެވެ. އެވަޤުތު ޝަހާ މަޑުމަޑުން ގޮސް ޖޯލިފަތީގައި އިށީންދެލިއެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން ހިނގާދިޔަ ކަންތައަށް ޝަހާގެ ލޯމަތީގައި ދައުރުވާން ފެށި ކަހަލައެވެ. އެކަން ޝަހާއަށް ބޮޑު އަރަތަކަށް ވެއްޖެއެވެ. ފާތުން ގާތުގައި އެވާހަކަތައް ބުނެދޭންވެސް ޝަހާ ބޭނުންވެއެވެ. ވީހާވެސް އަވަހަކަށެވެ. އެހެނަސް މިވަޤުތު ވާހަކަ ދައްކާނީވެސް ކިހިނަކުން ހެއްޔެވެ. ކުއްލިޔަކަށް ޝާލިނީއާއި ދިމާއަށް ބަލައިލެވުނެވެ. އެހެނަސް އެ ކުއްޖާއާއި މެދު ޝަހާގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އެހެނީ މިކަމުގައި އޭނާގެ އޮންނާނީވެސް ކޮން ކުށެއް ހެއްޔެވެ. ޝަހާ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެގެން އުޅޭކަން ފާތުންއަށް އިހުސާސް ކުރެވުނެވެ. ފާތުންއަށްވެސް ބަލައިލެވުނީ، ޝާލިނީއަށެވެ. ”ޝާލޫ ދާންވީނު ދޯ ފެންވަރާލަން. މެންދުރު ނަމާދު ވަޤުތުވެސް ޖެހެނީނު. ދެން ތުނޑި މައްޗަށް  ދާނީ މެންދުރު ކައިގެން ދޯ“ ޝާލިނީ އެތަނުން ފޮނުވާލާނެ ގޮތެއް ވިސްނާލާފައި ފާތުން ބުނެލިއެވެ. ކިޔަމަންތެރި ކުއްޖެއް ފަދައިން ފާތުންގެ ބަސް ޝާލިނީ އެހިއެވެ. އެވަޤުތު ފާތުންގެ ސުވާލުތަކަށް ޝަހާ ވަރަށް ފުރިހަމައަށް ޖަވާބު ދިނެވެ. އެހެނީ އެކަމުގައި ފާތުންއަށް ސިއްރުކުރާނެ އެއްވެސް ކަމެއް ނޯންނާނެތާއެވެ. ފާތުންއަށްވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ފައިސަލްގެ ހިތުގައި ޝަހާއަށް ޓަކައި، އެކަހަލަ އެއްވެސް އިހުސާސެއް އޮވެދާނެ ކަމަށް ފާތުންއަކަށްވެސް ޤަބޫލެއް ނުކުރެވުނެވެ. އެހެނަސް އެވަޤުތު ތަސައްލީއެއް ދިނުމުގެ ގޮތުންވެސް ބުނާނެ އެއްޗެއް ފާތުންއަކަށްވެސް ނުވިސްނުނެވެ. އެހެނީ އެއްވެސް މީހެއްގެ ހިތުގައި އަނެކާއަށް ޓަކައި އުފެދޭ އިހުސާސްއަކީ، އެމީހަކު ކުރާ ކުށެކޭ ބުނެވޭނެ ޖާގައެއް ނޯންނާނެތާއެވެ. ފާތުންގެ ޙަޔާތުގައި ޝަހާއަކީ އޭނާއަށް އެންމެ މުހިންމު މީހުންގެ ތެރެއިން އެކަކެވެ. އެހެނަސް ފައިސަލްއަކީވެސް ގާތް ރަހުމަތްތެރިއެކެވެ. ވީއިރު އޭނާގެ އިހުސާސްތަކަށްވެސް އިހުތިރާމު ކުރަން ޖެހޭނެތާއެވެ. އެގޮތުގެ މަތިން ފާތުންވެސް އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ.

އަނެއްކޮޅުން ބާރު ހިނގުމެއްގައި ހިނގާފައި ފައިސަލް ދިޔައީ ރަށުގެ ތުނޑީކޮޅާއި ދިމާއަށެވެ. އަޙްސަން ވެސް ފަހަތުން ދިޔައެވެ. މެންދުރުގެ ވަޤުތަށް ވީތީ، އެސަރަހައްދަށް މާގިނަ މީހުންނެއްވެސް ނުދެއެވެ. އެހެނީ މެންދުރުގެ ވަޤުތުގައި ތުނޑީމައްޗަށް ދިއުމަކީ އެރަށު މީހުންގެ އާދައެއް ނޫނެވެ. ވަކި ޚާއްޞަ ސަބަބެއް އޮތަތީކީވެސް ނޫނެވެ. އެހެންކަމުން މުޅި ސަރަހައްދު ކަހަލަ ގޮތަކަށް އޮތީ ހުސްވެފައެވެ. ފައިސަލް އެދިޔަ ބާރުމިނުގައި ގޮސް ހުއްޓުނީ، ތުނޑީގެ މެދެއްހާ ހިސާބަށެވެ. އަޙްސަންވެސް އެކުއެކީ ކަހަލަ ގޮތަކަށް ގޮސް ފައިސަލްއާއި އަރާ ހަމަކުރިއެވެ. ކޮންމެވެސް ވަރަކަށް ދިޔަވަރު ބޮޑު ވަޤުތެއް ކަމުން، ގޮނޑުދޮށަށް ރާޅުވެސް ބީއްސަމުން ދިޔައެވެ. ޖެހެމުން ދިޔަ ބާރު ވައިގެ ސަބަބުން މައިދާނަށް ވެރިވެފައިވާ ހޫނުކަން އެހާ ބޮޑަކަށް އިހުސާސެއް ނުވެއެވެ. އިރުކޮޅެއް ވަންދެން ކޮޅަށް ހުރެލާފައި، ތުނޑީގެ ހިމުން ދޮން ވެލިގަނޑުގެ މައްޗަށް ފައިސަލް ތިރިވިއެވެ. ހީވީ ކަކުލު ހުޅުން ވާގި ގޮސްގެން ތިރިވިހެންނެވެ. އެއާއި އެކުއެކީ، އަޑުގެ ނެތްތަނަށް ކަރުބުޑުން ބާރަށް ހަޅޭއް ލަވައިގަތެވެ. ދެއަތް އޮތީ ދެކަކޫ މަތީގައި ބާއްވާލާފައެވެ. އެހެނަސް މޫނު މައްޗަށް ނަގާ، އުޑާއި ދިމާއަށް ހިއްލައިލިއެވެ. އެތައް ޒަމާނެއް ވަންދެން ހިތާއި ސިކުނޑީގައި ފޮރުވާފައި ހުރި ވޭނުން ފުރިގެންވާ އާހެއް ބޭރުކޮށްލި ކަހަލައެވެ. ފައިސަލްގެ އެ ޢަމަލު ފެނިފައި، އަޙްސަންވެސް ބިރުން ތުރުތުރު އަޅައިގަތެވެ. އަދި ދެފިޔަވަޅު ވަރު ފަހަތަށް ޖެހިލިއެވެ. ފައިސަލް ފެށީ ރޯށެވެ. އަޑުގެ ކޮޅަށެވެ. ގިސްލަ ގިސްލާފައި ރޮނީއެވެ. އަޙްސަން މަޑުމަޑުން ފައިސަލްއާއި ކައިރިވެލިއެވެ. އަދި ވަރަށް ޖެހިލުންވެފައި ހުރި ކަހަލަ ގޮތަކަށް ފައިސަލްގެ ކޮނޑުމަތީގައި މަޑުން މަޑުން އަތް ބާއްވާލިއެވެ. އަދި އެހާމެ މަޑުމަޑުން ފައިސަލްއަށް ގޮވާލިއެވެ. ފައިސަލްގެ ރުއިމުގެ އަޑު މަޑުމަޑުން ކެނޑެމުން ދިޔައެވެ. އަޙްސަންވެސް ފައިސަލް ކައިރީގައި ކަކޫ ޖަހާލައިގެން އިށީންދެލިއެވެ. އަދި ހަމަޖެހުމަށް ބުނެލުމާއިއެކު އަޙްސަން ކުރަން ބޭނުންވި އަސްލު ސުވާލު ކޮށްލިއެވެ. ”ފައިސަލް، ދެން ބުނެބަލަ، އަސްލު ކިހިނެއްތަ ތިވަނީ؟ އެތައް ޒަމާނެއް ކޮށްފަ ފައިސަލްއާ ބައްދަލުވި އިރު މިޒާޖަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ހުރިކަން އެބަ ފާހަގަ ކުރެވޭ. ކޮބައިތަ މައްސަލައަކީ؟ ތިހެން ހިތުތެރޭގަ ކަންތައްތައް ފޮރުވައިގެން ހުއްޓަކަސް ވާނެ ކަމެއް ނޯންނާނެ އެއްނު. ވާހަކަ ދައްކަބަލަ. އޭރުންނޭ ހިތަށްވެސް ލުއިކަމެއް ލިބޭނީ.“ ފުރުޞަތުގެ ބޭނުންކޮށްފައި އަޙްސަން ސުވާލު ކުރަން ފެއްޓިއެވެ. ފައިސަލްގެ ރުއިންވެސް މިހާރު އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިއްޖެއެވެ. އަދި ފުން ނޭވާއެއް ލުމާއިއެކު، ހަމަޖެހިލިއެވެ. އަޙްސަންއާއި ދިމާއަށް އެނބުރިލާ، ހަމަޖެހިގެން އިށީންދެލިއެވެ. ”އަޙްސަންއަށްވެސް އެނގޭނެ އަހަރެންނަކީ އަޙްސަން ފަދައިން އަމިއްލަ ޝުޢޫރުފާޅުކުރަން އެހާ މޮޅު މީހެއް ނޫންކަން. ސްކޫލް ދައުރުގަވެސް އަހަރެން ހޭދަކޮށްލީ މަޖާކޮށް ޖޯކު ކަންކަން ކުރުމުގަ. ޙަޔާތުގެ ސީރިޔަސްކަން އެއްގޮތަކަށްވެސް އެއްވެސް މީހަކަށް ނުދައްކަން. އަޙްސަން އަބަދު ފާތުންގެ ވާހަކަ އަހަރެންގެ ކައިރީގަ ދައްކަމުން ގެންދިޔައިރުވެސް އަހަރެން ދުވަހަކުވެސް ޝަހާގެ ވާހަކައެއް ނުބުނަން. ޙަޤީޤަތަށް ބުނަންޏާ އޭރުގަ އެއީ ލޯބި ކަމެއް ނޫނީ އެއީ ކޮންކަހަލަ އިހުސާސެއް ކަމެއް ޚުދު އަހަރެންނަށްވެސް ނޭންގުނީ. އެކަމަކު އަޙްސަން ފާތުންއަށް ލޯބި ހުށައަޅަން ވާހަކަ ދެއްކިރޭ ޝަހާ ލޯބިވަނީ އަޙްސަން ދެކެ ކަމަށް ފާތުން ބުނިވަޤުތު އަހަރެންނަކަށް ވެސް ނޭންގުނު އަހަރެނަށް ވީގޮތެއް. ހުރި ތަނަށް އަހަރެން ތިރިވީ. އޭގެ ކުރިންވެސް ޝަހާ ފެނުނީމަ ބުނެދޭން ނޭންގޭ ކަހަލަ ހިތްހަމަ ޖެހުމެއް ލިބޭ.“ މީގެ އެތަކެއް އަހަރު ކުރިއްސުރެ ފައިސަލްގެ ހިތުގައި ވަޅުޖަހާފައިވާ އިހުސާސްތައް އެއްފަހަރާ އަޙްސަންގެ ކުރިމައްޗަށް ބަންޑުން ޖަހާލަން ބޭނުންވި ކަހަލައެވެ. ”ފޮތެއްގެ ބަނޑޭރިގަނޑުގެ ފަރުމާއަށް ބަލާފަ، އެފޮތުގެ އެތެރޭގަ ލިޔެފަ އޮންނާނެ އެއްޗަކާމެދު ގޮތް ނުނިންމާށޭ ބުނަނީ މިހެން ވެގެންކަން މިއަދު ވަރަށް ރަނގަޅަށް އެގިއްޖެ.“ އަޙްސަން ބޭނުންވީ ފައިސަލްގެ ގޮތުގައި އޭނާ ހަމައަކަށް އެޅުވޭތޯއެވެ. އެހެންނަމަވެސް ފައިސަލްއަށް އެޖުމުލަ ވިސްނުނީ މުޅިން އެހެން ގޮތަކަށެވެ. ”އަޙްސަން އަދިވެސް އަހަރެންނަށް ޖޯކު ޖަހަނީތަ؟“ ”ނޫނޭ. އެއްގޮތަކަށްވެސް ތިހެން ހީނުކުރޭ ފައިސަލް. އަހަރެން ބުނަން މިއުޅޭ އެއްޗެއް ފައިސަލްއަކަށް ނުވިސްނުނު ދޯ؟“. ސުވާލުން ފުރިގެންވާ ނަޒަރަކުން އަޙްސަންއާއި ދިމާއަށް ފައިސަލް ބަލައިލިއެވެ. އަދި ނޫނެކޭ ބުނުމުގެ ގޮތުން މަޑުމަޑުން ބޯޖަހާލިއެވެ. ޙަޤީޤަތުގައިވެސް އަޙްސަން ބުނި އެއްޗެއް ފައިސަލްއަކަށް ނުވިސްނުނެވެ. ”އެންމެ ރަނގަޅު އަޑު އަހާ. ފައިސަލްއަކީ އަބަދުވެސް ހުރިހާ ކަމެއް ޖޯކަކަށް ހަދައިގެން ކަންކަން ނިންމާ މީހެއްނު ދޯ. މި ބުނީ އޭރުގަ. އެހެންވީމަ ފައިސަލް އެއްވެސް ކަމަކާމެދު ސީރިޔަސްކޮން ވިސްނާނެ ކަމަކަށް އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެތާ. އެއްވެސް މީހެއް ކީއްކުރަން، ޚުދު އަހަރެންނެއްވެސް ޤަބޫލެއް ނުކުރަން. މިހާތަނަށް ޖެހެންދެން. އެކަމަކު މިހާރު ޤަބޫލުކޮށްފިން.“ އެންމެ ފަހު ޖުމުލަ ބުނެ ނިންމާލުމާއެކު، ފާޑަކަށް އަޙްސަންއާއި ދިމާއަށް ފައިސަލް ބަލައިލިއެވެ. ”އަސްލު ބުނަން މިއުޅޭ ވާހަކައަކީ، މީހެއްގެ ހިތުގެ އިހުސާސްތަކާ ވޭނެއް އެހެން މީހަކަށް ނޭންގޭނޭ. އެމީހަކު އަމިއްލައަށް އެކަން ބަޔާން ނުކުރާހާ ހިނދަކު.“

ދެއެކުވެރިންގެ ވާހަކަ މިހާ ހިސާބަށް ދިޔަތަނާ، ތަންކޮޅެއް ދުރުން މީހަކު ގޮވާލިހެން ހީވެއްޖެއެވެ. ދެމީހުން އެއްފަހަރާ ފަހަތަށް ބަލައިލިއެވެ. ޝަހާ އާއި ފާތުން އެއަންނަނީ އެދިމާލަށެވެ. ފައިސަލް ކުއްލިއަކަށް ތެދުވެގެން އެދިމާއަށް ހިނގައިގަތެވެ. އަޙްސަންވެސް ފައިސަލްގެ ފަހަތުން ތެދުވެގެން ހިނގައިގަތެވެ. އެދެމީހުން ގޮސް ހުއްޓުނީ ހޭޅިފަށުގައި ހުރި ކާނި ގަހެއްގެ ހިޔާ ދަށުގައެވެ. ޝަހާ އާއި ފަތުންވެސް އެތަނަށް އައިސް ހުއްޓުނެވެ. ”ޝަހާ އިތުރު ސުވާލެއް ކުރުމުގެ ކުރިން އަހަރެން ބޭނުން ވާހަކަ ދައްކާލަން.“ ފައިސަލް މިހެން ބުނުމާއިއެކު، އަޙްސަންއާއި ފާތުންއަށް އެއްފަހަރާ ސުވާލު ކޮށްލެވުނެވެ. ”އަހަރުމެން މިތަނުން ދާންވީތަ؟“ އެދެމީހުންނަށްވެސް އެކަކު އަނެކާއި ދިމާއަށް ބަލައިލެވުނެވެ. އަދި ހިނިވެސް އާދެވުނެވެ. ”ނޫން އަހަރެން ބޭނުންވަނީ ތި ދެމީހުންގެވެސް ޙާޟިރުގަ މިވާހަކަތައް ދައްކަން. އަހަރުމްނެ ހަތަރު މީހުންގެ ތެރޭގައި އެއްވެސް ސިއްރެއް ފޮރުވިފަ އޮންނާކަށް އަހަރެން ބޭނުމެއް ނޫން. ޚާއްޞަކޮށް އަހަރެންނާއި ގުޅިފައޮތް އެއްވެސް ކަމެއް.“ އަޙްސަން އާއި ފާތުން އެތަނުން ދިއުމަށް ޓަކައި ހިނގައިގަންނަން ތައްޔާރު ކޮށްލި ވަޤުތު ފައިސަލް ބުންޏެވެ. ”އާން އަހަރެންވެސް ބޭނުމީ ތި ދެމީހުންގެވެސް ކުރިމަތީގަ ފައިސަލް ދައްކާ ވާހަކަތައް އަޑުއަހަން.“ ޝަހާގެ ރުޅިގަނޑު އަދިވެސް މައިތިރި ނުވާ ކަހަލައެވެ. ”ޝަހާ ހަމަޖެހިބަލަ. އަހަރެން ހީކުރީ މިކަހަލަ ކަންކަން އެހެން އެކަކަށް ނުވިސްނުނަސް ޝަހާއަށް ވިސްނޭނެ ކަމަށް.“ އަޙްސަން މިހެން ބުނެލިއިރު ހުރީ، ފާތުންއާއި ދިމާއަށް ވައްކަޅިން ބަލަހައްޓައިގެންނެވެ. އަދި އަޙްސަން އެބުނި އެއްޗެއް ބުނީ ފާތުންއަށް އަމާޒުކޮށްފައިކަން ފާތުންއަށް އެނގުނެވެ. އެކަމާ ކޮންމެވެސް ވަރަކަށް ފާތުން ހިތްހަމަ ނުޖެހޭ ގޮތްވެސް ވިއެވެ. އެހެންނަމަވެސް މިވަޤުތު ސަމާލުކަން ދޭންވީ އެކަމަށް ނޫންކަންވެސް ފާތުންއަށް ވިސްނެއެވެ. އެހެންކަމުން ފާތުންގެ ސަމާލުކަން އަމާޒުކުރީ، ޝަހާއަށެވެ. ”އެންމެ ރަނގަޅު ޝަހާ. އަހަރުމެން އެބަ ތިބިން. ފައިސަލް، ދައްކަން ބޭނުންވެގެން ތިއުޅޭ ވާހަކަ އަވަހަށް ދައްކަބަލަ.“ ފުން ނޭވާއެއް ލުމާއިއެކު ފައިސަލް އޭނާގެ ވާހަކަ ފެށިއެވެ. ”އަހަރެން މި ދައްކާ ވާހަކައިން އެއްވެސް މީހަކު ގޯސް މާނައެއް ނުނެގުން އެއީ އަހަރެންގެ ވަރަށް ބޮޑު އިލްތިމާސެއް.“ ”ހޫން ދެން ކުރިއަށް ގެންދެބަލަ.“ މިހާރު ޝަހާ އެހުރީ ކެތް މަދުވެފައެވެ.

”ހަމަ ޙަޤީޤަތުގަވެސް އަހަރެންނަށް ޝަހާ ދެކެ ލޯބި ވެވުނީ ކޮން އިރަކު ކަމެއް ބުނެދޭކަށް ނޭންގެ. އެކަމަކު އަހަރެން ފުރައިގެން ލަންޑަންއަށް ދިޔަފަހުންވެސް އަބަދާއި އަބަދު ކަހަލަ ގޮތަކަށް ޝަހާމަތިން ހަނދާންވޭ. އަހަރެންގެ މައިންބަފައިންނަށް ވުރެވެސް ބޮޑަށޭ ބުންޏަސް ދޮގަކަށް ނުވާނެ. އޭރުގަވެސް އަހަރެން ހުރީ މިވާގޮތެއް ނުވިސްނިފަ. ދެން އަހަރެންނާ ދިމާވީ ކެތްރީން. އެންމެ ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތުގަ ކެތްރީންއަށް ޚާއްޞަ މަގާމެއް ދެވިއްޖެ. އޭނަޔާ ވާހަކަ ދައްކާހިތްވޭ. ދެކޭ ހިތްވޭ. އެކުގަ ވަޤުތު ހޭދަކުރާ ހިތްވޭ. އަހަރެންގެ ކްލާހުގަ އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިއަކަށްވެސް ވީ ކެތްރީން. ދިވެހި ދެތިން ކުއްޖަކު އުޅުނުވެސް މެ. އެކަމަކުވެސް އެމީހުންނަށްވުރެ ބޮޑަށް މަށަށް ސަމާލުކަން ދެވުނީ ކެތްރީންއަށް.“ ފައިސަލްގެ ވާހަކަ މިހާ ހިސާބަށް ދިއުމުން ޝަހާ ވާހަކަ ދައްކަން ފެށިއެވެ. ”ދެން އެކަމާ އަހަރެންނަކާ އޮތީ ކޮން ގުޅުމެއް؟“ ”އެބުނާހެން. ތީ އަހަރެންގެވެސް ސުވާލެއް.“ ފާތުންވެސް ޝަހާ ބުނި އެއްޗަކާ އެއްބަސް ވިއެވެ. ”ތީ އަހަރެންނަށް ނޭންގުނު އެއްޗަކީ. އަމިއްލަ ޝުޢޫރު ފާޅުކުރަން ނޭންގޭތީ ކަމަށްވެސް ވެދާނެ.“ އެވަޤުތު އަޙްސަން ސުވާލު ކޮށްލިއެވެ. ދެން އެހެންވިއްޔާ ކެތްރީންއަށް ފައިސަލް ޕްރޮޕޯސްކުރީ ކޮން އިރަކު؟“ ”އަހަރެންނެއް ނުކުރަން. އެއްދުވަހަކު ދެމީހުން އެއްކޮން ކޮފީއަކަށް ގޮސް ތިއްބާ ކެތްރީން އަމިއްލައަށް އަހަރެންނަށް ޕްރޮޕޯސް ކުރީ. ރެސްޓޯރެންޓް ތެރޭގައި. ވަރަށް ފާޅުކަން ބޮޑު ގޮތަކަށް.“ ”އޯހް ހައު ރޮމޭންޓިކް.“ ވަރަށް އުފަލުން ދެކޮނޑު އަރުވާލާފައި ފާތުން ބުނެލިއެވެ. ”އެކަމަކު އެއީކީ އަހަރެންނަކަށް އެހާ ކަމުދާ ކަމަކަށް ނުވި. އެހެންވެ އޭރުގަ އެއްވެސް ޖަވާބެއް ނުދީ އަހަރެން އެތަނުން ތެދުވެގެން ދިޔައީ. އަނެއް ދުވަހު ކްލާސް ތެރޭގަ އަހަރެން ކެތްރީންއަކާ ވާހަކައެއް ނުދައްކަން. އެއީ އޭނައަށް ވަރަށް އުނދަގުވި ކަމަކަށްވި. އަސްލު ބުނަންޏާ އަހަރެންނަކަށް އެގޮތް ފަސޭހައެއް ނުވި. އެހެންވެ ކޮންމެސް ޕްރޮޖެކްޓް މަސައްކަތެއްގެ ބަހަނައިގަ އަހަރެން އޭނަޔާ ވާހަކަ ދައްކަން ފެއްޓީ. އެކަމަކު ދުވަސްކޮޅެއް ފަހުން އަހަރެންވެސް އޭނަގެ މައްޗަށް ފޯލްވަމުން ދިޔައީ. އެކަމަކު އޭރުވެސް އަހަރެންނަކަށް ޝަހާ މަތިން ހަނދާން ނައްތައެއް ނުލެވުނު. އޭނަ ކައިރީގަވެސް އަހަރެންނަށް އަބަދު ދެއްކެނީ ޝަހާގެ ވާހަކަ. ސްކޫލް ދައުރުގެ މަޖާ ދުވަސްތަކުގެ ވާހަކައިގެ ތެރެއިން.“ ”ދެން ކިހިނެއްވީ؟“ އަނެއްކާވެސް އަޙްސަން އަހާލިއެވެ. ”ދެން ކެތްރީން އަހަރެންގެ ގެއަށް ދިޔަ ދުވަހަކު އަހަރެން ގޭގަ ބަހައްޓާފަ ހުރި ފޮތޯ ފޮރޭމެއް ފެނުނީ. ހަނދާންވޭތަ އަހަރުމެން ފެއާވެލް ނައިޓްގަ ނެގި ގްރޫޕް ފޮޓޯ؟ އެތަނުން ކެތްރީންއަށް އެންމެ ފުރަތަމަވެސް ފާހަގަވީ ޝަހާ.“ ”އެކީއްވެ ވަކި އަހަރެން ފާހަގަ ވާންވީ؟“ ނުރުހިފައި ހުރި ގޮތަކަށް ޝަހާ އަހާލިއެވެ. އެވަޤުތު ފައިސަލް އޭނާގެ ވޮލެޓް ނަގާ އަޙްސަން އަތަށް ދިއްކޮށްލިއެވެ. ”ޝާލޫވެސް ޝަހާމެން ގެއަށް ދިޔަ ދުވަހު އެންމެ ފުރަތަމަވެސް ފާހަގަ ކުރީ އޭނަގެ މަންމަޔާ ޝަހާޔާ ވައްތަރުކަން.“ އެވަޤުތު އަޙްސަން، ފައިސަލްގެ ވޮލެޓްގައި ހިފާފައި، އެ ހުޅުވާލިއެވެ. އަޙްސަންވެސް ޝަހާއާއި ކެތްރީންއާއި ވައްތަރުގޮތެއް އެބަ ހުރިކަމަށް އެއްބަސް ވިއެވެ. ތަފާތަކީ ކެތްރީންގެ ގައިގާ ހުރި ޔޫރަޕްގެ ދޮން ކުލައާއި ވިދުން އަރާ ރަންކުލައިގެ އިސްތަށިގަނޑެވެ. ޝަހާއަކީވެސް ގައިގެ ކުލަ އަލި ހަންގަނޑު އޮމާން ދޮން އަންހެނެކެވެ. ”އަސްލުވެސް ވައްތަރު ގޮތެއް އެބަހުރި. މީހުން ބުނޭނު ދުނިޔޭގަ ތިބޭނޭ ކޮންމެ މީހަކާވެސް ވައްތަރު އިތުރު ހަމީހުން. މިހާރު މިއެނގުނީ އެއީ ހަމަ ޙަޤީޤަތެއްކަން.“ ސަމާސާ ރާގަކަށް އެހެން ބުނުމާއިއެކު، ފާތުންގެ އަތަށް ވޮލެޓް ދިއްކޮށްލިއެވެ. ފާތުންއަށް ހީވާގޮތުން ޝަހާއާއި ކެތްރީންއާއި ވަރަށް ވައްތަރެވެ. އެހެނީ  އެކި މީހުންގެ ނަޒަރިއްޔާތު ތަފާތު ވާނެތާއެވެ. އެގޮތުން އެއީ ފާތުންއަށް ހީވި ގޮތް ކަމަށް ވެދާނެއެވެ. އެހެންނަމަވެސް ޝަހާގެ ޚިޔާލު ތަފާތެވެ. ”އަހަރެންނަކަށް ހިއެއްނުވޭ ތިބުނާހާވެސް ވައްތަރު ހެނެއް. އާންދެން އެއްގޮތްވާ ކަހަލަ ގޮތެއް އެބަހުރި ދޯ.“ އެކަމަށް ފައިސަލްވެސް އެއްބަސް ވިއެވެ. ކެތްރީން ފެނުނީމަ ޝަހާ ހަނދާންވާ ކަހަލަ ގޮތެއް ހުރެއެވެ. ކެތްރީންގެ މައްޗަށް ފައިސަލްގެ ހިތް ލެނބުނު އަސްލު ސަބަބަކީވެސް އެއީއެވެ. ”އަހަރެންނާ ކައިވެނި ކުރުމަށްފަހު، ކެތްރީންގެ ނަން ޝަހާގެ ނަމަށް ބަދަލު ކުރެވުނީވެސް ވަކި ޚާއްޞަ އެއްޗެއް ވިސްނާފައެއް ނޫން. އަހަރެންނަށް ޤަބޫލުކުރެވޭ ގޮތުގަ އެއީ ކެތްރީން ނޫން ކޮންމެ މީހަކަށް ވީނަމަވެސް ނަން ކިޔުމުގަ ތަފާތެއް ނުކުރެވުނިސް ކަންނޭންގެ.“ ”އެހެންވިއްޔާ ބުނެބަލަ، ފައިސަލްއަށް އަހަރެންނާ ދޭތެރޭގަ ތިކަހަލަ ގޮތަކަށް ދެކެވެން ފެށީ ކޮން ސަބަބަކާ ހުރެ؟ ހަމަ ގައިމުވެސް އަހަރެންގެ ފަރާތުން އެކަހަލަ އެއްވެސް ޢިޝާރާތެއް ވެފައެއް ނޯންނާނެ.“ ޝަހާ އޮޅުންފިލުވަން ބޭނުންވެގެން އުޅޭ ކަންތައް އަދިވެސް އޮޅުން ގަނޑެއްގެ ތެރޭގައި އޮތް ކަހަލައެވެ. ”އެންމެ ރަނގަޅު، ޝަހާއަށް އަޙްސަން ދެކެ ލޯބި ވެވުނީ އަޙްސަން ޝަހާއަށް ކޮންކަހަލަ ޢިޝާރާތެއް ކޮށްގެން؟ އަޙްސަންއަށް ފާތުން ދެކެ ލޯބި ވެވުނީ ފާތުން އަޙްސަންއަށް ކޮންކަހަލަ ޢިޝާރާތެއް ކޮށްގެން؟ އޮހް ކަމޯން ޝަހާ. ލޯތްބަކީ އެއްވެސް މީހެއްގެ އިޚްތިޔާރަކުން ވާއެއްޗެއް ނޫން. އެއީ އިޚްތިޔާރަކާ ނުލާ ވެވޭ އެއްޗެއް. އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީވެސް ޚުދު ޝަހާ. އެކަމަކު އަހަރެން ޝަހާ ދެކެ ލޯބިވާކަން އަހަރެންނަށް އިހުސާސް ކޮށްދިނީ ކެތްރީން. އެހާ ވަރަށް އަހަރެންނަށް ޝަހާގެ ވާހަކަ ދެއްކުނު. ދިރިއުޅުމުގަ ދިމާވާ ގިނަ ކަންކަމުގަ އަހަރެންނަށް ޝަހާ މަތިން ހަނދާންވާ ގޮތްވި. ކީއްވެ ކަމެއް ނޭންގެ. އެހެންވީމަ ކަންނޭންގެ ކެތްރީންއަށްވެސް އަހަރެން އިހުސާސްތައް ދެނެގަންނަން އެހާ ފަސޭހަވީ. އޭނަ ނެތް ދުނިޔެއެއްގަ ޝަހާޔާ އަހަރެން ގުޅުމަކީވެސް އޭނަ އެންމެ ބޭނުންވި އެއްކަންތައް. އެކަމަކު އަހަރެން މިހުރިހާ ވާހަކައެއް މި ދައްކަނީކީ ކޮންމެހެން ޝަހާޔާ ގުޅެން ބޭނުން ވެގެންނެއް ނޫން. އަހަރެން ކިތަންމެ ބޭނުން ވިޔަސް އެއީ ނުވާނެ ކަމެއްކަން އަހަރެންނަށް އަބަދުވެސް އެނގޭ.“ ފައިސަލްގެ އެންމެ ފަހު ޖުމުލަ އަޙްސަންއަށް ކަމުނުދިޔަ ކަހަލައެވެ. ”އެހެން ކިހިނެއް އެނގެނީ؟ ތިއެއް އެނގޭނީ ހުރިހާ ކަމެއް ރަނގަޅަށް އޮޅުން ފިލިމަތާ ދޯ“ ފާތުންވެސް އަޙްސަންއާއި އިއްތިފާގުވިއެވެ. ”އެއީ ތެދެއް. އަދި ހަމަ އެންމެންވެސް މިތިބީ ވާނުވާގަ. ޝަހާވެސް އެހުންނަނީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގަ. ހިނގާދޯ ތިކަމާ ރަނގަޅަށް ހަމަޖެހިލައިގެން ވާހަކަ ދައްކަމާ. ދޯ ޝަހާ.“ ޝަހާ ޒަވަޖީ ޙަޔާތެއް ފެށުމަކީ ފާތުންވެސް އެންމެ ބޮޑަށް އެދޭ އެއްކަމެވެ. ވީއިރު، މިކަމަށް ބާރު ނާޅަންވީ ސަބަބެއްވެސް ނެތެވެ. އެހެނީ އެއީ ފައިސަލްއެވެ. އެމީހުންނަށް އެންމެ ގާތުން އެނގޭ އެކަކެވެ. ޝަހާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭނެ ބައިވެރިއަކަށްވެސް ވެވިދާނެ މީހެކެވެ. އޭނާގެ ކުއްޖަކު ހުރިކަމުގައި ވީނަމަވެސް އެއީ ޝަހާގެ ދިރިއުޅުން އާބާދު ކުރުމަށް އެޅޭނެ ހުރަހެއް ކަމަކަށް ހަމަ ޔަޤީނުންވެސް ނުވާނެތާއެވެ. ”ތި ސުވާލަށް ދޭނެ ޖަވާބެއް އަދި އަހަރެންނަކަށް ނޭންގެ. ހިނގާ ދެން ގެއަށް ދާން ޝާލޫވެސް އަހަރުމެން ނުފެނިގެން އުޅޭނެ މިހާރު.“ ޝަހާގެ ޖަވާބު އަޑު އިވިފައި ފާތުން ކައިރިއަށް ހިނިއައެވެ. ފާތުން ހީނލި މަންޒަރު ފެނިފައި ޝަހާ އެކަމާ ސުވާލު ކުރިއެވެ. ”މިހާ ބޮޑު ކަންތައް ގަނޑެއްގެ ތެރެއިންވެސް ޝަހާ، ޝާލޫއާ މެދު ވިސްނާލީމަ.“ މިހެން ބުނުމާއިއެކު ފާތުން އަނެއްކާވެސް ހީނލިއެވެ. ހަމަ އެހިނދު އަނގަމަތީގައި މަޑުމަޑުން އަތްތިލަވެސް ބާއްވާލިއެވެ. ފާތުންގެ ހިނިއައުމާއި މެދު ޝަހާ ނުރުހިދާނެ ކަމުގެ ބިރަށް ކަހަލަ ގޮތަކަށެވެ.

ހަތަރު އެކުވެރިން ގެއަށް ގޮސް ވަތްއިރު، ޝާލިނީ އިނީ ޖޯލިފަތީގައި އެކަނިމާ އެކަނި އިށީންދެލައިގެންނެވެ. ރުޅިގަދަ ވެފައި އިންކަހަލަ ގޮތަކަށް ހަށަން ބަނދެލައިގެންނެވެ. ދެބުމަވެސް ވަނީ ގޮށް ޖެހިފައެވެ. ހަތަރު މީހުން އެކުއެކީ ކަހަލަ ގޮތަކަށް ޝާލިނީ ކައިރިއަށް ގޮސް ހުއްޓުނެވެ. އެހެންނަމަވެސް ޝާލިނީއާއި އެންމެ ފުރަތަމަވެސް ވާހަކަ ދެއްކީ ޝަހާއެވެ. ”އަހަރުމެންގެ ޝާލޫ ހާދަ ހިތްހަމަ ނުޖެހިފަ އިންހެން އެބަ ހީވެޔޭ. ތިހާ ލޯބިލޯބި ދެ ބުމަ ގޮށްޖަހުވާލީ ކާކުތަ؟ އަވަހަށް ބުނޭ ދައްތަ ކައިރީގަ.“ މި މަންޒަރު ބަލަން ހަށަން ބަނދެލައިގެން ފާތުން ހުއްޓެވެ. ތުންފަތް މައްޗަށް ވެރިވެފައި ވަނީ އުފާވެރި ކަމުގެ ލުއިލުއި ހިނިތުންވުމެކެވެ. ހަމަ އެވަޤުތު ޝަހާގެ މަންމަވެސް އެތަނަށް އަތުވެއްޖެއެވެ. ”މަންމަވެސް ވަރަށް އާދޭސް ކޮށްފިން ވީގޮތެއް އޮޅުން ފިލުވަން ބޭނުން ވެގެން. އެކަމަކު ހަމަ އަނގައިވެސް ނުބުނި. ހީވަނީ މާމަ ދެކެ ރުޅިއައިސްހެން އެއިނީ.“ ސަމާސާ ގޮތަކަށް ޝަހާގެ މަންމަ ބުނެލިއެވެ. ”ދަރިފުޅާ ކިހިނެއްތަވީ؟ ބައްޕަ ކައިރިޔަކުވެސް ނުބުނާނަންތަ؟“ ޝާލިނީގެ ދެ ކަކޫމަތީގައި މަޑުމަޑުން އަތް ބާއްވާލަމުން ކުރިމަތީގައި އުޑަފައިން ފައިސަލް އިށީންދެލިއެވެ. އަދި ވަރަށް އޯގާތެރި ކަމާއިއެކީ، ޝަހާއާއި ދިމާއަށް ބަލަން އިނެވެ. އާއެކެވެ. ފައިސަލްގެ މުޅި ދުނިޔެއަކީވެސް ޝާލިނީއެވެ. އޭނާ ނުރުހޭނެ އެއްވެސް ކަމެއް ކުރާކަށް ފައިސަލް ބޭނުމެއް ނޫނެވެ. ޝާލިނީގެ އުފަލަށްޓަކައި ފައިސަލް ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވާން އެހުރީ ތައްޔާރަށެވެ. ވީއިރު ޝާލިނީ ހިތްހަމަ ނުޖެހޭނެ އެއްވެސް ކަމެއް ކުރާކަށް ފައިސަލްގެ ހިތަށްވެސް ނާރާނެތާއެވެ. ޝާލިނީގެ ޖަވާބަކަށް އިންތިޒާރު ކޮށްގެން ކެތްތެރި ކަމާއިއެކު ފައިސަލް އިނީއެވެ. ފައިސަލްއާއި އަނގައިން ބުނަށް ޝާލިނީ ބޭނުންނުވާ ކަހަލައެވެ. އެހެނީ ފައިސަލް ކުރި ސުވާލަށް ބީރު ކަންފަތެއްދީ، ޝާލިނީ މުޚާތަބު ކުރީ ޝަހާއަށެވެ. ”ދައްތަމެން ތި އައީ ކޮންތާކުން؟ ޝާލޫ މިތާ އެކަނި އިންނަތާ ކިތަންމެ އިރެއް.“ ޝާލިނީއަށް ވެފައި އިންގޮތް މިހާރު ފައިސަލްއަށް އަންދާޒާ ކޮށްލެވިއްޖެއެވެ. ޝާލިނީގެ ސުވާލަށް ޖަވާބު ދެމުން ޝަހާވެސް ފައިސަލްއާއި ޖެހިގެން މަޑުމަޑުން އިށީންދެލިއެވެ. ”ދައްތަމެން ދިޔައީ ކުޑަ ކަމެއް ޖެހިގެން. އެކަމަކު މިހާރު މިތިބީ ޝާލޫ ކައިރީގައެއްނު ދޯ. ދެން ބުނެބަލަ ޝާލޫ ނަމާދު ކޮށްފިންތަ؟ ކައިފިންތަ؟ ފާތުން ދައްތަ ބުންޏެއްނު ތުނޑިމައްޗަށް ދާނީ ނަމާދުކޮށްގެން ކައިގެންނޭ.“ ”ލައްބަ، ޝާލޫ މިއިނީ ކައިގެން ނަމާދުވެސް ކޮށްގެން. ދެން ދައްތަމެން ކޮން އިރަކުން ނަމާދު ކުރާނީ؟ އޭރުންނެއްނު އަވަހަށް ދެވޭނީ. ބައްޕަ ކައިރީގަ ބުނޭ ޝާލޫ މީނީ ބައްޕަ ދެކެ ރުޅި އައިސްފައޭ.“  ޝަހާގެ ކަންފަތް ކައިރިއަށް ތިރިވެލާފައި ޝާލިނީ ބުނެލިއެވެ. އެއަޑު ފައިސަލްއަށް އިވުނެވެ. ”އޯ މިއީ ދޯ ވެގެން މިއުޅޭ ގޮތަކީ؟ އޯކޭ ބައްޕަގެ ޕްރިންސަސް ރުޅި އައިސް މި އިނީ ކީއްވެގެންކަން ދައްތަ ބަލާލަ ދީފާނަންތަ؟“ ޝަހާއަށް މުޚާތަބުކޮށް ފައިސަލް ބުނެލިއެވެ. ޝަހާއަށް އިތުރު އެއްޗެކޭ ނުބުނެވި އުޅެނިކޮން، ޝާލިނީ ވާހަކަ ދައްކަން ފެއްޓިއެވެ. ”ޝާލޫއަށް ނޭންގި ބޭރަށް ދިޔައިމަ ޝާލޫ އެކަނި ވެފަ.“ “ ދަރިފުޅާ އެއްގޮތަކަށްވެސް ތިހެން ނުބުނައްޗޭ. ބައްޕަ ޝާލޫ އެކަނި ކޮށްލާފަ ދާކަށް ހިތަށްވެސް ނާރާނެ. ދައްތަ ދެންމެގަ ބުނެފިއެއްނު ވީގޮތް ދޯ.“ ފައިސަލްގެ ވާހަކައަށް ޝަހާވެސް އެއްބާރުލުން ދިނެވެ. ”އެއީ ތެދެއް ޝާލޫ. ދެން އަވަހަށް ބައްޕަޔާ ވާހަކަ ދައްކާ ފޮރެންޑް ވެލާ. އޭރުން ބައްޕަވެސް އުފާވާނެ.“ މި ހުރިހާ މަންޒަރެއް ބަލަން އެތަނުގައި ފާތުން، އަޙްސަން އަދި ޝަހާގެ މަންމަވެސް ތިއްބެވެ. ކުއްލިޔަކަށް ފާތުންއާއި ތަންކޮޅެއް ކައިރިއަށް ޝަހާގެ މަންމަ ޖެހިލިއެވެ. އަދި ވަރަށް ސިއްރުން ފާތުން ކައިރީގައި ބުނެލިއެވެ. ”މި މަންޒަރު ފެނިފަ އަހަރެންގެ ހިތަށް ވަރަށް ހަމަޖެހުމަކާ ފިނިކަމެއް އެބަ ލިބޭ. ޒާތެއްގެ އުންމީދެއްވެސް އެބަ ކުރެވޭ.“ ޝަހާގެ މަންމަ އެބުނި އެއްޗެއްގެ މާނަ ކިތަންމެހާވެސް ފުންކަން ފާތުންއަށް ވިސްނުނެވެ.

  • ނުނިމޭ

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *