ރާއްޖެއަށް އަންނަ މުދާ ޓްރާންސިޓް ކުރުމުގައި މިހާރު ކޮލޮމްބޯ ބަނދަރުން ގެންގުޅޭ މޮނޮޕޮލީ ވިޒިންޖަމް ބަނދަރުގެ ސަބަބުން ކަނޑުވާލެވޭނެ ކަމުގައި ޢަލީ ފައުޒީ ދެކެވަޑައި ގަންނަވައެވެ. މިކަމުގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ، ރާއްޖޭގެ މުދަލަށް ހޭދަ ކުރަން ޖެހޭ ލޮޖިސްޓިކް ހޭދައަކީ ކުޑަކުރަން ޖެހޭ އެއްޗެކެވެ. ބާޒާރުގައި މުދާ އަގުހެޔޮވެ، ވާދަވެރި އަގެއް ހުށަހެޅޭނީ އޭރުން ކަމަށް އޭނާ ދެކެ ވަޑައިގަންނަވައެވެ. އަދި ވިޒިންޖަމް ބަދަރުން އެކަން ހާސިލުވާނެ ކަމަށް އޭނާ ދެކެ ވަޑައިގަންނަވައެވެ. މިވަގުތު އިންޑިއާއިން ރާއްޖެއަށް އަންނަ ކާގޯގެ 75 އިންސައްތަވެސް އަންނަނީ އެހެން ބަނދަރުތައް މެދުވެރިކޮށް ކަމަށާއި އެކަމަށްވެސް ހައްލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވެއެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ އިއްޔ އިފްތިތާޙު ކޮށްދެއްވި ޓްރިވެންޑްރަމްގެ ވިޒިންޖަމް ބަނދަރަކީ، އިންޑިއާ ކަނޑުގެ ވިޔަފާރިއަށް އިންގިލާބީ ބަދަލެއް ގެންނާނެ ބަނދަރެއް ކަމަށް ވިޔަފާރިވެރިޔާ، އަލީ ފައުޒީ ވިދާޅުވެއެވެ. ރާއްޖޭގެ ވިޔަފާރިއަށް މި ބަނދަރުން ބޮޑުކުރިއެރުމެއް ލިބޭނެ ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ މިއީ ދުނިޔޭގެ ޝިޕިން ރޫޓްތަކާ އެންމެ 10 ނޯޓިކަލް މޭލު ދުރުގައި އޮންނަ ބަނދަރެއް ކަމަށާއި މި ބަނދަރު ވެގެން ދާނީ މި ސަރަހައްދުގެ އެންމެ ފުން ބަނދަރު ކަމުގައެވެ. ވިޒިންޖަމް ބަނދަރަކީ، 24 މީޓަރުގެ ގުދުރަތީ ފުނެއްގައި ހަދާފައިވާ ބަނދަރެކެވެ.
އަދާނީ ކުންފުނިން ބިނާކޮށްފައިވާ މި ބަނދަރަކީ 2024 ޖުލައިގައި ބިނާ ކުރުމަށް މަސައްކަތް ފެށި ބަނދަރެކެވެ. ވިޒިންޖަމް ބަނދަރުގެ އަމާޒަކީ ފުރަތަމަ އަހަރު އެއް މިލިއަން ކޮންޓެއިނާ ހެންޑްލް ކުރުމެވެ. އަދި އެއަށްފަހު، އަހަރަކު 6.2 މިލިއަން ކޮންޓެރިނާ ހެންޑްލް ކުރަމުން ދިއުމެވެ.
އަލީ ފައުޒީ ވިދާޅުވަނީ ފުރުސަތުގެ ބޭނުން ހިފައި ދިވެހި ވިޔަފާރިވެރިން އެ ބަނދަރުން ކާގޯ ހޭންޑްލް ކުރުމަށް ވެއަރހައުސް ހޯދައި ލޮޖިސްޓިކްސްގެ މަސައްކަތް ފަށައިފިނަމަ، ދިވެހި އިމްޕޯޓަރުންނަށް ބޮޑެތި ލުއިތަކެއް ކުރިމަތިވެގެން ދާނެ ކަމަށެވެ. އަދި މިހަރު ކުރުމަކީ ދަތިކަމަށް ނުވާނެ ކަމަށްވެސް އޭނާ ދެކެ ވަޑައިގަންނަވައެވެ. އެކަމުގެ ތަފްސީލު ދެއްވަމުން ޢަލީ ފައުޒީ ވިދާޅުވަނީ، މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ޝެޑިއުލް ދަތުރުތައް ހަމަޖައްސައި ތާވަލް އާންމު ކުރުމުން ވިޔަފާރިވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
ކޮލޮމްބޯ ބަނދަރަކީ، ކޮންމެ އަހަރަކުވެސް، އިންޑިއާ ސަރަހައްދަށް އަންނަ ކާގޯގެ 2.5 މިލިއަން ކޮންޓެއިނާ ހޭންޑްލް ކުރާ ޕޯޓެކެވެ. އަދި މި ޕޯޓަކީ އެއް ބޯޓުން މުދާ ބާލައި އަނެއް ބޯޓަށް އެރުވުމަށް ފުދޭވަރެއްގެ ބޮޑު ޗާޖެއް ނަގާ ބަނދަރެކެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އަގުތައް އުފުލިގެންދާ ކަމަށް އަލީ ފައުޒީ ފާހަގަ ކުރައްވައެވެ.
ކޮޅުނބުގެ ބަދަރަށް ބަރޯސާވާ މިންވަރު ކުޑަވެއްޖެނަމަ، ކޮލޮމްބޯގައި މުދާ ތޮތްޖެހުމާއި ލަސްވުމަށް ހައްލެއް ލިބިގެން ދާނެއެވެ.
ވިޒިންޖަމް ޕޯޓަކީ ރާއްޖެއާ އެންމެ 200 ނޯޓިކަލް މޭލު ދުރުގައި އޮންނަ ބަނދަރެކެވެ. އެ ބަނދަރަކީ މިސަރަހައްދުގައި ބޭނުންކުރާ އެންމެ ހަލުއި ސުޕަރ ޕޯސްޓް މެކްސް ކްރޭން ބޭނުންކުރާ ހަމައެކަނި ބަނދަރެވެ. އޭގެ ސަބަބުން މުދާ ބާލައި ބަރާ ކުރުމުގައި ހަލުއިކަމެއް ލިބިގެންދާނެއެވެ.
ވިޒިންޖަމް ބަނދަރުން ބުނެފައިވާ ގޮތުގައި އެ ބަނދަރުގެ އަމާޒަކީ މި ސަރަހައްދުގެ ޓްރާންސްޝިޕްމެންޓްގެ 50 އިންސައްތަ ހޭންޑްލް ކުރާ ބަނދަރަކަށް އެތަން ވެގެން ދިއުމެވެ.