ޔުމްނު ވެއްޓުނީ އަމިއްލައަކަށްނޫ، ރައުދުގެ އިތުރުން އެތާ ހަތަރު މީހުންތިބި: އާއިލާ

މުހައްމަދު އަލީ
މެއި 8, 2025

ހ. ފެންޓޯނިއާގެ ނުވަވަނަ ބުރިން މިމަހު 18 ވަނަ ދުވަހު ވެއްޓިފައިވާ ހައްވާ ޔުމްނު ރަޝީދު މިއަދު އެ ހާދިސާގެ ބައެއްވާހަކަތައް ކިޔައިދީފި ކަމަށް އާއިލާއިން ބުނެފިއެވެ.

އާއިލާއިން މިރޭ ބުނީ ފެންޓޯނިއާއަކީ ކުރިންވެސް އޭނާ ގޮސް އުޅޭގެއެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ. އެރޭވެސް އެގެއަށް ދިޔައީ މިމައްސަލާގައި ތުހުމަތު ކުރެވޭ ނުވަމީހުންގެ ތެރޭގައި ހިމެނޭ، ހ. މީނާޒު، ޔޫސުފް ޔައްސާރުގެ ދައުވަތަކަށް ކަމަށެވެ. ގޭގެ ލޮކޭޝަން ވެސް ފޮނުވާ ޔައްސާރު ކަމަށާއި އެރޭ ދިޔަ ދެ ގެއަށް ވެސް ޔުމްނު ދިޔައީ ޔައްސާރުގެ ދައުވަތަކަށް ކަމަށް ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަވަނީ ބުނެފައެވެ.

އެރޭ އެ ހާދިސާ ހިނގިއިރު ރައުދު ޒިލާލުގެ އިތުރުން އެހެން ހަތަރު މީހަކު އެގޭގައި ހަރަކާތްތެރިވި ކަމަށް ވެސް ޔުމްނު ބުނެފައިވާ ކަމަށް އޭނާގެ ދައްތަ މިރޭ ބުންޏެވެ. ކޮންމެ ގޮތަކަށް އަޑުއަރާފައި އޮތަސް ޔުމްނު އަމިއްލައަށް ނުވެއްޓޭ ކަމަށްވެސް އޭނާ ވަނީ އާއިލާ މީހުންގާތު ބުނެފައެވެ. އެރޭގެ ބައެއް ވާހަކަތައް ކިޔައިދިނުމަށްފަހު އިންސާފު ލިބޭނެތޯ ޔުމްނު ސުވާލުކޮށްފައިވާ ކަމަށް އޭނާގެ ދައްތަ ބުންޏެވެ. ”ޔުމްނުގެ އަނގައިން ބުނެފައިވަނީ އެފަދަކަމެއް އަމިއްލައަށް ނުކުރަމޭ.. އަމިއްލައަކުން ނުވެއްޓެން އެތަނަކުން،“ ޔުމްނުގެ ދައްތަ ބުންޏެވެ.

ޔުމްނު ވެއްޓުމުން އޭނާ ”މަރަށް ދޫކޮށްލާފައޮދިޔައީ އެމީހުން. އެތާއޮތީ ކިހާއިރެއްވަންދެންތޯ އެނގެނީވެސް އެމީހުންނަށް،“ އެއްވެސް މީގެއްގެ ނަމެއް ނުބުނެ، ޔުމްނުގެ ދައްތަ ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަން ތިބި ފުލުހުންވެސް ހެދީ ދޮގުކަމަށާއި، ޔުމްނު ފޯން އޮތްވާހަކަ ބުނުމުން އެއީ ޔުމްނުގެ ފޯންތޯ ކަށަވަރު ކުރަން ދައްކާށޭ ބުނުމުން ފުލުހުން އެވެސް ނުދެއްކި ކަމަށް އާއިލާއިން މިރޭ ބުންޏެވެ. އަދި އޭނާ ވެއްޓުނު ގޭގައި ކެމެރާއެއް ނުހުންނަ ކަމަށާއި އެއީ ”ރެންޑަމް ގެއެއް“ ކަމަށް ފުލުހުން ބުނެ ދޮގުހަދާފައިވާ ކަމަށް ވެސް ބުންޏެވެ.

އަދާ ހަމައަށް އައިއިރުވެސް ސަރުކާރުގެ ކަމާބެހޭ މުއައްސަސާއަކުން ވެސް އަދި ފުލުހުން ވެސް އެކަށީގެންވާ ތަހުގީގެއް ޔުމްނުގެ މައްސަލާގައި ހިންގާފައި ނުވާކަމަށް އާއިލާއިން ބުންޏެވެ.

ޔުމްނުއަށް އިންސާފު ހޯދައިދޭން ޒުވާނުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ފެށުމުން އޭނާގެ މައްސަލަ ކުރިން ބެލި މީހާ އެހެންތާކަށް ބަދަލު ކޮށްލުމަކުން ނުނިމޭކަމަށް ވެސް އާއިލާއިން ބުންޏެވެ. ”ފުލުހުން ވަނީ ކަންކަން ވަރަށް ބޮޑަށް އޮޅުވާލަން މަސައްކަތްކޮށްފައި،“ ކަމަށްވެސް އާއިލާއިން ބުންޏެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *