ދޮގު މައުލޫމާތުގެ އޮއިވަރެއް އާންމުވެއްޖެ

އިބްރާހީމްް ސަމީރު
މެއި 9, 2025

އިންޑިއާއިން ހިންގި ”އޮޕަރޭޝަން ސިންދޫރު“ ގެ ފަހުން، ދޮގު މަޢުލޫމާތުގެ އޮއިވަރެއް މީސްމީޑިއާގައި އާންމު ވާން ފަށައިފިއެވެ. މި އޮޕަރޭޝަނަކީ އޭޕްރިލް 22 ގައި ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން، ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ހުރި 9 ޓެރަރިސްޓް ކޭމްޕަކަށް އަމާޒުކޮށް އިންޑިއާއިން ދިން ހަމަލާއެކެވެ. މި ހަމަލާގައި 26 އާންމު ރައްޔިތުން މަރުވެފައިވެއެވެ. މި ހަމަލަތަކުގައި ލަޝްކަރޭ ތައިބާ، ޖައިޝޭ މުޙައްމަދު އަދި ހިޒްބުލް މުޖާހިދީންގެ މަރުކަޒުތަކަށް ހަމަލާދީފައިވެއެވެ. ޕާކިސްތާނުން ބުނެފައިވަނީ އިންޑިއާގެ ރަފައިލް ޖެޓްތަކާއި މިގް ޖެޓްތަކެއް ވައްޓާލައި، އިންޑިއާގެ އަމާޒުތަކަކަށް ހަމަލާދީފައިވާ ކަމަށެވެ.

އިންޑިއާގެ ޕްރެސް އިންފޮމޭޝަން ބިއުރޯއިން މި ވާހަކަތައް ދޮގު ކުރެއެވެ.  އިންޑިއާއިން ބުނަނީ، މި ވާހަކަ އޮޅުވާލާ ފަރާތްތަކުން ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ވީޑިއޯތަކަކާއި 2025 ވަނަ އަހަރު އިންޑިއާގެ މިރާޖް 2000 މަތިންދާބޯޓެއް ވެއްޓުނު މަންޒަރު ހިމަނައިގެން ޕާކިސްތާނަށް ފަހިވާގޮތަށް  ޕްރޮޕެގެންޑާގެ ގޮތުގައި ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް، މީޑިއާގައި ވިދާޅުވީ އިންޑިއާގެ 5 ޖެޓް ވައްޓާލެވުނު ކަމަށެވެ. ނަމަވެސް އެއްވެސް ހެއްކެއް ޕާކިސްތާން ސިފައިންގެ ފަރާތުން ހުށަހަޅާފައެއް ނުވެއެވެ. މިކަމާ ގުޅިގެން ސީއެންއެން އިން ސުވާލު އުފައްދާފައިވެއެވެ. ނަމަވެސް ފަހުން ތަފާތު ކަބަރެއްވެސް ގެނަސްދީފައި ވެއެވެ. އިންޑިއާއިން ޔަގީންކޮށްދީފައިވަނީ އެއްވެސް މަތިންދާބޯޓެއް ގެއްލިފައިނުވާ ކަމަށެވެ. އަދި ޕާކިސްތާނުން އިންޑިއާގެ ސިޓީތަކަށް ހަމަލަ ދިނުމަށް މަސައްކަތްކުރި ޑްރޯން އަދި މިސައިލް ހަމަލާތައް ނައްތާލެވިފައިވާ ކަމަށެވެ.

އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ މިނިސްޓްރީން ޕާކިސްތާނުގެ މި މަސައްކަތްތަކީ ދޮގު މަޢުލޫމާތު ފެތުރުމުގެ ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. ދެ ޤައުމުގެ ދެމެދު ސަރަޙައްދީ ރޮނގު ހުރަސްކޮށް ބަޑިޖެހުން އިތުރުވަމުންދާއިރު، އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވެފައިވަނީ އިންޑިއާގެ ހަމަލަތަކަކީ ”މިންކުރެވިގެން“ ދެވުނު ހަމަލާތަކެއް ކަމަށާއި، ހަމައެކަނި ޓެރަރިޒަމްގެ އިންފްރާސްޓްރަކްޗަރއަށް އަމާޒު ކޮށްފައިވާ ކަމަށެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *