ހުސްވި އޭޕްރިލް އަށާރަވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ތަހުގީގަށް މިހާތަނަނަށް އޭނާއާ ސުވާލުކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.ފ
ފުލުހުން ބުނީ ޔުމްނު ވެއްޓުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން އެތަނަށް ދިޔަ ހިސާބުން ފެށިގެން ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށެވެ. އެހެން ކަމުން އޭނާއާ ސުވާލުކުރަން އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ”ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބިއެވެ.“ ފުލުހުން ބުނެފައިވެއެވެ.
އެހެންނަމަވެސް އެކަމަށް މަގުފަހިވީހާ އަވަހަކަށް ތަހުގީގުން ޔުމްނުއާ ސުވާލުކުރަން ބޭނުންވާ ކަމަށް ފުލުހުން ބުންޏެވެ.
މިއީ މިހާރުވެސް ހިނގަމުންދާ ތަހުގީގެއް ކަމަށާއި، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް ފުލުހުންވަނީ ބުނެފައެވެ.
ޔުމްނު ފުރާޅުމައްޗަށް ވެއްޓީ އޭނާއަށް ވަނީ ވަރަށްބޮޑެތި އަނިޔާވެފައެވެ. މިހާރު ފަރުވާ ދެމުން ގެންދަނީ މެލޭޝިޔާގެ ހޮސްޕިޓަލެއްގައެވެ. މިހާތަނަށް ވަނީ ކާމިޔާބު އޮޕަރޭޝަނެއް ވެސް ކޮށްފައެވެ. އަދި އިއްޔެ ވަނީ ހާދިސާގެ ބައެއް ވާހަކަތައް އާއިލާއާ ހިއްސާކޮށްފައެވެ. އެންމެފާހަގަ ކޮށްލެވެނީ އޭނާ އަމިއްލައަށް ނުވެއްޓޭކަމަށާއި، އެ ހާދިސާ ހިނގިއިރު އެގޭގައި ރައުދުގެ އިތުރުން އެހެން 4 މީހަކު ތިބި ކަމަށް އޭނާ ވަނީ ބުނެފައި ކަމަށް އާއިލާއިން ރޭ ވަނީ މައުލޫމާތު ދީފައެވެ.