ޒަމާންތަކަކަށް ފަހު، ޝަހާ މަންމަގެ އުންމީދުތައް އައުވި ކަހަލައެވެ. އެހެނީ އުންމީދުން ފުރިގެންވާ ނަޒަރަކުން ޝަހާއާއި ފައިސަލް އަދި ޝާލިނީއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީޔެވެ. އެވަޤުތު ޝަހާ މަންމަގެ ހިތުގައި އޮތް އެއްޗެއް އޮޅުންފިލުވަން ފާތުން ބޭނުންވެފައި ހުރި ކަހަލައެވެ. ޝަހާ މަންމަގެ އެޖުމުލައިން ލިބުނު ހައިރާން ކަމާއިވެސް އެކުގައެވެ. ”ޝަހާމަންމަ ހަމަ އަސްލުވެސް ބޭނުންވާ ގޮތްތަ ތީ؟ ތީ ރަނގަޅު ވިސްނުމެއް ކަމަށް ޝަހާމަންމައަށް ޤަބޫލު ކުރެވޭތަ؟“ ފާތުންއާއި ދިމާއަށް ބަލައިލުމާއިއކު، ހިނިތުން ވެލާފައި ބުނެލިއެވެ. ”އެއްވެސް ކަމަކަށް އުންމީދެއް ކުރުމަކީ ގޯހެއް ނޫންތާ. އަހަރެންވެސް އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން އާބާދުވެފަ ވާތަން ދެކެން ބޭނުން. ދާއިމީ ލޯމަރާލުމަކުން ލޯމަރާލުމުގެ ކުރިން އެދުވަސް ދައްކަވާއިފިނަމަ ކިތަންމެހާވެސް ރަނގަޅު.“ ޝަހާގެ މަންމަ އެ ޖުމުލަ ބުނެ ނިންމާލިއިރު ހުރީ ކޮންމެވެސް ވަރަކަށް ފެންކަޅި ވެފައެވެ. ފާތުންއަށް އެމަންޒަރު ފެނުނެވެ. އަދި ހަމަ އެވަޤުތު ޝަހާ މަންމަގެ ކައިރިއަށް ޖެހިލިއެވެ. ވަރަށް ލޯބިވެތި ގޮތަކަށް އެއްއަތުން ކޮނޑުގައި އަތް އަޅުވާލުމާއިއެކު، ގަޔާއި ކައިރި ކޮށްލިއެވެ. އަދި ކޮނޑުގައި ވަރަށް އޯގާތެރި ކަމާއިއެކު ފިރުމާލިއެވެ. ”އިންޝާﷲ އަދި އެދުވަސް ދައްކަވާނެ. ތީ އަސްލު އަހަރެންވެސް ދެކެން ބޭނުންވާ ދުވަހެއް.“ ތެދެކެވެ. ފާތުން އަޙްސަން ދެކެ ލޯބިވެއެވެ. އެހެނަސް ޝަހާގެ ހިތުގައި، އަޙްސަންއަށް ޓަކައި ޖަހާ ވިންދުވެސް އެންމެ ރަނގަޅަށް އެނގެނީ ފާތުންއަށެވެ. އުމުރުގެ މިހާ ހިސާބަށް އައި އިރުވެސް ޒަވާޖީ ޙަޔާތެއް ނުފަށާ ޝަހާ އެހުންނަ ސަބަބުވެސް ފާތުންއަށް ރަނގަޅަށް އެނގެއެވެ. ޝަހާ ޤަބޫލުކުރާ ގޮތުގައި އަޙްސަންއަކީ ފާތުންގެ ޙައްޤެކެވެ. އެކުވެރިޔާގެ ޙައްޤަކަށް އަރައިގަތުމަކީ، ޝަހާގެ ޒަމީރު ތަންދޭނެ ތަނެއް ނޫނެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި، ޝަހާއަށް އަޙްސަންގެ ލޯބި ޙާޞިލުކުރަން މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ލިބުނެވެ. އެހެނަސް ޝަހާ ހުރީ އޭނާގެ ރަޙްމަތްތެރިޔާއަށް އިޚްލާސްތެރި ވެގެންނެވެ. އޭނާގެ އަމާނާތަށް ޚިޔާނާތްތެރި ވުމެއް ނެތިއެވެ. ރަޙްމަތްތެރިޔާ އަލުން އަނބުރާ ޝަހާގެ ޙަޔާތަށް އަންނާނެ ކަމުގެ ކުޑަ ނަމަވެސް އުންމީދެއް އޮތަތީވެސް މެއެވެ. ހަމަ އެހެންމެ ޝަހާ ވަމުންދިޔަ ޤުރުބާނީ މިހާރު ފާތުންއަށް ވިސްނެއެވެ. ވީއިރު އަޙްސަންގެ ހުށައެޅުމަށް، ފާތުންއަށް އާނބަސް ދިނުމަކަށް ފަސޭހައެއް ނުވާނެތާއެވެ. އެހެންނަމަވެސް ޝަހާގެ ދިރިއުޅުން އާބާދު ވުމަކީ ފާތުންގެ އެންމެ ބޮޑު އެއް އުންމީދެވެ. އެހުރިހާ ވާހަކަތަކެއް ޝަހާ ކައިރީގައި ނުދެއްކި ނަމަވެސް މެއެވެ. ފައިސަލްއަކީ ޝަހާއަށް އެފަދަ ދިރިއުޅުމެއް ހޯދައިދެވޭނެ މީހެއް ކަމަށް ފާތުންއަށް ޤަބޫލު ކުރެވެއެވެ. އެހެނަސް ފާތުން އިސްވެ ޝަހާ ގާތުގައި އެކަހަލަ ވާހަކައެއް ދެއްކުމަކީ އެހާ އައުލާކަން ބޮޑު ކަމެއްގެ ގޮތުގައި ފާތުންއެއް ނުދެކެއެވެ. އެހެނީ، މުޅި ޙާލަތު ކުށްހީއަކަށް ބަދަލު ވުމަކީ، ނުވެ ނުދާނެ ކަމެއްތާއެވެ.
ޚިޔާލުތަކާއި ފިކުރުގެ ތެރެއަށް ފާތުން ގެއްލިފައި ހުއްޓާ މީހަކު ކޮށްޓާލިހެން ހީވެގެން، ފަހަތަށް އެނބުރި ބަލައިލިއެވެ. ފާތުންގެ ސަމާލުކަން ހޯދީ ޝަހާގެ މަންމައެވެ. ދެމީހުން ވާހަކަ ދައްކަން ތިބެފައި ފާތުން ކުއްލިޔަކަށް މުޅިން އެހެން ދުނިޔެއަކަށް ގެއްލުނުހެން ޝަހާ މަންމައަށް ހީވެގެން ކޮށްޓާލީއެވެ. ”ކޮން ދުނިޔެއަކަށް ގެއްލިފަ، ފާތުމަތު ތި ކުރަނީ ކާކުގެ ޚިޔާލެއްކަން ޝަހާމަންމައަށް އެނގޭ.“ ސަމާސާ ރާގަކަށް ޝަހާ މަންމަ ބުނެލިއެވެ. ފާތުން ކަންބޮޑުވާ ގޮތް ވިއެވެ. ”ދެން ޝަހާމަންމަވެސް ދޯ. ތި ހީކުރަނީ މުޅިން ނުބައިކޮން. އެއްވެސް ޚިޔާލެއް ނުކުރަމޭ. އަސްލު މިވިސްނަނީ ޝަހާޔާ ދޭތެރޭގަ. ޝަހާވެސް ވަޤުތު އޮއްވާ ޒަވާޖީ ޙަޔާތެއް ފަށާނެ ނަމައޭ މިހިތަށް އަރަނީ.“ ފާތުންގެ ކޮނޑުގައި ވަރަށް އޯގާތެރިކމާއިއެކު، ޝަހާ މަންމަގެ އަތް ބާއްވާލިއެވެ. ”ތިކަން ކުރުމަށް އެންމެ ފަސޭހައިން ޝަހާ ރުއްސޭނެ މީހަކީ ތިޔައީ.“
ފާތުން އަދި ޝަހާ މަންމަގެ ވާހަކަ މިހާ ހިސާބަށް ދިޔަ ވަޤުތު ކުއްލިޔަކަށް ޝާލިނީ ފާތުންއާއި މުޚާތަބުކޮށްލިއެވެ. އޭނާގެ ބައްޕައާއި ވާހަކަ ދައްކަން ބޭނުން ނުވެގެން ކުޑައިރުކޮޅަކު އިނުމަށް ފަހުގައެވެ. ”ފާތުން ދައްތާ، ޝާލޫއަށް ހީވަނީ ދައްތަވެސް މިހާރު ބައްޕަގެ ޓީމަށް ދިޔައީހެން. ޝާލޫ ހީކުރީ ދައްތަ ޝާލޫއާ އެއްބައި ވާނެކަމަށް. އެކަމަކު މިހާރު އެއިނީ ބައްޕަޔާ އެއްބައިވެފަ. އެހެންވީމަ ފާތުން ދައްތަ ހިނގާ ޝާލޫ ގޮވައިގެން ދާން.“ ފާތުން އެހުރީ ހަދާނެ ގޮތެއް ނޭންގިފައެވެ. އެހެނީ ކުރިން ޖަވާބުދާރީ ވާންވީ ކާކަށް ކަމެއް ފާތުންއަކަށް ނުވިސްނުނެވެ. ޝަހާ މަންމަ ބުނި ވާހަކައަށް ޖަވާބެއް ދިނުމަކީވެސް މިވަޤުތު މުހިންމު ކަމެކެވެ. އެފަދަ އުންމީދެއް ފާތުންގެ މައްޗަށް ޝަހާ މަންމަގެ ފަރާތުން ކުރާކަށް ފާތުން ބޭނުމެއް ނުވެއެވެ. ސަބަބު ބުނެދެވެން ނެތް ނަމަވެސް މެއެވެ. އެހެންނަމަވެސް ފާތުން މިވަޤުތު އިސްކަން ދޭން ގަސްތުކުރީ ޝާލިނީއަށެވެ. އެހެނީ މީގެ އިރުކޮޅެއް ކުރިން ތުނޑީކޮޅުގައި ހިނގާދިޔަ ކަންތަކަށް ބަލާފައި، ޝަހާ އަދި ފައިސަލްގެ މައްސަލަ ހައްލުކުރުން މާ މުހިންމު ކަމުގައި ފާތުންއަށް ޤަބޫލުކުރެވޭތީވެސް މެއެވެ. ”ޝާލޫއަށް އެނގޭތަ، ޝަހާދައްތަ އެހުރީ ކުރިންވެސް މިރަށަށް އައިސް. އެހެން ވީމަ ދައްތަވެސް މިރަށުގެ ވަރަށް ގިނަ ތަންތަނަށް ވަރަށް ފަރިތަވާނެ. އެހެންވީމަ ހުރިހާ އެންމެން އެއްކޮން ދާނީ ދޯ.“ ޝާލިނީގެ ކައިރީގައި އިށީނދެލަމުން ފާތުން ބުނެލިއެވެ. ޝާލިނީ ކުޑައިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ފާތުން ބުނި ގޮތަށް އެއްބަސް ވިއެވެ. ”އެކަމަކު ބައްޕަމެން އަދި ނުވެސް ކައެއްނު. އެހެންވީމަ ދެން ދާނީ ހުރިހާ އެންމެން ކައިގެން ދޯ.“ ފައިސަލްގެ މޫނުމައްޗަށް ލުއިލުއި ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. ޝާލިނީގެ ރުޅި ކޮންމެވެސް ވަރަކަށް މަޑުވިކަން އެނގުމުންނެވެ.
މެންދުރު ކެއުމަށް އިންސާފުކޮށް ނިމުމާއިއެކު، ހުރިހާ އެންމެންވެސް ތައްޔާރުވަމުން ދިޔައީ ތުނޑީކޮޅަށް ދިއުމަށެވެ. އެދުވަހުގެ މެންދުރުފަހު ތުނޑީކޮޅުގައި ވަޤުތު ހޭދަ ކޮށްލުމަކީ ކުރިންވެސް ރޭވިފައި އޮތް ކަމަކަށް ވާތީއާއިވެސް އެކުގައެވެ. އެހެނީ އެދުވަހުގެ ހަވީރު ވަންދެން އެތަނުގައި ވަޤުތު ހޭދަކުރަން ވަނީ ނިންމާފައެވެ. އެހެންކަމުން އެކަމަށް ބޭނުންވާނެ ހުރިހާ ސާމާނެއް އެއްކޮށް ގޯތި ތެރެއަށް ނެރެމުން ގެންދިޔައެވެ. ލުއި ކާނާގެ ތަފާތު ބާވަތްތަކެވެ. މަޖާ ހަދާނެ ސާމާނެވެ. ތަފާތު ދެތިން ވައްތަރުގެ ބުއިމެވެ. ކުނަލާއި ބޯޅަ ފަދަ ތަކެއްޗެވެ. މިހުރިހާ ތަކެއްޗެއް އުފުލުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ، އަޙްސަން، ފައިސަލް އަދި އަޙްމަދެވެ. މުޅި ގޭތެރެ ވަނީ، ހަލަބޮލި މާޙައުލަކަށް ބަދަލު ވެފައެވެ. ޝާލިނީގެ މަސައްކަތަކީ ހުރިހާ އެއްޗެއް ހަމަކުރޭތޯ ބެލުމެވެ. ޝާލިނީ، އޭނާގެ ޒިންމާ އަދާކުރަމުން ގެންދިޔައިރު، ޝަހާ އޭނާގެ ކައިރީގައި ހުއްޓެވެ. ފާތުންއާއި ބޮޑުދައި އަދި ޝާހާގެ މަންމަ ތިބީ ޖޯލިފަތީގައި އެހެންމީހުން އުޅޭ ގޮތް ބަލާށެވެ. އެހެނީ ފާތުންއަށް އަދިވެސް އެހާ ބުރަކޮށް މަސައްކަތް ކުރުން ވަނީ މަނާކޮށްފައެވެ. މިހުރިހާ ކަމެއްގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ އެއްކަމެއް އޮތެވެ. އެއީ ޝަހާގެ ހިތުގައި ޝާލިނީއަށް ޓަކައި އުފެދިފައިވާ ކުލުނާއި ލޯތްބެވެ. އެއީ މީހެއްގެ ބުނުމަކުން ނުވަތަ އިލްތިމާސްއަކުން ވެފައި އޮތް ކަމެއް ނޫނެވެ. އަދިހަމަ އެހެންމެ އެކަން އެހެން ވެފައިވަނީ، އެދެފަރާތުގެ އިޚްތިޔާރާއި ބާރަކުވެސް ނުމެ ނޫންމެއެވެ. ޝަހާގެ ހިތުގައި، ޝާލިނީއަށް ޓަކައި އުފެދިފައިވަނީ، މައިވަންތަ ކުލުނު ކަމުގައި، އެދެމީހުން އެކުގައި ފެންނަ ކޮންމެ މީހަކުވެސް ބުނާނެއެވެ. އެގުޅުމާއި މެދު އެންމެ ބޮޑަށް ހިތްހަމަ ޖެހޭ އެކަކީ، ޝަހާގެ މަންމައެވެ. އަދި އެގުޅުން ދާއިމަށް ދެމިގެން ދާނެ ދުވަހަކަށް އުންމީދުވެސް ކުރެއެވެ.
ތުނޑީކޮޅަށް ދިއުމަށް ޓަކައި ކުރަން ހުރި ހުރިހާ ތައްޔާރީތަކެއް ކޮށް ނިމިއްޖެއެވެ. ދުވަހުގެ ހަރަކާތަށް ތައްޔާރުކުރި ހުރިހާ ސާމާނެއް ހިފައިގެން ހުރިހާ އެންމެން ނިކުތީ ތުނޑީކޮޅަށް ދިއުމަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހެވެ. މޫދުގެ ދިޔަވަރުވެސް ތަންކޮޅެއް ބޮޑު ކަމަށް ވާތީ، ގޮޑުދޮށަށް ބީއްސާލާ ރާލުތައްވެސް ތަންކޮޅެއް ބިޔައެވެ. އެހެންނަމަވެސް ވައި މާގަދަ ނޫންކަން، ރުއްގަހުގެ ފަތްތައް ހެލޭ މިންވަރުން ވަރަށް ރަނގަޅަށް ބުނެދެއެވެ. މި ހިތްގައިމު މޫސުމުގައި އޭގެ އެންމެ ފުރިހަމަ ލައްޒަތާއި އަރާމު ލިބިގަންނަމުން އެދަނީ ޝާލިނީއެވެ. އެހެނީ، ތުނޑީގެ ހިމޭން ދޮންވެލިގަނޑު މަތީގައި ޝާލިނީ ދުވެލަ ދުވެލާ ހުއްޓެވެ. އަޙްމަދު އެހުރީ ހަށި ފާރަވެރިއެއް ފަދައިން ޝާލިނީއަށް ވާނުވާ ބަލާށެވެ. އޭނާގެ މައުސޫމު ހަރަކާތްތަކުގެ ތެރެއަށް އެންމެ ބޮޑަށް ގެއްލިފައި އިނީ ޝަހާގެ މަންމައެވެ. ޝަހާ މަންމަ، ޝާލިނީގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިންގޮތުން ހައްވައަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބުނެވެ. ”ޝަރީފައްތަ ހާދަ ވަރަކަށޭ ޝާލިނީއަށް ތިބަލަނީ. އަނެއްކާ އެމަންޖެގެ ކިބައިން މާ ޚާއްޞަ ކަމެއް ފެންނަނީތަ؟“ ހައްވަ އަހާލިއެވެ. އެވަޤުތު ޝަހާ މަންމައަށް ލެވުނީ ފުން ނޭވާއެކެވެ. އަދި މަޑުމަޑުން ހައްވައާއި ދިމާއަށް އެނބުރިލިއެވެ. ”އަހަރެން ދެކޭ ގޮތުގަ ހައްވައަކީވެސް މިހާރުދެން އަހަރެންގެ ޢާއިލާގެ މެންބަރެއް ފަދަ މީހެއް. އެހެންވީމަ މީކީ، ހައްވަ ގާތުގަ ނުބުނެވޭނެ ވާހަކައެއް ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން. އެހެން ނޫނަސް ވޭތުވެދިޔަ ދުވަސްތަކުގައި އަހަރުމެންގެ ދިރިއުޅުމާ އަހަރެންނާ ޝަހާގެ ގުޅުންވެސް ވަރަށް ގާތުން ދެކެފަ ހައްވަ ތިހުރީ. އަސްލުގަ ބުނާނަމަ، އަހަރެންނަކަށްވެސް ނޭންގެ ކީއްވެ ކަމެއް. އެކަމަކު ޝާލިނީ ފެނުމުން ވަރަށް އަމިއްލަ ވަންތަ އިޙުސާސެއް ކުރެވޭ. މި ބުނީ އެއީ އަމިއްލަ މާމަ ދަރިއެއް ފަދައިން ބެލެވެޔޭ. ހައްތަހާވެސް ހީވަނީ ޝާލިނީއާ ޝަހާޔާ ކޮންމެވެސް ކަހަލަ ގާތް ގުޅުމެއް އެބަ އޮތޭ. ދެން މީގެ ޙަޤީޤީ މާނައެއް ބުނެދޭކަށް އަހަރެންނަކަށް ނޭންގެ.“ ޝަހާ މަންމަގެ ވާހަކަ ވަރަށް ކަނުލާ އަޑުއަހަން އިނދެފައި ހައްވަވެސް އޭނާގެ ޝުޢޫރު ފައުޅުކޮށްލަން ގަސްތު ކުރިއެވެ. އެހެނީ މިހާރު ޝަހާ މަންމަ ގާތުގައި އެއްވެސް ކަހަލަ ވާހަކައެއް ދައްކާކަށް ހައްވަ ޖެހިލުމެއް ނުވެއެވެ. މީގެ ކުރިން އެއީ އޭނާގެ ދައްތަގެ އަވައްޓެރިއެއް އަދި ރައްޓެއްސެކެވެ. އެހެންނަމަވެސް މިއަދު އެއީ ޚުދު ހައްވަގެ ގާތް މީހެކެވެ. ”އަހަރެންނަށް ފެންނަގޮތް ބުނަންތަ؟ އަހަރެން މިބުނާ އެއްޗެއްގެ މާނަ ޝަރީފައްތަ ގޯސްކޮން ނުނަގައްޗޭ އިނގޭ.“ ”އާން ކީއްކުރަން ގޯސްކޮން ނަގަންވީ. އަޅެ ދެން ބުނެބަލަ.“ މިހެން ބުނުމާއިއެކު ހައްވަ ދައްކާ ވާހަކަ އަޑުއަހާލުމަށް ޝަހާ މަންމަ ތައްޔާރު ވެލިއެވެ. ”ޝަރީފައްތަ ތިބުނިހެން ޝަހާގެ ހިތުގަ ޝާލިނީއަށްޓަކާ މައިވަންތަ ކުލުނު އޮންނަހެން އަހަރެންނަށްވެސް ހީވޭ. ޝާލިނީ ފެނުނު ދުވަހުން ފެށިގެން މިހާތަނަށް ޖެހެންދެން ފެނިފަ ހުރި އެކި މަންޒަރުތަކަށް ބަލާފަ މިހެން މިބުނީ. ޝަހާވެސް ދިރިއުޅެމުން އެގެންދަނީ ވަރަށް އެކަނިވެރި ދިރިއުޅުމެއް. ކިހިނެއްވާނެ ޝަހާގެ ޙަޔާތަށް ދާއިމީ ގޮތަކަށް ޝާލިނީ އައުން؟“ ހައްވަ އެބުނި އެއްޗެއް ބުނީ ނުސީދާކޮން ކަމަށް ވީނަމަވެސް ޝަހާ މަންމައަށް ހައްވަ އެބުނި އެއްޗެއް ވަރަށް ރަނގަޅަށް ވިސްނިއްޖެއެވެ. އަދި އިރުކޮޅަކު ވިސްނާލަނަ އިނުމަށްފަހު ހައްވައަށް ޖަވާބު ދިނެވެ. ”ހައްވަ ތި ބުނީކީ މުޅިޔަކުން ދޮގު ވާހަކައެއް ނޫން. ޝަހާއަށް އެއުޅެވެނީ އޭނަގެ ހިތްވަރު ގަދަކަމުން. ހިތުގެ އުދާސްތައް އަހަރެންނާ ހިއްސާ ނުކުރިޔަސް އަހަރެންނަށް ހުރިހާ އެއްޗެއްވެސް ވިސްނޭ. ޝަހާގެ އެކަނިވެރި ކަމާ އުދާސްތައް ފިލުވައިދޭ ވަރުގެ ބައިވެރިޔަކު ޝަހާއަށް ހޯދައިދޭން އަހަރެން ކިތަންމެހާވެސް ބޭނުން. އެގޮތަށް ބަލާނަމަ ފައިސަލްއަކީ އެފަދަ ބައިވެރިޔަކަށް ވެވިދާނެ މީހެއްކަމަށް ވެސް އަހަރެން ޤަބޫލުކުރަން.“ ހައްވަ ދެއްކި ވާހަކައަށް ޝަހާ މަންމަގެ އެއްބާރުލުން މިހާ ވަރަށް ލިބޭނެ ކަމަކަށް ހައްވަ ހިއެއް ނުކުރެއެވެ. އެހެނީ، ޝަހާ މަންމަގެ ޖަވާބު އަޑުއަހާފައި ހައްވައަށް ލިބުނީ ހައިރާން ކަމެކެވެ. އެހެނަސް ޝަހާ މަންމަ ހައްވަ ކުރިމަތީގައި އެފާޅުކުރީ އޭނާގެ ހިތުގެ ޝުޢޫރެވެ. ޝަހާގެ ޙަޔާތަށް ހަމަޖެހުމެއް ގެންނަން ބޭނުންވާތީވެސް މެއެވެ. ޝަހާގެ ޙަޔާތް އާބާދުކުރަން ހައްވައާއި ޝަހާ މަންމަ ވާހަކަ ދައްކަމުން ގެންދިޔައިރު، އަޙްސަން އާއި ފާތުންވެސް ގެންދިޔައީ ހަމަ އެވާހަކަ ދައްކަމުންނެވެ.
އަޙްސަންއާއި ފާތުން އެތިބީ، ތުނޑީގެ ހޭޅިފަށުގައި ހުރި މަގޫ ގަސްތަކެއްގެ ކައިރީގައި އިށީންދެލައިގެންނެވެ. ”އަޙްސަން، އަޙްސަން ޤަބޫލުކުރަންތަ އެއީވެދާނެ ކަމެއް ކަމަށް؟“ ފާތުންގެ ހިތުގައި އަދިވެސް އޮތީ ޝަހާއާއި ފައިސަލް ގުޅުވުމުގެ ޚިޔާލެވެ. އެހެންނަމަވެސް ފާތުން އިސްވެ ޝަހާ ކައިރީގައި އެވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ. ޙާލަތު ނިޔާކުރާ ގޮތުންވެސް މެއެވެ. ފާތުންއާއި މެދު ޝަހާގެ ހިތުގައި ކުށްހީއެއް އުފެދިދާނެ ކަމުގެ ބިރަށްވެސް މެއެވެ. ”ކޮންކަމެއް؟“ އަހްސަން އަހާލިއެވެ. ”ސާބަސް އަޙްސަން. މަ މިދައްކަނީ ޝަހާޔާ ފައިސަލް އެއްކޮން ޒަވާޖީ ހަޔާތެއް ފަށާ ވާހަކައޭ.“ ”އެހެންދޯ. އާން ވެދާނެ. ކުޑަ ހިތްވަރެއް ކޮށްލަން ޖެހޭނީ.“ އަޙްސަން ބުނިއެއްޗެއް އިތުރަށް އޮޅުންފިލުވަން ފާތުން ބޭނުން ވިއެވެ. ”ކާކު ހިތްވަރު ކުރަން ޖެހޭ ވާހަކައެއް ތިބުނީ؟“ ”ހިތްވަރު ކުރަން ޖެހޭނީ ލޯތްބަށް އިޢުތިރާފުވީ މީހާ. އެއީ ފައިސަލް. ނިކަން އަހަރެންނަށް ބަލާލަބަލަ. އަހަރެންވެސް ފާތުން ދެކެ ލޯބިވާތީ އެކަމަށް އިޢުތިރާފުވެ، ފާތުންގެ ކުރިމަތީގަ ލޯބި ހުށައެޅީނު. އަހަރެން ކިހާ ހިތްވަރުގަދަ.“ މިހެން ބުނުމާއިއެކު، ލައިގެން އިން ގަމީހުގެ ގިރުވާނުގެ އެއްކަނުގައި ހިފާ ހިއްލާލިއެވެ. ”ދެން އެހެންވިއްޔާ އަޙްސަންއަށް ހީވޭތަ އަޙްސަންގެ ހުށައެޅުން ކާމިޔާބު ވެއްޖެހެން؟“ މަލާމާތުގެ ރާގަކަށް ފާތުން އަހާލިއެވެ. ”ކޮންމެވެސް މިންވަރަކަށް ކާމިޔާބު ކަމަށް އަހަރެން ޤަބޫލުކުރާނަން. އާނ ޤަބޫލުކުރަން ފާތުންގެ މައްޗަކަށް އަދި އަހަރެންގެ ޝަރުޢީ ހައްޤެއް ނެތްކަން. އެކަމަކުވެސް އުންމީދު އެބަ އޮތްކަން އަހަރެންނަށް ޔަޤީން.“ އަޙްސަންގެ އެޖުމުލައަށް ދޭނެ ރައްދެއް ނޭންގިފައި ފާތުން އިން ކަހަލައެވެ. އެހެނީ، ލަދުވެތި ގޮތަކަށް އިސްދަށަށް ޖަހާލުން ފިޔަވާ އިތުރު އެއްވެސް ކަމެއް ފާތުންއަކަށް ނުކުރެވުނެވެ. ކުޑަ އިރުކޮޅަކު އެހެން އިނުމަށްފަހު، ފާތުން ބޭނުންވީ ޝަހާއާއި ފައިސަލް ގުޅުވާނެ ގޮތަކާއިމެދު، އަޙްސަންއާއި މަޝްވަރާ ކުރާށެވެ. ”އަޙްސަން ކިހިނެއްވާނެ ޝަހާޔާ ވާހަކަ ދައްކަން.“ ”ކޮން ކަމަކާ ގުޅޭގޮތުން؟“ ފާތުން ބުނަން އެއުޅޭ ވާހަކައެއް އަޙްސަންއަށް އެނގޭ ކަހަލައެވެ. ”އެދެމީހުން ގުޅުވަން.“ ވަރަށް އުންމީދީ ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައި ފާތުން ބުނެލިއެވެ. ”ހެޔޮ ނުވާނެ އަހަރެން ތިތަނަށް ނުވައްދާ. ފާތުންއަށް ރަނގަޅަށް އެނގޭނެ އަހަރެން މިހެން މިބުނީ ކީއްވެގެންކަން. ޝަހާގެ ހިތުގަ އޮތް އެއްޗެއް ބޭރުފުށުން ނުދެއްކިޔަސް މިހާރުވެސް އޭނަގެ ހިތުން މާޒީ ފިލައިގެން ނުދާކަން އަހަރެންނަށް އެނގޭ. ފާތުން ނިކަން ވިސްނާލަބަލަ. މިހާ ދުވަސްވީއިރުވެސް ޒަވާޖީ ޙަޔާތެއް ނުފަށާ އެހުންނަނީ ކޮންމެސް ކަމެއް ވީމައެއްނު. ޝަހާއަކީ ރީތި ކަނބަލެއް. އަމިއްލަ ފައިމައްޗަށް ތެދުވެ ހުރި ހަރުދަނާ، އިޙުލާސްތެރި ޝަޚްސިއްޔަތެއް. އޭނަ ބޭނުންނަމަ ބައިވެރިޔަކު ހޯދާކަށްވެސް އުނދަގުލެއް ނުވިސް. އެކަމަކުވެސް…“ އަޙްސަންގެ ވާހަކަ މިހާހިސާބަށަ ދިއުމުން ފާތުން ސުވާލެއް ކޮށްލިއެވެ. ”ދެން އެހެންވިއްޔާ އަހަރެން މިކުރާ ސުވާލަށް ޖަވާބު ދީބަލަ.“ ހައިރާން ކަމާއެކު، ފާތުން ކުރަން ބޭނުންވާ ސުވާލަށް ތަންދެމުން އަޙްސަން އޭނާގެ ވާހަކަ މެދުކަނޑާލިއެވެ. ”ޙާލަތު ނިޔާކުރި ގޮތުން އަހަރެންނަށް ރަށަށް ބަދަލުވާން ޖެހުނަސް، ވޭތުވެދިޔަ ސަތާރަ އަހަރުގެ ތެރޭގަވެސް ތި ދެމީހުންގެ ގުޅުން ޤާއިމްވެ އޮތް ދޯ. މިބުނީ ފްރެންޑްޝިޕް އިނގޭ. އެ މުއްދަތުގެ ތެރޭގަ ޝަހާ ދުވަހަކުވެސް އަޙްސަންއަށް އެކަހަލަ އެއްވެސް ޢިޝާރާތެއް ކޮށްފައެއް ނުވޭތަ؟“ ފާތުންގެ ދުލުން ޝަހާއަށް ނިސްބަތްކޮށް އެފަދަ ސުވާލެއް ކުރެވުނީތީވެސް އަޙްސަން ހައިރާންވިއެވެ. ”ތި ސުވާލު ތިކުރަނީ ފާތުން؟“ އެވަޤުތު އަހްސަން ފާތުންއާއި ދިމާއަށް ފުރިހަމައަށް އެނބުރިލިއެވެ. އަދި އޭނާގެ އިނގިލީގެ ޢިޝާރާތްވެސް ހުރީ ފާތުންއާއި ދިމާއަށެވެ. އަޙްސަން އިނީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައިކަން ފާތުންއަށް އެނގުނެވެ. ”އެންމެ ރަނގަޅު ފާތުންއަށް ތި ސުވާލު ކުރަން ކެރުނީތީ، އަހަރެން ޖަވާބުވެސް ދޭނަން. އަޑުއަހާ.“ އަޙްސަންގެ ވާހަކަ މެދުކަނޑުވާލާފައި ފާތުން ބުނެލިއެވެ. ”އަޅޭ އަޙްސަން. އަހަރެން ބުނި އެއްޗެއްގެ މާނަ ނުބައިކޮން ނުނަގަބަލަ. އަޙްސަންއަށްވުރެ ބޮޑަށް އަހަރެންނަށް އެނގޭ ޝަހާ އަޙްސަން ދެކެ ލޯބިވާވަރު. ނުވަތަ ލޯބިވީވަރު. އެކަމަކުވެސް އަތްފޯރާ ހިސާބުގަ އަޙްސަން ހުރިއިރުވެސް އެކަން އެގޮތަށް ނުކޮށް އަދި އިތުރު ކައިވެންޏެއްވެސް ނުކޮށް ހުންނާނީ ކޮންމެސް ކަމެއް ވީމައެއްނު.“ ”އެއީތާ އަހަރެން މިބުނި އިޚްލާސްތެރި ކަމަކީ. އެންމެ ލޯބިވީ މީހާ ކުރިމަތީގަ ހުރެމެ ޙާޞިލު ނުކުރެވުނު އިރުވެސް ތެދުވެރި ރަޙުމަތްތެރިއެއްގެ ދަރަޖަ ދީގެން އެއުޅުނީ. ކޮންމެވެސް ދުވަހަކުން އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ދިރިއުޅުން އާބާދު ކޮށްދެވޭނެ ކަމުގެ އުންމީދުގަ. އެއީޝަހާގެ ރަޙުމަތްތެރިޔާއަށް ޓަކައި ވި އެންމެ ބޮޑު ޤުރުބާނީ. ޝަހާ އެވީ ޤުރުބާނީގެ ސަބަބުން އޭނަގެ މަންމަގެ ހުރިހާ އުންމީދު ތަކެއްވެސް ޤުރުބާން ވެގެން ދިޔައީ.“ އަޙްސަންގެ އެވާހަކަތައް ފާތުންއަށް އަޑުއަހަން އުނދަގުވީ ކަހަލައެވެ. ”ދެން ހެޔޮ އަޙްސަން. ތީ އަހަރެންނަށް ނޭންގޭ ވާހަކަތަކެއް ނޫން. އެކަމަކު ޝަހާ އަހަރެންނަށް ޓަކާ ވީ ޤުރުބާނީގެ އަގު އަހަރެންވެސް އަދާކުރަން ބޭނުން. އަހަރެންނަށް އެނގޭ އަހަރެން އަޙްސަންއާ ގުޅެން ބޭނުން ނުވެގެންނޭ ކިޔާފަ ދުރަށް ދިޔަޔަސް ޝަހާ ދެނެއް އަނބުރާ އަޙްސަންގެ ހަޔާތަކަށް ނާންނާނެކަން. އެއީ އަޙްސަންއަށްވެސް ފަސޭހަކަމަކަށް ނުވާނެ. އެހެން ނޫންނަމަ އަޙްސަންއެއްވެސް މިހާ ދުވަސްވަންދެން އަހަރެންނަށް ޓަކާ ތިހާ އިންތިޒާރެއް ނުކުރިސް. އަހަރެން ބޭނުން ފައިސަލް ކަހަލަ އިޚްލާސްތެރި އިންސާނެއް ޝަހާގެ ޙަޔާތަށް ގެންނަން. ޝަހާގެ ޙަޔާތުގައިވެސް އޭނާއަށް އިޚްލާތެރި ބައިވެރިޔަކު ޝާމިލުވާތަން ދެކެން އަހަރެންވެސް ބޭނުން. އަނެއްކޮޅުން ޝަހާގެ ޙައްޤުގަ ފައިސަލް ވީ ޤުރުބާނީއެއްވެސް ކުޑައެއް ނޫން. ހަމައެހެންމެ ޝާލިނީއަށް ޓަކާ ފައިސަލް ވަމުންދާ ޤުރުބާނީގެ ހެޔޮ ޖަޒާ ފައިސަލްއަށް ލިބެންވެސް ޙައްޤު.“
އަޙްސަންއާއި ފާތުންގެ ހޫނުގަދަ ބަހުސް ކުރިޔަށް ދާތަން ބަލަން ދުރުގައި ބަލަހައްޓައިގެން އިން ޝަހާއަކަށް ކެތެއް ނުވިއެވެ. އޭނާއަށް އެންމެ އުދަގޫ ކަމަކަށް ވީ، އެދެމީހުން ދައްކަމުން ދިޔަ ވާހަކަ އަޑު ނުއިވުމެވެ. އެހެނީ ޝަހާއަށް ކެތް ނުވެގެން ކުއްލިއަކަށް ފުންމައިގެން ތެދުވެ، އަޙްސަންއާއި ފާތުން އިށީނދެގެން އިން ދިމާއަށް ހިނގައިގަތެވެ. ޝަހާ ދުރުން އަންނަތަން އަޙްސަންއަށް ފެނުނެވެ. އަދި ވާހަކަ ހުއްޓާލުމަށް ބުނުމުގެ ގޮތުން ފާތުންއަށް އިޝާރާތް ކޮށްލިއެވެ. ފާތުން އެދިމާއަށް ބަލައިލިއެވެ. އަދި ދެމީހުން ކައިރީގައި އިށީންދެލުމަށް ޝަހާއަށް ދަޢުވަތު ދިނެވެ. ”ހާދަ ހޫނުގަދަ ބަހުސެއް ހިނގާހެން އެބަ ހީވެޔޭ.“ ކައިރިގައި އިށީންދެލަމުން ޝަހާ ބުނެލިއެވެ. އަދި ފާތުންއާއި ދިމާއަށް ވައްކަޅިން ބަލައިލިއެވެ. ”ނޫނޭ މާބޮޑު ވާހަކައެއް ނުދައްކަން. އެކަމަކު އަހަރެން ބޭނުން ޝަހާޔާ ވާހަކައެއް ދައްކާލަން.“ ފައިސަލްއާއި ބެހޭގޮތުން އެއްޗެކޭ ބުނެނުލާ ފާތުންއަށް ކެތް ނުވި ކަހަލައެވެ. އަދި ފާތުން އެބުނީ ކީކޭކަން އަޙްސަންއަށް އެނގުނު ކަހަލައެވެ. އެހެނީ އަޙްސަން ބޭނުންވީ އެތަނުން ތެދުވެގެން ދުރަށް ދާށެވެ. އަޙްސަންއާއި މެދު ޝަހާގެ ހިތުގައި ކުށްހީއެއް އުފެދެން ބޭނުން ނުވާތީވެސް މެއެވެ. އަޙްސަން ތެދުވި ވަޤުތު އިޚްތިޔާރަކާއި ނުލާ ފާތުންއަށް އަޙްސަންގެ އަތުކުރީގައި ހިފާލެވުނެވެ. އަޙްސަން ކުއްލިޔަކަށް ހުއްޓުނެވެ. އަދި ހައިރާނުން ފުރިގެންވާ ނަޒަރަކުން ފާތުންއާއި ދިމާއަށް ބަލައިލިއެވެ. ޝަހާއަށްވެސް ލިބުނީ ހައިރާން ކަމެކެވެ. ”އޮއްހޯ ފާތުން. މިހާރު ތިހާ ހިސާބަށްވެސް ދިޔައީ.“ ދިމާކޮށްލާ ކަހަލަ ރާގަކަށް ޝަހާ ބުނެލިއެވެ. ފާތުންއަށް ކުރެވުނު ކަމަކާއި މެދު ރެއަކާލީ އަދި ކިރިޔާއެވެ. އަވަސް އަވަހަށް އަޙަސަންގެ އަތުން އޭނާގެ އަތް ދޫކޮށްލިއެވެ. މަލެއްގެ ފިޔަތައް ފޮޅިގެން ދިޔަ ފަދައިންނެވެ. ”އަސްލު އަހަރެން ބުނަން މި އުޅުނީ އަހަރެން ޝަހާ ކައިރީގަ ދައްކަން މިއުޅޭ ވާހަކ ދައްކާއިރު އަޙްސަންވެސް މަޑުކޮށްލަ ބަލާށޭ.“ ”ޔަޤީންތަ އިތުރު އެއްވެސް ކަމެއް ނެތްކަން.“ ސަމާސާ ރާގަކަށް ޝަހާ ބުނެލިއެވެ. ”ދެން ޝަހާ ޕްލީޒް ސީރިއަސް ވެބަލަ.“ ”އާން އޯކޭ. އެންމެ ރަނގަޅު. ދެން ދައްކަބަލަ ތި ދައްކަން އުޅޭ ވާހަކައެއް.“ ފާތުން ވަރަށް ރަނގަޅަށް ހަމަ ޖެހިލިއެވެ. ”ޝަހާ“. ”ޔެސް މައި ނޭމް އިޒް ޝަހާ. ދެން ކުރިޔަށް ގެންދެބަލަ.“ ފާތުން ދެލޯ ބޮޑުކޮށްލާފައި ޝަހާއާއި ދިމާއަށް ބަލައިލިއެވެ. ”ސޮރީ ސޮރީ. އާން ކުރިޔަށް ގެންދޭ. ދެން ކުރިއެއް ނުމަރާނަން.“ ފާތުން އަނެއްކާވެސް ހަމަޖެހިލިއެވެ. ”އަހަރެންނަކަށް އަސްލު ނޭންގެ މިވާހަކަ ފަށާނީ ކިހިނެއް ކަމެއް. އަދި މީ މިވާހަކަ ދައްކަން އެންމެ މުނާސަބު ވަޤުތު ކަމެއްވެސް އަހަރެންނަކަށް ނޭންގެ. އެކަމަކުވެސް އިތުރަށް ލަސްކޮށްގެން ދިގު ދަންމާކަށްވެސް އަހަރެން ބޭނުމެއް ނޫން.“ ”ސީދާ ބުނަން ބޭނުންވާ ވާހަކަ އަދިވެސް ނުބުނެވި މިހާރުވެސް ތި ދިގު ދެންމެނީނު.“ ”އެންމެ ރަނގަޅު ސިދާ ޕޮއިންޓަށް މި އަންނަނީ. ޝަހާ ކިހިނެއް ވާނެ ޝާލިނީގެ މަންމައަކަށް ވާން؟“ ފާތުން ދައްކަން އެއުޅެނީ އެވާހަކަ ކަން އަޙްސަންއަށް ކުރިން އެނގުނެއް ކަމަކު، އެހާ އަވަހަށް އެހާ ހިސާބަށް ގެންދާނެ ކަމަކަށް އަޙްސަންގެ ހިތަކަށްވެސް ނާރައެވެ. އެހެނީ އަޙްސަންއަށް ސިއްސައިގެން ގޮސް އެއްފަހަރު ފާތުންއަށް ބަލައިލެވުނެވެ. އަނެއްކާ ހަމަ އެނޭވާމަތީ އިނދެ ޝަހާއާއި ދިމާއަށް ބަލައިލިއެވެ. ދެފަހަރުވެސް އަޙްސަންއަށް ހިންގާލެވުނީ ހަމައެކަނި ކަޅިއެވެ. ކަނދުރާއަށް ނާރެއް އަރާފައި އިން ކަހަލައެވެ. މީހާއަށްވެސް އިންތަނުން ގުޑާލަންވެސް ނޭންގުނު ކަހަލައެވެ. ޝަހާއަށް ބަލައިލެވުނު ވަޤުތު އެއްމިޔަކަނުން ހީނވެސް ލެވުނެވެ. ޚުދު ޝަހާވެސް އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ކުއްލިޔަކަށް ބާރަށް ހޭން ފަށައިފިއެވެ. ”ފާތުންވެސް ތިކަހަލަ ސަމާސާ ނުކުރައްޗޭ.“ އެހެން ބުނުމާއިއެކު އަނެއްކާވެސް ފެށީ ހޭށެވެ. ”ނޫން ޝަހާ، މީ ހަމަ ސީރިއަސް ވާހަކައެއް. އަހަރެންގެ ދިރިއުޅުން މިއޮތީ ބަރުބާދު ވެފަ. އެކަމަކު އަހަރެން ބޭނުން ޝަހާއަށް ރަނގަޅު ދިރިއުޅުމެއް ލިބެން. ފަހަރެއްގަ އަހަރެން މިވާހަކަ ޝަހާ ކުރިމަތީގަ ހުށައެޅި ގޮތް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވެދާނެ. އެކަމަކު ފައިސަލް ޝަހާ ދެކެ ލޯބިވޭ.“ ”އަޙްސަންވެސް ފާތުން ދެކެ ލޯބިވޭ. ދެން އެހެންވިއްޔާ ކީއްވެ ފާތުން އަޙްސަންއާ ނުގުޅެން ތިއުޅެނީ؟“ ފާތުންގެ ވާހަކައަށް ޝަހާ ރައްދު ދިނީ ފާތުންގެ އަނގަ ބައްދާލުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް ފާތުން އޭނާގެ ކޮޅަކުން ދުލެއް ނުކުރިއެވެ. ”ޝަހާއަށް ރަނގަޅަށް އެނގޭނެ އަހަރެންނަކީ މިހާރު ޒަވާޖީ ޙަޔާތެއް ފެށޭ ފަދަ ޙާލަތެއްގަ ހުރި މީހެއް ނޫންކަން.“ ފާތުންގެ އެޖަވާބު ވީ އަޙްސަންގެ ހިތުގެ އެންމެ ހިމަ ނާރާއި ކުޅެލި ޖަވާބަކަށެވެ. އެހެނީ އޭނާއަށް ކެތްނުވި ކަހަލައެވެ. ”ތި ދައްކަނީ ބޭކާރު ވާހަކައެއް. ތި ހުރިހާ ކަމެއް ރަނގަޅަށް އެނގިހުރެދޯ އަހަރެންގެ ޙަޔާތުގަ ފާތުން ޝާމިލުކުރަން މިނިންމީ. އަހަރެންގެ ލޯތްބަކީ ކުޅިވަރެއް ނޫން.“ ”ތި ވާހަކަ ދައްކާނީ ފަހުން ދޯ. އިހަށް އަހަރެން މި ބުނާ އެއްޗަކަށް ޝަހާ ޖަވާބެއް ދީބަލަ.“ ފާތުންގެ ސުވާލުތަކަށް ޖަވާބެއް ނުދީ ދެން ސަލާމަތް ވެވެން ނެތްކަން ޝަހާއަށް ވިސްނުނެވެ. ”އަހަރެންވެސް ޤަބޫލުކުރަން އަހަރެންނަކަށްވެސް އަބަދަކު މިހެންނެއް ނޫޅެވެނޭކަން. ކޮންމެސް ދުވަހަކުން މަށަށްވެސް އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާނެ. އެކަން އަހަރެންނަށް ގޭތެރެއިންވެސް އެބަ ފެނޭ. އެހެންވީމަ ފިރިއަކާ ނުލާ އެކަނިވެރި ޙަޔާތެއް ވޭތި ކުރުމަކީ ކިހާ އަނދަގޫ ކަމެއްކަން އަހަރެންނަށްވެސް އިހުސާސް ކުރެވޭ. އަހަރެން ތިކަމާ ވިސްނާނަން. އެހެން ނޫނަސް ފާތުން ތިބުނިހެން ޝާލިނީއާ މެދު އަހަރެންނަށްވެސް ބެލެނީ އަމިއްލަ ކުއްޖެއް ފަދައިން.“ ޝަހާގެ އެޖަވާބުން އުންމީދު އައުވާ ގޮތްވިއެވެ. ނުސީދާކޮށް ނަމަވެސް ޝަހާ އެދިނީ އާންބަސްކަން ދެމީހުންނަށްވެސް ޤަބޫލު ކުރެވުނެވެ. އެއާއިއެކު، ފާތުންއާއި އަޙްސަންއަށް އެއްފަހަރާ ހަޅޭއްލަވައި ގަނެވުނެވެ. ދެން ތިބި އެންމެންވެސް ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް އަތުވެއްޖެއެވެ. އެންމެ އިންސާނެއް ފިޔަވައެވެ. ރާޅު އަރާފަށުގައި ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކަށް ފައި ދިއްކޮށްގެން ހުރި ފައިސަލްއަކަށް އެ ގޮވާލުމުގެ އަޑަކުން ޒައްރެއްގެ މިނަވަރުވެސް އަސަރެއް ނުކުރިއެވެ. އެއަޑު ނުވެސް އިވޭ ކަހަލައެވެ.
ފާތުންއާއި އަޙްސަންގެ ހަޅޭކުގެ އަޑު އިވުމާއިއެކު އެތަނަށް ދުވެފައި އައި އެންމެހެން ކަހަލަ ގޮތަކަށް ތިބީ ވާނުވާ ނޭންގިފައެވެ. އެނގޭހާވެސް އެއްޗަކީ، އެ އަޑުގައި ވަނީ އުފާވެރިކަމާއި އުންމީދު ކަމެވެ. އެހެންކަމުން އެމީހުންގެ ސުވާލުތައްވެސް އަމާޒުވީ، އުފާވެރި ކަމާއިއެކުގައެވެ. އެވަޤުތު ކަންވީގޮތާއި އެއިވުނު ގަދަ އަޑުގެ އަސްލު މަޤްޞަދު ކުރުގޮތަކަށް ކިޔައިދިނެވެ. އެވާހަކަ އިވުމާއިއެކު، ޝަހާ މަންމަގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ހިލިލިއެވެ. އަދި އުންމީދުން ފުރިގެންވާ ނަޒަރަކުން ޝަހާއާއި ދިމާއަށް ބަލައިލިއެވެ. ހަމަ އެއާއިއެކު، ޝަހާގެ ގައިގާ ވަރަށް ލޯބިން ބައްދާލިއެވެ. އާއެކެވެ. ނުސީދާކޮން ނަމަވެސް ޝަހާ، ފައިސަލްއާއި ގުޅެން އާންބަސް ދީފިއެވެ. ފައިސަލްއަށް އެކަން އަދި ނޭނގުނު ނަމަވެސް މެއެވެ. އެހެނީ ޝަހާގެ ހިތުގައި ޝާލިނީއަށް ޓަކައި އުފެދިފައިވަނީ މައިވަންތަ ލޯތްބެވެ. ފުރަތަމަ ދުވަހުން ފެށިގެންނެވެ. ފައިސަލްގެ ހިތުގެ އިހުސާސްތައް ނޭންގޭ ޙާލުގައިވެސް މެއެވެ. ޝަހާގެ މުޅި އުމުރު ހޭދަކުރީ، ހިތުގައި އެހެން މީހަކަށް ޓަކައި ލޯބި ފޮރުވައިގެންނެވެ. އެއީ ޙާޞިލު ކުރެވެން ނެތް ލޯތްބެއްކަން އެނގި ހުރެވެސްއެވެ. އެހެނަސް ތަޤުދީރުގެ ނިޔާއަށް ބާރު ފޯރުވޭނީ ކާކަށް ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ނިޔާފުޅަށް ދެކޮޅު ހެދޭނީ ފަހެ ކާކަށް ހެއްޔެވެ؟ ލިއުއްވާފައިވަ ގޮތް ބަދަލު ކުރުމުގެ އިޚްތިޔާރާއި ބާރު އޮތީ ފަހެ ކާކުގެ އަތްމަތީގައި ހެއްޔެވެ؟
ކޮންމެއަކަސް ވަޤުތުކޮޅުގެ އުފާވެރިކަން އިންތިހާއެވެ. އެހެންނަމަވެސް ޝަހާގެ އެންމެ ހަރަކާތަކުން ހުރިހާ އެންމެން ވަޤުތުން ހުއްޓިއްޖެއެވެ. ކޮންމެވެސް މުހިންމުވާހަކައެއް ބުނަން އުޅޭ ކަހަލައެވެ. ހުރިހާ އެންމެންގެ ސަމާލުކަން އެއްފަހަރާ ޝަހާއަށް ހުއްޓުނެވެ. ”އަހަރެން ބުނަން ބޭނުން ވަރަށް މުހިންމު ވާހަކައެއް އެބައޮތް. މިއީ ޝަރުތެކޭ ހީކޮށްލިޔަސް އެންމެ ރަނގަޅު.“ ޝަހާގެ އެ ޙުށައެޅުމަށް އެންމެ ފުރަތަމަވެސް ސުވާލު ކުރީ ފާތުންއެވެ. ”ކޮން….. ކަހަލަ… ޝަރުތެއް؟“ ވަރަށް ޖެހިލުންވެ ހުރެ ފާތުން އަހާލިއެވެ. އެއީ ވާހަކައަކަށް ވިޔަސް ނުވަތަ ޝަރުތަކަށް ވިޔަސް އެކަން އަމާޒުވާނީ ފާތުންއަށްކަން ހީވީތީއެވެ. ”ފުރަތަމަ ކަމަކީ އަހަރެން ޒަވާޖީ ޙަޔާތެއް ފަށާނީ ފާތުންވެސް އެކަމަށް ތައްޔާރުވީ ދުވަހަކުން.“ ތެދެކެވެ. އެކަން އެހެން ނުވާނަމަ ޝަހާ އޭނާގެ އެކުވެރިޔާއަށް ޓަކައި ވީ ޤުރުބާނީގެ އެއްވެސް އަގެއް ނެތެއް ނޫންހެއްޔެވެ. ވީއިރު އެ ޝަރުތު ފާތުންގެ ފަރާތުން ފުރިހަމަ ނުވާންވީ ސަބަބެއްވެސް ނެތެވެ. ”ދެން އެހެންވިއްޔާ އަނެއް ޝަރުތަކީ ކޮބާ؟“ އަނެއްކާވެސް ފާތުން ސުވާލު ކޮށްލިއެވެ. ”އަނެއް ޝަރުތަކީ މިކަމާ ބެހޭގޮތުން ފައިސަލްއާ ވާހަކަ ދައްކާނީ އަހަރެން އަމިއްލައަށް.“ ”ތީ އަދި މާ ރަނގަޅު ގޮތެއް.“ ޝަހާ މަންމައަށް އެ ޝަރުތު ވަރަށް ކަމުދިޔައެވެ.
އޭގެ ތިންމަސް ފަހެވެ. މިއަދަކީ، ފާތުންއާއި އަޙްސަން ދުބާއިއަށް ދިއުމަށް ފުރާ ދުވަހެވެ. އަޙްސަން ޤާނޫނީ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ޙާޞިލު ކުރުމަށް ޓަކައެވެ. ފާތުންވެސް އެދަނީ، ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމަށެވެ. އާނއެކެވެ. އަޙްސަންގެ ދިގުއިންތިޒާރު ނިމުމަކަށް އައީއެވެ. އެންމެ ފަހުން ފާތުން އަޙްސަންއަށް މިލްކު ވީއެވެ. ހަމަ އެހެންމެ، ދެމަފިރިން ފުރުވަން އައިސް އެހުރީ، ފައިސަލް އަދި އޭނާގެ އަނބިމީހާ ޑރ. ޝަހާއާއި ދަރިފުޅު ޝާލިނީ ފައިސަލްއެވެ. ޝަހާ، ފައިސަލްއާއި ގުޅުނީ ވަކި ޝަރުތު ތަކެއް ކަނޑައަޅައިގެން ކަމުގައި ވީނަމަވެސް، މިހާރު އެއީ އުފާވެރި އަދި ލޯބިވެތި ދިރިއުޅުމެއް ހޭދަކުރާ ކުޑަކުޑަ ޢާއިލާއެކެވެ. މިހާރު އެއީ ޝާލިނީގެ ދައްތައެއް ނޫނެވެ. އެއީ އޭނާގެ މަންމައެވެ. ޝަހާ މަންމަގެ ހުވަފެންވެސް ހަޤީޤަތަކަށް ވީއެވެ. ހައްވައާއި އަޙްމަދަށްވެސް މިހާރު ހިތްހަމަ ޖެހުމުގެ ނޭވާ ލެވިއްޖެއެވެ. ފާތުން ކެތްތެރި ކަމާއިއެކު ވީ ޤުރުބާނީގެ ފޮނި މީރުކަން އޭނާއަށް ލިބިއްޖެއެވެ. އެހެނީ އެއޮއް ހުރިހާ ދުވަހު ފާތުން އެހޭދަކުރީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން އަދި އޭނާ ބަލާ ބޮޑުކުރި މައިބަފައިން އޭނާއަށް ޓަކައި ކުރި އުންމީދުތައް ޤުރުބާން ކޮށްފައެވެ. އުފަން ބައްޕަގެ އެދުމުގެ މަތިން ފެށި ޒަވާޖީ ޙަޔާތުން ކުރެވެމުން އައި ހިތި ތަޖުރިބާގައި މުޅި މީހާ ހަފުސްވީއެވެ. އެއީ އޭނާގެ އުފަން ބައްޕައަށް ޓަކައި ވީ މަތިވެރި ޤުރުބާނީ އެކެވެ. ފާތުންގެ ބައްޕައަށް އޭނާގެ ޙާލަތު ނުއެނގުން އެއީ އެހެންކަމެއްތާއެވެ. އެހެނީ އެއްވެސް ބަފަޔަކު ދަރިއެއްގެ ކިބައޔަކުން އެފަދަ ޤުރުބާނީއަކަށް ނޭދޭނެތާއެވެ.
ޝަހާ މުޅި އުމުރު ހޭދަ ކޮށްލީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް އޭނާގެ ލޯބީ ހާޞިލުކޮށް ދިނުމަށް ޓަކައެވެ. އޭނާގެ އަމިއްލަ ހިތް ޤުރުބާން ކޮށްގެންނެވެ. އެހެނަސް މިއަދު ދެ އެކުވެރިންވެސް އެތިބީ އުފަލުންނެވެ. ދިރިއުޅުމާއި މެދަކުވެސް އަދި ޙާލަތާއި ޙާލާތާއި މެދުގައިވެސް އެއްވެސް ޝަކުވާއެއް ނެތެވެ. ތެދެކެވެ. ޙާލިސް ހިތަކާއިއެކު ވާ ޤުރުބާނީގެ ފޮނިމީރުކަން ނުލިބިއެއް ނުދާނެއެވެ. މި ދުނިޔޭގައި ނުވިއްޔާ އެދުނިޔޭގައި ލިބޭނެކަން އެއީ ޔަޤީން ކަމެކެވެ.
- ނިމުނީ –