އިންޑިއާއާއި ޕާކިސްތާނުން ހަމަލަތައް ހުއްޓާލައިފި

އިބްރާހީމްް ސަމީރު
މެއި 10, 2025

އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވަނީ އިންޑިއާއާއި، ޕާކިސްތާނުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ ކަމަށެވެ. އަދި ޕާކިސްތާނުން އިންޑިއާއަށް ފޯނުން ގުޅައި ހަމަލާތައް ހުއްޓާލަން ބޭނުން ކަމަށް ބުނެފި ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީވެސް މިހާރުވަނީ ވިދާޅުވެފައެވެ.

ދެ ގައުމުންވެސް މިހާރު ވަނީ ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިއުލާން ކުރައްވައި ފޮރިން ސެކްރެޓަރީ އިތުރަށް ވިދާޅުވީ ”މި ވިސްނުން ތަންފީޒު ކުރުމަށް ދެފަރާތަށް ވެސް އިރުޝާދު ދީފައިވޭ. މެއި މަހުގެ 12 ވަނަ ދުވަހު އަނެއްކާވެސް ޑިރެކްޓަރ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް ވާހަކަ ދައްކަވާނެ،“ ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ ވާހަކަ ފުރަތަމަ އިއުލާން ކުރެއްވީ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ޓްރަމްޕެވެ. އެމެރިކާ މެދުވެރިއެއްގެ ބައި ކުޅުމުގައި ދިގު ރެއެއްގެ މަޝްވަރާތަކަށް ފަހު، އިންޑިއާ އާއި ޕާކިސްތާނުން ފުރިހަމަ އަދި އަވަހަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާކަން އިއުލާން ކުރާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ މިއީ އޭނާ މެދުވެރިވެ ވަޑައިގެން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި މިކަމަކީ އެމެރިކާ މެދުވެރިވެގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ނަތީޖާ ކަމަށް ވިދާޅުވެއެވެ.

”އާންމު ވިސްނުމާއި މޮޅު ބުއްދި އިސް ކުރި ކަމަށްޓަކައި ދެގައުމަށް ވެސް ސާބަސް،“ އޭނާ އިތުރަށް ވިދާޅުވި އެވެ.

މި ފޯނު ކޯލު ކުރީ ޕާކިސްތާނުގެ ޑިރެކްޓަރު ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް މިއަދު މެންދުރު 15.30 ގައި އިންޑިއާގެ ޑީޖީއެމްއޯއަށެވެ. ދެ ފަރާތުން އެއްބަސްވީ 1700 ގަޑިއިރު (ހަވީރު 5) އިން ފެށިގެން ބަޑިޖެހުމާއި އަސްކަރީ ފިޔަވަޅުތައް ހުއްޓާލާށެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *