ކުވައިތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކޮށްފި

މުހައްމަދު އަލީ
މެއި 13, 2025

ދިވެހިރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަޚްވަންތަ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ދެގައުމުން މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ކޮށްފައިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް މިހާރު ކުވޭތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކުވޭތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާ އެކު ބޭއްވި ބައްދަލުވުމުގައެވެ.

ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާ ކޮށްފައިވާ ދާއިރާތަކަކީ އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނެވެ. އޭގެ އިތުރުން ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުންވެސް ދެ ޤައުމުގެ މަސްލަޙަތުތައް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރެއްވުމަށް އޮތް ޢަޒުމް ދެ ވަޒީރުންގެ މަޝްވަރާތަކުން ހާމަވެގެންދިޔަ ކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފައިވެއެވެ.

ކުވޭތަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ޒަމާންވީ އެކުވެރި އަޚްވަންތަ ގައުމެކެވެ. އެގައުމުން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށްޓަކައި ދިވެހި ޚާރިޖީ ވަޒީރުވަނީ ކުވައިތުގެ ވެރީންނަށް ޝުކުރުއަދާކުރައްވައިފައެވެ. ހާއްސަގޮތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާއި، ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަން ޚާރިޖީ ވަޒީރު ފާހަގަކޮށްލެއްވިއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *