މާލެ ސިޓީ ސާފު ތާހިރުކޮށް ބޭއްވުމަށް، އެ ސިޓީ ކައުންސިލުން ހިންގާ ”ޗާލު މާލެ“ ކެމްޕެއިންގެ އެމްބެސެޑަރަކަށް ”ޓޫ އޮފް އަސް“ ބޭންޑް ހަމަޖެއްސުމަށް، މާލެ ސިޓީ ކައުންސިލުން ބުދަ ދުވަހު ފާސްކޮށްފިއެވެ. މިނިންމުން ފާސްކޮށްފައި ވަނީ، ބުދަ ދުވަހު ބޭއްވި، މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 194 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ކަމަށް ކައުންސިލް އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ސާފު ތާހިރުކޮށް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އެ ކަމަށް ގިނަ ޚަރަދު ތަކެއް ވެސް ހިނގާ ކަމަށްވިދާޅުވިއެވެ. އެހެން ކަމުން މި މަސައްކަތުން އެންމެ ފުރިހަމަ ނަތީޖާ ނެރުމަށް ޓަކައި މީހުން ހޭލުންތެރި ކުރުމުގެ ކެމްޕެއިންތަކެއް ހިންގައިގެން، މަގުތަކަށާއި ޕާކުތަކަށާއި ހުސްބިންތަކަށް ކުނި އެޅުން މަދުކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.
”މާލެ ސިޓީ ރީއްޗަށް ބޭއްވުމަށް ޓަކައި، 60،50 މިލިޔަން ޚަރަދު ކުރެވޭ. މިއީ އަސްލު ކައުންސިލްގެ ބަޖެޓަށް ކެތްވާވަރު ޚަރަދުތަކެއްނޫން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެކި ގޮތް ގޮތުން އެވެއަރނަސް ޕްރޮގްރާމްތައް ހިންގައިގެން ވެސް ކުނި އެޅުން މަދުކުރެވޭތޯ. ކުނިއެޅުން ހުއްޓުވޭތޯ. އަޅުގަނޑުމެން އަމާޒަކީ ހުއްޓުވުން،“ މޭޔަރ ވިދާޅުވިއެވެ.
އެވެއަރނަސް ކެމްޕެއިން ކުރިއަށް ގެންދިއުމަށް ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް ޓޫ އޮފް އަސް ބޭންޑާ މިހާރު ވާހަކަ ދެކެވި، އެ ބޭންޑާއެކު އެއްބަސް ވުމަކަށް ވެސް އާދެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މިއީ އެ ބޭންޑަށް ފައިސާ ދީގެން ކުރާ ކަމެއް ނޫން ކަމަށާއި މި ކަމުގައި ފައިސާގެ އެއްވެސް މުޢާމަލާތެއް ނެތް ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
ޓޫ އޮފް އަސް ބޭންޑު ވަނީ، ދާދިފަހުން އިންޑިޔާގައި ކުރިއަށް ދިޔަ އިންޑިއާގެ ”ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް“ގެ ދެވަނަ ރަނަރަޕް އެވޯޑް ހޯދައި ރާއްޖޭގެ ތާރީޚުން ޖާގަ ހޯދައިފައެވެ.