މިއަދުގެ ހުކުރު ޚުޠްބާގައިވާ ދީނީ ނަސޭހަތް މީނާއަށް ވަރަށް މުނާސިބު ކަމަށް ފެނެއެވެ. ނުވަތަ މީނާގެ މި ވާހަކަ މި އަދުގެ ހުކުރު ޚުޠްބާ ލިޔުއްވި ޢިލްމުވެރިޔާއަށް އެނގިވަޑައިގަތުން ވަރަށް މުހިންމު ކަމަށް ފެނެއެވެ. މީނާ މި ވާހަކަ ދައްކަނީ ޚުޠްބާ ލިޔުއްވި ޢިލްމުވެރިޔާ ވިދާޅުވާ ގޮތަށް ނޫންކަމުގައި ވިޔަސް މި ދެކެވެނީ އެއް ވާހަކައެކެވެ.
ޚުޠްބާގައިވަނީ، ސުންނަތް އައިސްފައިވަނީ އެހައި އިތުބާރުހުރި ގޮތަކަށް ނޫން ކަމަށްބުނެ، ބައެއް މީހުން ސުންނަތް ގަބޫލު ނުކުރުމުގެ ބަހަނާ ދައްކާ ކަމަށާއި، ނަމަވެސް ޤުރުއާނާއި ސުންނަތް އައިސްފައިވަނީ އެއް ގޮތަކަށް ކަމަށެވެ. އެކަމަކު، ޤުރުއާނާއި ސުންނަތް އައުމުގައި އެއްގޮތްވީ ގޮތްތަކާއި ސިފަތައް އެއާ ވިއްދައިގެން ޚުޠްބާގައި ބަޔާންކޮށްދީފައި ނެތުމީ ވަރަށް ދެރަކޮށް އޮތް ކަމެކެވެ.
ސަޢޫދީ ވަލީޢަހްދު މުޙައްމަދު އިބްނު ސަލްމާން އިބްނު ޢަބްދުލްޢަޒީޒް އާލުސަޢޫދު މި ކަމުގައި ނެރެނީ މުޅިން އެހެން ވިސްނުމެކެވެ. މީނާ ބުނަނީ، އިސްލާމްދީނުގެ ކަންކަމުގައި އިޖްތިހާދު ކުރުމުގެ ދޮރު އެއްވެސް ހިސާބެއްގައި ބަންދުވެފައި ނުވާ ކަމަށާއި، އެހެންކަމުން، ޤުރުއާނާއި ސުންނަތުގެ ކަންކަން ބަޔާންކުރުމުގައި ވަގުތުގެ ޙާލަތަށް ރިޢާޔަތް ކުރަންޖެހޭ ކަމަށެވެ.
މީނާ ބުނަނީ، ސަޢޫދީގެ ބޮޑުޝޭޚް (މަރްޙޫމް މުޙައްމަދު އިބްނު ޢަބްދުލްވައްހާބް) ޤަބުރުން ނުކުމެވަޑައިގެން އަަހަރެމެންގެ ތެރެއަށް ވަޑައިގެންފިނަމަ، އަދި ، އެ ޝޭޚު ފިޤުހުގެ ކަންކަން އޭރު ބަޔާންކޮށްދެއްވި ގޮތަށް، އިތުރު ވިސްނުމަކާނުލައި ލޯމަރައިގެންތިބެ ހަމަ އެގޮތަށް ކުރާތީ ފެނިވަޑައިގެންފިނަމަ، އެކަމަށް އެންމެ ފުރަތަމަ އިންކާރު ކުރައްވާނީ އެ ޝޭޚު ކަމަށާއި ސަބަބަކީ، ދާއިމަށް ދެމިގެންދާ ގޮތެއްގައި މި ކަން އޮންނާނީ މިހެންނޭ ބުނެވޭނޭ ގޮތެއް، އުނިކަމެއް ނެތި ކަމެއް ކުރެވޭނޭ މީހެއް ނުހުންނާނެތީ ކަމަށެވެ.
ކަން މިހެން އޮތުމާއެކު، ޤުރުއާނާއި ސުންނަތް ތަފްސީރު ކުރުމަކީ ވަގުތުގެ ޙާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ދާއިމީ ގޮތެއްގައި ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް އޭނާ ބުނެ އެވެ.
އޭނާ ބުނާ ގޮތުގައި، ޢިލްމުވެރިން ފަތާވާ ނެރުމުގައި ވެސް، ޤުރުއާނާއި ސުންނަތް މާނަކުރަން ވާނީ ވަގުތުގެ ޙާލަތަށް ރިޢާޔަތް ކޮށްގެންނެވެ. މިސާލެއްގެ ގޮތުން އޭނާ ބުނަނީ، ދުނިޔެއަކީ ވަށްއެއްޗެއްކަމާއި، ބައްރުތައް އެތުރިފައިވާ ގޮތް އެނގުމާއި، ޓެކްނޯލޮޖީ އައުމުގެ ކުރިން ނެރެފައިވާ ފަތާވާތަކުގައި ބަޔާންކޮށްފައިވަނީ އެ ޒަމާނުގައި ދުނިޔޭގެ ކަންކަން އޮތީ ކިހިނެއްކަން އެނގިހުރި މިންވަރެއްގެ މައްޗަށް ބަލައިގެން ކަމަށެވެ.
މިކަހަލަ ޔަހޫދީ ވިސްނުމުގެ މީހުން ކަންކަން ކިޔައިދޭން އުޅޭނީ ގަބޫލުކުރާ ބަޔަކަށް ނިކަން ފަސޭހައިން ގަބޫލު ކުރެވޭކަހަލަ ޙުއްޖަތާއި ދަލީލާވެސް އެކުގައެވެ. ހަމަ ޔަޤީނުން ވެސް އެނގޭ ކަމަކީ، ވަގުތުގެ ޙާލަތަށް ރިޢާޔަތްކޮށް ދީން ބަޔާންކޮށްދެންޏާ ވާނީ ދާދި އިހަކަށްދުވަހު މަރުވި ޕޯޕް ފްރާންސިސްއަށް ވީވަރު ކަމެވެ. އޭނާ މަރުވީ އެއްޖިންސުން ގުޅުން ހިންގުމަކީ އެންމެ ރަނގަޅުކަމެއް ކަމަށް ބުނެފަ އެވެ. އެކަމަކު އެއީ ނަޞާރާދީނުގެ ލިޔެވިފައިވާ ހުރިހައި ނައްޞުތަކަކުން ކަނޑައެޅިގެން މަނާކަމެއްކަން އެނގެއެވެ. ނަމަވެސް އޭނާއަށް އެހެން ބުނަން މަޖުބޫރުވީ، އެއްޖިންސުގެ މީހަކު ހަމަ އެޖިންސުގެ މީހުންނާ ގުޅުން ހިންގުމަށް ބޭނުން ވުމަކީ، އަމިއްލަ ކޮންޓްރޯލްގައިވާކަމެއް ނޫން ކަމަށާއި، އެއީ ބައެއް އިންސާނުން އުފެދުމުގައިވާ ޠަބީޢީ ކަމެއްކަން ބައޮލޮޖިކަލްގޮތުން ސާބިތުވާކަމަށް ބައެއް ސައިންޓިސްޓުން ބުނާތީ، އެ ނޫން ގޮތަކަށް ބުނެފިނަމަ، ދިނާއި ޙަޤީޤަތް ފުށުއަރާކަމުގައި ބައެއް މީހުން ގަބޫލުކޮށްފާނެތީ އެވެ.