ޒަޔަނިސްޓުން ބަނޑަށް ޖައްސާފައިވާ ޣައްޒާއަށް ކާނާއާއި އިންސާނީ އެހީ ވެއްދިޔަ ދިނުމަށް ޑިޕްލޮމެސީގެ ބާރު ބޭނުން ކުރުމަށް ޓްރަމްޕަށް ގޮވާލާ ގަރާރެއް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވަނީ އެމެރިކާގެ ސެނެޓަށް ހުށަހަޅާފައެވެ.
ޣައްޒާގެ ހަނގުރާމަ ދިގުލައިގެން ދިއުމާއި، ފަލަސްޠީނުގެ ކުޑަކުދިންނަށް ކުރިމަތިވަމުންދާ ވޭނުގެ މަންޒަރުތަކުން އަސަރުކުރުމާ ގުޅިގެން، ރައީސް ޓްރަމްޕް ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ނެތަންޔާހޫއަށް މި ހަނގުރާމަ ނިންމުމަށް ގޮވާލައްވާފައެވެ.
ޣައްޒާގެ ޔަހޫދީ ހިސާރަށް އަވަސް ނިމުމެއް ގެނައުމަށް ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުން ކުރުމަށް ގޮވާލާ ގަރާރު ހުށަހެޅީ ސެނެޓުގެ 30 މެންބަރަކެވެ.
އޭގައި އެދިފައި ވަނީ، އާންމުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި ޣައްޒާއަށް ކާބޯތަކެއްޗާއި ފެނާއި އިންސާނީ އެހީ އަވަސް ގޮތެއްގައި ވެއްދުމަށް ގޮވާލާ ކަމަށެވެ.
އެމެރިކާގެ އިސްވެރިން އިޒްރޭލާ އަޅާލުން ދޫކޮށްލާކަމަށް ބުނަމުން ދިޔަ ނަމަވެސް، ނަތަންޔާހޫ ހަނގުރާމަ ފުޅާކުރަމުންދާތީ، ދެ ފަރާތުގެ ދެބަސްވުން ދަނީ އިތުރު ވަމުންނެވެ. އެމެރިކާއިން ބުނަނީ އިޒްރޭލުން ހަމަލަތައް ހުއްޓާލައި ހަމާސްއާއެކު ހަނގުރާމައިގެ އަސީރުން ދޫކޮށްލުމުގެ އެއްބަސްވުމަކަށް އަންނަން ވެއްޖެ ކަމަށެވެ. އިޒްރޭލުން ހަމަލަތައް ވަރުގަދަ ކުރުމުން މަޝްވަރާތަކުން މާބޮޑު ކުރިއެރުމެއް ނުފެންނަ ކަމަށް ޤަތަރުން ބުނެއެވެ.
ޔޫރަޕުގެ ގައުމުތަކުންވެސް ވަނީ ޔަހޫދީންގެ ހިސާރަ ކުރުމާ ދެކޮޅަށް ވާހަކަ ދައްކަން ފަށާފައެވެ. އަދި އިއްޔެ ނިއުޔޯކް ޓައިމްސް އިން ވަނީ އިންސާނީ އެހީތަކަށް ހުރަސް އަޅައިފައި ވަނީ ނަތަންޔާހޫގެ ސަރުކަރުން ކަމަށް އިޒްރޭލުގެ ސިފައިންގެ އޮފިސަރުންނާ ހަވާލާދީ ރިޕޯޓެއް ގެނަސްދީފައެވެ.
އެމެރިކާގެ ނައިބު ރައީސް ވާންސް ވަނީ އިޒްރޭލުން ހަމަލަތައް ވަރުގަދަ ކުރުމުން އިޒްރޭލަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރެއް ކެންސަލް ކުރައްވާފައެވެ. މިއީ އިޒްރޭލުގެ ސިޔާސަތުތަކާމެދު އެމެރިކާގެ ހިތްހަމަނުޖެހުން ދައްކުވައިދޭ ކަމެކެވެ. ޓްރަމްޕް ވަނީ އިންސާނީ އެހީ ފޯރުކޮށްދިނުން އަލުން ފެށުމަށްވެސް ގޮވާލައްވާފައެވެ. އަދި އެކަމަށް ހުރަސް ނޭޅުމަށް އިޒްރޭލަށް ގޮވާލަފައެވެ. މިގޮތުން މަދު މިންވަރަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ އަލުން ފަށާފައެވެ. އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި، ކެނެޑާގެ ލީޑަރުންވެސް ވަނީ އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދެއްވާފައެވެ. އެހެންނަމަވެސް ނެތަންޔާހޫ ވަނީ އެ ތިން ގައުމަކީ ޓެރަރިޒަމަށް އިނާމުދޭ 3 ގައުމު ކަމަށް ތުހުމަތުކޮށްފައެވެ.