އިރާނުގެ ރައީސް އިޒްރޭލުގެ އިސްތިއުމާރަށް ފާޑުކިޔުއްވަމުން ވިދާޅުވީ ”އެމީހުން ޣައްޒާގައި 60،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، އިންސސާނީ ޝަރަފު ރައްކާތެރިކުރާ ކަމަށް ދަޢުވާކުރާއިރު، ރައްޔިތުންނަށް ފެނާއި، ކާނާއާއި، ބޭސް ލިބުން ހުއްޓުވާފައި“ ވާކަމަށެވެ.
ކުރިން ޕަޒްޝަކިޔާން، ޓްރަމްޕްގެ ބަޔާންތަކަށް ރައްދު ދެއްވަމުން ސުވާލުކުރެއްވީ: ”ކޮން ވިސްނުމަކުން ތޯ އެމީހުން ސުލްޙަވެރިކަން ގެނުވާ ބައެއްކަމަށް އެ ދަޢުވާކުރަނީ؟ ސަރަޙައްދުގެ ޤައުމުތަކަށް ހަތިޔާރާއި، ބޮންތަކާއި، މިސައިލްތައް ފޮނުވަމުންދާއިރު އެހެން ދައުވާ ކުރެވޭނީ ކިހިނެއްތޯ؟“ އަދި ”ކިހިނެއްތޯ އެމީހުން އަޅުގަނޑުމެންނަކީ އަމާންކަން ނިގުޅައިގަންނަ ބައެއްކަމަށް ބުނާނީ؟ ޣައްޒާގައި 60،000 އަންހެނުންނާއި ކުޑަކުދިން މަރާލީ ކާކު ތޯ؟ ހަޤީޤީ ނުރައްކަލަކީ ކޮން ބައެއްތޯ؟“ ޕަޒަކްޝިއަން ސުއާލު ކުރެއްވިއެވެ.
އިރާނުގެ ރައީސް މަސްއޫދު ޕަޒްޝަކިޔާން، އެމރިކާގެ ރައީސަށް އިޝާރާތް ކުރައްވަމުން ވިދާޅުވަނީ ތިޔައީ ދުނިޔެ މަތީގެ އެންމެ ބޮޑެތި ވަގުން ކަމަށެވެ. އީރާންގެ ކުރީގެ ރައީސް ޝަހީދު އިބްރާހީމް ރައީސީ ތަކުރީމް ކުރުމުގެ ރަސްމިއްޔާތުގައި ބުދަ ދުވަހު ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައޫދީ އަރަބިއްޔާއަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވީ ތާކުން ތާކު ނުޖެހޭ ވާހަކައެއް ކަމަށެވެ. ”އިރާނުގެ އިސްވެރިން ޤައުމުން ވައްކަންކޮށް ފޭރިގަންނަނީއެވެ. އެހެނަސް ޙަޤީޤަތުގައި އެމެރިކާ މީހުންނަކީ ދުނިޔޭގައި ތިބި އެންމެ ނުބައި ވައްކަން ކުރާ ވެރިންނެވެ. އަދި އެމީހުންނަކީ ހުރިހާ ޤައުމުތަކެއްގެ މުދާ ފޭރެމުން ވައްކަންކުރާ ބައެކެވެ.“ މަސްއޫދު ޕަޒަކްޝިއަން ވިދާޅުވިއެވެ.
ޕަޒްޝަކިޔާން އިތުރަށް ވިދާޅުވީ: ”އަޅުގަނޑުމެންގެ މުއްސަނދިކަން ފޭރިގަތުމަށް އަޅުގަނޑުމެން ހުއްދަ ނުދޭތީ، އެމީހުން ބުނަނީ އަޅުގަނޑުމެންނަކީ ވައްކަން ކުރާ ވެރިންނޭ، ފޭރޭމީހުންނޭ، ޓެރަރިސްޓުންނޭ.“ އަދި އިތުރަށް ވިދާޅުވީ ”ޓެރަރިޒަމާއި ފޭރުން ހިންގާ މީހުން އެހެން މީހުންނަށް ވައްކަމުގެ ތުހުމަތު ކުރަނީ“ ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން، އިރާނުގެ ރައީސް ވިދާޅުވެފައިވަނީ ”އެމެރިކާ އާއި އިޒްރޭލުގެ ޢަދުއްވުން ސުލްޙައިގެ ނަމުގައި ދުނިޔެއަށް ފުށުއަރާ މެސެޖުތައް ފޮނުވަމުން ގެންދާ ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ ”އެމެރިކާގެ ރައީސް ސުލްޙައިގެ ވާހަކަ ދައްކަވާއިރު، ނުރައްކާތެރި ހަތިޔާރު އުފެއްދުމާއި ހަނގުރާމައިގެ އިންޒާރުތައް ދެއްވަމުން ގެންދަނީވެސް އެފަރާތުންނެވެ.