ދައުލަތުގެ ޚަރަދު 20 އިންސައްތަ ދަށަށް: ރިކަރަންޓް ޚަރަދުވެސް ދަށްވެއްޖެ

އިބްރާހީމްް ސަމީރު
މެއި 22, 2025

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދު މިދިޔަ އަހަރާ އަޅާބަލާއިރު 20.3 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފިއެވެ. މީގެ އިތުރުން ރިކަރަންޓް ޚަރަދުގެ މިންވަރުވެސް 4.5 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް އެ މިނިސްޓްރީން ރިޕޯޓުކޮށްފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ”ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް“ ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 12.9 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 16.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 20.3 އިންސައްތަ ދަށް އަދަދެކެވެ.

ރިކަރަންޓް ޚަރަދުގެ ގޮތުގައި މި މަހުގެ 15 ގެ ނިޔަލަށް 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 4.5 އިންސައްތަ ދަށް އަދަދެކެވެ. ރިކަރަންޓް ޚަރަދުގެ ތެރެއިން 4.8 ބިލިޔަން ރުފިޔާ މުވައްޒަފުންގެ މުސާރައާއި އިނާޔަތް އަދި ޕެންޝަނަށް ޚަރަދުކުރި އިރު، އިދާރީ ހިންގުމުގެ ޚަރަދަށް 7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ސަރުކާރުން ދޭ އެހީއާއި، އިޝްތިރާކާއި، ސަބްސިޑީޒްއަށް ކޮށްފައިވާ ޚަރަދުވެސް މިދިޔަ އަހަރާ އަޅައިބަލާއިރު 4.9 ޕަސެންޓް ދަށްވެފައިވެއެވެ. އޭގެތެރެއިން އާސަންދަ ފިޔަވައި ދައުލަތުން ފޯރުކޮށްދޭ އެހެނިހެން ސަބްސިޑީތަކަށް 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 23.7 ޕަސެންޓް ދަށް އަދަދެކެވެ.

ނަމަވެސް، އާސަންދައަށް ކުރި ޚަރަދު 24 ޕަސެންޓް އިތުރުވެ، މިހާތަނަށް 829.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓުން ދައްކާގޮތުގައި ސަރުކާރުން ޚަރަދު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރެވެއެވެ. ނަމަވެސް، ޞިއްޙީ ޚިދުމަތްތަކަށް ކުރާ ޚަރަދު އިތުރުވަމުންދާކަންވެސް މި ރިޕޯޓުން ދައްކައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *