މަސްނޫއީ ބުއްދިގެ ސަބަބުން ބައެއް ވަޒީފާތައް ނެތިގެން ދިޔަ ނަމަވެސް އައު ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް އޯލްޓްމަން ބުނެއެވެ. ނަމަވެސް އިންސާނުންނާ އެއްގޮތަށް އަމަލުތައް ބަހައްޓާ ރޮބޮޓުތަކުގެ ސަބަބުން މަސައްކަތުގެ ދާއިރާއަށް އަންނާނެ ބަދަލުތަކަށް މުޖުތަމައު ތައްޔާރު ކުރުމަކީ މިހާރު އޭނާގެ ގޮވައި ލުމެވެ.
”ހިއުމަނޮއިޑް ރޮބޮޓުތަކުގެ ވަގުތު އަންނާނީ އަހަރުމެން ހީކުރާވަރަށްވުރެ މާ ބާރަށް އަވަހަށް،“ އޯލްޓްމަން ބުންޏެވެ. މަސައްކަތުގެ ދާއިރާއަށް އަންނާނެ ބޮޑެތި ބަދަލުތަކަށް ތައްޔާރުވާން ޖެހޭނެ ކަމަށް ބުނެއެވެ.
މަސްނޫއީ ބުއްދިއާއި އިންސާނުންނާ އެއްގޮތަށް ހަރަކާތް ކުރާ ރޮބޮޓުތަކުގެ ސަބަބުން މަސައްކަތުގެ ދާއިރާއަށް ބަދަލުތައް އަންނަމުންދާ ކަމަށާއި އެ ބަދަލުތަކަށް ދުނިޔެ ތައްޔާރު ވެފައި ނުވާ ކަމަށް އޯޕަން އޭއައި ކުންފުނީގެ ސީއީއޯ ބުނެއެވެ. ސެމް އޯލްޓްމަން އަކީ މަސްނޫއީ ބުއްދި މަބުގެ ދާއިރާގައި އެންމެ ކުރީގައި އުޅޭ ކުންފުނީގެ ވެރިޔާއެވެ.
ވިޔަފާރި ޚަބަރު ގެނަސްދޭ ބްލޫމްބާގް އަށް ދިން އިންޓަވިއުއެއްގައި އޯލްޓްމަން ބުނަނީ، މަސްނޫއީ ބުއްދިގެ ސަބަބުން މިހާރުވެސް ޕްރޮގްރާމިންގެ ދާއިރާއާއި އާއި ކަސްޓަމަރ ސަޕޯޓް ފަދަ ވަޒީފާތަކަށް ދަނީ ބޮޑެތި ބަދަލުތައް އަންނަމުން ކަމަށެވެ.
މި ބަދަލުތައް ފެންނަމުންދާއިރުވެސް ”ދުނިޔެ އަދި އިންސާނުންނާ އެއްގޮތަށް ހަރަކާތްކޮށް މަސައްކަތް ކުރާ ރޮބޮޓުތަކުގެ ޒަމާނާ ކުރިމަތިލާން ފައްކާ ކޮށްފައި ނުވޭ،“ އޯލްޓްމަން ބުނެއެވެ. އޭނާ އިތުރަށް ބުނަނީ، ކައިރި މުސްތަޤުބަލެއްގައި ތިބާގެ ކުރިމަތިން 7 ރޮބޮޓު ހިނގާފައި ދާތަން ފެންނާނެއެވެ. މިއީ ސައިންސްގެ ވާހަކަ ފޮތްތަކުގައި ކިޔާލެވޭ ކަހަލަ ވާހަކަތައް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ދުނިޔެ ކުރިމަތިލާ ހަގީގަތަކީ މިއީ ކަމަށް ބުންޏެވެ.
އޯލްޓަމަންގެ އޯޕަން އޭއައި ކުންފުނިން ވަނީ، ”ފިގަރ އޭއައި“ ނަމަކަށް ކިޔާ ކުންފުންޏަކާ ގުޅިގެން އިންސާނުން ގޮތަށް ހަރަކާތްކޮށް މަސައްކަތް ކުރާ ރޮބޮޓުތައް ތަރައްޤީ ކުރަމުންދާކަން އިއުލާން ކޮށްފައެވެ.
އެލޯން މަސްކުގެ ކުންފުނިންވެސް އެފަދަ ރޮބޮޓްތައް އުފައްދައެވެ. މަސްކު ވަނީ ސައޫދީއަށް ޓްރަމްޕާއެކު ކުރި ދަތރުގައި އޭނާގެ ކުންފުނިން އުފައްދާފައިވާ ޒާތްޒާތުގެ ރޮބޮޓްތައް ގެންގޮސް ސައޫދީންނަށް ދައްކާލާފައެވެ.
އޯލްޓްމަން ބުނަނީ އޭނާގެ އައު ކުންފުނިން ދުނިޔެއަށް ތައާރަފް ކުރާނީ ފިގަރ-01 ނަމަކަށް ކިޔާ ރޮބޮޓެކެވެ. މިއީ ކޮފީ މެޝިން އޮޕަރޭޓް ކޮށް އެއިން ކޮފީ ހަދައި ދިނުމުގެ ގާބިލުކަން ލިބިފައވާ ރޮބޮޓެކެވެ.
ކެލިފޯނިޔާގައި ރެސްޓޯރެންޓެއް ހިންގަންވެސް ރޮބޮޓްތަކެއް އުޅެއެވެ. އެއީ ބާގަރ ވިއްކާ ރެސްޓޯރެންޓެކެވެ. އެތާގައި އެމަސައްކަތުގައި އުޅެނީ މުޅިންވެސް ރޮބޮޓްތަކެވެ.