ވިލު ނޫކުލައިގެ އުޑުމަތިން، ދަތުރުކުރަމުން ދިޔަ، ހުދު ކަފަތަކެއްފަދަ ވިލާތަކަށް ބަލަހައްޓައިގެން އިނެއް ކަމަކު، އަރުޝީ އިނީ މުޅިން އެހެން ދުނިޔެއަކަށް ގެއްލިފައެވެ. ޤުދުތުރަތުގެ ފުރިހަމަކަމާ، އޭގެ ރީތި މަންޒަރުތަކުން އޭނާއަށް މާބޮޑު ހިތްހަމަ ޖެހުމެއް ނުލިބޭ ކަހަލައެވެ. އެހެނީ، އޭނާގެ ހިތާއި ސިކުނޑީގައި ވަނީ މުޅިން އެހެން ފިކުރެކެވެ. ފެންކަޅި ވެފައިވާ ޙާލުގައެވެ. މީގެ ފަސް އަހަރު ކުރިން، މަތީ ތަޢުލީމު ޙާޞިލު ކުރުމުގެ މަތިވެރި މަޤްޞަދުގައި އަރުޝީ ފުރައިގެން ދިޔައީ، އޭނާގެ ފުރާނަ ފަދަ ލޯބިވާ މަންމަ އެކަނިވެރި ޙާލަތުގައި ބަހައްޓާފައެވެ. އެހެނަސް ފޮނި އުންމީދު ތަކަކާ އެކުގައެވެ. އަރުޝީގެ ލޯބިވާ މަންމަ އޭނާއަށް ޓަކާ ދެކެމުން އައި ހުވަފެން ތަކުގައި، ޙަޤީޤީ ކުލަ ޖައްސައި ދިނުމުގެ މަތިވެރި މަޤްޞަދުގައެވެ. އާނއެކެވެ. އެހުވަފެން ތަކުގައި މިއަދު ކިތަންމެހާވެސް ފުރިހަމައެއްކޮށް ކުލަ ޖެހިއްޖެއެވެ. އެހެނަސް މިދުވަސް ދެކޭކަށް މިއަދަކު އޭނާގެ މަންމައެއް ނެތެވެ. މިއަދު އަރުޝީ އެދަނީ، ބޯކިރުފޮދެއް ފަދަ ހުދުފޮތީގެ ފަސްކަފުނުން ކަފުންކޮށްފައިވާ އޭނާގެ މަންމަގެ މޫނު އެންމެ ފަހު ފަހަރަށް ދެކިލުމަށެވެ. އެހިނދު އަރުޝީގެ ޚިޔާލަށް އައީ، މަތީ ތަޢުލީމު ޙާޞިލު ކުރުމަށް ޓަކާ އޭނާ ރާއްޖެއިން ބޭރަށް ފުރައިގެންދިޔަ ދުވަހެވެ. އެދުވަހު އޭނާގެ މަންމަގެ މޫނުމަތިން ފެންނަން ހުރި އުޖާލާކަމެވެ. ދެލޯފަދަ ދަރިފުޅު ލޯމަތިން ދުރަށް ދިއުމުގެ ކަންބޮޑުވުމެވެ. ދަރިފުޅުގެ ދަތުރަށް ތައްޔާރު ކޮށްދޭން ޖެހޭ، ހުރިހާ ކަމެއް ފުރިހަމަ ނުވެދާނެ ކަމުގެ ބިރެވެ. ވަޤުތު ޖެހެންވާއިރަށް ކަންކަން ނުނިމިދާނެ ކަމުގެ ހާސްކަމެވެ. މިފަދަ މަސްހުނި ވެފައިވާ އެތައް އިހުސާސްތަކެއް އަރުޝީއަށް އޭނާގެ މަންމަގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތްތާއެވެ. އެހެނީ އޭނާގެ ހުރިހާވެސް މީހަކީ އެ މަންމައެވެ. ޖުމުލަ ގޮތެއްގައި ބުނާނަމަ އަރުޝީގެ މަންމަ ނަފީސާއަކީ އޭނާގެ މުޅި ދުނިޔެއެވެ. އަރުޝީގެ ދިރިއުޅުން އާބާދު ކޮށްދިނުމަށް ޓަކައި އޭނާގެ މަންމަ ނުވަނީ ކޮން ޤުރުބާނީއެއް ހެއްޔެވެ؟ ނުކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟ މީސްމީހުންގެ ގޭގެއަށް ގޮސްގެން މަސައްކަތް ކޮށްދިނެވެ. ތަންތަން ކުނިކަހާ ސާފުކޮށް ހެދިއެވެ. ތަފާތު ވައްތަރުގެ ހެދިކާ ހެދިއެވެ. މީހުންގެ އެއްޗެހި ދޮވެ އިސްތިރި ކޮށްދިނެވެ. މިހުރިހާ ތަކުލީފުތަކެއް ނަފީސާ އުފުލި މަންޒަރު، އެންމެ ގާތުން ދުށް އިންސާނަކީވެސް ޚުދު އަރުޝީއެވެ. މާލޭގައި އަމިއްލަ ގެދޮރު ހުއްޓެއް ކަމަކު، ދިރިއުޅުމުގެ ތަނަވަސް ކަމަކީ އެދެމައިންގެ ނަޞީބުން މަޙުރޫމު ވެފައިވާ އެއްޗެއް ފަދައެވެ. ތިންއިރު ހަމައަށް ކާނެ އެއްޗެއްވެސް ލިބުނީ، ނަފީސާ ބުރިދެމިނުލާ ކުރި މަސައްކަތުންނެވެ. އަރުޝީގެ ބަނޑުފުރާނަ މުއްތި ކުރުކަށްޓަކައި ނަފީސާ އެއްއިރު ކައިގެން ހުރި ދުވަސްތަކެއްވެސް މަދެއް ނުވާނެއެވެ. އެގޮތުން އަރުޝީވެސް ދެކެމުން އައީ، އޭނާގެ މަންމަގެ އުންމީދުތައް ފުރިހަމަ ކޮށްދިނުމަކީ، އޭނާގެ އެންމެ އިސް ވާޖިބު ކަމުގައެވެ. އެގޮތުގެ މަތިން އޭނާގެ ތަޢުލީމީ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރުމަށްޓަކާ، ހިތްވަރާއެކު މަސައްކަތްވެސް ކުރިއެވެ. ސަރުކާރުގެ ސްކޯލާޝިޕް ޙާޞިލުކުރުމުގެ މަޤްޞަދުގައިވެސް މެއެވެ. އެހުރިހާ ވިސްނުމެއްގެ ތެރެއިންވެސް އަރުޝީގެ ހަނދާނަށް އެންމެ ބޮޑަށް އަންނަމުން ދިޔައީ، އޭނާގެ މަންމަ އޭނައަށް ދިން އަގުހުރި ނަޞޭޙަތްތަކެވެ. އަމިއްލަ ފައިމައްޗަށް ތެދުވުމަށް ޓަކައި ކުރަންޖެހޭ ބުރަ މަސައްކަތުގެ ފުރިހަމަ ފިލާވަޅުތަކެވެ. މީހަކަށް ބަރޯސާނުވެ ދިރިއުޅެން ދަސްކުރުމަށް ދިން އިރުޝާދު ތަކެވެ. ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ހުރަސްތައް ކަޑައްތު ކުރާނެ މަގު ދެއްކި ގޮތްތަކެވެ. ދިމާވާ ކޮންމެފަދަ ޙަލަތަކަށް ވެސް ކެތްތެރި ވުމުގެ ހެޔޮ ނަސޭޙަތްތަކެވެ.
މިފަދަ ޚިޔާލުތަކަކަށް ގެއްލިފައި އިންދާ، އަރުޝީ ސިއްސައިގެން ދިޔައީ، ފްލައިޓްގެ ކެބިން ކްރޫ، އެންމެހާ ދަތުރުވެރިންގެ ސަމާލުކަމަށް ގޮވާލި ވަޤުތުއެވެ. މަޑުމަޑުން ދެފަރާތަށް މޫނު ހޫރާލޫމާއިއެކު، ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ދެއަތުން ފޮހެލިއެވެ. ހަމަ އެހެންމެ ފުން ނޭވާއެއް ލުމާއިއެކު، ކްރޫ ދެމުން ގެންދިޔަ އިރުޝާދުތަކަށް ސަމާލުކަން ދިނެވެ. އެވަޤުތަކީ މަތިންދާ ބޯޓުގެ ފުރޮޅު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ރަންވޭގައި ބީއްސާލި ވަޤުތެވެ. އެވަޤުތު އަރުޝީގެ މޭ ބާރަށް ތެޅެން ފެށިއެވެ. މުޅި ހަށިގަނޑު އެއްކޮން ތުރުތުރު އަޅަންފެށި ކަހަލަ އިޙުސާސެއްވެސް ކުރެވެން ފެށިއެވެ. އަނެއްކާވެސް ފިކުރުތަކެއްގެ ތެރެއަށް އަރުޝީ ގެނބިގެން ދިޔަކަހަލައެވެ. އޭނާގެ ފުރާނަ ފަދައިން ލޯބިވާ މަންމަގެ ފުރާނަނެތް މަސްގަނޑުގެ ކުރިމައްޗަށް ދާނެހާ ހިތްވަރު ހޯދާނީވެސް ކިހިނަކުން ބާއެވެ؟ މަންމައަށް ގޮވާލާނީވެސް ކިހިނަކުން ބާއެވެ؟ ދިރިއުޅުމުގެ ދިގު ދަތުރުގައި މަންމައާއި ނުލާ ދެން ކުރިއަށް ދާނީވެސް ކިހިނަކުން ބާއެވެ؟ އެވަޤުތު އަރުޝީ ސިއްސައިގެން ދިޔައީ ވަރަށް މަޑުމައިތިރި އަޑަކުން މީހަކު ގޮވާލުމުންނެވެ. ”އެކްސްކިޔޫޒް މީ މިސް.“ ކޮންމެވެސް ވަރަކަށް ތެޅިގެންފާ، އަރުޝީ ދެކޮޅު ބަލައިލިއެވެ. ކުރިމަތީގައި ހުރީ، އެއުޅަނދުގެ އެޓެންޑެންޓެކެވެ. ވަރަށް އޯގާތެރި ކަމާއިއެކީ، ހިނިތުން ވެލައިގެންނެވެ. ވަށައިގެން ބަލައިލިއިރު، އެއުޅަނދުން ދަތުރުކުރި އެއްވެސް ދަތުރުވެރިޔަކު ފެންނާކަށް ނެތެވެ. މުޅި އުޅަނދު ކަހަލަ ގޮތަކަށް ފެންނަން އޮތީ ހުސްކޮންނެވެ. ”ހުރިހާ ދަތުރުވެރިން ފައިބައިގެން ހިނގައްޖެ.“ އުފާވެރި ހިނިތުން ވުމަކާއިއެކު އެޓެންޑެންޓް ބުނެލިއެވެ. އަރުޝީގެ ހިތުގައިވާ ސުވާލު އޭނާއަށް އެނގުނު ކަހަލައެވެ. މަޑުމަޑުން ބޯ ޖަހާލުމާއިއެކު އަރުޝީ ކޮޅަށް ތެދުވެލިއެވެ. އަދި ސީޓުގެ މަތީގައި ހުރި ވަތްގަނޑު ހުޅުވާލާފާ، އޭނާގެ އަތްދަބަސް ނެގިއެވެ. ކޮންމެވެސް ވަރަކަށް ހަމަޖެހިލާފާ އަރުޝީ ހިނގައިގަތީ ދޮރާއި ދިމާއަށެވެ. ބޯޓުން ފައިބައިގެން ގޮސް ގިމަތައަށް ވަދެ، ޗެކިންގެ ހުރިހާ ކަމެއް ނިންމާލިއެވެ. އޭރުވެސް އަރުޝީގެ މޭގެ ތެޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ދެން ދާންވީ މަންޒިލަކީ ކޮބައިކަން ހިނދުކޮޅަކަށްވެސް ހަނދާނެއް ނުނެތެއެވެ.
ހުރިހާ ކަމެއް ނިންމާލުމަށްފަހު، ފޮށި ހިފައިގެން ބޭރަށް ނިކުމެ ކާރަކަށް އެރުމަށް ހިނގައިގަތެވެ. އެވަޤުތު ވަރަށް މަޑުމައިތިރި ކަމާއިއެކު މީހަކު ގޮވާލިހެން ހީވެގެން ފަހަތަށް އެނބުރި ބަލައިލިއެވެ. ފަހަތުގައި ހުރީ އަރުޝީގެ އަވަށްޓެރިއެކެވެ. ”ސާމިރުތަ؟“ ސާމިރުއަކީ، އަރުޝީ އެންމެ ކުޑައިރުއްސުރެން އެކުގައި އުޅުނު ގާތް ރަޙުމަތްތެރިއެކެވެ. ހިމަތޮޅިކޮން ހުންނަ ގައިގެ ކުލަ މާއަލިނޫން ނޫކަށި ޒުވާނެކެވެ. އަރުޝީއަށްވުރެ ތިން އަހަރު ދޮށްޓެވެ. ޕައިލެޓް ޔުނީފޯރމްގައި ސާމިރުގެ ހައިބަތު އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ”ލައްބަ. މިއަދުގެ ޑިއުޓީ ނިމިގެން ގެއަށް ދާންވެގެން ނިކުތް ވަޤުތު، އަރުޝީ ފެނިގެން މި އައީ. އަނެއްހެން މާބޮޑު ބަދަލެއް އައިސް ނެތިއްޔާ ވަކިކުރަން އެނގިދާނެތާ ދޯ. ވަރަށް ފަހުން އަރުޝީ މަންމަ ދިމާވެގެން ބުނި ކިޔެވުން ނިމިގެން އަންނަން އެބަ އުޅެޔޭ.“ އެވަޤުތު އަރުޝީގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ. ކޮންމެވެސް ވަރަކަށް ގިސްވެސް ލެވެން ފެށިއެވެ. މިއޮއް ހުރިހާއިރު އެތެރޭގައި ހިފަހައްޓައިގެން ހުރި އާހުތައް ނެރެލަން ބޭނުންވި ކަހަލައެވެ. ”އަސްތާ ކިހިނެއް ތިވީ؟ އަރުޝީ ކިއްވެ ތިރޮނީ؟ އަނެއްކާ އަރުޝީ ހިތްހަމަ ނުޖެހޭވަރުގެ އެއްޗެކޭ އަހަރެންނަށް ބުނެވުނީތަ؟“ ބުނެވުނު އެއްވެސް އެއްޗަކުން އަރުޝީ ރޯން ޖެހޭނެ ސަބަބެއް އޮތީބާއޭ ސާމިރުގެ ހިތަށް އެރިއެވެ. ”ސާމިރު، އަހަރެންގެ މަންމަ.“ ”މަންމަ ކިހިނެއްވީ؟“ ސާމިރު ހުރީ ވާނުވާ ނޭންގޭ ޙާލުގައެވެ. އަރުޝީގެ މަންމަ ނިޔާވިކަން ހަމަ ޙަޤީޤަތުގައިވެސް ސާމިރުއަށް ނޭންގެނީ ބާއެވެ. ”ސާމިރުއަކަށް ނޭންގޭތަ؟ އަހަރެންގެ މަންމަ ނިޔާވެއްޖެ. އެހެންވެގެން މިއަދު މިއައީ. އަސްލު އަހަރެން ހުރީ ގްރެޖުއޭޝަން ނިންމާފަ އަންނަން. އެދުވަހަށް މަންމަ އެކޮޅަށް ގެންދަން ހުރިހާ ކަމެއްވެސް ހަމަޖައްސާފަ އޮންނާނީ.“ ސާމިރުއަށް ލިބުނީ ހައިރާން ކަމެކެވެ. އެހެނީ އަރުޝީގެ މަންމައާއި ސާމިރު ބައްދަލުވިތާ އަދި މާ ގިނަދުވަހެއް ނުވެއެވެ. އޭރުވެސް ޞިއްޙީ ޙާލަތު މާ ގޯސްކަމަކަށް ނުދައްކައެވެ. ބަލާބެލުމަށް މޫނުމަތިންވެސް ފެންނަން ހުރީ އުޖާލާކަމެވެ. ދަރިފުޅުގެ ކާމިޔާބީގެ އުފަލެވެ. އޭނާގެ އުންމީދުތައް ފުރިހަމަ ކުރެވުނު ކަމުގެ ހިތްހަމަ ޖެހުމެވެ. ދެން އެހެންވީއިރު ކުއްލިޔަކަށް މިވީ ކިހިނެއްބާއެވެ؟ ”އިއްޔެގަ މަޣްރިބު ނަމާދުކޮށް ނިމުނުތަނާ ވެއްޓުނިއްޔޭ ދައްތަ ބުނީ. އޭރު ހޮސްޕިޓަލަށް ގެންގޮސް މާގިނައިރެއް ނުވެޔޯ.“ އޭރުވެސް އަރުޝީ ގެންދިޔައީ ރޮމުންނެވެ. މިކަހަލަ ދަނޑިވަޅެއްގައި ގާތް މީހަކާ ދިމާވުން އެއީ އަރުޝީގެ ނަސީބެވެ. އަރުޝީގެ ރުއިން ހުއްޓުވޭތޯ ސާމިރު މަސައްކަތް ކުރަމުން ގެންދިޔައެވެ. ހުއްޓިހުރި މާޙައުލުގެ ގޮތުންވެސް މެއެވެ. އެހެނަސް އެވަރުގެ ހޭވެރިކަމެއް އަރުޝީގެ ނެތެވެ. އޭނާގެ އެތެރެހަށީގައިވާ އުދާސްތައް ސާމިރުގެ ކުރިމަތީގައި ބޭރުކޮށްލަން ބޭނުންވެފައި ހުރިކަހަލައެވެ. ”ހަމަ ޙަޤީޤަތުގަވެސް އަހަރެންނަކަށް ނޭންގެ. ދެން އެހެންވިއްޔާ އަވަހަށް ހިނގާ ދާން. އަހަރެން އެބަ އަންނަން ސައިކަލު މީހަކާ ހަވާލު ކޮށްލާފަ. އަރުޝީ މިތާ މަޑުކޮށްލެވޭނެ ދޯ.“ އަރުޝީ މަޑުމަޑުން ބޯ ޖަހާލިއެވެ. ސާމިރު އަތުގައި އޮތް ހެލްމެޓް ހިފައިގެން ބާރު ހިނގުމެއްގައި އޭނާ އައިކޮޅަށް ހިނގައިގަތެވެ. މާގިނައިރުތަކެއް ނުވެ އަނބުރާ އަތުވެއްޖެއެވެ. ޓެކްސީ ސްޓޭންޑުން ޓެކްސީއެއް ނަގައިގެން އަރުޝީ ގެނައި ސާމާނާއިއެކު ސާމިރު ދިޔައީ އަރުޝީގެ ގެއަށެވެ.
ދެމީހުން ޓެކްސީގައި އެންމެ ފުރަތަމަ ދިޔައީ އަރުޝީގެ ގެއަށެވެ. އަރުޝީގެ ހުރިހާ ސާމާނެއް ގޭގައި ބެހެއްޓުމަށްފަހު ހަމަ އެ ޓެކްސީގައި ދިޔައީ މާފަންނު އާސަހަރާއަށެވެ. ނަފީސާގެ ހަށިގަނޑު އޮތީ، އަރުޝީ ނައިސްގެން މޫނު ނޭޅިފައެވެ. ޓެކްސީ ގޮސް ސަހަރާއާއި ކައިރިކޮށްލިއެވެ. އަރުޝީ ފައިބައިގެން އޭނާގެ މަންމަގެ ކައިރިއަށް ދިޔައިރު އެތަނުގައި، އޭނާގެ ގޭދޮށު ވަރަށް ގިނަ މީހުން ތިއްބެވެ. އަރުޝީގެ ކައިރިއަށް އައީ އޭނާގެ ދައްތަ ސަމްސުއްނިސާއެވެ. މަންމަގެ ޚަބަރު އެންމެ ފުރަތަމަ އަރުޝީއަށް ދިން މީހަކީވެސް އެއީއެވެ. ދައްތައެކޭ ބުންޏަސް އެއީ އޭނާގެ ދުރުތާ ތިމާގެ މީހެކެވެ. އަރުޝީގެ މަންމަ ނަފީސާގެ އުފަން ރަށުގައި އެންމެ ގާތްކޮށް އުޅުނު އެކަކެވެ. ސަމްސުއްނިސާއަކީވެސް އެކަނި ހުރި މީހެކެވެ. އަޅާލާނެ މީހަކު ނެތް އެކަނިވެރިއެކެވެ. ސަމްސުއްނިސާ ނެތްނަމަ މިއަދު ނަފީސާގެ އެޙާލަތު އެހާ އަވަހަށް ދެނެގަންނާނެ އިތުރު މީހަކުވެސް ނުވީހެވެ. އެކަން އަރުޝީއަށް ވިސްނޭތީ، ސަމްސުއްނިސާ ރަށުން ގެނައީވެސް އަރުޝީގެ އެދުމުގެ މަތިންނެވެ. އަރުޝީ ފުރައިގެން ދިއުމުން، ނަފީސާ އެކަނިވެރި ވުމުންނެވެ. އަރުޝީ ފެނުމާއިއެކު، ސަމްސުއްނިސާ މަޑުމަޑުން ހިނގާލާފައި އައިސް އަރުޝީގެ އަތުގައި ހިފާލިއެވެ. އަދި ދަރިފުޅާއޭ ކިޔާ ގޮވާލިއެވެ. އަރުޝީގެ ދުލަކުން ބަހެއް ނުނިކުތެއް ކަމަކު، ރައްދުގައި ބޯ ޖަހާލިއެވެ. އިތުރު އެއްވެސް މީހަކާ ބައްދަލު ކުރަން އަރުޝީ މިވަޤުތު ބޭނުންނުވާ ކަހަލައެވެ. އެހެނީ އެއްވެސް ދިމާއަކަށް ބަލައިލުމެއް ނެތި ހިނގާލާފައި އެދިޔައީ އޭނާގެ މަންމަ ކައިރިއަށެވެ. މަންމަ ފެނުމާއިއެކު އެންމެ ފުރަތަމަ ކޮންމެވެސް ވަރަކަށް ހުއްޓުން އެރިއެވެ. އޭރުވެސް ސަމްސުއްނިސާ ހުރީ އަރުޝީގެ އަތުގައި ހިފަހައްޓާލައިގެންނެވެ. މަންމަގެ ފުރާނަނެތް މަސްގަނޑު ފެނުމާއިއެކު، ސަމްސުއްނިސާގެ އަތަށް ބާރަށް ފިތާލެވުނެވެ. އަރުޝީގެ ފަހަތުން ކަހަލަ ގޮތަކަށް ސާމިރުވެސް އައެވެ. އޭނާވެސް ގެއަށް ނުގޮސް ހުރުމާއިއެކު، އަދިވެސް އެހުރީ ޕައިލެޓް ޔުނިފޯރމުގައެވެ. މިފަދަ ދަނޑިވަޅެއްގައި އޭނާގެ ކުޑައިރުގެ ރަޙުމަތްތެރިއަކު އެކަނި ދޫކޮށްލަން ބޭނުންވެސް ނުވީތީއެވެ. މަޑު ހިނގުމެއްގައި ހިނގާލާފައި ގޮސް މަންމަގެ މޫނު ފެންނަ ހިސާބަށް އަރުޝީ ގޮސް ހުއްޓިލިއެވެ. އަދި މަންމާއޭ ކިޔާފައި ގޮވާވެސް ލިއެވެ. އެވަޤުތު އަރުޝީގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. ”މަންމާ. މަންމަގެ އަރުޝީ މިހިރީ އައިސް. މަންމަ ބޭނުންވި ގޮތަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭ ވަރުގެ ޤާބިލު މީހަކަށް ވެގެން. އިންޝާﷲ މަންމަގެ ހުރިހާ އުންމީދުތަކެއް މުޅި އުމުރަށްވެސް ފުރިހަމަ ކުރާނަން.“ އެހުރިހާ ވާހަކައެއް ދެއްކުމަށްފަހު، މަންމައަށް ޓަކާ ދުޢާކޮށް ނިންމާލިއެވެ. އަދި ޖަމާޢަތްތެރިން އައުމާއިއެކު، ނަފީސާގެ މޫނު އަޅާ ނިންމާލިއެވެ. ރުއިމާއި ގިސްލުމުގެ އަޑުފަށްގަނޑުން މުޅިތަން ގުގުމާލިއެވެ. ސަމްސުއްނިސާވެސް އަޑުން އަޑުނަގާ ރޮނީއެވެ. އެހެނަސް އެކަހަލަ އެއްވެސް ކަމެއް އަރުޝީގެ ފަރާތަކުން ނުފެނެއެވެ. އާއެކެވެ. އެއީ ހިތްވަރުގަދަ ކަނބަލެކެވެ. އަރުޝީގެ ހިތްވަރާއި ކެތްތެރި ކަމަކީ އޭނާގެ މަންމަގެ ފަރާތުން ވާރުތަ ވެފައިވާ އެއްޗެއް ކަހަލައެވެ. އެހެނީ ނަފީސާއަކީ ދިރިއުޅުމުގެ އެތައް ގޮންޖެހުން ތަކަކާއި ކުރިމަތިލާފައި ހުރި ހިތްވަރުގަދަ ކަނބަލަކެވެ. އޭނާގެ ފިރިމީހާގެ އަނިޔާތަކަށް ކެތްކުރިއެވެ. އެމީހާގެ ހިތުގައި އަރުޝީއަށްޓަކާ އޮތް ނަފުރަތާއި ރުޅިވެރިކަމަށް ކެތްކުރިއެވެ. އެއީ މަޑުމައިތިރި ޚުލްޤުހެޔޮ އަންހެނެކެވެ. އަވަށްޓެރިންގެ ލޯތްބާއި އަޅާލުން ލިބުމުގެ އަސްލަކީވެސް އޭނާގެ ރިވެތި އަޚްލާޤެވެ. މިއަދު ނަފީސާގެ ޖަނާޒާގައި އެބައެއްގެ ރޯއަޑު އެއިވޭ ބަޔަކީވެސް އޭނާގެ އަވައްޓެރިންނެވެ. ނަފީސާއަކީ ގާތްތިމާގެ މީހަކު ދުނިޔޭގައި ހުރި މީހެއް ނޫނެވެ. އަޅާލާނެ ޔާރެއް ވާރެއްވެސް ހުރި މީހެއް ނޫނެވެ. މިހާރު ހުރިހާވެސް މީހަކީ އޭނާގެ ލޯބިވާ ދަރިފުޅު އަރުޝީއެވެ. އިތުރު މީހަކަށް ބަލާނަމަ ހުރީ ސަމްސުއްނިސާއެވެ. މުދަލާއި ފައިސާއަށް ބަލާނަމަ، ގެދޮރުވެރިއެކޭ ބުނެވިދާނެއެވެ. ފިރިމީހާ ނިޔާވުމުން އޭނާގެ ފަރާތުން ލިބެންވާ ޙައްޤެއްގެ ގޮތުގައި ގޯތިން ބައެއް ލިބިފައި އެބަ އޮތެވެ. އެގޮތުން ބަލާނަމަ އާނއެކެވެ. ނަފީސާއަކީ ގެދޮރުވެރިއެކެވެ.
ޖަނާޒާގެ ހުރިހާ ކަމެއް ނިންމާލުމާއިއެކު، އަރުޝީ ދިޔައީ ސަމްސުއްނިސާއާއިއެކު ގެއަށެވެ. ގެއަށް ދެވުނުއިރު ހުރީ ޢިޝާ ނަމާދާއި ދާދި ގާތްވެފައެވެ. އެހެންކަމުން އަރުޝީ އަވަސްވެގަތީ ފެންވަރާލައިގެން ނަމާދަށް ތައްޔާރުވެލުމަށެވެ. އަރުޝީގެ ޙަރަކާތްތައް ހުރިގޮތުން ސަމްސުއްނިސާއަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބެމުން ދިޔައެވެ. އެހެނީ އޭނާގެ ފުރާނަފަދަ ލޯބިވާ މަންމަ އޭނާގެ ލޮލަށް ނުފެނި ފަސްއަހަރު ފަހުން ފެނުނުއިރު އޮތީ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. ދެން ދުވަހަކުވެސް އަރުޝީއަކަށް ނުފެންނާނެއެވެ. އެހެނެއްކަމަކު އަރުޝީގެ މޫނުމަތިން މާބޮޑު މާޔޫސްކަމެއް ނުފެނެއެވެ. ނަމާދުކޮށްގެން ބޭރަށް ނިކުމެލި ވަޤުތު ސަމްސުއްނިސާ، އަރުޝީއަށް ގޮވާ އޭނާގެ ކައިރިއަށް ގެންދިޔައެވެ. އަދި އެކަމާ ސުވާލުވެސް ކުރިއެވެ. ”ދައްތާ. ދައްތައަށްވެސް އެނގޭނެ އަހަރެންގެ މަންމަ އަހަރެން ގެންގުޅެ ބޮޑުކުރީ ދިމާވާ ހުރިހާ ކަމަކަށްވެސް ކެތްތެރިވާން ދަސްކޮށްދީގެންކަން. މަންމަ އަހަރެންނަށް އަބަދުވެސް ނަޞޭހަތް ދޭނެ މަންމަ ނެތް ދުނިޔެއެއް ފެނުނަސް މަންމައަށް ޓަކާ ކަރުނަ ނާޅަން. މަންމަގެ ނެތުމުގެ ހިތާމަކުރެވޭ ކޮންމެ ފަހަރަކު މަންމައަށް ޓަކާ ހެޔޮ ދުޢާކުރަން މަންމަ އޮތީ އަހަރެންގެ ކިބައިން އިލްތިމާސް ކޮށްފަ. އަހަރެންގެ މަންމަ އަހަރެންގެ ކައިރީގަ ނެތްކަމުގެ އުނިކަން ފިލުވައިދެވޭނެ އެއްވެސް މީހެއް ނުހުންނާނެ. އެކަމަކުވެސް އިންޝާﷲ އަހަރެން ހިތްވަރު ކުރާނަން.“ އެވަޤުތު ސަމްސުއްނިސާ ތެދުވެގެން ގޮސް ދެން އައީ ކުޑަ ޕާރުސަލެއް ހިފައިގެންނެވެ. ”މީ އަރުޝީގެ މަންމަ އޭނަ ނެތް ދުނިޔެއެއްގަ އަރުޝީއަށް ރައްދުކޮށްދޭށޭ ކިޔާފަ ދައްތައަތަށް ދިން އަމާނާތެއް.“ ހައިރާނުން ފުރިގެންވާ ނަޒަރަކުން ސަމްސުއްނިސާއާއި ދިމާއަށް ބަލައިލުމާއިއެކު އޭގައި ހިފިއެވެ. އޭގެ ބޭރުގައި ލިޔެފައި އޮތީ ”ލޯބިވާ ދަރިފުޅު އަރުޝީއަށް.“ ކެތްތެރިކަން ކުޑަވެފައި ކަހަލަ ގޮތަކަށް އަރުޝީ އެ ޕާރުސަލް ކަނޑާލިއެވެ. އޭގައި އޮތީ ޑައިރީއެއް ކަހަލަ ފޮތެކެވެ. އެފޮތުގެ ބޭރުގަނޑުގައި ބޮޑުކޮން ލިޔެފައި އޮތީ ”ދަތުރުނާމާ“ މިހެންނެވެ.
- ނުނިމޭ –